މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ތިން ގުނަ ބޮޑު އަދަދެއް ދޭން އެކުންފުނިން ނިންމައިފިއެވެ.
ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ދީފައެއް ނުވެއެވެ. އެމްއޭސީއެލްގެ މުވައްޒަފުންނަށް އެންމެ ފަހުން ބޯނަސް ދީފައިވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދީފައިވަނީ 7،879.79 ރުފިޔާއެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދިނުމަށް ކަމަށެވެ.
"ހުރިހާ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25،000 ދިނުމަށް ވަނީ ނިންމާފައި، ކުޑަޔަސް ބޮޑަސް ކޮންމެ މަގާމެއްގައި ހުރި މީހަކަސް، ހުރިހާ މީހުންނަށް އެއް ވަރަކަށް ބޯނަސް ދޭން ވަނީ ނިންމާފައި،" އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ އަހަރު ހަމަސް ދުވަހަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށް ވެސް ބޯނަސް ދޭން ނިންމާފައިވާ ކަމަށާއި އަދި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަމަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ނިންމާފައިވަނީ ވަޒީފާގައި އުޅުނު މުއްދަތަށް ބަލާފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ހުރިހާ ފަރާތްތަކަށް މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ބޯނަސް ޖަމާކުރާނެ،" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ 2020 ވަނަ އަހަރު މުވައްޒަފުންނަށް ބޯނަސް ދީފައިނުވަނީ ކުންފުންޏަށް ފައިދާވެފައި ނުވާތީ ކަމަށެވެ.