ދުނިޔެ

އަދުގެ ދުނިޔެ: ޓްރަމްޕުގެ ގެޔަށް ފުލުހުން ވަނީ ނިއުކުލިއަރ "ބިސްކޯދު" އަތުލަންތަ؟

އިމާދު ލަތީފު

ހުސްވި ހަފުތާގެ ހޯމަދުވަހު އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައިގެ އޮފިސަރުން ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދިރިއުޅުއްވާ ރިސޯޓަށް ވަދެ އޭނާގެ ކޮޓަރި ކޮޓަރިޔާއި އަލަމާރިތަކާއި ތިޖޫރީތައް ހުޅުވައި ބަލައި ފާސްކޮށްފައެވެ. ފްލޮރިޑާގައި ޓްރަމްޕާއި އޭނާގެ އާއިލާގެ ގިނަ މެންބަރުން ދިރިއުޅޭ "މާރް އަ ލަގޯ" ރިސޯޓު ހާވައި ބެލީ އެތަނުގައި ކޮންއެއްޗެއް ފޮރުވާފައި ހުރެގެން ބާވައެވެ. އެނގިފައިވާ ގޮތުގައި ހޯދަން އުޅުނީ އައިރުގާނޫނީ ގޮތެެއްގައި ވައިޓްހައުސްއިން ޓްރަމްޕު ގެންދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ސިއްރު ފައިލްތަކެކެވެ. އެއީ އެމެރިކާގެ ގައުމީ ސަލާމަތާއި ބެހޭ ކަރުދާސްތަކެއް ކަމަށްވެއެވެ. ނިއުކުލިއަރ ހަތިޔާރާއި ގުޅުންހުރި، އަދި އާއްމުކުރުން ހުއްދަނޫން ކަރުދާސްތަކެއްވެސް އޭގެތެރޭގައި ހިމެނޭކަމަށް ބުނެވެއެވެ.

ވައިޓް ހައުސް ދޫކުރައްވައި ރައީސް ޓްރަމްޕް ނުކުމެވަޑައިގެންނެވިއިރު އެތަނުން ގެންދެވިއްޔާ ގެންދެވި ސިއްރު ފައިލްތަކުގައި ހުރުން އެކަށީގެންވަނީ ކޮންކަހަލަ މައުލޫމާތުތަކެއް ބާވައެވެ. ބޮޑު ސުވާލަކީ އެއީއެވެ. އެމެރިކާގެ އެޓާރނީ ޖެނެރަލް ހުއްދަ ދެއްވައިގެން ކޯޓު އަމުރުވެސް ހިފައިގެން އެފްބީއައިގެ އޮފިސަރުން ޓްރަމްޕުގެ ގެޔަށް ވަންނާނީ އެކަށީގެންވާ ހެކި ހުރެގެންނެވެ. ޓްރަމްޕުގެ ވެރިކަމުގެ ދައުރުގައިވެސް އޭނާއަކީ ވަރަށް ނިއުކުލިއަރ ވެގެން އުޅުއްވި ބޭފުޅެކެވެ. ނިއުކުލިއަރ ހަތިޔާރުގެ ވާހަކައިން ބައިސާ ކެނޑުއްވުން ގިނަ ބޭފުޅެކެވެ. ފިތަކަށް އޮބާލައްވައިގެން އުތުރު ކޮރެޔާއާއި އަފްޣާނިސްތާނު ވުޖޫދުން ފޮހެލާނަމޭވެސް ވިދާޅުވިއެވެ. ރައީސް ޕުޓިންއާއި ރައީސް ޝީޖިންޕިން ދުވަހަކު އަޑުވެސް އައްސަވާފައިނުވާނޭ ބާވަތުގެ ބިރުވެރި، ބާރުގަދަ ހަތިޔާރާއި ބެހޭ މައުލޫމާތު އޭނާގެ ކިބައިގައި ހުރިކަމަށްވެސް އެތައް ފަހަރަކު ވިދާޅުވެފައިވެއެވެ.

ނިއުކުލިއަރ ހަތިޔާރަށް އެވަރަށް "މޮޔަފުޅު" ވެގެން އުޅުއްވި ރައީސަކު ރިޔާސީ ކިއްލާ ދޫކުރައްވައި ވަޑައިގަންނަވާއިރު އެޒާތުގެ ހަތިޔާރާއި ގުޅޭ މައުލޫމާތު ހިމެނޭ ސިއްރު ކަރުދާސްތައް އަމިއްލަފުޅު ގެޔަށް ގެންދެވުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށްވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު އޭނާއަށްވެސް ގެންދެވޭނީ އަތްފޯރާފަށުގައި ހުރި އެއްޗެއްތާއެވެ. ވައިޓް ހައުސްގައި ހުންނެވިއިރު ރައީސް ޓްރަމްޕުގެ އަތްޕުޅަށް އެރުން އެކަށީގެންވާ ފައިލްތަކެއް ހުންނާނެއެވެ. އޭގެތެރޭގައި ނިއުކުލިއަރ ހަތިޔާރު މުރާޖައާކުރުމާއި އެމެރިކާގެ ނިއުކުލިއަރ ސިޔާސަތާއި އެމެރިކާގައި ހުރި ހަތިޔާރުތަކުގެ ގޮތާއި ބާވަތާއި އެމެރިކާގެ ނިއުކުލިއަރ ކެރިކުޅަދާނަކަން ހުރި ނެތްމިންވަރާއި ގުޅޭ ކަރުދާސްތައް ހިމެނެއެވެ. ހިމެނޭނެއެވެ. އެތަނުން ބައެއް ކަރުދާސްތައް ޓްރަމްޕު ނަކަލު ކުރެއްވުމާއި ފޮރުއްވުމަކީ ވެދާނޭ ކަމެކެވެ.

އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ކޮންމެތާކަށް ވަޑައިގެންނެވިޔަސް އެމެރިކާގެ ނިއުކުލިއަރ ހަތިޔާރުގެ ކޮންޓްރޯލާއި ގުޅިފައިވާ ކޯޑުތައް ހިމެނޭ ކަޅުފޮށްޓެއް ނުވަތަ ބްރީފްކޭހެއް ދާދިގާތުގައި ހުރެއެވެ. އެފޮށި އުފުލަނީ އެމެރިކާގެ ސިފައިންގެ އޮފިސަރެކެވެ. މިފޮށި މަޝްހޫރުވެފައި އޮންނަނީ ނިއުކުލިއަރ "ފުޓްބޯޅަ" އިގެ ނަމުންނެވެ. މި ފުޓްބޯޅަޔާއި ގުޅިފައިވާ އެންމެ ޚާއްސަ އެއްޗަކީ ޒާތެއްގެ ޕްލާސްޓިކް ކާޑެކެވެ. ކްރެޑިޓް ކާރޑަކާއި ވައްތަރު އެއްޗެކެވެ. އެޔަށް ކިޔަނީ ނިއުކުލިއަރ "ބިސްކޯދު" މިހެންނެވެ. އެއީ ނިއުކުލިއަރ ހަމަލާއެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަންކުރުމަށް ހުއްދަ ދިނުމުގެ ކާޑެކެވެ. އެއީ ރިޔާސީ އަމުރުކަން ޔަގީންވާ ކޯޑުތަކާއި އައިޑެންޓިފިކޭޝަން ކޯޑުތައްވެސް ހުންނަނީ އޭގައެވެ. މިދެންނެވި ނިއުކުލިއަރ "ބިސްކޯދު" ޓްރަމްޕުގެ އަތްޕުޅުގައި އަދިވެސް އޮތީ ކަމަށް ވެދާނެއެވެ.

ނިއުކުލިއަރ "ބިސްކޯދު" އޮތަސް އައު ރައީސް ޖޯ ބައިޑެން މަގާމުގެ ހުވާ ކުރެއްވި ސިކުންތުން ފެށިގެން އެވާނީ ބޭކާރު ޕްލާސްޓިކް ކޮޅަކަށެވެ. އެވަގުތުން ފެށިގެން ކޯޑުތައް ހުންނާނީ ބަދަލުކުރެވިފައެވެ. އެހެންވީމާ އެޔެކޭ މުއްދަތު ހަމަވެފައިވާ ކްރެޑިޓް ކާޑެކޭ ތަފާތެއް ނުވާނެއެވެ. ނިއުކުލިއަރ "ބިސްކޯދު" ބޭކާރުވިޔަސް ރަޝިޔާ އާއި ޗައިނާ ކަހަލަ ގައުމަކަށް އެ "ބިސްކޯދު" ލިބިއްޖެނަމަ އެމެރިކާގެ ދިފާއީ ރޭވުންތެރިކަން ހުރިނެތްގޮތް ދެނެގަތުމުގެ ޚަޒާނާއަކަށް ވާނެއެވެ. މިއީ އެމެރިކާ ޖެހިލުންވާނޭ ކަމެކެވެ. މިދެންނެވި ފުޓްބޯޅަޔާއި ބިސްކޯދަކީ ޓްރަމްޕް ނިކަން ފަޚުރުވެރިވެ ވަޑަައިގެންނެވި އެއްޗެކެވެ. އެއްފަހަރު އުތުރު ކޮރެޔާގެ ލީޑަރަށް އިންޒާރު ދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. ކަލޭ މާބޮޑަށް ނުފުއްޕާށެވެ. އަހަރެންގެ ނިއުކުލިއަރ ގޮބު މާބޮޑެވެ.

ޓްރަމްޕުގެ ގެއިން ފެނުނު އެއްޗަކާއި ނުފެންނަ އެއްޗެއްގެ އެކޮޅު މިކޮޅު ސާފުވާނީ އަދި ދުވަސްކޮޅެއް ފަހުންނެވެ. މި މައްސަލަ މިހާރުވަނީ ވަރަށް ބޮޑު ސިޔާސީ މައްސަލައަކަށްވެސް ވެފައެވެ. މިއީ ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި ސިޔާސީ ހަތުރުން ފްރޭމްކުރަން ހިންގޭ ޒާތުގެ ކަމެއްކަމަށް ސިފަކޮށް ޓްރަމްޕުގެ ސަޕޯޓަރުން ދަނީ ހަޅުތާލުވެސް ކުރަމުންނެވެ. މި މައްސަލައިގައި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ގިނަ ބަޔަކު ތިބީ ރައީސް ޖޯ ބައިޑެންއަށް ވަރަށް ރުޅިންނެވެ. މިއީ ކުރިޔަށް އޮތް މިޑްޓާރމް އިންތިޚާބާ ދިމާކޮށް ކުޅޭ ސިޔާސީ ޗަރުކޭހެއްގެ ގޮތުގައިވެސް ދަނީ ސިފަ ކުރަމުންނެވެ. ޚިޔާލު ހޯދުންތައް ދައްކާގޮތުން މިޑްޓާރމް އިންތިޚާބުގައި މަޖިލީހުގެ ތިލަފަތް ބަރުވާނީ ރިޕަބްލިކަނުންގެ ފަރާތަށެވެ. ރިޕަބްލިކަނުންގެ އުތުރު ތަނޑިޔަކީ އަދިވެސް ޓްރަމްޕެވެ.