އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 04

އަބްދުﷲ ފާރޫގް ހަސަން

(8 އޯގަސްޓުގެ އަދަދާ ގުޅޭ)

ޢަރަބި ޤައުމުތަކުގެ ބައެއް "މުދިންކާޅުން" އިސްވެދެންނެވި މަފުހޫމުގެ ޙަދީޘުފުޅުތައް އިންޠިބާޤު ކުރެއްވުމުގައިވަނީ ވަރަށްބޮޑު ކުށެއް ކުރައްވައިފައެވެ. އިސްވެދެންނެވި ޙަދީޘުފުޅުތަކުގެ މުރާދަކީ ފިރުޢައުނާއި ޤައިސަރާއި ކިސްރާފަދަ ބަޔަކު ވެރިކަމުގެ ތަޚްތަށް ސަވާރުވިކަމުގައިވިޔަސް މުސްލިމުންނަށް ކިޔާކަހަލަ ނަންތަކެއް އެބަޔަކަށް ކިޔާކަމުގައިވާނަމަ ތަބާވާން އަމުރުކުރެއްވުމެއް ނޫނެވެ. އިސްލާމީ ޝަރީޢަތަށް ފުރައްސާރަކުރަމުންދާ މީހުންނާއި ދީނީ ޝަޢާއިރުތަކަށް ތައުހީނުކުރަމުންގެންދާ މީހުންނާއި ރިސާލަތުގެ ނާމޫސުގެ ޙުރުމަތް ކަނޑަމުންގެންދާ މީހުން ޙިމާޔަތްކުރަމުން ގެންދާއިރުވެސް މިސްކިތްތަކުގައި ނަމާދުކުރުން މަނާނުކުރާތީ އެފަދަ ވެރީންނަށް ކިޔަމަންވުން ވާޖިބުކުރެއްވުމެއް ނޫނެވެ. ބޭދީނީ ކަންކަމާއި އަނިޔާއާ ދެކޮޅަށް ޞުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރާ ފަރާތްތައް ހުރަގެޖަހަމުން ގެންދާއިރުވެސް އެފަދަ މީހުންގެ މޫނަށް މިރުސްދުންޖަހަމުން ގެންދިޔަކަމުގައިވިޔަސް އެ މުސްތަބިއްދުންނަށް ކިޔަމަންވުން ވާޖިބުކުރެއްވުމެއް ނޫނެވެ. ނަބީބޭކަލުން ގެންނަވައިފައިވާ ޤާނޫނުތަކުގެ ބަދަލުގައި އެހެނިހެން ބިންގާތަކެއްގެ މަތީގައި ޤާއިމުކޮށްފައިވާ ސަރުކާރުތަކަކީ ބާޣީ ސަރުކާރުތަކެކެވެ. އެފަދަ ސަރުކާރުތަކަކަށް ދެމިއޮތުމުގެ ކުޑަވެސް ޙައްޤެއްނެތެވެ. ޙާކިމުންނަށް ކިޔަމަންވުމުގެ އަމުރުފުޅު އައިސްފައިވާ ޙަދީޘްފުޅުތައް މިފަދަ ޙާކިމުންގެ މައްޗަކަށް ތަޠުބީޤެއް ނުކުރެވޭނެއެވެ. އެބައެއްގެ ގޮށްމުށުބާރާއި އަނިޔާވެރިކަމާ ނިސްބަތްކުރާއިރު ކިސްރާއާއި ޤައިސަރު އަނިޔާވެރިކަމަކީވެސް އެއްވެސްކަމަކަށް ނުވާވަރުގެ އަނިޔާވެރީންގެ މައްޗަކަށް އެއަމުރުފުޅުތަކެއް ތަޠުބީޤެއް ނުކުރެވޭނެއެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން އިންކާރުކޮށް ތިޔަކަހަލަ ވިސްނުމެއް ނުގެންގުޅެމުއޭ ފާޅުގައި ބުނާބައެއްގެ މައްޗަކަށްވެސް ތަޠުބީޤެއް ނުކުރެވޭނެއެވެ.

ޢަރަބި ޤައުމުތަކުގެ ވެރީންކުރެ ގިނަބޭފުޅުންނަކީ ސިކިއުލަރ ވިސްނުންފުޅުގެ ބޭފުޅުންނެވެ. އެބޭފުޅުންގެ ނަޒަރުގައި ދީނުގެ ދާއިރާއަކީ އިންފިރާދީ ދާއިރާއެވެ. ދީން ޖެހޭނީ އެ ދާއިރާއަށް ފެތޭވަރަށް ހަނިކުރާށެވެ. އިޖުތިމާޢީ ދާއިރާއަށާއި ސިޔާސީ ދާއިރާއަށް ދީން ވައްދައިގެނެއް ނުވާނެއެވެ. އެ ދާއިރާތަކަށް ދީން ވެއްދުމަކީ ދީން ހަތިޔާރަކަށް ހެދުމެވެ. އެކަން ކުރިޔަދީގެން ނުވާނެއެވެ. އެބޭފުޅުންނަކީ ދީނުގެ އިޖުތިމާޢީ ވުޖޫދު ސުންނާފަތިކުރުމާ ނިކަން ޤަބޫލުފުޅު ބޭފުޅުންނެވެ. އެކަމަށް ދަޢުވަތުދެއްވާ ބޭފުޅުންނެވެ. ދީން އިރުޝާދުދޭގޮތަށް އިޖުތިމާޢީ ދިރިއުޅުން ބައްޓަންކޮށް ހިންގުމަކީ އެބޭފުޅުން ނުހަނު ހިތްޕުޅާ ހަމަނުކުރައްވާ ކަމެކެވެ. އަނިޔާވެރި މުޖްރިމު ޙާކިމުންނަށް ކިޔަމަންވާން މަޝްވަރާދެއްވާ ބޭފުޅުންގެ ނަޒަރުގައި ވެރީން އަޅުކަންކުރުން މަނާނުކުރައްވާހައި ހިނދަކު ވެރީންނާ ހުރަހޮޅިގަތުމަކީ ބޭނުންކަމެއް ނޫނެވެ. އެބޭފުޅުންގެ ނަޒަރުގައި މުސްލިމުންގެ އިޖުތިމާޢީ ނިޒާމުގެ އިސްވާރުކަމުގައިތިބީ ފާސިޤު ފާޖިރުން ކަމުގައިވިޔަސް އެކަން އެގޮތަށް އޮތަދޭންވީއެވެ. އެފަދަ ބޭފުޅުން ވިދާޅުވާގޮތުގައި ވެރިކަމާއި ސަރުކާރު ހިންގުމުގެ ބާރަކީ މާތް اللّـــه ދެއްވާ އިނާމެކެވެ. ހެޔޮކަމުގެ އަހްލުވެރީންނަށް ދެއްވާނެ އިނާމެކެވެ. އެހެންކަމުން އެބޭފުޅުންގެ ހުރިހައި މަސައްކަތްޕުޅުތަކެއްގެ ދާއިރާއަކަށް ހައްދަވައިފައިވަނީ ހެޔޮ ޢަމަލުތަކަށް ބާރުއަޅުއްވައި ނަސޭހަތް ދެއްވުމެވެ. ހެޔޮނުބައި ވިސްނައިދެއްވުމެވެ. ކީރިތި ޤުރްއާނުން ނުރަނގަޅުގޮތުގައި ދަލީލު ނަންގަވާކަށެއްވެސް އެފަދަ ބޭފުޅުން ފަސްޖެހިވަޑައެއް ނުގަންނަވައެވެ. އެބޭފުޅުން ވިދާޅުވެއެވެ. އަރަހުށި މާތް اللّـــه ކީރިތި ޤުރްއާނުގައިވަނީ އީމާންވެ ޞާލިޙު ޢަމަލުކުރާ މީހުން ބިންމަތީގައި ބާރުވެރި ކުރައްވާނެކަމަށް ވަޢުދުކުރައްވައިފައެވެ. އެހެންކަމުން އެކަން ލިބިގަންނާކަށެއް މަސައްކަތެއް ކުރާކަށެއް ނުޖެހެއެވެ.

އެބޭފުޅުން ވިސްނައިވަޑައެއް ނުގަންނަވައެވެ. އަރަހުށި މާތް اللّـــه ވަނީ އެންމެންނަށްވެސް ރިޒުޤު ދެއްވާނެކަމަށް ވަޢުދުކުރައްވައިފައެވެ. އެކަމަކު އިންސާނުން ރިޒުޤު ހޯދާން މަސައްކަތްކުރާން ޖެހެއެވެ. މަސައްކަތްކުރެއެވެ. ޝަރީޢަތް ބާރުއަޅާގޮތަކީވެސް މަސައްކަތް ކުރުމެވެ. ހަމައެފަދައިން އީމާންކަމުގެ އަހްލުވެރީން ބިމުގައި ޚަލީފާވެރި ކުރައްވާނެކަމަށް ވަޢުދުކުރައްވައިފައި އޮތްކަމުގައިވިޔަސް ޚިލާފަތުގެ ނިޒާމު ޤާއިމުކުރާން މަސައްކަތްކުރާންޖެހެއެވެ. ވެރިކަމާއި ޚިލާފަތަކީ އެކަން އަދައިގެން މަސައްކަތެއް ނުކޮށް ދެއަތް އުރައިލައިގެން ތިއްބައި ލިބޭނެ އިނާމެއް ނޫނެވެ.

ސިލޭހަ ހިފައިގެން ބަޣާވަތްކުރުމުގެ ޙަޤީޤަތް

ބައެއް ބޭފުޅުންވަނީ ޙާކިމުންނާ ދެކޮޅަށް އިޙްތިޖާޖުކުރުން ކުށްވެރިކުރެއްވުމަށްޓަކައި "ސިލޭހަ ހިފައިގެން ނުކުމެ ބަޣާވަތް" ކުރާކަމުގެ ލޭބަލްވެސް ޖައްސަވައިފައެވެ. އެއީ ޙަރާމް ކަމެއްކަމުގައި ވިދާޅުވެފައެވެ. އިސްލާމީ ޤައުމުތަކުގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ގޮވައިލާ ނިކަމެތި އިންސާނުން ނުވަތަ ޖުމްހޫރީ ނިޒާމު ޤާއިމުކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދަން ނުވަތަ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވަން ޙަރަކާތް ހިންގާ މީހުން މުޖްރިމުންގެ ކޮށިގަނޑުތަކުގައި ކޮޅަށް ބައިތިއްބައިފައެވެ. ސުވާލަކީ ރައްޔިތުންގެ ބަޔަކު ޙައްޤު ހޯދަން ގޮވައިލުމަކީ ހަތިޔާރު އަޅައިގެން ބަޣާވަތްކުރުން ކަމުގައިވާނަމަ އެކަމުގެ ސަބަބަކަށްވީ ކޮންބައެއްތޯ މިސުވާލެވެ. އެކަމުގެ ޒިންމާ އުފުލާންޖެހެނީ ކޮންބައެއްތޯ މިސުވާލެވެ. މިސާލެއްގެގޮތުން ދަންނަވަމެވެ. ސޫރިޔާ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅުހަދައި އިންސާފު ހޯދާން އެދުމުގެގޮތުންނާއި މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޙައްޤު ހޯދުމަށާއި މިނިވަންކަމާއެކު އެއްވެ ޖަލްސާތަކާއި ޖުލޫސްތައް ބޭއްވުމުގެ މިނިވަންކަމަށްއެދި ރައްޔިތުން މުޒާހިރާ ކުރާންފެށީ 2011މ. ގައެވެ. ސޫރިޔާއަކީ މިނިވަންކަމާއެކު ދުލާއި ޤަލަމުން ޚިޔާލުފާޅުކުރުމުގެ ހުއްދަ އޮންނަ ޤައުމެއް ނޫނެވެ. ސޫރިޔާގެ ރައްޔިތުން އިޙްތިޖާޖަށް ނުކުތީ އެތަކެއް ދަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާ އަނިޔާއާއި ގޮށްމުށުބާރާ ދެކޮޅަށެވެ. ތޫނިސަށް ގެނެވުނު ކާމިޔާބު އިންޤިލާބަށްފަހު މިސުރާއި ސޫރިޔާގެ އަނިޔާ ލިބިފައިވާ ރައްޔިތުންގެ ހިތްވަރު އާލާވާގޮތް ވެގެންނެވެ. އެގޮތުން މިސުރާއި ސޫރިޔާއާ ދެޤައުމުގައިވެސް މުޒާހަރާކުރާން ފެށީއެވެ. ސޫރިޔާގައި ޙަރަކާތަށް ނުކުތް ޒުވާނުންކުރެ އެތަކެއްހާސް ޒުވާނުންނަކީ حـافـظ الأســــد އެބައިމީހުންގެ ބައްޕައިންނާއި ކާފައިން އަނިޔާވެރިގޮތުގައި މަރުއްވައިފައިވާ ޒުވާނުންނެވެ. ނިތްކުރީގައި އިޙްތިޖާޖީ ނަޢުރާތައް ލިޔެގެން މަގުތަކަށް ނުކުތީ އެބައިމީހުންނެވެ. ސޫރިޔާއިން ކުރިކަމަކީ އޭގެތެރެއިން އެތަކެއްހާސް ބަޔަކު ހައްޔަރުކޮށް ހުރަގެ ޖެހުމެވެ. ޞުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ޢަދުލުއިންޞާފު ހޯދާން އެދުމަކީ އެޒުވާނުންގެ އިންސާނީ ޙައްޤެކެވެ. ޤާނޫނީގޮތުންނާއި ބައިނަލްއަޤްވާމީގޮތުން ކަށަވަރުކޮށްދެވިފައިވާ ޙައްޤެކެވެ.

ހައްޔަރުކުރި ޒުވާނުންނާމެދު بـشّــار ގެ "އަޅުން" ޢަމަލުކޮށްފައިވަނީ ކޮންގޮތަކަށްތޯއެވެ؟ ސިފައިންނާއި ފުލުހުން އެ ޒުވާނުންނަށް ކޮށްފައިވަނީ ފިތްކަނޑައިގެންދާވަރުގެ ހަރުކަށި އަނިޔާތަކެވެ. ދީފައިވަނީ އެހައިމެ ހަރުކަށި އަދަބުތަކެވެ. ޖަލުތަކުގެ ތޭރިތަކުގެ ނިވަލުގައިވަނީ އެޒުވާނުންގެ ގުނަވަންތައް ބިންދައިފައެވެ. ކަށިތައް މުގުރައިފައެވެ. ކާކުކަން އޮޅުންނުފިލާވަރަށް މޫނުގައި ޅިޔައަޅައިފައެވެ. މުޅި ޤައުމުގައި ހުޅުރޯވެ އަނދާންފެށީ އެ ހިތެއްފިތެއްނެތް އަނިޔާތަކުގެ ސަބަބުންނެވެ. ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ މުވައްޒަފުންނާއި ދަރަޖަވެރީންކުރެ ދިރިހުރި ޟަމީރެއްގެ ނަސީބު ލިބިފައިވާ މީހުން އެހައިތަނުން މަސައްކަތުން އެއްކިބާވެ ފިލާންފެށިއެވެ. ސަރުކާރުގެ ބާރުތަކާ ކުރިމަތިލާން ފެށިއެވެ. ރައްޔިތުންގެ ކިބައިގައި ބާރުގެ ބޭނުންކުރުމާއި ސިލޭހައިގައި ހިފުމުގެ ވިސްނުން އުފެދުނީ ސަރުކާރުން ޢަމަލުކުރިގޮތުންނެވެ. ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުންނެވެ. ޢާންމުން ނުކުތީ އަމިއްލަ ސަލާމަތަށްޓަކައެވެ. ބޭނުންކުރީ ހަށިރައްކަލުގެ ތަދުބީރުތަކެވެ. އެތަދުބީރުތައް ނާކާމިޔާބުވުމުން ދެން މަސައްކަތްކުރީ އިޙްތިޖާޖުކުރުމުގެ ޖާއިޒު ޙައްޤުގެ ދިފާޢުގައެވެ. ލޭއޮހޮރުވުމަށް ލޭއޮހޮރުވުމުން ޖަވާބުދޭންފެށީ ދެނެވެ. ރައްޔިތުންގެ ޖާއިޒު އިންސާނީ ޙައްޤުތައް ބާރުގެ ބޭނުންކޮށްގެން އޮބަހައްޓައި ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރަމުން ގެންދާއިރު ރައްޔިތުންގެ ކިބައިގައި ހަރުކަށިކަމާއި ބާރުގެ ބޭނުންކުރުމުގެ ވިސްނުން އުފެދުމަކީ ޠަބީޢީކަމެކެވެ.

އަނިޔާވެރިކަމާއި ގޮށްމުށުބާރުގެ ބޭނުންކޮށްގެން ދެކޮޅުހެދުމެއްނެތި މަޢުޞޫމް ފުރާނަތައް ހިފަމުންގެންދާއިރު އެންމެން ހަނުހިމޭންކަން އިޚްތިޔާރުކޮށްގެން ކޫސްވެސް ކިޔައިނުލައި ތިބޭން އެންގުމުން އެކަމަށް ރުހި ބޯލަނބައިފިކަމުގައިވާނަމަ ނަތީޖާއަކަށްވާނީ އަނިޔާވެރީންގެ ހިތްވަރު އާލާވުމެވެ. ހިންމަތް އިތުރުވުމެވެ. އަނިޔާވެރިކަމުގެ ކަޅުރޭރެއަށް ނިމުމެއް ނާންނާނެއެވެ. ދުވަހަކުވެސް އިންސާފުވެރިކަމުގެ ފަތިހަކަށް އައްޔެއް ނުވިލޭނެއެވެ. އަނިޔާއާ ދެކޮޅަށާއި ޠާޣޫތާ ޚިލާފަށް ތައްބައްދައިގެން ދެއަތް އުރައިލައިގެން ތިބުމަކީ ދީނުގެ އަހްލުވެރީންނާއި ރައްބާނީ މީހުންނަށް މުޅީން ނާކާމިޔާބުވުމެވެ. ބާޠިލުގެ އަހުލުވެރީންނަށް ޞަރީޙުކޮށް ފަތަޙަ ލިބުމެވެ. އުފެދޭ ސުވާލަކީ މުފުތީން ބޭނުންފުޅުވަނީ ބާޠިލަށް ތާއަބަދު ގަދަކަން ލިބިފައި އޮތުންބާވައޭ މިސުވާލެވެ. ދުވަހަކުވެސް ޙައްޤަށް ނަޞުރު ނުލިބުންތޯ މިސުވާލެވެ.

މިފަހުގެ ތާރީޚުގައި މިސުރުގައި ހިނގައިދިޔަ ރައްޔިތުންގެ އުތުރި އެރުމާއި ސަރުކާރުން އަނިޔާވެރިކަމާއެކު ބާރުގެ ބޭނުންކުރުމުގެ ސަބަބުވެރިޔަކީ ޑިކްޓޭޓަރ عـبــدالــفـتّاح السّيسى ނޫން އެހެން ކާކުތޯއެވެ؟ އެކަމުގައި ޒިންމާވާންޖެހޭނީ މިސުރުގެ އިސްލާމީ ފިކުރުގެ ރައްޔިތުންތޯއެވެ. عــلاّمــــة يـــوسف الــقـــــرضـــاوى އަކީ އިސްލާމީ ޢިލްމުވެރީންގެ ބައިނަލްއަޤްވާމީ ޔޫނިއަންގެ ރައީސެވެ. މިސުރުގެ އިންތިޚާބީ ރައީސް محــمّــد الــمـــــرســـى އާ ދެކޮޅަށް ސީސީކުރެއްވި ބަޣާވަތަކީ ޙަރާމްކަމެއްކަމަށް الــقـــــرضـــاوى ފަތުވާދެއްވިއެވެ. ޖާއިޒު އިންތިޚާބީ ރައީސުގެ ރިޔާސަތު އަލުން އިޢާދަކުރާން ގޮވައިލެއްވިއެވެ. އެކަމަކު ޢިލްމުވެރީން ޢަމަލުކުރެއްވީ ކޮންގޮތަކަށްތޯއެވެ. އެބޭކަލުން ގެކޮޅުތަކުގައި ތިއްބަވާއިރު ތިއްބަވާނީ މުރުސީއާ އެއްކޮޅަށެވެ. ބޭރުތެރޭގައި ސީސީއާ އެއްކޮޅަށެވެ. خـــادم الحــــــرميـــــن الـشّــــريــفــــين ހުންނެވީ ސީސީއާ އެއްމުގޯއްޔެއްގައި ކަމުގައިވާތީއެވެ. خـــادم الحــــــرميـــــن الـشّــــريــفــــين ސީސީއަށް ތާއީދުކުރައްވައި އަތްބާރުއަޅުއްވައި ދެއްވާތީއެވެ. އެހެންކަމުން ޢަރަބި ދުނިޔޭގެ ޝުޔޫޚުންނާއި އިމާމުންނަކަށް އެބޭކަލުންގެ މައުޤިފު އިޢުލާންކުރެއްވުމުގެ އަޚްލާޤީ ހިތްވަރުފުޅެއް ލިބިވަޑައެއް ނުގެންނެވިއެވެ. ކަންމިހެންހުރުމާއެކު މިސުރާއި ސޫރިޔާ ފަދަ ޤައުމުތަކުގެ ރައްޔިތުން ހަތިޔާރު ހިފައިގެން ނުކުމެ ބަޣާވަތްކުރުމުގެ ޒިންމާ އުފުލާންޖެހޭނީ އެޤައުމުތަކުގެ ސަރުކާރުތަކުންކަމީ އިތުރު ބަހުސަކަށް ތަންއޮތްކަމެއް ނޫނެވެ.

އަނިޔާއާ ދެކޮޅަށް އިޙްތިޖާޖުކުރުމަކީ ހުއްދަ ކަމެކެވެ.

މި މައިގަނޑު ނަމުގައި ކީރިތި ޤުރްއާނުގެ ތިން ނައްޞެއް ހުށަހަޅައިލާނަމެވެ.

1. "އަނިޔާއެއް ލިބިގެންވާ މީހާ މެނުވީ ބުނާބުނުމުން ނުބައިކަން ފާޅުކުރުމަށް މާތް اللّـــه ލޯބިވެވޮޑިގެނެއްނުވެއެވެ. (އެބަހީ: އެކިގޮތްގޮތުން އެކިތަންތާނގައި ހިނގާ ނުބައިކަންތަކުގެ ވާހަކަ ދައްކައި ފާޅުކޮށް އުޅުމަކީ މީސްތަކުންގެ ތެރޭގައި ނުބައިކަން ފެތުރުމަށްލެވޭ ބާރަކަށްވާތީ، މާތް اللّـــه ރުހިވޮޑިގެންނުވާ ކަމެކެވެ. ނަމަވެސް އަނިޔާއެއް ލިބިއްޖެމީހާ އެ އަނިޔާގެ ވާހަކައިން ޝަކުވާކުރާންވީ ފަރާތްފަރާތުގައި ޝަކުވާކޮށް އުޅުމަކީ އެންމެރަނގަޅު ކަމެކެވެ.) އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللّـــه ވޮޑިގެންވެއެވެ." (ســورة الـنّسـاء: 148)

މި އާޔަތުގެ ތަފްސީރުގައި عــلاّمـــة إبـــن كــثيــــــر ލިޔުއްވައިފައިވެއެވެ. "އަނިޔާ ލިބިފައިވާ މީހުން އެ އަނިޔާއާ ރުހިގެން ހިމޭނުން ތިބުމަކީ ރަނގަޅުގޮތެއް ނޫނެވެ. اللّـــه އެގޮތަކާ ރުހިވޮޑިއެއް ނުގަންނަވައެވެ. މާތް اللّـــه ގެ އަޅުން އަނިޔާއާމެދު ހަނުހިމޭންވެ އަނިޔާއާއި ބޭއިންސާފުގެ ކުރިމަތީގައި އިސްއޮބައިލުމަކީ اللّـــه ރުހިވޮޑިގެންވާގޮތެއް ނޫނެވެ. މީސްތަކުން ވާންޖެހޭނީ ޣީރަތްތެރި ޙުމިއްޔަތުހުރި ބަޔަކު ކަމުގައެވެ. އަނިޔާތަކާމެދު ހަނުހިމޭންކަން އިޚްތިޔާރުކުރުން އާދަޔަކަށް ހެދުމަކީ އަނިޔާވެރިކަން ބޮޑުވެ އިތުރުވާނެކަމެކެވެ. އޭގެ ސަބަބުން ޤައުމުތައް ސުންނާފަތިވެ ހަލާކުވެގެން ހިނގައިދާނެއެވެ. އެހެންކަމުން އެކަށީގެންވީ ކޮންމެގޮތަކަށް އަނިޔާއާ ދެކޮޅުހަދައި އަނިޔާއާ މުޤާބަލާކުރާން ޖެހޭނެއެވެ. އަނިޔާއާމެދު ޝަކުވާކުރުމާއި ފަރިޔާދުކުރުމަކީ އެކަމާމެދު އިޙްތިޖާޖުކުރުމެވެ. އެކަމުގެ ހުއްދަ ދެއްވުމުގައި ޚާއްޞަ މަޞްލަޙަތެއް އެކުލެވިފައިވެއެވެ. އެހެނީ އިޙްތިޖާޖު ނުކޮށްފިކަމުގައިވާނަމަ އަނިޔާވެރިޔާއަށް އަނިޔާކުރާން އިތުރު ހިތްވަރު ލިބެއެވެ. އަނިޔާވެރިކަމުގެ ސިލްސިލާ އިތުރަށް ދިގުވެއެވެ."

(ނުނިމޭ)