ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: ސައްޕު ޖަހައި މޮރޮކޯގެ ކޯޗު ބޭރުކޮށްލީ ކީއްވެ؟

އިމާދު ލަތީފު

ވޯލްޑްކަޕުގައި ކުޅުމަކީ ހަމަކޮންމެ ގައުމެއްގެވެސް ހުވަފެނެކެވެ. އަމާޒެކެވެ. ވޯލްޑްކަޕަށް ކޮލިފައިވެއްޖެނަމަ އެކަންކޮށްދިން ކޯޗަށް ގައުމީ ބަތޮލެއްގެ ދަރަޖަވެސް ލިބެއެވެ. އެކަމަކު މިއާ އިދިކޮޅަށްވެސް ކަންކަން ހިނގައިފައި ހުރެއެވެ. ވޯލްޑްކަޕަށް ކޮލިފައިކޮށްދޭ ކޯޗު މުބާރާތް ފެށުމުގެ ކުރިން ވަކިކޮށް ފޮނުވައިލާ މަންޒަރުވެސް ފެނެއެވެ. މިކަހަލަ ކަމެއް މި ހަފުތާގައި މޮރޮކޯއިން ވަނީ ފެނިފައެވެ. މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް އެފްރިކާއިން ކޮލިފައިވި ޓީމުތަކުގެ ތެރެއިން އެއްޓީމަކީ މޮރޮކޯއެވެ. މޮރޮކޯ ކޮލިފައިކޮށްދިނުމުގެ އާރުކާޓީއަކީ ބޮސްނިޔާއަށް ނިސްބަތްވާ ވަހީދު ހަލިލްހޮޒިޗެވެ. އެކަމަކު މުބާރާތް ފެށުމުގެ ތިންމަސް ކުރިން މޮރޮކޯގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އުމުރުން 69 އަހަރުގެ ހަލިލްހޮޒިޗް ވަޒީފާއިން ވަކިކޮށް ފޮނުވާލައިފައެވެ.

މިހާލަތު އޭނާއަށް ކުރިމަތިވި މިއީ ފުރަތަމަ ފަހަރެެއް ނޫނެވެ. އަޖައިބުވާންޖެހޭ ކަމަކީ އެއީއެވެ. މިއީ ވޯލްޑްކަޕް ފެށުމުގެ ކުރިން އޭނާއަށް ވަޒީފާ ގެއްލުނު ތިންވަނަ ފަހަރެވެ. ވޯލްޑްކަޕަށް ކޮލިފައިކޮށްދިނުމަށްފަހު ޓީމާއެކު ވޯލްޑްކަޕަށްދާން ފުރުސަތު ނުލިބި މީގެ ކުރިންވެސް ދެފަހަރަކު އޭނާއަށް ވަޒީފާ ގެއްލުނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕަށް އެފްރިކާގެ އެހެން ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓް ކޮލިފައިކޮށްދިނީ ހަލިލްހޮޒިޗެވެ. އެކަމަކު މުބާރާތް ފެށުމުގެ ހަމަސްކުރިން އައިވަރީ ކޯސްޓްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ. ސަބަބަކަށްވީ ޓީމުގެ ސީނިއަރ ކުޅުންތެރިންނާ މައްސަލަޖެހުމާއި ގޮތްދޫނުކޮށް މާބޮޑަށް މުރަނަވުމެވެ. ހަލިލްހޮޒިޗްގެ ބަދަލުގައި ޓީމު ގޮވައިގެން ވޯލްޑްކަޕަށް ދިޔައީ ސުވިޑަންގެ ގޯރާން އެރިކްސަނެވެ.

އެންމެފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕަށް އޭޝިޔާގެ ގައުމެއް ކަމަށްވާ ޖަޕާނު ކޮލިފައިކޮށްދިނީ ވެސް ހަލިލްހޮޒިޗެވެ. އެކަމަކު މުބާރާތް ފެށުމުގެ ދެމަސްކުރިން ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ. ޖަޕާނު މީހުންނަކީ ކަންކަމުގައި އާންމުކޮށް ކެތްތެރިކަން އިސްކުރާ ބައެކެވެ. އެކަމަށް މަޝްހޫރުވެސް ބައެކެވެ. އެކަމަކު ހަލިލްހޮޒިޗުގެ ކަންކަން ހުރިގޮތުން ޖަޕާނަށްވެސް ކެތްކުރެވޭވަރު ނުވީއެވެ. އޭނާގެ އުސޫލުތަކާއި ކުޅުންތެރިންނާމެދު މުއާމަލާތުކުރާ ގޮތާއި އެސޯސިއޭޝަނުގެ ވެރިންނަށް އިހުތިރާމް ނުކުރުމާއި މިހެންގޮސް ތަފާތު އެތައް ކަމެކެވެ. އެހެންވީމާ ލޯމަރައިފައި ސައްޕެއް ޖަހައިލީއެވެ. އެންމެފަހުން ޓީމު ގޮވައިގެން ވޯލްޑްކަޕަށް ދިޔައީ ޖަޕާނުގެ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރު އަކީރާ ނިޝީނޯއެވެ.

ވޯލްޑްކަޕަށް ކޮލިފައިކޮށްދިނީމާ ޓީމުގޮވައިގެން ވޯލްޑްކަޕަށް ދިޔުމުގެ ފުރުސަތު މިހާތަނަށް ތިން ގައުމަކުން ހަލިލްހޮޒިޗަށް ނުދިނަސް އޭނާ ވަނީ އެއްފަހަރު ވޯލްޑްކަޕުގެ ތަޖުރިބާވެސް ކޮށްފައެވެ. އެއީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑްކަޕުގައި އެފްރިކާގެ ގައުމެއް ކަމަށްވާ އަލްޖީރިޔާއާއެކު ކުރި ތަޖުރިބާއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެފަހަރު އަލްޖީރިޔާވަނީ ފާހަގަ ކުރެވޭ ކުޅުމެއް ކުޅެފައެވެ. މުބާރާތުގެ ދެވަނަ ބުރުންވެސް ޖާގަ ހޯދިއެވެ. އެބުރުގައި އަލްޖީރިޔާ ބަލިވީ ވަރަށް ހަނިގޮތަކަށް ދޭއް އެކަކުން ޖަރުމަނު އަތުންނެވެ. މުބާރާތުގެ ޗެމްޕިއަންކަން އެފަހަރު ހޯދީވެސް ޖަރުމަނެވެ. އެންމެ ފަހުގެ ހަތަރު ވޯލްޑްކަޕަށްވެސް އޭނާ ހަވާލުވި ޓީމުތައް ކޮލިފައިކޮށްދިނުމާއި އޭގެތެރެއިން އެއްޓީމު ގޮވައިގެންގޮސް ޗެމްޕިއަން ޓީމަށް ވާންކުރި ކުރުމަކީ އޭނާގެ މޮޅުކަން ހާމަވާ ހެކިތަކެވެ.

މީހަކު މާބޮޑަށް މޮޅުވެ މަޝްހޫރުވުމަކީ ބައެއްފަހަރު އެމީހެއްގެ ހިތުތެރޭގައި ކިބުރުވެރިކަން އަށަގަނެ މުރަނަކަން އިތުރުވާން މެދުވެރިވާ ސަބަބެކެވެ. އެހެންވެއްޖެނަމަ އެމީހަކަށް ބަދުނަސީބު ހާލަތު މެދުވެރިވުންވެސް އޮންނަނީ ނުހަނު ގާތުގައެވެ. ހަލިލްހޮޒިޗުގެ މިސާލަކީ މިއީ ކަމަށް ވެދާނެއެވެ. މޮރޮކޯގެ އެސޯސިއޭޝަނުން ހަލިލްހޮޒިޗް ވަޒީފާއިން ވަކިކުރީ އޭނާގެ މުރަނަކަން ބޮޑުވެގެންގޮސް އޮބިނޯންނަ ހިސާބަށް ދިޔުމުންނެވެ. ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރެއިން ޗެލްސީގެ ހަކީމް ޒިޔާޝްއާއި ބަޔާން މިއުނިކްގެ ނުސައިރު މަޒްރާވީ ވަނީ ޓީމާ ދުރަށް ގޮސްފައެވެ. އޭނާ ދެމިހުރިހާ ދުވަހަކު މޮރޮކޯއަށް ނުކުޅެންވެސް ނިންމައިފައެވެ. އެ ދެކުޅުންތެރިން ވޯލްޑްކަޕް ޓީމުގައި ހިމެނުމަށް ސަޕޯޓަރުން ބޭނުންވެއެވެ. އެއީ އެސޯސިއޭޝަނުގެ ރައީސް ފައުޒީ ލަގްޖައުގެ ވެސް ހުވަފެނެކެވެ.

މިކަން މިހެން އޮތަސް ހަލިލްހޮޒިޗް ހިރުވާތަން ކަހައިލުމެއްވެސް ނެތެވެ. މިކަމާމެދު އެސޯސިއޭޝަނާ ވާހަކަ ދައްކަންވެސް ބޭނުމެއް ނުވެއެވެ. އެހެންވީމާ ދެންވާންއޮތް އެތި ވީއެވެ. ވަޒީފާއިން ވަކިކުރީއެވެ. ހަލިލްހޮޒިޗްގެ ބަދަލުގައި ޓީމާއި ދެން ހަވާލުވާނޭ ކަމަށް ބެލެވެނީ މޮރޮކޯގެ ކުލަބެއް ކަމުގައިވާ ވިދާދު ކަސަބްލަންކާގެ ކޯޗު ވަލީދު ރިކްރާކީއެވެ. އޭނާއަކީ ކުރިން މޮރޮކޯގެ ގައުމީ ޓީމަށް ކުޅެފައިވާ ތަރިއެކެވެ. މިއަހަރުގެ މެއިމަހު އެފްރިކަން ޗެމްޕިއަންސް ލީގުގެ ތަށި ވިދާދު ކަސަބްލަންކާއަށް ހޯދައިދިނީ އޭނާއެވެ. ކޮންމެ މީހަކު ކޯޗުކަމަށް އަޔަސް އެމީހެއްގެ އިރުޝާދުގެ ދަށުން މޮރޮކޯ ނިކުންނާނީ ގްރޫޕް އެފްގައި ކްރޮއޭޝިޔާ އާއި ކެނެޑާއާއި ބެލްޖިއަމާ ދެކޮޅަށެވެ. މީގެތެރެއިން ކްރޮއޭޝިޔާއަކީ ވޯލްޑްކަޕުގެ އެންމެ ފަހުގެ ރަނަރއަޕެވެ.