ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޒުވާން ފެތުންތެރިޔާ، މެރާލް އައިން ލަތީފް ރާއްޖޭގެ ގިނަ ދުވަސްވީ 100 މީޓަރު ބަޓަފްލައި ފެތުމުގެ ރެކޯޑު މުގުރާލައިފިއެވެ.
އުމުރުން އެންމެ 12 އަހަރުގެ މެރާލް ރޭ މުގުރާލި 100 މީޓަރު ބަޓަފްލައި ފެތުމުގެ ރެކޯޑަކީ އައިޝަތު ސައުޝަން އަތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ރެކޯޑެކެވެ. ސައުޝަން ރެކޯޑު ހަދާފައި ވަނީ 2004 ވަނަ އަހަރު ޕާކިސްތާންގެ އިސްލާމްއާބާދުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ބަޓަފްލައި އިވެންޓުގައެވެ. ސައުޝަން ރެކޯޑު ހަދާފައި އޮތީ އެއް މިނެޓު 21.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރޭ މެރާލް ރެކޯޑު ހެދީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ބަޓަފްލައި އިވެންޓުގެ ހީޓް ދޭއްގައި ވާދަކޮށް، އެއް މިނިޓް 20.80 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިއީ މިފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ ފެތުންތެރިންގެ ޓީމުން ހެދި ދެވަނަ ގައުމީ ރެކޯޑެވެ. ފެތުމުގައި އެންމެ ފުރަތަމަ މިފަހަރު ހެދި ރެކޯޑަކީ ފިރިހެނުންގެ ފެތުމުގެ، ހަތަަރެއް ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑެވެ.
ރާއްޖޭގެ ފެތުންތެރިންނަށް ސޮލިޑާރިޓީ ގޭމްސްގައި މިއަދު ވެސް ހަތަރު އިވެންޓެއް އޮންނާނެއެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން