މިއަހަރުގެ ދެވަނަ ޑިިވިޝަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަންވެސް ހޯދައިފިއެވެ.

ބުރުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ގައުމީ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފަސޭހަކަމާއެކު، 4-0 ގެ ނަތީޖާއަކުން ކްލަބު ޓީނޭޖުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބުރު މިދިޔަ އަހަރު ދެވަނަ ޑިވިޝަނަށް އެރީ ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެފަހަރު ތިންވަނަ ޑިވިޝަންވެސް ބުރު ނެގީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ރޭގެ ނަތީޖާއާއެކު ބުރުން ވަނީ ރާއްޖޭގެ ފުޓްބޯޅައިގައި ތާރީހަށް ބަލާއިރުވެސް މުހިއްމު ކާމިޔާބީއެއް ހޯދައިފައެވެ. އެއީ މޮޅުވުމުގެ ދިގު ސިލްސިލާއެއް ދަމަހައްޓައިގެންނެވެ.

ރޭގެ ފައިނަލް މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ބުރުން މެޗު ކޮންޓްރޯލު ކުރި އިރު، ފުރަތަމަ ހާފުގައިވެސް ދެ ގޯލުގެ ލީޑެއް ނެގިއެވެ. ބުރުގެ ފުރަތަމަ ގޯލު، މެޗުގެ 29 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ އުޒްބެކިސްތާންގެ މިޑްފީލްޑަރު، މިރްޖަލާލް ކޮސީމޯވްއެވެ. އެ ޕެނަލްޓީ ބުރަށް ލިބުނީ ހަލުވި ވިންގް، މުހައްމަދު ތަޝްމީން (ތައްތި) އަށް އިދިކޮޅު ޓީމުން ކުރި ފައުލަކަށެވެ.

ހާފު ނިމުމުގެ ކުރިން ބުރުން ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ. އެ ގޯލު 42 ވަނަ މިނެޓުގައި ޖެހީ އެޓީމުގެ ކެޕްޓަން، ކ. ހުރާގެ ތައްތިއެވެ.

ރަނގަޅު ފޯމެއްގައި ފުރަތަމަ ހާފު ނިންމާލި ބުރުން ދެވަނަ ހާފު ފެށީވެސް އެ ރޫހުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ބުރުން ތިންވަަނަ ގޯލު ޖެހިއެވެ. މެޗުގެ 48 ވަަނަ މިނެޓުގައި އެ ގޯލު ޖެހީ މިރްޖަލާލްއެވެ.

ބުރުން ވަނީ މެޗުގެ 66 ވަނަ މިނެޓުގައި ހަތަރުވަނަ ގޯލު ޖަހައިފައެވެ. އަރިމަތިން ތައްތި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހުސްކޮށްލާފައި ދިން ބޯޅަ ގޯލަށް ފޮނުވާލީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މިފަހަރު ލީގު ފޯމެޓް އޮތް ގޮތުން، ދެން ބުރާއި ކްލަބު ޓީނޭޖުވެސް ކުޅެން ޖެހޭނީ ފުރަތަމަ ޑިވިޝަނުގެ ކޮލިފިކޭޝަން ބުރެކެވެ. އެއީ ފުރަތަމަ ޑިވިޝަނަށް ދާން އޮތް ޗެލެންޖެވެ. އެ ބުރުގައި ޓީނޭޖާއި ބުރު ނުކުންނާނީ ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނައަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އެންމެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ. މި ދެ ކްލަބަކީ އެންމެ ފަހުން ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ތިން ކްލަބުގެ ތެރެއިން ދެ ކްލަބެވެ.