ފަޒީލު ފާރަލައިގެން އިން ވަގުތު ޖެހުނީއެވެ. އެ ވިނަގަނޑު ތެރެއަށް ޖެހިގަތް މަހުލޫގު އޭގެ އަސްލު މަންޒިލަށް ވަނުމަށްޓަކައި ހިންދެމިލިކަން ބުނެދެނީ ގަސްތަކުގެ ފަތްތައް ތެޅިގަތް އަޑާއެކު ބިންމަތިން ގޮވައިގަތް މުރުމުރު އަޑުގެ ތެރެއިން އޭގެ ފައިން އެރި ޗިސްޗިސްވާ ފަނިފަކުސައިގެ ރުއިމުގެ އަޑުންނެވެ. ހިމޭންވެފައިވާ ފަޅު، އެހާމެ ފިނިފިނި މެންދަމުގެ ތެރެއިން އެ މަހުލޫގު އިސްކޮޅާ އެއްވަރަށް ދެމިލުމަށްފަހު ގުދުވެލިއެވެ. އަދި ކޮރިޑޯ ތެރެއަށް ވަދެގަތެވެ.
އަތުގައި އޮތް ހަމަ ދެންމެ ރޯކޮށްލި ސިނގިރޭޓް އަމާޒުކުރި ދިމާއަށް އެއްލާލީ ވަރަށްވެސް ޔަގީންކަމާއެކުގައެވެ. ފަޒީލުގެ އަމާޒު އޭގެ އެންމެ ފުރިހަމައަށް ކާމިޔާބުވިއެވެ. ސިނގިރޭޓްގެ އަލިފާން ބުރި ގޮސް ޖެހުނީ އޭތީގެ މޭމަތީގައެވެ. ލޮލަށް އަލިފާނުގެ ކަނި ބުރައިގެން ދިޔައީ ކަހަލައެވެ. އަދި ހަމައެއާއެކު މޭމަތީގައި ޖެހުމުން ކޮންމެވެސް ގޮތަކަށް އަނިޔާވެސް ވީހެން ހީވިއެވެ. އޭތި ތެޅިގެންފައި ފަޒީލާ ދިމާއަށް އަލިފާނުގެ ނަޒަރަކުން އަނދައިގެންފައި ބަލައިލިއެވެ.
"އޭތް... ލޯއަޅާނެ ބޭނުމެއް ނެތް.... މިހާރު ދެން އާއްމު އުނދަގުލަކަށް ވެއްޖެއެއްނު.... މިތަނުގައި ވެރިކަން ކުރަން ކަލެއަށް ހުއްދަދިނީ ކާކު؟"
ފަޒީލަށް މިއީ އާކަމެއް ނޫންކަން އެނގުނީ އޭނާގެ ރާގާއި ބަސްތަކުންނެވެ. އެ މަހުލޫގު ރަނގަޅަށް ފަޒީލުގެ މޫނަށް ބަލައިލިއެވެ.
"އަހަރެން ކަލެއަށް ކޮން ގޯނާއެއް ކުރީހޭ ދެން އަހާ..."
ފަޒީލަށް އޭތީގެ ހިތަށް އެރީ އެހެންކަން އެނގުނީބާވައެވެ.
"މިތަނުގައި ކަލެއަށް ވުރެ ކުރިން އުޅެން ފެށީ މަށޭ ކިޔާ.... ކަލޭ ކިތައް ފުރާނަ ހިފައިފިން މިހިސާބަށް....؟ ކިތައް މީހުންނަށް ކަލޭގެ ތުރާ ޖެހުނީ.....؟ މި ޖަލަކީ ކަލޭ އުޅެން ޖެހޭ ތަނެއްތަ؟ ބަލަ.... އޭ.... މިއީ އަހަރެމެން ކަހަލަ މުޖުތަމައުން ބާކީވާން ޖެހޭ ހާއްސަ މީހުންގެ މަގާމޭ.... މިތާނގައި ކަލޭމެން.... އެތާނގައި އެމީހުން..... އަހަރެމެން ދާނެ ތަނެއް ނެތީތަ....؟"
ފަޒީލު ހީވަނީ މޮޔަ ގޮވަނީ ހެނެވެ. ހުއްޓުން އަރާފައި ގަބުވެފައި އިން މަހުލޫގު ތެޅިގަތީ އޭގެ މެއަށް ތަދެއް ވީކަހަލަ ގޮތަކަށް މޭމައްޗާ ދިމާއަށް ބޯގުދު ކުރަމުންނެވެ. ހުތުރު ސިފައަކަށް ހުރި ހަށިގަނޑެކެވެ.
ނޫނެކެވެ. މިއީ އެހެން ރޭރޭ ފެންނަ މަހުލޫގާ ކޮންމެވެސް ވައްތަރު ގޮތްތަކެއް ހުއްޓަސް ތަފާތު މަހުލޫގެކެވެ. ދިގު ހަށިގަނޑުގައި ބޯ ކެހެރިގަނޑުވެސް ބަލައި ލޮލަކަށް ހުތުރެއް ނޫނެވެ. އެއްކަލަ ކެތް ނުކުރެވޭ ނުބައި ކުނި ވަސް ވެސް ނުދުވާ ރެއެއްތާއެވެ. އާއެކެވެ. އަދިވެސް އެހެން ރޭރެއާ ހިލާފު އެހެންކަމެއް ފަޒީލަށް ފާހަގަކުރެވިއްޖެއެވެ. ފަޒީލަށް ހީވި ގޮތަކީ ގޯހެއް ނޫނެވެ. ދެލޯ ބޮޑުކޮށްލާފައި ފަޒީލު އެ މަހުލޫގުގެ މޭމައްޗާ ދިމާއަށް އަނެއްކާވެސް ބަލައިލިއެވެ.
"އަސްތާ...އޯހ....."
ފަޒީލަށް އާނގަންނަ ކަހަލަ ގޮތަކަށް އަނގަ ހުޅުވައިލެވުނެވެ. އޭނާ މި އެއްޗަށް އެހީވާނީވެސް ކިހިނެއް ހެއްޔެވެ؟ އެއަށް އޭނާގެ ފަރާތުން އަނިޔާއެއް ލިބިއްޖެއެވެ. އޭތީގެ ހިމޭންވެފައިވާ މޫނާއި ވޭން އެކުލެވިފައިވާ ލޮލާއި ކަޅި ހަމަކޮށްލާކަށްވެސް އޭނާއަކަށް ނުކެރުނެވެ.
"ޗޫސް...ހަހަ" ދުންކޮޅެއް އަރާފައި ނިވިގެން ދިޔަ މޭމައްޗާ ދިމާލުން ކަޅުވެފައި ހުރި ކެހެރިތައް ފޮޅާލިއިރު އޭތީގެ އަނގައިން އާހެއްގެ އަޑު ނުކުތެވެ. ހީވާ ގޮތުން އޭއްޗަކަށް ވަރަށް ތަދުވެއްޖެއެވެ.
ފަޒީލު އެއްލާލި، ރޯކޮށްގެން ބޯން ގެންގުޅުނު ސިނގިރޭޓް ގޮސް އެ މަހުލޫގުގެ ކަނދުރާއާ ދިމާލުން މޭމަތީގައި ހުރި ކެހެރިގަނޑުގެ ތެރެއަށް ވެއްޓުނީއެވެ. އަދި އޭއްޗަށް ފޮޅާލެވުނު އިރު ކޮންމެވެސް ވަރަކަށް ކެހެރީގައި ރޯވެ، އޭތީގެ މޭމަތީގެ ހަންގަނޑާއި މަސްގަނޑާ ހަމައަށްވެސް ފިހުނީ ކަހަލައެވެ. ކިތަންމެ އަމިއްލައަށް ގަދަވެގެން ހުރިނަމަވެސް، އަދި މި މަހުލޫގާ ކުރިމަތިލުމަށް ގަދަފަދައަށް ހިތްވަރުލާފައި ތެދުވެ ހުރިކަމުގައި ވިޔަސް، ފަޒީލު ދެރަވެއްޖެއެވެ. އެހެން ރޭރޭ މިތަނަށް ވަންނަ މަހުލޫގާ ތަފާތު މަހުލޫގެއްހެންވެސް ހީވެއެވެ. ޔަގީނުންވެސް އެހެން ރޭރޭ ދުވާ ކުނި ވަހެއް ނުދުވައެވެ. އަދި އޭތީގެ ސިފަވެސް އެހާ ހުތުރުވެފައި ނުބައި ފާޑެއް ނުޖަހައެވެ.
ކޮންމެ ގޮތަކަށް ވިޔަސް، ކިތަންމެ ދެރަވެފައިވާ ކަހަލަ އަސަރެއް ފެންނަން ހުއްޓަސް، އަދި ލިބުނު އަނިޔާއިން ވީތަދުން ކޫސް ދަމައިގަތް ނަމަވެސް، އެއީ ފަޒީލު ކަހަލަ އިންސާނެއް ނޫނެވެ. ޖިންނި ޝައިތާނުންގެ ތެރޭގައި ވަކި ސަހަލު ބަޔަކު އުޅޭހެއްޔެވެ. އަމުދުން ޖަލުގެ މިފަޅުވެ ވީރާނާވެފައި އޮންނަ ޖަންގައްޔެއް ކަހަލަ ތަނެއްގެ މެދުގައި ވަށައިގެން ބަންދުކޮށްފައި އޮންނަ މި ގޮޅިތަކުގެ ތެރޭގައި މި ޝައިތާނުން ދިރިއުޅެމުން ދާއިރު، މިތަނަށް ގެންނަ، ދުނިޔޭގެ އުފަލުން މަހުރޫމު ވެފައި ތިބޭ ކުށްވެރިންނަށް މިތަކެތީގެ ފަރާތުން ކިހާ ބޮޑު ތުރާތަކެއް ޖެހޭނެ ހެއްޔެވެ.
ހަމަގައިމުވެސް ފަޒީލު ޖަލަށް ގެނެސް، މިއޭބީ ފަޅީގެ ގޮޅިއެއްގައި ބާއްވާފައި ވާއިރު، މިގޮތަށް މި މަހުލޫގުގެ ސަބަބުން ހާސްވުމާއި ބިރާއި ކަންބޮޑުވުން އެތައް ފަހަރަކު ތަހައްމަލު ކުރަން ޖެހިއްޖެއެވެ. އެކަމަކު މިތަނުގެ ޑިއުޓީންގެ ތެރެއިން ދެމީހަކު ދެއްކި ވާހަކައިގަ ބުނެފައިވާ ކަހަލަ އެއްވެސް ކަމެއް އަދި ފަޒީލަށް ކުރިމަތިލާން ޖެހިފައި ނެތެވެ. އަޝްހަދު އޭނާގެ ގާތުގައި ސިއްރުސިއްރުން އެރޭ ކިޔައިދިން ވާހަކައިގެ ސަބަބުން ހަގީގަތުގައިވެސް އޭނާގެ ހިތަށާއި ސިކުނިޑއަށް އުނދަގޫވެ ބިރުގަތެވެ. އެހެންނަމަވެސް ބިރާއި ސިހުން އެއްފަރާތް ކޮށްލާފައި އޭނާ ވިސްނީއެވެ.
ޖަލަށް ގެނައި ރެއާއި އޭގެ ފަހު ރޭ ފަޒީލަށް މިގޮޅި ތެރެއިން ފެނުނީ އަސްލެއްކަމެއް ނޫނީ އެއީ އޭނާއަށް ފެނުނު ހުވަފެނެއް ކަމެއް އަދިވެސް ޔަގީން ނުކުރެވެއެވެ. އެއީ ޔަގީނުންވެސް ހުވަފެނެއް ކަމުގައިވިޔަސް ވަރަށް ސާފު ހުވަފެނެކެވެ. ހީވީ އެއީ އޭނާއަށް ކޮންމެހެންވެސް އަންގަން ޖެހޭ މައުލޫމާތުތަކެއް ހާމަކޮށްދިނީހެންނެވެ. މިއީ އޭނާއަށް އެއްވެސް ހާލެއްގައި އާކަމެއްވެސް ނޫނެވެ.
އޭނާގެ އުމުރުންވީ 20 އަހަރުކަން ގައިމެވެ.
އެކަމަކު މިވީ 20 އަހަރުގެ ތެރެއިން ދިހަބާރަ އަހަރު އޭނާގެ ހަޔާތުގައި ހިނގައިދިޔަ ކަންތައްތައް އެނގޭ މީހަކު ހުރިނަމަ ހަމަގައިމުވެސް މިގޮތަށް އެކަނި ގޮޅިއެއްގައި، ވީރާނާ ފަޅު ތަނެއްގައި އެއްވެސް އުއްމީދެއް ނެތި އޮންނަން ޖެހުމާއި ބިރުން ފިތްކަޑައިގެންދާ ފަދަ މަންޒަރުތައް ފެންނައިރު ވަށައިގެން ކަސްތޮޅު އެޅިފައިވާ މަޖުބޫރު މީހަކަށް ވިޔަސް އޭނާއަށް އެއީ އެއްވެސް ކަމެއް ނޫންކަން ދަންނާނެއެވެ.
އާއެކެވެ. އޭނާގެ ހަޔާތުގެ އެންމެ މުހިންމު އަދި އެންމެ ލޮބުވެތި ދުވަސްތައް ހޭދަވީ މިއަށްވުރެ މާބޮޑު މަޖުބޫރީތަކެއްގެ ތެރޭގައެވެ. އޭނާގެ ވަށައިގެން އެތަކެއް ތަފާތު ކަންތައްތަކެއް ހިނގާފައިވެއެވެ. ލޮލަށާއި ހިތަށް ކެތް ނުވެގެން، އެކަންތަކުން ސަލާމަތްވުމަށް އެ ކުޑަކުޑަ ފިރިހެންކުއްޖާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ. ގިސްލަގިސްލާފައި އާދޭސް ކުރަމުން ކުރަމުން ގޮސް އޭނާގެ ކުޑަކުޑަ އަރުތެރެ ފާރުވީކަން ދެނެހުރީ ކާކުހެއްޔެވެ. ގައިގައި ނުފެންނަ ވަކިތައް އެޅިފައި ހުރީ ކޮން ހިސާބަކުން ކޮން ހިސާބަކަށް ކަން ދެނެހުރީ ކޮން އިންސާނެއް ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އޭނާއަކީ ކުޑަކުއްޖަކަށްވިޔަސް ފިރިހެން ކުއްޖެކެވެ. ފިތުރާއި ތޮބީއަތުގައި ގަދަފަދަ ކަމެއް ހުންނާނެތާއެވެ. އެއަށް ހަރުކަށިކަމާއި ހިތްގަދަކަމާއި ހިލަ އަޒުމެއްގެ ސިފަޖެހުމަށް މާގިނަ ވަގުތުތަކެއް ނުނެގިއެވެ. އަމިއްލައަށް އެހިތި، ބިރުވެރިކަމަށް ކެތްކުރެވިދާނެއެވެ. އެކަމަކު ލޯ ކުރިމަތީގައި ހިތުގެ އެތިކޮޅަކަށް ގޮތްގޮތް ހަދާކަށް ފުރުސަތެއް ނުދެވޭނެއެވެ. ކިތަންމެ އުމުރުން ކުޑަވިޔަސް، އެފަދަ ކަމަކަށް ފުރަގަސްދީފައި ފިލައިގެން ދިއުމަށްވުރެން އޭނާގެ އީރަތްތެރިކަން ބޮޑެވެ.
ހިންދާމުއަސްމާގެ ވާހަކައަކީ އެއީއެވެ. ކާކަށް އެނގޭނީ ކޯއްޗެއް ހެއްޔެވެ. އެންމެން އޭނާއާ ދިމާއަށް އިނގިލި ދިއްކޮށް، މި ގޮޅީގައި އޭނާ ހައްޔަރުކޮށްފައި ބޭއްވިއިރު އެއްވެސް މީހަކަށް އެ ހިންދާމުއަސްމާ އަކީ ކިހިނެއްވީ ކާކުކަން އެނގޭހެއްޔެވެ. އޭނާ ނިމިދިޔައީ ކިހިނެއްކަން އެނގޭ ހެއްޔެވެ. އެއީ ކޮންފަދަ ގުރުބާނީއެއްކަން އަދި މިއީ ކޮންފަދަ ފިދާވުމެއްކަން އެނގޭ މީހަކު އެބަހުރިބާވައެވެ.
ދުނިޔެ މަތީގައި އިންސާނާ ބޮޑާކަމާއެކު މަތިހަށި ނަގައިގެން އުޅޭއިރު ތިމާގެ ނިކަމެތިކަމެއް ފަހަރެއްގައިވެސް އިހުސާސެއް ނުވެއެވެ. ދުނިޔޭގެ އަރާމާއި ދަހިވެތިކަމަށްޓަކައި އަމިއްލަ ޒަމީރު ނިންދަވާފައި ދުނިޔެއަށް ފޮނުއްވީތީ ތިމާއަށް އުޅެވެން އޮތީތީ ހަލާލު މަގުގެ ދަތި އުނދަގޫ ކަފިހިތައް ހުރަސް ކުރުމުގެ ބަދަލުގައި ޝައިތާނާއަށް އަޅުވެތިވެ ގަންނަނީ ކިތައް ކިތައް އިންސާނުން ހެއްޔެވެ. އާއެކެވެ. ކޮންމެ އިންސާނަކާއެކުވެސް އޭނާގެ އެތެރެހަށީގައި ދިރިއުޅެމުންދާ ހެޔޮލަފާ އިންސާނާއާ އެއްވަރެއްގައި ކުރިއަރަން، ފަހަތުން އަރައިގެން އަންނަ ޝައިތާނެއް ހުންނާނެއެވެ. އެ ޝައިތާނާގެ މަގަށް ހެއްލި، ދުނިޔޭގައި އޭގެ ދަޅަތަކުން ލިއްބައިދޭ ރާހަތާއި އުފަލަށްޓަކައި ރީތި، ނަލަނަލަ އިންސާނެއްގެ ސިފައިގައި ޝައިތާނާއަށް ދުނިޔޭގައި ރަސްކަން ކުރުމުގެ ފުރުސަތު ދޭމީހުން މަދެއް ނޫނެވެ. ނަތީޖާ ކިތަންމެ ހިތިވެފައި ދިމާވާ ކަންތައްތައް ކިތަންމެ ނުރައްކާތެރިވިޔަސް ފަރުވާލެއް ނުހުރެއެވެ.
ފަޒީލުގެ ލޮލުން ހޫނު ކަރުނައިގެ ތިކިތަކެއް ނިރާލިއެވެ. ދިމާ ކުރިމަތީގައި ހުރި މަހުލޫގާ ދިމާއަށް އޭނާ ބަލައިލީ އެތަކެއް ޝަކުވާއާއި އެތައް ސުވާލަކުން ފުރިފައިވާ ނަޒަރަކުންނެވެ. އެ މަހުލޫގު، އޭތީގެ މޭމަތީގައި ފިހިގެން ރަތްކުލައަކަށް ބަދަލުވަމުންދާ ދިމާއަށް އަތުގެ ދިގު ވަކިތައް ގެންގޮސް، މޭމަތީގައި ހުރި ބޯކެހެރިން ބައެއް އެތަނަށް ލުމުގެ ނާކާމިޔާބު މަސައްކަތް ކުރަނީއެވެ. ފަޒީލުގެ ހިތަށް ހަމަ ހަގީގަތުގައިވެސް އަސަރުކޮށްފިއެވެ.
"އޭތް... މާ ހަމްދަރުދީ ހޯދަން ނޫޅޭ. ސިމްޕަތީ ފީލް ކުރުވާނެ ކަމެއް ނެތް. މިރެއަކު ކަލޯއަކަށް އެގޮޅިއަކަށް ނުވަދެވޭނެ. އަހަރެން މިއިނީ އެގޮޅި ދޮރުމަތީގައި އަނަ އަޅައިގެން. ވަންނަންޏާ މިތަނަށް ވަންނަން ޖެހޭނީ. އެ އުޅެނީ ތޫފާނެއް އަންނަންހެން ހީވަނީ. ކަލޯއަށް ބޯ ވިއްސާރައިގައި ހިފަހައްޓާލައިގެން ގަސްތައް ތެރޭގައި އޮވެވެންޏާ ހަމަ އޮންނަންވީ."
ފަޒީލު އަނދައިގެންފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. އަދި ލައިގެން ހުރި ހަރުވާޅުގެ ޖީބުން ބިޑިއެއް ނަގާ ތުބުގައި ޖަހައި ލައިޓަރު އަޅާލިއެވެ. ދެފަހަރަކު ދަމާލުމަށްފަހު ތޭރިތަކުގެ މެދުގައި ހުރި ކާންދޭތަނުގެ މަތީގެ ދަގަޑުގައި ހިފާފައި އެތާނގަ ބޯޖައްސާލިއެވެ. އޭރު އެ މަހުލޫގު އިނީ ކޮރިޑޯއަށް އަރާ ގޮޅިތަކާ ދިމާއަށް އަންނަ ދިމާލުގައި ހުއްޓިގެންނެވެ. ފަޒީލުގެ ގޮޅީގެ ހަމަ ދިމާ ކުރިމައްޗަށް ވާކަހަލަ ގޮތަކަށް އޭތީގެ ބޮލާއި މޭމަތިން ބައެއް ހުރިއިރު އަނެއްބައި ހުރީ ޖެހިގެން ފަހަތަށް ހުރި ތަނބާ ހަމައިގައެވެ. މީގެ އިންވެސް އެނގެނީ އެ މަހުލޫގުގެ އިސްކޮޅާއި ހަށިގަނޑުގެ ދިގުކަމާއި ފުޅާ ކަމެވެ.
އޭތި ތިލަފެންސު ތޭރިތަކުގައި ލެނގިގެން ކަހަލަ ގޮތަކަށް ކުޑަކަކޫ މައްޗަށް ތިރިވެ، ހަތަރު މޮއްގަނޑު ޖަހައިގެން ކަހަލަ ގޮތަކަށް އިށީނދެއްޖެއެވެ. އަދި ކަނދުރާ ކުރިއަށް ދަމާލާފައި ހަށިގަނޑުވެސް ކުރިއަށް ޖައްސާލިއެވެ. މިހާރު ފަޒީލުގެ ގޮޅީގެ ދޮރުގައި ހުރި ތޭރިތަކުން ބޭރުގައި، އޭތި އެއިނީ ސީދާ ދިމާ ކުރިމަތީގައެވެ. ދޮރުމަތިން ފަހަތަށް ދެތިން ފިޔަވަޅެއް އަޅާލެވުނީ ކިތަންމެ ގަދަވެފައި ހުއްޓަސް ޖެހިލުންވުމުންނެވެ. އެކަމަކު މިހާ ގާތުން އެ މަހުލޫގު ފެނުމުން ފަޒީލަށް ރަނގަޅަށް އެސްފިޔަ ތަޅުވައި، ދެލޯ ބޮޑުކޮށްލާފައި ބަލައިލިއެވެ.
ބުރަކަށީގެ ދެއަރިމަތިން ފަޅާފައިވާ ބޯ ކެހެރިގަނޑުގެ އަޑިން ވަރައެއް ފަޒީލަށް ފެނުނީ އެވަގުތުއެވެ. އެ މަހުލޫގުގެ ވަރަ ކެހެރިގަނޑުގެ ދަށަށްލައި ފޮރުވައިފިއެވެ. އަދި ދެން އިސްއުފުލާފައި ފަޒީލަށް ބަލައިލިއެވެ. ފަޒީލުގެ ލޮލާއި އޭތިގެ ލޮލާ ހަތަރުކަޅި ހަމަވި ވަގުތު ފަޒީލަށް ތެޅިގަނެވުނެވެ. ސީދާ ވިޔަޅުގެ ތޫނުކަޅިރަވައެވެ. ގަދަފަދަ މުށިކުލައިގެ ކަޅިއާއި ފަޒީލަށް އޭނާގެ ދެކަޅި ހަމަކޮށްލެވުނު މި ހިނދުކޮޅުގެ ތެރޭގައި ވަށައިގެންވާ ހުރިހާ އެއްޗެއް އެނބުރިގަތް ކަހަލައެވެ. ތޭރިތަކާއި ދަގަނޑު ފެންސުތައް ރޫރޫއަޅައިގެން ދިޔަ ކަހަލައެވެ.
"ތި...ތީ ކަ..ކާކު...؟" ފަޒީލަށް އޭނާގެ އަޑު ކަރުގައި އަޅައިގަތް ކަހަލަ އިހުސާސެއް ކުރެވުނެވެ. މިހާރު އޭނާއާއި އެ މަހުލޫގާ ދެމެދު ހުރި ހަމައެކަނި ހުރަހަކީ އެ ދެމެދުގައި ހުރި ގޮޅިދޮރެވެ.
"ފަޒީ..." ނިސްވާނީ ހުނުމެއްގެ ހިތްގައިމު އަޑެއް ފަޒީލުގެ ކަންފަތުގައި ޖެހިއްޖެއެވެ. ފަޒީލަށް ބޭއިހުތިޔާރުގައި ދެލޯ މަރައި، އެސްފިޔަތައް ބާރުކޮށްލެވުނެވެ. "ފަޒީ....ލ..." އެ ހިތްފަސޭހަ، ޖާދުވީ ހުނުމުގެ ތެރެއިން ތުއި އަޑަކުން ގޮވާލިހެން ފަޒީލަށް ހީވިއެވެ. "އޭތް... ފަޒީ.... ލޯ ހުޅުވައި ބަލައިބަލަ.... މި އިނީ ހަމަ ދިމާ ކުރިމަތީގައޭ... އޭހް...." އަނެއްކާވެސް އެ ހުނުމުގެ އަޑާއެކު ފަޒީލަށް ގޮވައި ވާހަކަދެއްކި ކަމުގެ އިހުސާސް އޭނާއަށް ކުރެވިއްޖެއެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. އޭނާގެ ކުރިމަތީގައި އެއިނީ އިންސާނެއް ނޫނެވެ. ޖަނަވާރެއްވެސް ނޫނެވެ. ކޮންމެވެސް ރޫހާނީ މަހުލޫގެކެވެ. އެކަމަކު އޭތީގެ ލޮލާ ހަތަރުކަޅި ހަމަވުމުން އޭނާއަށް މިކުރެވެނީ ކޮންފަދަ އިހުސާސެއްބާވައެވެ.
"އޭތް... ފަޒީލު... މިހާރު ދެން ވަރަށް ގިނައިރު ތިހެން އިނދެވިއްޖެއެއްނު... ލޯ ހުޅުވާލަބަލަ.... މަށާ ދިމާއަށް ބަލައިލަބަލަ.... މިއީ މަށޭ... ފަޒީގެ... ހަމައެކަނި ފަޒީގެ...."
އެ އަޑު އޭނާއަކަށް އަލެއް ނޫނެވެ. އެއީ އޭނާ ހިތުދަސް އަޑެކެވެ. ވަރަށް ކުރިއްސުރެ ދަންނަ، ގާތް، އަޑެކެވެ. ހަމައެކަނި އަޑު ހެއްޔެވެ؟ ނޫނެކެވެ. އެ އަޑު، އެ ބަސްތައް، އެ ރާގު، އެ ހުނުމުގެ އަސަރު...
ފަޒީލު ހަގީގަތުގައިވެސް ބިރުގެންފިއެވެ. އިތުރަށް ދެލޮލުގެ އެސްފިޔަތައް ޖައްސައި ބާރުކޮށްލީ ގައިގައި ހުރި ހުރިހާ ބާރެއްލައިފައެވެ. މާތްކަލާކޯއެވެ. އެއީ ހަމަ އެ އަޑެވެ. ދެންވެސް ތަކުރާރުކޮށް އެ އަޑުން އޭނާގެ ގާތުގައި ލޯހުޅުވައި ބަލައިލުމަށް ބުނުމެއް ނުހުއްޓުނެވެ. އެންމެފަހުން ހަމަ ކުއްލިއަކަށް ފަޒީލު އޭނާގެ އެސްފިޔަތައް އުފުލައިލިއެވެ. އަދި ދެފަހަރަކު އެސްފިޔަ ތަޅުވަމުން ކަޅިއުފުލައިލިއެވެ.
ފުރިހަމަ ހަނދުގެ ރިހި އަލިކަމަށްވުރެވެސް އެ މޫނުގެ އަލިކަން އުޖާލާވެފައި އަލިގަދަ މޫނެވެ. ފިނިފިނި ޝަބްނަމް ތިކިތައް ފަތިހެއްގައި ނުފޮޅޭ މަލެއްގެ މަތީގައި ވިދާލާ މަންޒަރު ފަޒީލަށް ސިފަ ކުރެވުނެވެ. ގުދުރަތުގެ އެފަދަ އެތައް އެތައް ހިތްގައިމުކަން އޭނާގެ ޅަޒުވާން ހިތަށް ތަސައްވުރު ކުރެވެން ފެށުނެވެ. އަބަދުގެވެސް އާދަ ފަދައިންނެވެ. އެންމެ ކުޑަކުޑަ އިރުއްސުރެވެސް އިހުސާސްވަމުން ދިޔަ ފަދައިންނެވެ.
"އެކަމަކު ތީ ކިހިނެއް...؟ ހިންދު މިތަނަށް ތިގޮތަށް....؟ މިއީ ކިހިނެއް ވާނެކަމެއް؟"
ފަޒީލު އޭނާގެ ދިމާ ކުރިމަތީގައި ގޮޅީގެ ތެރޭގައި، އޭނާގެ ގަޔަށް އެ ނޭވާ އެޅޭހާ ގާތުގައި ހުރި ހިންދާމުއަސްމާއަށް ބަލައިލިއެވެ. މިހެނެއް ނުވާނެއެވެ. ހިންދާމު މަރުވީ އޭނާގެ ކުރިމަތީގައެވެ. މިހެން އޭނާގެ ގާތަށް ޖަލު ގޮޅިއެއްގެ ތެެރެއަށް ހިންދާމަށް އާދެވޭނީ ކިހިނެއް ހެއްޔެވެ.
"ފަޒީލް... އަހަރެން މި ހިސާބަށް އަންނަން ކުރި މަސައްކަތް އެންމެ ރަނގަޅަށް އެނގޭނީވެސް ފަޒީލަށް..... ކީއްވެ ހައިރާން ތިވަނީ.... އަހަރެން ބޭނުންވާާ ގޮތަށް ހުރިހާ ކަމެއްވެސް ވެއްޖެ.... މިހާރު މިއުޅެނީ.... އަހަރެންގެ ރޫހު.... މިނިވަންކަމާއެކު.... ބޭނުންތާކަށް އައިސް ގޮސްވުމުގަ.... މިހާރު އަހަރެންގެ އެއްވެސް މަޖުބޫރު ކަމެއް ނެތް.... ރޯކަށް ދެރަވާކަށް ނުޖެހޭ..... ފަޒީލު ގާތުގައި އޭރުވެސް އެތައް ފަހަރަކު އަހަރެން ބުނީމެއްނު.... މިއީ އޭ އޮތް ހަމައެކަނި ހައްލަކީ..... އަދިވެސް ގަބޫލެއް ނުކުރާނަންތަ؟"
ހިންދާމު ލައިގެން ހުރީ އަޅިކުލައިގެ ތުނި ފޮއްޗެއްގެ ހެދުމެކެވެ. އިސްތަށިގަނޑު އޮތީ ގަތައިފައެވެ. އާދައިގެ މަތިން އެއްވެސް މޭކަޕެއް ނެތެވެ. ފަޒީލުގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބު ގާތުގައި ހުރެގެން ހިންދާމު ވާހަކަދައްކަމުން ދިޔައިރު ފަޒީލަށް އިހުސާސްކުރެވެމުން ދިޔައީ ހިންދާމުގެ އެސްފިޔަތައް ހަރަކާތް ކުރުން ތަފާތު ކަމެވެ. އަދިވެސް އޭނާ އެހެރީ ގަބޫލު ކުރަން ނޭނގިފައެވެ.
"އަހަރެން ދެރަވަނީ ފަޒީލަށް ތި ހުކުމް ކުރީމަ..... މިތަނުގައި ދިރިއުޅެނީ އަހަރެންގެ މިހާރުގެ އާއިލާގެ ބައެއް.... އަހަރެމެން ރޭގަނޑު މެންދަންވުމުން ދުނިޔެ ތެރެއަށް ނުކުމެ އުދުހެމުން ދަނީ އަހަރެން ކަހަލަ އެހީއަށް ބޭނުންވެފައި ތިބޭ އެކަނިވެރިން ހޯދުމަށް.... ފަޒީލު މިތަނަށް ގެންނާނެކަން އަހަންނަށް އޮތީ އެނގިފައި..... އަހަރެންގެ މަރުގެ ކުށް ފަޒީލުގެ ބޮލުގައި އެޅެންވީ ކީއްވެ؟ އެމީހުންނަށް ހަމަ ނޭނގުނީތަ؟ އަހަރެން ދުނިޔޭގައި މަރުނުވެ ހުރިނަމަ ކިތައް މީހުންނަށް އޭގެ ގެއްލުން ވާނެކަން އެމީހުންނަށް ނޭނގެނީތަ؟ އަހަރެން މިއީ ކިހިނެއްވާ ކާކުކަން އެމީހުންނަށް އެނގޭތަ؟"
ފަޒީލު ފުންނޭވާއެއް ލާފައި ހިންދާމަށް ރަނގަޅަށް ބަލައިލިއެވެ. ހިންދާމު އެ ދައްކާ ވާހަކަ ކިތަންމެހާވެސް ރަނގަޅަށް ފަޒީލަށް ފަހުމުވެއެވެ. އެކަމަކު ހިންދާމަށް ނޭނގުނީތީ ފަޒީލު ހައިރާންވެއްޖެއެވެ. އެމީހުންނަށް ނޭނގޭނެކަން ހިންދާމަށްވުރެ ރަނގަޅަށް އެނގޭނީވެސް ވަކި ކާކަށް ހެއްޔެވެ.
"އެއްވެސް މީހަކަށް ނޭނގޭނެ..... ގަބޫލެއްވެސް ނުކުރާނެ.... ހިންދު ހީކުރަނީ އަހަރެމެންގެ ތެރޭގައި ތިބޭ އެންމެނަކީ އަހަރެން ކަހަލަ މީހުން ކަމަށްތަ؟ އަހަރެންގެ ގަބޫލު ކުރުންތައް، އަހަރެންގެ ވިސްނުން، އަހަރެން ހޯދާފައިވާ ކަންތައް އެހެންމީހުންނަށް ވާނީ ބޮޑު މަޖާގަނޑަކަށް.... ނޫނީ ދެން ކިޔާނެ އެއީ އަހަރެންގެ ކާފަ ސިހުރުގެ ފަތްފުށްތައް ދަސްކުރުމުން މަށަށް ވާރުތައިން ލިބިފަ ހުރި އިލްމެކޭ...... ބަޔަކު ކަމެއް ގަބޫލު ކުރާނެނަމަ ހިންދު މަރުވެގެން އަހަރެން ކުށްވެރި ނުވީސް..... ހިންދުގެ އާއިލާގައިވެސް ހަގީގަތް އެނގޭ މީހުން އެބަތިބި.... އެކަމަކު އަހަރެންގެ ދިފާއުގައި އެކަކުވެސް ނުނިކުމޭ..... އެއީ ކީއްވެ.... ހިންދުގެ ފަރާތުން އެމީހުން ބޭނުންވާާ ހިސާބަށް ނުދެވެނީސް ހިންދު ގެއްލުނީތީ...." ފަޒީލު އަށީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"ފަަޒީލަށް ހީވޭތަ އަހަރެން ދެއަތް އުރާލައިގެން އިންނާނެހެން..... އަހަރެން ޝައިތާނާއާާ އެއްބަސްވުމެއް ހެދީ ހަމައެކަނި އޭނައަށް ފައިދާކޮށްދޭކަށް ނޫނޭ.... އަހަންނަށްވެސް ފައިދާތަކެއް ވާނެހެން..... އަހަންނަށް އަހަރެން ބޭނުންވާ ކަންތައް ނުވަންޏާ އޭނަ ބޭނުންވާ ކަންތައް އޭނައަކަށްވެސް ނުވާނެ....." ހިންދާމު އަދިވެސް ހުރީ ގޮޅީގެ ދޮރުގެތޭރިތަކުގައި ލެނގިގެންނެވެ.
"މިތަނުން ރޭގަނޑު މެންދަންތަކުގައި މިފެންނަނީ ކޮންފަދަ އެއްޗެއް.... އޭގެ ވަހަށްވެސް މީހުން ހޭނެތޭ ވަރުގެ އެއްޗެއްދޯ؟ ހިންދުވެސް މިހާރު އެސިފައަށް ޖެހުނީތަ؟" ފަޒީލު އޭނާ ބޭނުންވާ ސުވާލުކޮށްލިއެވެ.
"އެއީ އަހަރެމެންގެ ވެރިޔާ، އަހަރެން މަރުވުމުގެ މާކުރިން މިއަށް އަހަރެންގެ ހުރިހާ އެއްޗެއް ހިބަކޮށްދިންކަން ފަޒީލަށްވެސް އެނގޭނެ.... ހުދު ފަޒީލަކީވެސް އަހަރެމެންގެ މީހެއް..... އެކަމަކު ފަޒީލު އަދިވެސް ހުރިހާ ޝަރުތެއް ފުރިހަމަ ނުކުރަމު.... އަހަރެން މި ސިފައިގައި އުޅޭނީ ކިހިނެއް؟ އަހަރެމެންގެ މީހުން ތިބެނީ އެ ސިފައިގައޭ... އެހެންނޫނަސް ނިކަމެތި އިންސާނެއްގެ ސިފައިގަ އަހަރެން އުޅޭނެތަ.... އެގޮތަށް ނޫޅެން ވެގެން އަހަރެން މިގޮތް ހިޔާރު ކުރީ..... އެކަމަކު ފަޒީލު ނުގެނެވެނީސް އަހަރެން ހުންނަން ޖެހޭނީ މުޅީން އެކަނިވެރިވެފައިކަން ފަޒީލަށް އެނގޭތަ؟ އަހަރެމެންގެ މި ދުނިޔެއަށް ފަޒީލު ގެންނަން އަހަރެން މަސައްކަތް ކުރާނެކަން ފަޒީލަށް އެނގޭނެ...."
ފަޒީލު އޭނާގެ ބާލީސް ނަގައި އުނގުގައި ބޭއްވިއެވެ. އޭނާ ހިތްވަރުކޮށްފައި މިހިސާބަށް އައީ މި ބާލީސް އަތުޖެއްސުމަށެވެ. ހިންދާމުއާ ދާދި ގާތުގައި ހުއްޓައި އޭނާގެ ހަވަނަ ހިއްސު މަސައްކަތް ކުރަން ފެށީ ހަމަ އޭނާގެ ވެރިރަސްކަލާާނގެ ހަޒުރަތުން އައި އިލްހާމެއް ފަދައިންނެވެ. ދިމާކުރިމަތީގައި އެހެރަ ޝައިތާނާ އޭތީގެ ދަޅައިގައި އަވައިގައި ޖައްސާނެ ފުރުސަތެއް އޭނާ ނުދޭނެއެވެ. ވެގެން އުޅޭ ގޮތް ދެނެގަންނަން ނެގީ ހަމަ އެންމެ ދެތިން މިނެޓެވެ. އެއަށްވުރެ ގިނައިރު ވީނަމަވެސް މިރޭ އޭނައަށް ސަލާމަތްވާން ފަސޭހަ ނުވީހެވެ. ހިންދާމުއަސްމާގެ ސިފައިގައި އޭނާގެ ކުރިމައްޗަށް އައިސް އެހެރީ ހަމަ އަސްލު ހިންދާމު ކަމުގައި ވީނަމަވެސް ފަރުވާލެއް ނެތެވެ. ޝައިތާނާއަށް ސަޖިދަ ޖެހުމަށް އެދުވަހުވެސް އޭނަ ކުރީ އިންކާރެވެ. އަދި މިއަދުވެސް ކަނޑައެޅިގެން އޭނާ ދެކޮޅު ހަދާނެއެވެ.
އޭނާގެ ކުރިމަތީގައި އެއިނީ ހިންދާމުއަސްމާގެ މިހާރުގެ ސިފައާއި ވައްޓަފާޅި ކަމަށް ވެދާނެއެވެ. އެހެންވިޔަސް ހެވެވެ. ޝައިތާނާއަށް އޭނާ ބޮލެއް ނުލަނބާނެއެވެ. ދެކޮޅަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް ހިތްވަރުކޮށްފައި އެކަމެއް އޭނާ ކުރާނެއެވެ. އެ ޝައިތާނާ ވަނީ އޭނާގެ އަތުން އޭނާގެ އެންމެ ލޯބިވާ މީހުން އޭނާއާ ވަކިކުރުވައިފައެވެ. އިތުރަށް މި ޝައިތާނާއަށް އޭނާ ކުރިއެރުމެއް ނުދޭނެއެވެ.
ހިންދާމުގެ މަރަކީ ދުނިޔޭގެ އެންމެންގެ ނަޒަރުގައި ހަމަ އާދައިގެ އިންސާނެއްގެ މަރެކެވެ. އެހެންނަމަވެސް އެ މަރުގެ ކުރިން ހިނގައިދިޔަ އެތައް ކަމަކާއި އެހިސާބަށް ހިންދާމު ދާން ޖެހުނު ގޮތް އެނގޭ މީހަކަށް އެއީ ހަމަ އާދައިގެ ކަމެއް ނޫންކަން އެނގޭނެއެވެ. މިގޮތަށް ފަޒީލުގެ ކުރިމަތީގައި ހިންދާމު ހުރިތަން ފަޒީލަށް ފެނުނަސް އެހެން މީހަކަށް ނުފެންނާނެއެވެ. އެކަން ފަޒީލަށް އެނގެއެވެ. އޭނާ އެ މަހުލޫގާ ކުރިމަތިލީ ފަހަރެއްގައިވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް ނޫނެވެ. މިއީ އޭނާ ކުޑަކޮށްވެސް ހިތަށްވެސް އަރާފައި ނެތް ކަންތައްގަނޑެކެވެ.
ބާލީހުގެ އުރައިގައި ފަޒީލުގެ އަތް ޖެހުނުކަން އެނގުމާއެކު އަތަށް އަވަސް ހަރަކާތެއް ގެނައެވެ. ކުރިމަތީގައި ހުރި ހިންދާމު ތެޅިގަތް ތަން ކިތަންމެހާވެސް ރީއްޗަށް ފަޒީލަށް ފެނުނެވެ. އަދި ދެން ކުއްލިއަކަށް އާވިގަނޑެއް އަރައިގަތް ކަހަލައެވެ. ފަޒީލުގެ ދެލޮލަށް ކުޅަދާނަ ނުވެގެން އެސްފިޔަތައް ލައްޕާލަން މަޖުބޫރުވެއްޖެއެވެ. އަދި ދެން ބާރު އަޑެއް ކިޔާފައި ތޭރިތަކުގައި އެއްޗެއް ކޭއްތިގެން ދިޔަކަހަލަ އަޑެއްވެސް ކިޔައިފިއެވެ.
(ނުނިމޭ)