Close
ޚަބަރު

އައިޖީއެމްއެޗުން ވައްކަންކުރި މައްސަލައިގައި މީހަކު އަދި ހައްޔަރެއް ނުކުރޭ: ޕޮލިސް

ރިފާ ހަލީލު

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އޮންކޮލޮޖީ ނުވަތަ ކެންސަރު ޑިޕާޓުމަންޓު ފަޅާލައި އެތަނުން ވައްކަންކުރި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އައޖީއެމްއެޗް އޮންކޮލޮޖީ ޑިޕާޓުމަންޓުން ވައްކަން ކުރި ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށް މީގެ ކުރިން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ވަނީ "ވަން" އަށް ވިދާޅުވެފައެވެ. ނަމަވެސް ވައްކަން ކޮށްފަ ހުރިކަން މިމަހުގެ 11 ވަނަ ދުވަހު އެނގިގެން އެ މައްސަލަ ފުލުހަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން"އަށް މިއަދު ވިދާޅުވީ އައިޖީއެމްއެޗުން ވައްކަން ކުރި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.

އައިޖީއެމްއެޗުގެ ކެންސަރު ޑިޕާޓުމަންޓު ފަޅާލައި ވަގަށް ނެގީ ކެންސަރަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބޭސްތަކެެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އައިޖީއެމްއެޗަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ހޮސްޕިޓަލެކެވެ.