މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ވ. އަތޮޅުގެ މާގުޅި ފަޅުގެ އުތުރުން އޮންނަ ކަނޑުއޮޅިން ވަނުމުގެ ތެރޭގައި އޭއެމް އާގަމް ނަކަމަށް ކިޔާ ބާޖެއް ފަަރަށް އަރައި ލިބުނު ގެއްލުމުގެ ބަދަލުގައި 100 މިލިއަން ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ އިންޑިއާއިން ހިލަ ބަރުކޮށްގެން އައި މި ބާޖުން ފަރަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އީޕީއޭ އިން ބުނީ އެ ފަރުގެ 6،054 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމުލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 152،569،800 (ސަތޭކަ ފަންސާސް ދެ މިލިއަން ފަސްލައްކަ ފަސްދޮޅަށް ނުވަހާސް އަށްސަތޭކަ) ރުފިޔާއެވެ. ނަމަވެސް ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާކަމުގައިވާތީ 100 މިލިއަން ރުފިޔާ ޖޫރިމަނާކުރީ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ވަނީ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ބާޖުގެ ރާއްޖޭގެ އެޖެންޓު، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އަންގައިފައެވެ.
އީޕީއޭއިން އިތުރަށް ބުނީ ގާނޫނުގެ ދިހަ ވަނަ މާއްދާގެ ދަށުން ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއެކުގައި ފަށާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު