ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 31

އަޔާލް މުޅި މާލޭގައި ދުއްވިއެވެ. ބޯގޮވާފަ ހުރިވަރުން މަޣްރިބް ނަމާދު ނުކުރެވޭކަންވެސް އެނގުނީ އިޝާނަމާދަށް ގޮވަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. އެހެންކަމުން ބޮޑުތަކުރުފާނު މަގުން އެތެރޭ މަގަށް ވަދެ ސައިކަލު މަޑުކޮށްލީ އަމީނީމަގު ފުރުގާން މިސްކިތް ކައިރިއަށެވެ. މިސްކިތަށް އަރައި ނަމާދުކޮށްގެން އިޝާނަމާދަށް ގޮވަންދެން މަޑުކޮށްގެން އިނެވެ.

އިޝާނަމާދަށްފަހު ސުންނަތްކޮށްގެން ކޮޅަށް ތެދުވިއިރު ހިތަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިފައި ވިއެވެ. ފޯނު ރިންގުވާން ފެށީ ސައިކަލަށް އަރަން އުޅުނު ވަގުތުގައެވެ.

"ކޮންތާކު ތިއުޅެނީ؟ ރިދާ އަތުވެއްޖެ ގެއަށް" ފޯނު ނަގައި ކަންފަތުގައި ޖެއްސުމާއެކު ނަހާގެ އަޑުއިވުނެވެ. އަޔާލްއަށް ހިތާހިތުން ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. ނަހާ ކައިރީގައި ހެދި ދޮގު ފަޅާއަރާފާނެތީ އިތުރު ސުވާލުކުރަން ބޭނުންވެ ހުރެވެސް ސުވާލުކުރަން ނުކެރުނެވެ.

"ވަރަށް ހަމަޖެހިފަ ހުރީ. އާދޭ ކާން ގެއަށް" ނަހާ ބުންޏެވެ.

**********

އަޔާލް ގެއަށް ވަންއިރު ސޯފާގައި ހަބަރު ބަލަން ނަހާ އިނެވެ. އަޔާލް ފެނުމުން ކާން އަންނަން ބުނެފައި ނަހާ ބަދިގެއަށް ވަނެވެ. އަޔާލް ކާ މޭޒާ ދިމާލަށް ދިޔައިރު ކަޅި ހުއްޓިފައި ހުރީ ރިންދާގެ ކޮޓަރި އާ ދިމާލަށެވެ.

"މިއަދު މެންދުރު މާ ރަނގަޅަކަށް ނުކެވޭ ދޯ" އަޔާލްއަށް ތަށި ކައިރިކޮށްދެމުން ނަހާ ބުންޏެވެ.

"ރިދާއަށް ގޮވަންވީނުން" އަޔާލް ބުންޏެވެ.

"ބުނީ ރިސޯޓުން ވަރަށް ރަނގަޅަށް ކެއީމޯ. ވަރަށް ވަރުބަލިވެފަ ހުރި ވާހަކަ ބުނި. މަންމައަށް ހީވަނީ މިހާރު އޮންނާނީ ނިދާފަހެން. ބުނި އަޔާލް ކައިރީގަ ބުނައްޗޭ ގެއަށް އައި ވާހަކަ. ފޯނަށް ކޮންމެސް ކަމެއްވެގެން އުޅެނީ" ނަހާ ވާހަކަދެއްކިއެވެ.

އަޔާލްގެ ހިތުގައި އެއްފަހަރާ އެތައް ޝަކުވާތަކެއް ބޮނޑިވެގަތެވެ. ބައްދަލުވެސްކޮށްނުލައި ކޮޓަރިއަށް ވަދެ ފިލީއެވެ. އަޔާލް ކަންބޮޑުވާނެ ވަރު ހަމަރަނގަޅަށް ރިންދާއަށް އެނގޭނެއެވެ.

"ހާދަ ކުޑަކޮންނޭ ތިކެއީ. ބަލީތަ؟ ހައިބްވެސް ތިއަށް ވުރެ ގިނައިން ކައިވިއްޔާ" އަޔާލް ފެންތަށި ބޯލި ތަން ފެނުމުން ނަހާ ބުންޏެވެ.

"އެގަޑީ ރިންދާ ބަލައިގޮސް ނިމެނީއޭ ބުނީމަ ރައްޓެއްސަކާއެކު ކޮފީއަކަށް އެރީ. އެހެންވެ ބަނޑުފުރިފަ ހުރީ" އަޔާލް ބުންޏެވެ.

"ގެއަށް ދާން މިދަނީ" އަޔާލް ބުންޏެވެ.

ގޭދޮރުން ނުކުންނަމުންވެސް އަޔާލް ރިންދާގެ ކޮޓަރިއަށް ބެލިއެވެ. ރިންދާ ކަންތައްކުރި ގޮތުން އަޔާލް ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. ހައިފިލާވަރަށް ކާއެއްޗެއް ނުކެވޭތާ އަލާފިލާވަރަށް ފެންފޮދެއްވެސް ނުބޮވެއެވެ.

**********

ޕްރެޝަރުގައި މާގަނޑުން ފައިބަމުންދިޔަ ފެންތަކުގެ ތެރޭގައި ރިންދާ އިށީނދެގެން އިނެވެ. ބޭރަށް ދިޔައިރު ލައިގެން ހުރި އަންނައުނާއެކު ރިންދާ އިނީ ފާރުގައި ލެނގިގެން ދެކަކޫ މެއާ ކައިރިކޮށްގެންނެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނާ އެކުވެގެން ދެއެވެ. ކަންތައްތައް ވެގެންދިޔައީ ރިންދާ ހީކުރިގޮތަކަށް ނޫނެވެ. ނަހީކް އަކީ ރިންދާ ހީކުރިފަދަ އިންސާނެއް ނޫނެވެ. އެއަށް ވުރެ މާ ނުރައްކާތެރިއެވެ. ރިންދާއަށް ގެއަށް އާދެވުނީ ނަހީކް ކައިރީގައި އެތައް އާދޭހެއްކޮށްގެންނެވެ. އެވެސް ނަހީކް ކައިރީގައި އެތައް ވައުދުތަކާއި އަހުދުތަކެއް ކޮށްފައެވެ. ދުވާލަކު އެއްފަހަރު ނަހީކާ ބައްދަލުކުރަން ޖެހެއެވެ. ރަންކިޔުއްވަން ކޮންމެފަދަ ވަގުތަކުވެސް ގެއަށް މީހުން ފޮނުވާފާނެއެވެ. އަޔާލް އާ އެއްވެސް ގުޅުމެއް ނުބާއްވަން ނަހީކް އިންޒާރުދިނެވެ. ކިތަންމެ ގިނަ މީހުން ތިބި ތަނަކުންވެސް ރިންދާ އުފުލާލައިގެން ގެއަށް ގެންނަން އޭނާ ފަސްނުޖެހޭނެ ކަމަށް ބުންޏެވެ. ރިންދާ އެންމެ ކަންބޮޑުވަނީ ވިލިނީމަތިން ހިތަށް އަރައިފައެވެ. ނަހީކްގެ ވާހަކަތައް ވިލިނީއަށް ކިޔައިދޭކަށްވެސް ރިންދާއަށް ނުކެރޭނެއެވެ.

އެގޮތުގައި އެތައް އިރެއް ވަންދެން ރިންދާ މާގަނޑު ދޮށުގައި އިނެވެ. ފާހާނާ ތެރޭގައި ފެންބޮޑުވެ ފެނުގެ ކޯރެއް ހެދިއްޖެއެވެ. އިންތަނުން ތެދުވެގެން ކޮޓަރިއަށް ވަންއިރު ފިނިވެގެން މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ.

*************

ގަޑިން ރޭގަނޑު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ބަރަކް އާއި ޖިލްވާ އައީ އަޔާލް ކެފޭގައި އިންނަތާ އެތައް އިރެއްވީ ފަހުންނެވެ. ޖިލްވާއަށް އަޔާލް ހިނިތުންވުމެއް ދިނެވެ. ހާލު އެހިއެވެ.

"ދޮންބެ ރަނގަޅުތަ؟" ބަރަކް އެހިއެވެ. އަޔާލް ބޯޖަހާލިއެވެ.

"ވަރަށް މުހިންމު ވާހަކައެއްވީމަ މިއައީ. ލަސްވީ މާދަމާ ފުރަންވާއިރަށް ކުޑަ ޝޮޕިންއެއްކޮށްލަން ޖެހުނީމަ" ބަރަކް ވާހަކަދެއްކިއެވެ.

"އިހަށް ކޮފީއަށް އޯޑަރު ދޭންވީނުން" އަޔާލް ބުންޏެވެ.

"ޖިލް ކާނީ ދޯ" ބަރަކް އެހިއެވެ.

"ދެން ބުނެބަލަ. ކޮން ވާހަކައެއް ބުނަން އުޅުނީ" ބަރަކް އެހިއެވެ.

"ދޮންބެ މިއުޅެނީ ރިދާއަށް އެހީވާށޭ ބުނީމެއްނު. ފުލުހުންނަކަށް ކަމެއް ނުވިއެއްނު" އަޔާލް ވާހަކަދެއްކިއެވެ.

ރަނީންގެ ނަން އަޑުއިވުމާއެކު ފޯނާ ކުޅެންއިން ޖިލްވާގެ ސަމާލުކަން އެވާހަކަތަކަށް ދެވިއްޖެއެވެ.

"އެމީހުން އޭތި ކްލޯސްކޮށްފި. އެކަމަކާ މިހާރު ނޫޅޭ. މިހާރު މިއުޅެނީ މަރުތަކާ ބެހޭ ޑިޕާޓްމަންޓުގަ. އެހެންވެ އޭތި ބަލައިލިރު ހުއްޓާލާފަ އޮތީ. ދޮންބޭ، މިއީ ސިއްރެއް އިނގޭ. ބޭރުގައި ހުރި ކޮންމެސް މީހަކު އެކަމަށް ފަންޑު އެބަކުރޭ. މިއީ އެތެރެއިން ލިބުނު މައުލޫމާތެއް. އެބަހުރި ލިޔުންތަކެއް. އޭގައެބައިން އެންތަނީ ކިޔާ މީހަކު ވަރަށް ގިނައަދަދެއްގެ ފައިސާ ހަރަދުކޮށްފަ" ބަރަކް ވާހަކަދެއްކިއެވެ. އެއީ އަޔާލްއަށް ލިބުނު އާ މައުލޫމާތުތަކެކެވެ.

"ވަކީލުންގެ ޓީމެއް އެބައުޅޭ. ތިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ދޮންބެއަށް ކަމެއްކޮށްދެންޏާ ތިބުނާ ލިޔުންތަކުގެ ކޮޕީއެއް ނަމަވެސް ލިބޭނެތަ؟" އަޔާލް އެހިއެވެ.

"ތިއީ ވަރަށް ބޮޑުކަމެއް ދޮންބޭ. އަހަރެން ވަޒީފާ ދޫކޮށްލަން ޖެހިއްޖިއްޔާ ކިހިނެއް ހަދާނީ؟" ބަރަކް ބުންޏެވެ.

އަޔާލް އެކަމާ ވިސްނާލިއެވެ. ރިދާއަށް އެހީވުމަށް ކުރާ އެއްވެސް ކަމެއްގެ ތެރެއިން ބަރަކްއަށް ގެއްލުމެއްވާން އަޔާލް ބޭނުމެއް ނުވެއެވެ. އެހެންކަމުން އެކަމުގެ ތެރެއަށް ބަރަކް ނުވައްދަން އަޔާލް ނިންމިއެވެ.

"އޯކޭ އެހެންވީމަ. ބަރަކް އެކަމަކާ އުޅޭނެކަމެއް ނެތް" އަޔާލް ބުންޏެވެ. "ލޫކް ކިޔާ ވެރިއެއް އުޅޭތަ ތިތަނުގަ"

"އެއީ އަހަރެން މިއުޅޭ ޑިޕާޓްމަންޓްގެ ހެޑު. ވަރަށް ހިތްހެޔޮ މީހެއް. ވަރަށް ރަނގަޅުވާނެ" ބަރަކް ބުންޏެވެ.

"އޭނަ އާ ބައްދަލުކޮށްލަން ކިހިނެއް ހަދަންޖެހޭނީ" އަޔާލް އެހިއެވެ.

"ފޯނު ނަންބަރުދެންތަ؟" ބަރަކް ބުންޏެވެ.

"ފޯނަކުން ނޫން. ކުރިމަތީގައި ތިބެ ވާހަކަދައްކަންވެގެން" އަޔާލް ބުންޏެވެ.

"ތިއީ އެއްވެސްކަމެއް ނޫން. ތިވަރުގެ ކަމެއް ކޮށްދެވިދާނެ. ކިހިނެއްވާނެ މިކޮޅަށް އައިއްސަ ތިކަމާ އުޅުނިއްޔާ" ބަރަކް ވާހަކަދެއްކިއެވެ.

އެގޮތް އެންމެ ރަނގަޅު ކަމުގައި އަޔާލް ބުންޏެވެ.

***********

ބަދިގެއަށް ވަދެގެންދިޔަ ވިލިނީގެ އިސްތަށިގަނޑުގައި ފެން ހިއްކުމަށް އޮޅާލާފައި އޮތް ތުވާލި އަދި ނުނަގައެވެ. ގެއަށް އައިގޮތަށް ފެންވަރައިގެން ތިރިއަށް ފޭބީ ބަނޑުހައިވެފަ ހުރިވަރުންނެވެ. ކާން ހެދުމުގެ ކަންކަމުގައި އުޅުނު ބެގަރީއަށް ވިލިނީ ފެނުމާއެކު ބަލައިލިއެވެ. ބެގަރީގެ ދެލޮލުގައިވި ކަންބޮޑުވުން ވިލިނީއަށް ސާފުކޮށް ފެނުނެވެ.

"ހަންޑި އެބައުޅޭތަ؟ ގޭތެރޭގަ ކަމެއް ހިނގީތަ؟" ވިލިނީ އެހިއެވެ. ވިލިނީ ކުރި ސުވާލަށް ޖަވާބުދިނުމެއް ނެތި ބެގަރީ ހިނގައިގަތެވެ.

"އޭނަ އެބައާދޭ ކާން" ބެގަރީ ބުންޏެވެ.

މޭޒުކައިރީގައި އިށީނދެފައި ނަހީކް ކާއެއްޗިއްސަށް ބަލައިލިއެވެ. މެނޫގައިވާ ގޮތުން ދުވަހުގެ ރޭގަނޑުގެ ކެއުން އޭނައަށް ކަމަކުނުދެއެވެ. އާންމުކޮށް ރޭގަނޑުގެ ކެއުން ނަގާ ވަގުތު ފަހަނައަޅާ ގޮސްފައިވެސް ވާތީއެވެ. އެހެންނަމަވެސް އޭނާ ފާޑެއް ނުކިޔައެވެ. ކައިގެން ދަމުން ބެގަރީއަށް ހިނިތުންވުމެއްދިނެވެ. ބެގަރީއަށް ލަފާކުރީ ދުވާލުގެ ވަގުތުތައް ނަހީކް ވަރަށް ހިތްހަމަޖެހިގެން ހޭދަކުރެވުނު ކަމަށެވެ. ދުރުގައި ވިލިނީ ފެންނަން ހުރިއިރުވެސް ނަހީކްގެ ތޮބީއަތަށް މާބޮޑު ބަދަލެއް ނައީ އެހެންވެއެވެ. ބެގަރީގެ ހިތުން ހަމްދަރުދީވެވުނީ ނަހީކް ގެންގުޅުނު އަންހެންކުއްޖާއަށެވެ. އެކުއްޖާ ހިތްހަމަ ނުޖެހިފައި ހުރި މިންވަރާއި ޖެހިލުންވެފައި ހުރި މިންވަރު ވަރަށް ކައިރިން ބެގަރީ ދުއްޓެވެ.

ވިލިނީ އައިސް އިށީނީ ނަހީކް ކޮޓަރިއަށް ވަނުމުންނެވެ. ބެގަރީ ވިލިނީ އާ ވާހަކަދައްކަން ގޮނޑީގައި މަޑުކޮށްލިއެވެ.

"އަޖައިބެއް ފެނުނުހެން ހީވީ. އޭނަ ކޮންކަމަކާ އެހާ ބޮޑަށް ހެވިފަ. ގޭތެރޭގަ ކަމެއް ހިނގީތަ؟" ވިލިނީ އެހިއެވެ.

"މިއަދު ދަމާ ކޫއްތަމުން އަންހެންކުއްޖަކު ކޮޓަރިއަށް ވައްދައިގެން އުޅުނީ. އިޝާނަމާދަށްވެސް ގޮވިފަހުން އެކުއްޖާ ގެއަށް ފޮނުވީ. ކޮޓަރި ތަޅުލައިގެން އެކުއްޖާއަށް ޖެއްސި ހާލެއްވެސް ނޭނގޭ" ބެގަރީ ވާހަކަދެއްކިއެވެ. ބެގަރީ އަޑުގައި ކަންބޮޑުވުން ވިއެވެ.

"ޔާރައްބީ. އޭނަ އެހެރީ ހައްދުފަހަނައަޅާފަ. އޭނަ ކުރާ ހުރިހާ ނުބައިކަމެއްގަ ބައިވެރިވެގެން ހަގީގަތުގަ ބެގަރީއަށްވެސް ތިހެދެނީ ވަރަށް ބޮޑު ގޯހެއް" ވިލިނީ ބުންޏެވެ.

"އަހަރެން ދެން ކިހިނެއް ހަދާނީ؟ މިތަނަކީ އަހަރެންގެ އަމިއްލަ ވަޒަނެއް ނޫން" ބެގަރީ ބުންޏެވެ.

"އަހަރެން ބުނާ ބަހެއް އަހަންޏާ ނަހީކް ދޫކޮށްލާ. ޝާހްބާޒްބެ ކައިރިއަށް ދޭ. ޔަގީން ޝާހްބާޒްބެ ބެގަރީ ގައުމަށް ދިޔުމަށް އެހީވާނެކަން" ވިލިނީ ވާހަކަދެއްކިއެވެ.

"ބެގަރީއަށް ނޭނގުނަސް ވަރަށް އަވަހަށް ނަހީކްގެ ކަންތައް ނިމޭނެ. އޭނަ އެއީ ވަރަށް ވިޔާނުދާ މީހެއް. އަހަރެން މަޑުކޮށްގެން މިހުންނަނީ ރިދާއަށް އެހީވާންވެގެން" ވިލިނީ ވާހަކަދެއްކިއެވެ. ވާހަކައިގެ ތެރެއިން ވިލިނީ 'ރިދާ' ކިޔާލި އަޑު އިވުމާއެކު ބެގަރީ އަޅައިގަތެވެ. އެނަމަކީ ނަހީކްގެ ފުށުން އޭނައަށް އިވިފައިވާ ނަމެކެވެ. ވިލިނީ އެބުނާ ރިދާއަކީ ނަހީކްވެސް އެބުނާ ރިދާއަށް ވެދާނެއެވެ.

"ރިދާ...؟ ނަހީކްވެސް އެދުވަހު ދެއްކީ ރިދާއެއްގެ ވާހަކަ. ރިދާއެއް މިގެއަށް ގެނައީވެސް. ވަރަށް އިސްތަށިގަނޑު ދިގުކޮށް ހިކިކޮށް ހުންނަ މަންޖެއެއް" ބެގަރީ ބުންޏެވެ.

އެހިނދު ވިލިނީގެ މޫނުމަތިން ހައިރާންކަމެއް ފެނިލިއެވެ. އެއީ ހަމަ ރިންދާ ހެއްޔެވެ؟ ނަހީކް ލޯބިވަނީ ރިންދާދެކެ ހެއްޔެވެ؟ ނަހީކާއެކު ކޮޓަރިތެރޭގައި ބަންދުވެފައި ހުރީ ހަމަ ރިންދާ ހެއްޔެވެ؟ ވިލިނީގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ބެގަރީއަށް ބަލަހައްޓައިގެން އިނދެފައި މޭޒުމަތީގައި އޮތް ފޯނު ނެގިއެވެ. ގެލެރީ ހުޅުވާލާފައި ރިންދާ ވަކިން އިން ފޮޓޯއެއް ބެގަރީއަށް ދައްކާލިއެވެ.

"މިއީތަ ރިދާއަކީ؟" ވިލިނީ އެހިއެވެ. ބެގަރީގެ މޫނުމައްޗަށް ވެރިވި ކުލަވަރުތަކުން ވިލިނީއަށް ހަގީގަތް ހާމަވެގެން ހިނގައްޖެއެވެ.

ފޯނު ހިފައިގެން ސިޑިން އަރައިގެންދިޔަ ވިލިނީ ވިސްނަމުން ދިޔައެވެ. އެވަރުގެ ބޮޑުކަމެއް ހިނގައިދިޔައިރު ވިލިނީ ކައިރީގައި އެވާހަކަތައް ރިންދާ ނުދެއްކީތީ ވިލިނީ ދެރަވިއެވެ. ރިންދާގެ ފޯނަށް ވިލިނީ ގުޅީ ކޮޓަރިއަށް ވަދެފައެވެ. އެހެންނަމަވެސް ރިންދާ އެއްވެސް ކޯލަކަށް ޖަވާބުނުދިނެވެ.

*******

ބޭރު ޖޯލިފަތީގައި ފިޔާކޮށަން އިން ނަހާ މައްޗަށް ބަލައިލިއެވެ. އިރުއެރިއްސުރެ ފެށިގެން އުޑުމަތި އޮތީ ކަޅުކޮށްފައެވެ. ރިންދާ އޮފީހަށް ދާންވާއިރަށް ކާއެއްޗެއް ރޯފިލުވުމަށް އަވަސްކުރަމުން ދިޔަ ނަހާ ގޭތެރެއަށް ވަނެވެ. ތަށި ބަދިގޭ މޭޒުމަތީގައި ބަހައްޓާފައި ދެއަތް ދޮވެލައިގެން ނަހާ ދިޔައީ ރިންދާގެ ކޮޓަރި އާ ދިމާލަށެވެ. ދޮރުހުޅުވާލިއިރު ރިންދާ އެނދުގައި އޮތްތަން ފެނުމުން ނަހާ ދެފަރާތަށް ބޯހޫރާލިއެވެ. ރިންދާގެ ނަމުން ގޮވާލާފައި އެނދާ ގާތަށް ނަހާ ޖެހިލިއެވެ.

"ދަރިފުޅާ..." ނިދިޖެހިޖެހި އޮތް ރިންދާ ސިހުނެވެ. ބޯހިއްލާ ބަލައިލިއިރު ކައިރީގައި ނަހާ ހުއްޓެވެ.

"ވިއްސާރަވާން އުޅޭހެން މަންމައަށް ހީވަނީ. އަދިވެސް އޮތީތަ؟ އަވަހަށް ތައްޔާރުވާން އުޅޭ. ވާރޭގަ ނުޖެހި އޭރުން ދެވޭނީ" ނަހާ ބުންޏެވެ.

"މިއަދު ސަލާން ބުނާނީ. ވަރަށް ބޮލުގަ ރިއްސާތީ މިއުޅެނީ" ރިންދާ ބުންޏެވެ. ނަހާ ރިންދާގެ މަގަތުން އިށީނެވެ. ރިންދާގެ ނިތްމަތީގައި އަތްބާއްވާލާފައި ހުމުގެ އަސަރުނެތްކަން ޔަގީންކުރިއެވެ.

"ރޭގަ ރަނގަޅަށް ނުނިދަންތަ؟" ނަހާ އެހިއެވެ.

"ނިދިން. ބޭސްކައިގެން ކުޑަކޮށް އަރާމުކޮށްލަނިކޮށް ރަނގަޅުވާނެހެން ހީވަނީ" ރިންދާ ބުންޏެވެ.

"އެންމެ ރަނގަޅު. ނިދާލާ. އެކަމަކު އަޔާލްއަށް ގުޅަން ހަނދާންކުރާތި. ރޭގަވެސް ނުލާހިކު ދެރަވެފަ ހުރީ" ނަހާ ބުންޏެވެ.

********

ނަހާ ދިޔުމާއެކު ރިންދާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އަޔާލް މަތިން ހަނދާންވެފައި ރިންދާ ހިތުގައިޖެހުނެވެ. ނަހާގެ ދުލުން ނުބުނިކަމުގައި ވިޔަސް އަޔާލް ދެރަވާނެ ވަރު ރިންދާއަށް އިހުސާސްވެއެވެ. ހުދު ރިންދާވެސް ދެރަވެއްޖެއެވެ. ނަހީކްގެ ގޮތް ރަނގަޅަށް އެނގިހުރެ އެކުގައި ދެވުމުން ރިންދާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. ދިޔުމުގެ ކުރިން މެސެޖަކުން ނަމަވެސް އަޔާލްއަށް އަންގާނުލެވުނީތީއެވެ. ފޯނު ނަގާފައި ރިންދާ ފޯނަށް ބަލައިލިއެވެ. އަޔާލް ގުޅާފައި އެތައް ފަހަރަކު ހުއްޓެވެ. އަޔާލް އާ މެދު ކަންތައްކުރެވުނު ގޮތާމެދު ރިންދާ ދެރަވެ މައާފަށް އެދެން ބޭނުންވިއެވެ.

ބޮލުގައި ރިއްސާކަމަށް ނަހާ ކައިރީގައި ބުނީ މަންމަގެ ފަރާތުން އެތައް ސުވާލުތަކަކާ ކުރިމަތިވާނެކަން އެނގޭތީއެވެ. ދޮގުހެދުމަކީ ރިންދާއަށް ފަސޭހަކަމެއް ނޫނެވެ. އިތުރަށް އޮންނާކަށް ރިންދާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ތެދުވެ ފާހާނައަށް ވަނެވެ. ފެންވަރައިގެން ނުކުމެ ބަދިގެފަރާތަށް ދިޔައެވެ. ރިންދާ ފެނުމާއެކު ނަހާ ސުވާލުކުރިއެވެ.

"ނުނިދުނީމަ ހިތަށް އެރީ ތެދުވާނީއޭ" ކޮފީ ގިރަން ހުރެ ރިންދާ ބުންޏެވެ.

ކޮފީތަށި ހިފައިގެން ރިންދާ ނުކުތީ ބޭރު ގޯތި ތެރެއަށެވެ. ގޮނޑިމަތީގައި ކޮފީތަށި ބަހައްޓާފައި ފޯނު ނަގާފައި އަޔާލްގެ ނަންބަރަށް ގުޅާލިއެވެ.

"މޫދަށް ދާން ބޭނުން"

***********

މާގިނަ އިރެއްނުވެ އަޔާލް މަޑުކޮށްލައިގެން އިނީ ރިންދާ ގެއިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ގޭދޮށުގައެވެ. ރިންދާއަށް ބަދަލުތަކެއް އައިސްފައިވާކަން އެނގި އަޔާލް ހުރީ ރިންދާއަށް ވަގުތުދީގެންނެވެ. ކުރިން ރިންދާ އާ އެއްވެސް ސުވާލެއްކުރަން ބޭނުންނުވެފައެވެ. ދެކުދިންގެ މެދުގައި އޮތް ލޯބީގައި ކުޑަވެސް އަގެއް އޮތްނަމަ ވީގޮތެއް ރިންދާ އަމިއްލައަށް ކިޔައިދޭނެ ކަމަށް އަޔާލް ހުރީ އުންމީދުކޮށްގެންނެވެ. ރިންދާ ނުގުޅަނީސް ކުރިން ރިންދާއަށް ނުގުޅަން ނިންމައިގެންނެވެ. އެހެނީ އަނގައިން ބުނުމަކާ ނުލައި އަމަލުތަކުން ވަގުތު ބޭނުންވާކަމުގައި ރިންދާ ކުރިން ބުނެދީފިއެވެ. މޫދަށް ދާން ބޭނުންވާ ވަހަކަ ރިންދާ ބުނީ އަޔާލް ގަރާޖުގައި އެންމެ ބުރަކޮށް އުޅުނު ވަގުތުގައެވެ. ބޮޑުމީހާ ކައިރީގައި އިމެޖެންސީއެއް ކަމަށް ބުނެފައި އަޔާލް ރިންދާގެ އެދުން ފުރިހަމަކޮށްދޭން އައީ ހަމައެކަނި ލޯތްބަށްޓަކައެވެ.

ދޮރުން ނުކުތް ރިންދާއަށް ވަރަށް ފުންނަޒަރަކުން އަޔާލް ބަލައިލިއެވެ. އެ ސޫރަ ލޮލަށް ނުފެންނަތާ ސައުވީސް ގަޑިއިރު ވެއްޖެއެވެ. މޫނުމަތިން މާބޮޑު އެއްޗެއް އަޔާލްއަށް ފާހަގަނުވިޔަސް ރިންދާގެ ދެލޮލުން ކަންބޮޑުވުމެއް އަޔާލްއަށް ފާހަގަވިއެވެ. ސުވާލުނުކޮށް އަޔާލް ހިފާލީ ރިންދާގެ ދެއަތް ތިލައިގައެވެ. އަތް އުފުލާލާފައި ރިންދާގެ ދެއަތްތިލައިގައި އަޔާލް ބޮސްދިނެވެ. ރިންދާ ދެރަވީވަރުން އިސްޖަހާލިއެވެ. އަޔާލް ކަހަލަ ބަސްމަދު މަޑުމައިތިރިއެއް ދުވަހަކުވެސް ލިބޭނެކަމެއް ނޭނގެއެވެ. އަޔާލް އެއްވެސް ސުވާލެއްނުކޮށް އިނަސް އެ ހިތުގައިވެސް ސުވާލުތަކުން ފުނިޖެހިފައިވާނެއެވެ. އަޔާލްއަށް ބަލަހައްޓައިގެން ހުރެފައި ރިންދާ ހީލިއެވެ.

"ކޮންތާކަށް ދަނީ؟" ރިންދާ ފަހަތަށް އަރައި އިށީނުމާއެކު އަޔާލް އެހިއެވެ.

"ވިލިމާލެއަށް" ރިންދާ ބުންޏެވެ.

ވަކި ހިސާބަކަށް ސައިކަލް ދަންދެން އެކަކުވެސް އަނގައިން ނުބުނެއެވެ. ދެކުދިންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފިލުވާލީ އަޔާލްއެވެ.

"ބޭބީ ސައިބުއިންތަ ރަނގަޅަށް" އަޔާލް އެހިއެވެ.

"ކޮފީއެއް ބުއީ. މަޑުމަޑުން ރިންދާ ބުންޏެވެ. "ޔާލް ސައި ބުއިންތަ؟"

"ގަރާޖަށް ދިޔުމުގެ ކުރިން ކޮފީއެއް ބުއިން" އަޔާލް ބުންޏެވެ.

އަޔާލްގެ ފަހަތުގައި އިން ރިންދާ މަޑުމަޑުން އަޔާލް އާ ގާތަށް ޖެހިލިއެވެ. ދެއަތުން އަޔާލްގެ ބަނޑުގެ ދެފަރާތުގައި ހިފަހައްޓާލުމަށްފަހު ގާތަށް ޖެހިލިއެވެ. ދެން މަޑުމަޑުން އަޔާލްގެ ބުރަކަށީގައި ބޯއަޅާލިއެވެ. އެއިރު ރިންދާގެ ދެލޯ ވަނީ ކަރުނަތަކުން ފުރިފައެވެ.

ވިލިމާލެއަށް އެރިގޮތަށް އެކުވެރިއެއް މެދުވެރިކޮށް ދުވަހު ކުއްޔަށް ކޮޓަރިއެއް އަޔާލް ހޯދިއެވެ. ރިންދާގެ އަތުގައި ހިފައިގެން ކޮޓަރި އާ ހަމައަށް ގޮސްފައި އަޔާލް މަޑުކޮށްލިއެވެ.

"ރިދާ ބޭނުމިއްޔާ އެއްޗެހި ބަދަލުކޮށްލައިގެން އާދޭ. އަހަރެން މިތާ ބޭރުގަ މަޑުކޮށްލާނަން" އަޔާލް ބުންޏެވެ.

ހިނގައިގަތް އަޔާލްގެ އަތުން ރިންދާ ދުލެއްނުކުރިއެވެ. އަޔާލް ރިންދާއަށް ބަލައިލިއެވެ. އެހިނދު ރިންދާގެ ހިމޭންވެފައިވާ ދޫ ހިތަށް އުނދަގޫކުރަމުން ދިޔަ ވާހަކަތަކެއް ދައްކަން ތެޅިގަތް ކަހަލައެވެ.

"ތަނަކަށް ގޮސް ސައިބޮއެގެން ދާނީ މޫދާ ދިމާލަށް. އަވަސްކުރައްޗެ" ރިންދާގެ މޫނުގައި ފިރުމާލަމުން އަޔާލް ބުންޏެވެ.

"ޔާލް، އަހަރެން.... އަހަރެން ވާހަކައެއްބުނަން. ކުޑައިރުކޮޅަކަށް އެތެރެއަށް ވަދެލެވިދާނެތަ؟" ރިންދާ ބުންޏެވެ.

އަޔާލް ރިންދާގެ ފަހަތުން އެތެރެއަށް ވަނެވެ. ވަކިން ހުރީ ސޯފާގައި އަޔާލް އިށީނަސް ރިންދާ އިށީންނަ ހިޔާލެއް ނުކުރިއެވެ. ކުރީ ދުވަހުގެ ބިރުވެރި މަންޒަރުތައް ހިތަށް ސިފަވުމާއެކު ރިންދާގެ ގައިން ހީބިހި ނަގައިގަތެވެ.

"ޔާލް އަހަރެންނާ ހަމަ އެއްވެސް ސުވާލެއް ނުކުރާނަންތަ؟" ރިންދާ އެހިއެވެ.

"އަހަރެން ސުވާލުކުރާވަރުގެ ކަމެއް ރިދާ ކުރިންތަ؟ އެހެން ރިދާއަށް ހީވަންޏާ އަހަރެންގެ ހިތުގަމިވާ ޝަކުވާތައް ފިލުވަދީ" އަޔާލް ބުންޏެވެ.

އަޔާލްގެ އެ ޖުމްލައާއެކު ރިންދާއަށް ދެލޯ މަރާލެވުނެވެ.

ނަހީކްގެ ވާހަކަތައް އަޔާލްއަށް ކިޔައިދޭން ރިންދާއަށް ފަސޭހަނުވިއެއްކަމަކު އެއީ މުހިންމު ކަމެއް ކަމުގައިދެކިގެން އެވާހަކަތައް ރިންދާ ފެށިއެވެ. އެންމެ ފުރަތަމަ ނަހީކް ދިމާވި ދުވަހުން ފެށިގެން އެގެއިން ނުކުތުމާ ހަމައަށް ހިނގި ހުރިހާކަމެއް ރިންދާ ކިޔައިދިނެވެ.

ހިމޭންވެފައި ޖެހި ބުދެއްހެން އަޔާލް ގާވެފައި އިނެވެ. އެހާބޮޑު ކަމެއް ވެގެން ދިޔައިރު އަޔާލްއަށް ކުޑަވެސް ޝައްކެއްނުވެއެވެ. އެއީ ކިހާ ވިޔާނުދާ އިންސާނެއް ހެއްޔެވެ؟ ގިނިކަންޏާ ރިންދާ ތަހައްމަލްއެކުރީ ހާދަ ބޮޑު ވޭނެކެވެ. އަންހެންކުއްޖެއްގެ ހަޔާތުގައިވާ އެންމެ އަގުބޮޑު މުދާގަނޑަކީ އެ އަންހެނކުއްޖާގެ އިއްފަތްތެރިކަމެވެ. ބުއްދި ގޯސްވެފައިވާ ފިރިހެނެއްގެ ކިބައިން އަބުރު ރައްކާތެރިކުރުމަށްޓަކައި ރިންދާ އެކުރީ ވަރުގަދަ ހަނގުރާމައެކެވެ. އަޔާލްއަށްޓަކައި، އަލަތު ފިރިމީހާއަށްޓަކައި އިއްފަތްތެރިކަން ވެއްޔާ މޮޑެވިގެންދިޔަ ނުދިނުމަށް ކުރި މަސައްކަތާއި އެ މަސައްކަތުގެ ސަބަބުން ހަށިގަނޑަށް ލިބުނު އަނިޔާތަކާއި ނޫފައިގަނެފައި ހުރި ތަންތަނުގެ ވާހަކަ ބުނިއިރު ރިންދާއަށް ރޮވިއްޖެއެވެ. އަޔާލް ނުބުނަނީސް ލައިގެން ހުރި ގަމީސްކޮޅު އުފުލާލާފައި ބަނޑުގައި ނޫފައިގަނެފައި ހުރިތަން ރިންދާ ދެއްކިއެވެ. ނަހީކް ބޭނުންވިގޮތަށް ރިންދާގެ ފަރާތުން ފޮނިމީރުކަން ނުލިބުމުން އަނގަމަތީގައި ޖަހައި ތުންފަތުން ފަޅައިގެން ގޮސްފައި ހުރިތަންވެސް ދެއްކިއެވެ.

ރިންދާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ނުބަލަން އަޔާލް މޫނު އަނބުރާލިއެވެ. އެހިނދު ރިންދާ އަޔާލް އާ ގާތަށް ޖެހިލިއެވެ. ފަހަތުން އަޔާލްގެ ގައިގައި ބައްދާލިއެވެ.

"ހިނގާ މައްސަލަ ރިޕޯޓްކުރަން ދާން" ފަހަތަށް އެނބުރި ރިންދާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން އަޔާލް ބުންޏެވެ.

(ނުނިމޭ)