ކުޑަކުއްޖަކު ހެއްވާލަން ބޭނުންނަމަ އެންމެ ފަސޭހައިން އެކަން ކޮށްދެވޭނެ އެކަކީ ޔުމްނާ ރަޝީދު، ޔުމް އޭ ބުނެވިދާނެއެވެ. ކުޑަ ދަރިފުޅަށް ވީހާވެސް ރައްކާތެރި، އަމާން އަދި ގަޔާވާ، އުފާކުރުވާފަދަ ކުޅޭ އެއްޗެއް ހޯދައިދޭން ކޮންމެ ބެލެނިވެރިޔަކުވެސް ބޭނުންވާނެއެވެ. މިކަން އެންމެ ރަނގަޅަށް ކޮށްދޭ އެކަކަށް ހަމަގައިމުވެސް ޔުމް ވާނެއެވެ. ހަމައެހެންމެ ލޯބިވާ މީހާގާތު ވަރަށް ލޯބިވެއޭ ނުވަތަ ހަޔާތުގެ ބައިވެރިޔަކަށް ހިޔާރު ކުރާ ފަރާތަށް ލޯބި ހުށަހެޅުމަށް، އާއިލާގެ މީހަކަށް ހަނދާނީ ހަދިޔާއެއް ދިނުމަށް، ބޭނުންވާ ކުލައަކުން، ބޭނުންވާ ފަރުމާއަކުން، ޔުމްގެ ހިޔާލާއި މަސައްކަތުން ތައްޔާރުކޮށްލެވޭ ހަދިޔާވަށްޓަކީ އެންމެ ރަނގަޅު އެއް ހޮވުމެވެ.

މާލެއަށް އުފަން، 39އަހަރުގެ ޔުމްނާ ރަޝީދު، ޔުމްގެ "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް" ވުޖޫދަށް އައި ގޮތާ ބެހޭ ގޮތުން 'ވަން'އަށް ޔުމް ކިޔައިދިނީ ހަޔާތުގެ އުނދަގޫ އަދި ދަތި ދުވަސްތަކުގެ ވާހަކައެވެ. އެތައް ބައެއްގެ ހިތްހަމަޖެހުން ކަމަށް ވެފައިވާ، އަދި އެތަކެއް ތުއްތު ކުދިންގެ ހިނިތުންވުންތަކުގެ އަސްލު ކަމަށްވާ 'ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް' އަކީ ހަގީގަތުގައި، ޔުމްގެ ރޭތަކުގެ މަހުރޫމުވި ނިދީގެ ތެރެއިން އުފަންވި ރީތި، އުފާވެރި އަދި ޔުމް ސިފަ ކުރާ ގޮތަށް ބުނާނަމަ، ލޯތްބާއި ގަދަރުން ފުރިގެންވާ ޖަޒުބާތުތައް ދައްކުވައިދޭ ހަދިޔާއެކެވެ.

ޔުމްއަކީ ވަރަށް ކުރިއްސުރެވެސް 'އިންސޮމްނިއާ'(ރޭގަނޑު ނިދުމަށް އުނދަގޫވެ ނުނިދުން)ގެ މައްސަލައަށް އެކި ޑޮކްޓަރުންގެ ފަރާތުން ތަފާތު އެތައް ފަރުވާއެއް ހޯދަމުން އައި މީހެކެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން މިހާރު 13އަހަރުގެ ފިރިހެންދަރިފުޅަކާއި 6އަހަރުގެ އަންހެން ދަރިފުޅެއްގެ ޒިންމާ އުފުލަމުން އަންނަ ގެވެހި މަންމައަކަށް ވިޔަސް ޔުމްއަކީ މެލޭޝިޔާއިން މާސްކޮމިޔުނިކޭޝަން އެންޑް މަލްޓިމީޑިޔާއިން ޑިގްރީ ހާސިލުކޮށްފައިވާ، ޔުނިސެފް، ވޯލްޑް ބޭންކް ފަދަ ތަންތަނުގެ ޒިންމާދާރު ވަޒީފާތަކުގައި އުޅުނު ހިންގުންތެރި، ހީވާގި އަންހެނެކެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާ ހަމަޔަށްވެސް ޔުމް ވަޒީފާ އަދާކުރިއެވެ. އެންމެ ފަހުން އުޅުނީ ވޯލްޑްބޭންކު ފަންޑެޑް ޕްރޮޖެކްޓެއްގެ ޕްރޮޖެކްޓްމެނޭޖަރަކަށެވެ.

ރޭގަނޑު ނިދުމަށް ދަތިވެ، އެއްގޮތަކަށްވެސް ނުނިދި، ހިތްދަތި ހާލެއްގައި އުޅުނުއިރުވެސް ޔުމް އެއްފަހަރުވެސް ކަލާނގެ ހަޒުރަތުން އުއްމީދު ކަނޑައެއް ނުލައެވެ. ދަމުނަމާދުކުރުމާއި ރޭގަނޑު ހަތަރުދަމު ގުރުއާންކިޔެވުމުގެ މަތިވެރި އަޅުކަމުގައި އުޅެމުން ދިޔަ ޔުމްއަށް އެހެން މީހުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ މަސައްކަތެއް ފެށުމުގެ ހިތްވަރު ލިބުނީ، ކެނޑިނޭޅި ކުރަމުންދިޔަ ދުއާގެ ސަބަބުންކަމަށް ޔުމް ބުނެޏެވެ. ރޭގަނޑު ނުނިދި އެހެން އިންނައިނުމުގައި 'ހަދިޔާ ވަށީ'ގެ ނަމުގައި ހަދިޔާތައް އަޅާފައި އެއްޗެހިތަކެއް ހަދަން ވިސްނިވިސްނުން، ކްރާފްޓް އެއްޗަކަށް ބަދަލުވެގެން ދިޔައީއެވެ.

'ސެލްފް ތެރަޕީ ޕްރޮޖެކްޓް'އެއްގެ ގޮތުގައި ފެށުނު މިމަސައްކަތް ދަސްކުރުމުގެ ގޮތުން އެންމެ ފުރަތަމަ ޔުމް ހަދިޔާ ތައްޔާރުކޮށްދޭން ފެށީ މުޅީންވެސް އާއިލާ ތެރޭގެ ތިމާގެ ކުދިންނަށާއި ރަހުމަތްތެރިންގެ ކުދިންނަށެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން އުފެއްދި ކޮންމެ އެއްޗެއް ވެގެން ދިޔައީ ޔުމްގެ މަސައްކަތް ބަލައިގަތް ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު މަސައްކަތްތަކަށެވެ. އެންމެ ފުރަތަމަ ފަހަން ނޭނގުނުއިރު، މަންމަގެ އެހީތެރިކަމާއެކު، ޔުމް ފަހާފޮއްޓަށް ފަރިތަވީވެސް އެތައް މަސައްކަތަކުންނެވެ. ފުރަތަމަ މަންމަ ފަހައިދިނީމާ އެތަކެއްޗަށް ކަފަލެއްވުމުގެ މަސައްކަތްކޮށް، މަޑުމަޑުން ޔުމް ދިޔައީ ފެހުމުގެ ކަންތައް ދަސްކުރަމުންނެވެ. މަންމައާއި ބައްޕަގެ އެންމެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު އެދަތިކަމުންވެސް ޔުމް އަރައިގަތެވެ.

ޔުމްގެ މަސައްކަތް ތަރައްގީވެ، ކުރިއަރަމުން، އެކިސައިޒުގެ އެކިކުލަކުލައިގެ، ތަފާތު ވައްތަރުތަކުގެ، ބާލީސްތައް މީހުންގެ މެދުގައި މަގުބޫލުކަން ހޯދަމުން ދިޔައީ އަވަސްމިނެއްގައެވެ. ތަރީގެ ބައްޓަމަށް، ވިލާގަނޑެއްގެ ބައްޓަމަށް ނުވަތަ ހަނދު ސިފަކޮށްދޭ ބައްޓަމަށް ހުންނަ ބާލީސްތަކަށް ލިބުނު ތަރުހީބު ބޮޑެވެ. އެހިސާބުން އެންމެންގެ ހާއްސަ ސަމާލުކަމެއްދެވުނީ ޔުމްގެ 'ބޭބީ މޮބައިލްސް'އަށެވެ. މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކަށް 300އެއްހާ ގިނަ ބޭބީމޮބައިލްސް ޔުމް ވަނީ ތައްޔާރުކޮށްދީފައެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް މި މަސައްކަތުން އަޅުގަނޑަށް ލިބުނު. މި މަސައްކަތް ވެގެން ދިޔައީ އަޅުގަނޑު އުއްމީދު ކުރި ވަރަށްވުރެ މާބޮޑަށްވެސް ނަފާވެރި، އުޖާލާ މުސްތަގުބަލެއް އޮތް ކަމަކަށް. އަޅުގަނޑުގެ މަސައްކަތުގެ ތަރައްގީގެ ހަގީގީ ބާނީންނަކީ އަޅުގަނޑަށް ކަސްޓަމާސް ގެ ސިފައިގައި ލިބުނު ހިތްހެޔޮ އެކުވެރިން. މިއަދު "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް" އަކީ ވަރަށް އުފާވެރި އެއް އާއިލާ. ކޮންމެ ހަދިޔާއަކުން ލޯތްބާއި، ކުލުނާއި އޯގާތެރިކަން އެއީ ހަގީގަތެއްކަން އަންގައިދޭ. ކޮންމެ ހަދިޔާއަކީވެސް ހަމަ އެހާ ހާއްސަ ހަދިޔާއެއް."

މިކްރާފްޓް މަސައްކަތް ކުރަން ފެށީއްސުރެވެސް ޔުމް މަސައްކަތް ކުރަމުން އައީ މުޅީން ތަފާތު، އާދަޔާ ހިލާފު، އެކިކަހަލަ ހަދިޔާ ތައްޔާރުކުރެވޭތޯއެވެ. އެގޮތުން އެތައް ބައިވަރު ވައްތަރުތައް މާކެޓަށް ތައާރަފު ކުރުމުގައާއި ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށްވެސް ހާއްސަ ހަދިޔާތަކެއް ޔުމް ތައާރަފު ކުރިއެވެ. މީގެ ސަބަބުން (މިތަފާތު ވައްތަރުތައް ތައްޔާރުކުރުމުގެ ސަބަބުން،)ރާއްޖޭގައި މިފެންވަރުގައި، މިމަސައްކަތް އަލަށް ފެށި މީހުންގެތެރޭގައި ޔުމް ހިމެނިގެންދިޔައެވެ. އޯޑަރު ދީގެން ރާއްޖެއިން ބޭރުން ތަކެތި ގެނައުމުގެ ބަދަލުގައި މީހުން ޔުމްގެ ފަރާތުން ހިދުމަތް ހޯދަން ފެށިއެވެ. މިއީ ޔުމް ކުރިއަރައިގެން ދިއުމުގެ އެންމެ ބޮޑު އެއްސަބަބުވެސްމެއެވެ.

މަހުރޫމުވި ނިދީގެ ސަބަބުން ހަޔާތަށް ދިމާވި ބަނަ އަދި ހިތްދަތިކަމުން ސަލާމަތްވުމަށް ޔުމް ފެށި މި މަސައްކަތް ކާމިޔާބުވަމުން އައީ އެތައް ބައެއްގެ ފަރާތުން ލިބުނު އޯޑަރުތައް ނިންމުމަށް ދަންވަރުތަކުގައި ކުރި ހިތްވަރާއި މަސައްކަތުންނެވެ. އާއްމުކޮށް ދަންވަރު 12 އިން ފަތިހު 4 އަކަށް ލިބޭ ވަގުތުގައި މަސައްކަތް ފުރިހަމަ ކުރަން ލިބުނު ނަމަވެސް، އޯޑަރު ގިނަވަމުން އައި ވަރަކަށް ލިބުނު ވަގުތު ދިޔައީ ކުޑަވަމުންނެވެ. ކުރިން އެއް އޯޑަރު ނިންމާލަން ހަފުތާއެއް ނުވަތަ ދެހަފުތާއެއްހާ ދުވަސްވެސް ލިބުނެވެ. ޔުމްއަކީ އެކަނި މަސައްކަތް ކުރާ މީހެއް ކަމުން މިކަމަށް ވަގުތު ނަގައެވެ. މިމަސައްކަތުގެ ބާވަތުން މިއީ ގިނަ ވަގުތު ބޭނުންވާ، ނުހަނު ކަވި، ބަލައިގެން ކުރަންޖެހޭ ކަމަކަށް ވެފައި، އަދި ހާއްސަކޮށް ބޭބީ މޮބައިލްސް ކަހަލަ ކުދިކުދި ތަފުސީލު ހިމަނަން ޖެހޭ މަސައްކަތްތަކަށް ނުހަނު ވަގުތު ބޭނުންވެއެވެ. އެހެންކަމުން ޔުމް އަބަދުވެސް ކޮންމެ އޯޑަރަކާވެސް ހަވާލު ވަނީ ކުރިޔަށް 2 ނުވަތަ 3 ހަފްތާ ބާއްވައިފައެވެ. އެއެއްޗެއް ބޭނުންވާ ތާރީހާ ހަމައަށް ދޭއް ނުވަތަ ތިން ހަފުތާ އޮތުމުން ހިތްހަމަ ޖެހޭ ވަރަށް ފުރިހަމަކޮށް މަސައްކަތް ކުރެވެއެވެ. ޔުމް އަބަދުވެސް އެންމެ އިސްކަމެއްދެނީ ބުނާ ވަގުތަށް އެންމެ ފުރިހަމަ، އެންމެ ކުދި ތަފުސީލުތައްވެސް ވީހާވެސް މޮޅުކޮށް، ރަނގަޅަށް ނިންމުމަށެވެ. އެނޫން ގޮތަކަށް ޔުމް އެއްވެސް އޯޑަރަކާ ހަވާލެއް ނުވެއެވެ. އެގޮތަށް ލަހުން ނިމޭތީ ގިނަ އޯޑަރުތައް އަތުން ގެއްލިގެން ދިޔަ ކަމުގައި ވިޔަސް، އަވަސް އަރުވާލައިގެން، އެއްޗަކަށް އެއްޗެއް ހަދާ އުސޫލުން މަސައްކަތް ކުރުމަށް ޔުމް ބޭނުމެއް ނުވެއެވެ. އެހެންކަމުން ޔުމްއަކީ ގިނަ މަސައްކަތް ހޯދުމުގެ ބަދަލުގައި ހަވާލުވާ މަދު މަސައްކަތް ވަރަށްވެސް ފުރިހަމައަށް، އެހާމެ ޗާލުކޮށް ނިންމާ މީހެއްގެ ގޮތުގައި ކަސްޓަމަރުން ފާހަގަ ކުރެއެވެ.

ޔުމްގެ ފޭސްބުކް ޕޭޖު "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް"އަށް ހަތަރު އަހަރު ފުރުމުގެ އުފާވެރި މުނާސަބާ ފާހަގަ ކުރަމުން، ޔުމް އެ ޕޭޖުގައި 9 އޮގަސްޓުގައި ޝެއާކުރި ޕޯސްޓަށްވެސް އެތައްބައިވަރު ހެޔޮދުއާތަކާއި ހިތްވަރުގެ މެސެޖުތަކާއި މަރުހަބާގެ ބަސްތައް ފޮނުވާފައިވެއެވެ. ރިވިއުތައް ގިނަވެ، ފުރިހަމައަށް 5ތަރިން 5 ތަރި ޕޭޖު ހާސިލުކޮށްފައިވާއިރު މިއީ ހަމައެންމެ ސުމަކުން ޔުމް ފެށި މަސައްކަތެކެވެ. 13،694 މީހުންގެ ލައިކްސް އޮތް މިޕޭޖުގެ 14،101 ފޮލޯވާސް އެބަތިއްބެވެ. މިއީ ސަތޭކަ ލައިކްސް ލިބުނު ދުވަސް ފާހަގަކޮށް، އެންމެ ލައިކެއް އިތުރު ވިޔަސް އެވާހަކަ އުފަލުން ދަރިފުޅުމެން ގާތު ހިއްސާ ކުރަމުން ދިޔަ ޔުމްގެ "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް" އެންމެ ހަތަރު އަހަރު ތެރޭގައި ހޯދާފައިވާ ކާމިޔާބީއެވެ. މިކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ޔުމްގެ ލޮބުވެތި ފިރިމީހާއެވެ. ހަމައެއްވެސް އެއްޗެއް ނެތި ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް، ގޭގައި ޒަމާނީ ފެންވަރަށް މަސައްކަތް ކުރެވޭ ކުޑަ އޮފީހެއް ތައްޔާރުކޮށްދިނެވެ. މިފަދަ މަސައްކަތަކަށް ބޭނުންވާ އެންމެ ފަހުގެ ޓެކްނޮލޮޖީގެ މެޝިންތައް އެކިފަހަރުމަތިން އުފަންދުވަހުގެ ހަދިޔާގެ ގޮތުގައި ޔުމްއަށް ގެނެސްދިނެވެ. މަސައްކަތަށް އެއްވެސް ދައްޗެއް ނެތި ކުރިއަށް ދެވޭނެހެން، މާލީ ގޮތުން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނީ ފިރިމީހާއެވެ. ޔުމް ސިފަކުރާ ގޮތުގައި ޔުމްގެ ރަހުމަތްތެރިންނާއި އާއިލާ އަދި ދެކުދިންނަކީ ޔުމްގެ މިމަސައްކަތުގެ އެންމެ ބޮޑު ސަޕޯޓްސިސްޓަމެވެ. ތައުރީފު ކުރުމަކީ އާދަޔާހިލާފު ހިތްވަރެއް ލިބޭކަމެކެވެ. ޔުމްގެ ދެކުދިން އޭނަގެ މިމަސައްކަތަށް އަބަދުވެސް ވަރަށް ތައުރީފުކޮށް ހިތްވަރުދެއެވެ. ހާއްސަކޮށް ކުޑަމަންޖެ ޔުމްއަށް އެހީވުމުގައި އަވަދިނެތި އުޅެއެވެ. "މަންމީގެ ޕްރޮޑަކްޓްސްތައް ފޮޓޯ ނެގުން" އެއީ އެމަންޖެ އެންމެ ގަޔާވެގެންކުރާ އެއްކަމެވެ.

ޔުމްގެ އުއްމީދުތައް ގިނައެވެ. ހުވަފެންތައް ބޮޑެވެ. ފިހާރައަކުން އިސްނަގައިގެން "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް"ގެ އުފެއްދުންތައް ކަސްޓަމާސްއާ ހަމައަށް ގެންދިއުމަށް ކުރަމުން އަންނަ އުއްމީދު ފުރިހަމަވާނެ ދުވަހެއްގެ އިންތިޒާރުގައި އިން ޔުމްގެ އެންމެ ބޮޑު ހުވަފެނަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށްވެސް މި އުފެއްދުންތައް ފަސޭހަކަމާއެކު، ހިދުމަތް ބޭނުންވާ ފަރާތްތަކާ ހަމައަށް ފޯރުކޮށްދެވޭނެ ފަދަ ވަސީލަތެއް ގާއިމުވެގެން ދިއުމެވެ. ދިވެހި އަމިއްލަ އުފެއްދުންތަކަށް އޮންނަ ތަރުހީބު އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ވަރަށްބޮޑު އުއްމީދަކަށް ވާއިރު، އެމީހުންނާ އެއްސަފެއްގައި ބައިވެރިވުމަކީވެސް ޔުމްގެ އުއްމީދެކެވެ.

"މިހާތަނަށް އަޅުގަނޑު އަދާކުރި ވަޒީފާތަކުން ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަޖެހުމެއް "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް" އިން އަޅުގަނޑަށް ލިބިއްޖެ. އެންމެ ބޮޑު ތަރުހީބެއް އަޅުގަނޑުގެ މަސައްކަތައް ލިބެނީ ހިތުގައިވާ ޖަޒުބާތުތައް ހަދިޔާއެއްގެ ސިފައިގައި އެ ލިބެންވާ ފަރާތައް ފޯރުކޮށްދެވުމުން. އެއީ ލޯބި ހާޓްއެއް، ނުވަތަ ތުއްތު ކުއްޖެއްގެ އެންމެ މަގުބޫލު ބޯޓެއްގެ ސިފައިގައިވާ ބާލީހެއްކަމުގައިވީނަމަވެސް."

"ބަލިވެ އިނުމުން އަޅުގަނޑަށް މެސެޖްކޮށްލާފަ 9 މަސް ކުރިޔަށް އޯޑަރުދެއްވާ ކަސްޓަމަރުން އުޅުއްވާ! ތިމަންނައަށް މި ހަދިޔާ ވަރަށް ވަރަށް މުހިއްމޭ، އެތައް އަހަރެއްގެ އިންތިޒާރަކަށްފަހު ބަލިވެ އިންކަން އެނގުމުން ބޭނުންވީ ޔުމްއަތުން ކޮންމެވެސް ލޯބި ހަދިޔާއެއް ދަރިފުޅަށް ތައްޔާރުކޮށްލާށޭ ބުނުމުން އަޅުގަނޑު ނުހަނު އުފާވޭ! އެތައް ޒަމާނެއް ކޮށްފައިވިޔަސް އަޅުގަނޑަށް މެސްޖެކޮށްލާ ހާލު ބަލައިލާ ކަސްޓަމަރުން އުޅުއްވާ! މިއީނޫންތޯ ތަރުހީބަކީ؟ އަޅުގަނޑުގެ ކާމިޔާބީއަކީ އަޅުގަނޑުގެ މަސައްކަތަށް ލޯބިކުރައްވައި އަބަދުވެސް އެނބުރި އަޅުގަނޑު ގާތަށް ހިދުމަތް ހޯއްދަވަން ދުރުވާ ބޭފުޅުން."

ޔުމްއަކީ ނުހަނު ބުރަކޮށް އުޅޭ ގެވެހި އަނތްބެއްގެ އިތުރުން، ގެވެހި މަންމައެކެވެ. ގޭތެރޭގެ ހުރިހާކަމެއް ކުރަމުން ދަރިންނާއި އާއިލާގެ އެހެނިހެން މެންބަރުންގެ ކަންތަކުގައި މުޅި ދުވަސް އަވަދިނެތި އުޅޭ ފަރާތެކެވެ. ޔުމްގެ ކްރާފްޓް މަސައްކަތަށް ދުވާލު ވަގުތު ދެވޭކަށް ނޯވެއެވެ. އެންމެ ބޮޑު ޑިއުޓީއަކީ ކުދިންގެ ކަންތައް ވީއެންމެ ފުރިހަމައަށް ކުރުން ކަމަށްވާތީ ޔުމްގެ ދުވާލުގެ ވަގުތުތައް އޮންނަނީ ފުރިފައެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުތަކުގައި، ލިބިފައި ހުންނަ މަސައްކަތްތަކުގައި، އޭގެ އެންމެ ފުރިހަމަ ކުލަތައް ޖައްސައި، އިހުސާސްތައް އޭގެ އެންމެ ފުރިހަމަކަމާއެކު އެއަށް ގެނެސް، ނިންމާލަނީ، 'ކޮލިޓީ' މަސައްކަތެއްް ކުރެވުނުކަމުގެ ހިތްހަމަޖެހުމާއެކުގައެވެ.

އިންސާނަކަށް ވީތީ ޔުމްއަށްވެސް ބައެއްފަހަރު ވަރުބަލިވެ ހިތްވަރުއެލޭ، ދެރަވެ މަސައްކަތް ކުރާ ހިތްނުވާ ދުވަސްތައްވެސް އާދެއެވެ. ދޮށީ ދަރިފުޅުގެ މާބޮޑުކަމެއް ނެތަސް އެދަރިފުޅުގެ ކަންތައްވެސް ވަރަށް ގާތުން ބަލާއިރު، ޔުމްގެ ހުރިހާ ވަގުތެއްހެން ހާއްސަވެފައި އޮންނަނީ 6 އަހަރުގެ އަންހެންދަރިފުޅުގެ ކަންތައް ކުރުމުގައެވެ. ދުވާލުގެ ބުރަކަމާއެކުގައިވެސް ރޭގަނޑު ހޭލައި އިނދެ އޯޑަރުތައް ނިންމާއިރު ހަމައަށް ނިދާލެވޭކަށް ޔުމްއަކަށް ނޯވެއެވެ. އެހެންނަމަވެސް ގިނަގިނައިން ކުރާ ދުއާއިން ލިބޭ ހިތްވަރާއެކު، ކަސްޓަމަރުންގެ މެސެޖުތަކުން އާރޫހެއް އުފެދިގެން، ހިތްވަރުއާލާވެ އަނބުރާ މަސައްކަތަށް ދެވޭ ކަމަށް ޔުމް ކިޔައިދިނެވެ. މިއީ ފަހުރުވެރިކަމާއެކު ޔުމް އޭނާގެ އަތްތެރިމަސައްކަތުގެ ކާމިޔާބު ހަތަރުވަނަ އަހަރު ފާހަގަ ކުރާ އަހަރެވެ. މެދުކެނޑުމެއް ނެތި މިފަދަ ކަވި އަދި ބުރަ ކަމެއް ކުރެވޭނީ ހަގީގަތުގައިވެސް ޖޯޝަކާއި ފޯރިއާއެކު ކަމަށް ހުންނަ ޝައުގު ބޮޑުވެގެންކަން ޔަގީނެވެ.

މިފުރުސަތުގައި 'ވަން' މެދުވެރިކޮށް ޔުމް އެންމެބޮޑު ޝުކުރެއް ހާއްސަކޮށްލީ ޔުމްގެ ލޮބުވެތި ކަސްޓަމަރުންނަށާއި ޔުމްއަށް ހެޔޮއެދޭ، ޔުމްގެ ކާމިޔާބީއަށް އެދޭ ފަރާތްތަކަށެވެ. އެންމެ މުހިންމު ޝުކުރު އަބަދުވެސް އޮތީ ލޮބުވެތި އެންމެ ލޯބިވާ އާއިލާއަށް ކަމަށާއި އަދި އެއީ ޔުމްއަށް ލެއްވި އެންމެ ބޮޑު ރަހުމަތްކަމުގައި ޔުމް ހާމަކުރިއެވެ.

މިއަދު އެތައް ބައެއްގެ ހިތުގެ ވާހަކަ، އިހުސާސްތަކާއި ޖަޒުބާތުތަކުގެ ކުލަތަކުން ފަވާލައިގެން، އެއިހުސާސްތައް ބަންޑުން ކުރަން ބޭނުންވާ ފަރާތަށް ދޭން ބޭނުންވާ ހަދިޔާ ތައްޔާރުކޮށްލަދޭ ޔުމްއަކީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެކެވެ. ނަފުސާނީ ބަލިތަކާ ދެކޮޅަށް ކުރަންފެށި ހަނގުރާމަ ނިމުމަކަށް ގެނައި އާ ކުލަތަކަކާއި އާއުއްމީދުތަކެއް ހިފައިގެން އައި "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް"އަކީ ޔުމްނާގެ މޫނުބަލާ ލޯގަނޑެވެ. އޭގެން ހުރިހާ ވާހަކައެއް ކިޔައިދޭ، ޔުމްނާ މިއަދު އެހެރަ ޔުމްނާއަށްވި ސަބަބަކީ "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް"އެވެ. މާޔޫސްވެ ގޮތްހުސްވެގެން ފަހަތަށް ދިއުމުގެ ބަދަލުގައި، ހުސްކޮށް އޮތް މައިދާނަށް އެކަނިމާއެކަނި ނުކުމެ ހިތްވަރާއި ހިންމަތާއި މިންނަތުން ހަޔާތުގެ ކުލަތައް ސިފަކޮށްދިނުމުގައި ޔުމްނާ ކުރި މަސައްކަތަށް ހަގީގަތުގައިވެސް ތައުރީފު ހައްގެވެ. އަދި ނަމޫނާއަކަށް ބަލައިގަންނަން އެންމެ ރަނގަޅު މިސާލެއްވެސްމެއެވެ. "ވަން"އިން އެދެނީ ޔުމްނާގެ އަތްތެރި މަސައްކަތަށާއި "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް" އަށް ވަރަށްވެސް ފާގަތި، ކުލަރިވެތިވެގެންވާ އުޖާލާ ކުރިމަގެއް ލިބުމެވެ.