ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލީއާގެ ކައިރީގައި އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ބޭއްވި ކަމަށްބުނާ މައްސަލައިގައި ތ. ތިމަރަފުށި، ވިލާ، ޒިހާން އަހުމަދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 17 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން އިއްޔެ ބާތިލުކޮށްފިއެވެ.
މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
މުލީއާގެ ކައިރީގައި އައިއީޑީ ބޭއްވި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކުރި ހއ. ހޯރަފުށީ، އާރޯ، އަހުމަދު މަމްދޫހުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އޭނާގެ އިތުރުން ދެން އެ މައްސަލައިގައި ހިމެނޭ، ތިން މީހުން ކަމަށްވާ މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދުގެ އިތުރުން ހ.މިޓާޒް، ތަލްއަތު މުހައްމަދަށް އިއްވާފައި ވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ އެމީހުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށްވާތީއެވެ.
މި ހަތަރު މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފީ ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި މަތީ ކޯޓުތަކަށް ހުށަހެޅިއެވެ. އެގޮތުން މަމްދޫހާއި އުބައިދުގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅި މައްސަލައިގައި، ޓެރަރިޒަމްގެ އަމަލެއްކުރުމުގައި އެމީހުންގެ ބައިވެރިވުމެއްވާ ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ބުރަވެވޭތީ، އެ ދެމީހުންގެ މައްޗަށް ކުރި ހުކުމް ބާތިލު ކުރިއެވެ.
ނަމަވެސް ތަލްހަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ، އެ ހުކުމް ހައިކޯޓުން ދެމެހެއްޓިއެވެ. ނަމަވެސް ހައިކޯޓުގެ އެ ނިންމުން ތަލްހަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން، ތަލްހަތުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.