ޚަބަރު

ލިބިފައިނުވާ ޕީޕީއީ ކިޓުތަކަށް ދެއްކި ފައިސާ އަނބުރާ ހޯދަން އަންގައިފި

ރިފާ ހަލީލު

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ކިޓު ހޯދަން ހެލްތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށް، އެއްބަސްވެފައިވާ ގޮތަށް ބޭނުންވާ ބުރޭންޑު އަދި އެއްބަސްވެފައިވާ މުއްދަތުގައި ތަކެތި ނުލިބެނީސް އިތުރަށް ފައިސާ ދީފައިވާތީ އެ ފައިސާ އަނބުރާ ހޯދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާއްމުކުރި ހެލްތު މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮވިޑާ ގުޅާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ކޮވިޑުގެ ހާލަތު އެންމެ ގޯސްވެފައިވާ ދުވަސްވަރު ސިއްހީ ދާއިރާގެ ކަންކަމުގައި ބޭނުންކުރުމަށް ބޭނުންވާ ޕީޕީއީ ގައުންސް އާއި ގްލޯވްސް އަދި ޝޫކަވާގެ އިތުރުން ހެޑް ކަވާ ފޯރުކޮށްދިނުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޖުމުލަ 8.9 މިލިއަން ރުފިޔާއަށް 13،305 ގްލޯވްސް އާއި 100،450 ގައުންސް އާއި 100،450 ޝޫކަވާ އަދި ހަމަ އެ އަދަދަށް ހެޑް ކަވާ ހޯދުމަށް އެއްބަސްވެފައިވަނީ 2020 ވަނަ އަހަރުގެ މާޗު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެތަކެތި ހަތް ދުވަސް ތެރޭގައި ހަވާލުކުރުމަށް ވަނީ އެއްބަސްވެފައެވެ.

އެހެން ނަމަވެސް މުއްދަތު ފަހަނައަޅާ ގޮސް މަސްދުވަސް ވެގެން ދިޔަފަހުން އެތަކެތީގެ ތެރެއިން ލިބުނީ 5،580 ގައުންސް އާއި 100،450 ޝޫކަވާ އާއި 100،450 ހެޑްކަވާއެވެ. އަދި އެ ތަކެއްޗަށްވާ 4.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ.

އޭގެ އިތުރުން ބާކީ ހުރި ތަކެތި ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްދޭން އެކުންފުނިން އެދުމުން އިތުރަށް 51 ދުވަސް ދީފައިވާ ކަމަށާއި ނަމަވެސް އެގޮތަށް އެއްބަސްވެފައިވަނީ އެ މުއްދަތުގެ ތެރޭގައި ނުލިބި ހުރި އައިޓަމްތަކަށް ލިކުއިޑޭޓް ޑެމޭޖު ކެނޑުމަށްފަހު ފައިސާ ދޭގޮތަށެވެ. އެހެން ނަމަވެސް ހެލްތު މިނިސްޓްރީން މިފައިސާ ދީފައިވަނީ މިބައިތައް އުނި ނުކޮށް ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ޖުލައި މަހުގެ ކުރިން 44،450 ގައުންސް ފޯރުކޮށްދިން ނަމަވެސް އެ ގައުންތަކަކީ ހެލްތު މިނިސްޓްރީން އެއްބަސްވި ބްރޭންޑު ނޫން ބްރޭންޑެއްގެ ގައުންތަކަކަށްވުމުން އެތަކެއްޗާ އެ މިނިސްޓްރީން ހަވާލުނުވާ ކަމަށްވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެކަމަކު އެ ތަކެއްޗަށް ވާ ފައިސާގެ ގޮތުގައި ލިކުއިޑޭޓް ޑެމޭޖުވެސް ނުކަނޑައި 517،915 ރުފިޔާ ދީފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓު އޮފީހުން ބުނީ ނުނިމޭ މަސައްކަތަށް ޖުމުލަ އަގު އަދާކޮށްފައިވުމުން މަސައްކަތާ ހަވާލުވި ފަރާތުން މަސައްކަތް ފުރިހަމަނުކޮށް ލަސްވިކަމުގައި ވިޔަސް އެޅޭނެ އެކަށީގެންވާ ހަރުދަނާ ފިޔަވަޅެއް ނޯންނާނެ ކަމާއި މަސައްކަތުން ލިބެން ޖެހޭ މަންފާ ނުލިބި ގިނަ ދުވަސްތަކެއް ވެގެންދާނެ ކަމަށެވެ.

އެހެންކަމުން ޕީޕީއީ ގަތުމަށް ހަވާލުކުރި ފަރާތަށް އިތުރަށް ދީފައިވާ 500،000 އަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދަންޖެހޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އަދި އެ ފައިސާ ނުލިބިއްޖެ ނަމަ އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހޯދައި ޖަމާކުރަން ޖެހޭ އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ ކަަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އެ މައްސަލައިގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާތީ ގަވާއިދުގައި ބުނާ "މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީ"އަށް ހުށަހެޅުމަށާއި އިހުމާލުވި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމިޓީއަށް ހުށަހަޅަންވެސް ވަނީ ލަފާދީފައެވެ.