ޚަބަރު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

މުހައްމަދު އިޝާން

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން މިރޭ ބުނީ، ދުނިޔޭގެ ބާޒާރުގައި މިހާރު ތެލުގެ އަގުތައް ދަށްވަމުން އަންނާތީ މިއަދުން ފެށިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތައް ހެޔޮކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑީސަލް ލީޓަރެއް 16.77 ރުފިޔާއިން 16.32 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް 16.55 ރުފިޔާއިން 15.97 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ، ކޮވިޑް-19 އާއި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދުނިޔޭގެ ތެލުގެ ބާޒާރަށް ގިނަ ލޮޅުންތަކެއް އައިސް، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ތެލުގެ އަގުތައް މަތިވެފައި ނުވާ މިންވަރަށް އަގުތައް އުފުލިފައިވާ ކަމަށެވެ.

ރާއްޖޭގެ މާކެޓަށް ދެމެހެއްޓެނެވި ގޮތެއްގައި ތެޔޮ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލުތަކުގެ ސަބަބުން ތެޔޮ ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުމާއެކު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދެމުންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން މިއަހަރު ހަތަރު ފަހަރެއްގެ މަތިން ތެލުގެ އަގުތައް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގުބޮޑުކުރީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ކުރިން މިދިޔަ މާޗު މަހުގެ ފަސް ވަނަ ދުވަހުވެސް ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 14.60 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް އަގު 14.80 ރުފިޔާއަށެވެ.

އެސްޓީއޯއިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ވެސް ތެޔޮ ވިއްކާ އަގުބޮޑު ކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 12.98 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް 13.04 ރުފިޔާއަށެވެ.

މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހު ވެސް އެސްޓީއޯން ވަނީ ތެޔޮ ވިއްކާ އަގު ބޮޑު ކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 11.16 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް އަގު 11.84 ރުފިޔާއަށް ބޮޑު ކުރިއެވެ.