އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު، 22އ ގެ ހަށިގަނޑުގެ ފޮޓޯތައް ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.
ހ. ޝީރީން ވިލާ ގޭގެ ނުވަވަނަ ބުރީގައި ހުންނަ ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ތެރޭގައި ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. ޝިއާއުގެ ހަށިގަނޑު ފެނުނުއިރު އޮތީ ބޯބުރިކޮށްލައި ހަތަރެސްފައި ބުރިކޮށްލައިފައެވެ.
ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް ކަމަށް ބެލެވޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ އިރު، އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ ފޮޓޯތައް ލީކުވީ ފުލުހުންގެ ތެރެއިން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ފޮޓޯތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށާއި ނަމަވެސް އެ ފޮޓޯތައް ފުލުހުންގެ ތެރެއިން ލީކުވެފައިވޭތޯ ބަލަމުން އަންނަ ކަމަށް ބުންޏެވެ.
"އެ ފޮޓޯތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެ ފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ..،" ފުލުހުން ބުންޏެވެ.
ޝިއާއު މަރާލުމާއެކު އޭނާގެ އާއިލާއިން ވެސް ވަނީ ޝިއާއުގެ ފޮޓޯތައް ނުފެތުރުމަށް އެދިފައެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23އ، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓުގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރައްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓްމަންޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލްއަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާ އިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެެން ބަންދުކޮށްފައެވެ.
މިދިޔަ އާދީއްތަ ދުވަހު ޝިއާއުގެ ޖަނާޒާ ބާއްވާފައިވަނީ އޭނާގެ އުފަން ރަށް ފުވައްމުލަކު ސިޓީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު