ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 30

4

ހުރިހާ މުވައްޒަފުންގެ ކުރިމައްޗަށް އެގޮތަށް ނުކުންނަން ޖެހުމުން ރިންދާ ލަދުގަތެވެ. އެއްވެސް ގަދައެއް ނުދެއްކީ އެތަނުން އެއްވެސް މީހެއްގެ ކެމެރާއަށް އަރަން ބޭނުންނުވާތީއެވެ.

މަގަށް ނުކުމެފައި ނަހީކް ދެފަރާތް ހޯދައި ބަލައިލިއެވެ. ދުރުގައި އޮތް ކާރަކަށް އަތުން އިޝާރާތްކޮށްފައި ކައިރިއަށް އައުމަށް ބުނެލިއެވެ. އެއާއެކު ނަހީކްގެ ކައިރީގައި އައިސް ކާރު މަޑުކޮށްލިއެވެ.

"ބެގަރީ ޓެކްސީއެއް ނަގައިގެން ގެއަށް ދޭ" ކާރުން ބެގަރީ ފޭބުމާއެކު ނަހީކް ބުންޏެވެ. އެއާއެކު ބޯޖަހާލާފައި ބެގަރީ ހިނގައިގަތެވެ.

"އިނގޭތަ ތިއަށް ކިޔަނީ ކިޑްނެޕްކުރުން. ތިކުރަނީ ގާނޫނީ ކުށެއް" ރިންދާ ބުންޏެވެ.

"އަހަރެން ދުވަހަކުވެސް ރިދާ އާ މެދު ތިބުނާ ގޮތަށް ކަންތަކެއް ނުކުރާނަން. އެއަށް ވުރެ މާބޮޑަށް އަހަރެން ލޯބިވޭ" ނަހީކް ބުންޏެވެ.

"އަހަރެން އަތުން ދޫކޮށްލާ. މިއީ މަގުމަތި" ރިންދާ ބުންޏެވެ.

"އަހަރެން ރިދާއަކަށް އިތުބާރެއް ނުކުރަން" ނަހީކް ބުންޏެވެ.

"އަހަރެން އަތުން ދޫކޮށްލިޔަސް ނަހީކް އަހަރެން ގެންދަން ތިއުޅޭ ތަނަކަށް ހިނގައިދާނަން" ރިންދާ ބުންޏެވެ.

"ޔަގީންތަ؟ ދާނަންތަ؟ ދޫކޮށްލަންވީތަ؟" ނަހީކް އެހިއެވެ. ހިތްހަމަނުޖެހުމުގެ ނަޒަރެއް ނަހީކާ ބަދަލުކޮށްލާފައި ރިންދާ ފުންނޭވައެއް ދޫކޮށްލިއެވެ. ދެން ލުއްކެއްޖަހައި ނަހީކްގެ އަތުތެރެއިން އަތް ދަމައިގަތެވެ. އެއަށްފަހު ކާރު ވަށާލާފައި ގޮސް ފަހަތު ޝީޓަށް އަރާ އިށީނެވެ. ނަހީކް ކާރަށް އަރާފައި ޝީޓްބެލްޓު އެޅުވުމަށްފަހު ލޯގަނޑުން ފަހަތުގައި އިން ރިންދާއަށް ބަލައިލިއެވެ.

"ކުރިއަށް އާދޭ" ނަހީކް ބުންޏެވެ.

"ނުދާނަން" ރިންދާ ބުންޏެވެ.

އިތުރަށް ރިންދާ އާ ބަހުސްކުރުމެއްނެތި ނަހީކް ކުރިއަށް ކާރު ދުއްވާލިއެވެ.

********

ބަރަކްގެ ކޮޓަރި ދޮރުމަތިން ހުރަސްކުރި ވަގުތު އެނދުމަތީގައި ހުރި ފޮށި ފެނިފައި ރޫބިޔާ ހުއްޓުން އެރިއެވެ. ދޮރުކުޑަކޮށް ހުޅުވިފައި ހުއްޓައި އަތުންޖަހާ ބޮޑަށް ހުޅުވާލިއެވެ. އަލަމާރި ކައިރީގައި ހުރި ޖިލްވާ ސިހުނެވެ.

"މިއީ ކޮންކަމެއް. ކަލޭ މިގެއިން ދަނީތަ؟" ރޫބިޔާ އެހިއެވެ. ޖިލްވާ ހީލިއެވެ. އޭނާ އަބަދުވެސް މަސައްކަތްކުރަނީ ރޫބިޔާ އާ އުފާވެރި ހިނިތުންވުމަކާއެކު ބައްދަލުކުރުމަށެވެ.

"ނޫނޭ މަންމާ. މާދަމާ ރަށަކަށް ފުރަން މިއުޅެނީ. މަންމަ ކައިރީގަ ބަރަކް ނުބުނޭތަ؟" ޖިލްވާ އެހިއެވެ.

ރޫބިޔާ ރުޅިން ފަޅައިގެންދާވަރު ވިއެވެ. ބަރަކް ފުރަންއުޅޭކަން އެނގުމުން ރޫބިޔާ ހިތްހަމަނުޖެހޭ ގޮތް ވިއެވެ. ރޫބިޔާ އެކަނި ގޭގައި ބަހައްޓާފައި އެހެން ބަރަކަށް ފުރައިގެން ދެވިގެންނުވާނެއެވެ.

"ބަރަކް ދާން އުޅެފާނެ. އެކަމަކު ކަލޭ ގޮސްގެންނުވާނެ" ރޫބިޔާ ބުންޏެވެ. ފޮށި ތެރެއަށް ފަތްޖަހާފައި ހުރި ހެދުންތައް ބަހައްޓަން ގުދުވިގޮތަށް ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ރޫބިޔާއަށް ޖިލްވާ ބަލައިލިއެވެ.

"ފާޑަކަށް ބަލާނެކަމެއް ނެތް. ކަލޭ ބުނޭ ބަރަކް ކައިރީގައި ދަތުރު ކެންސަލް ކުރާށޭ" ރޫބިޔާ ބުންޏެވެ. ދެން ބާރަކަށް ދޮރުލައްޕާފައި ހިނގައިގަތެވެ.

******

އިމާރާތެއްގެ ކުރިމައްޗަށް ކާރު ހުއްޓާލުމާއެކު ރިންދާ ބަލައިލިއެވެ. މުށިކުލައިގެ ވަރުގަދަ ގޭޓޭއްލާފައި ބޮޑު ގެއެއް ރިންދާގެ ކަނާއަތްފަރާތުން ފެންނަން ހުއްޓެވެ. ނަހީކް ފައިބައިގެން ރިންދާއަށް ދޮރުހުޅުވައިދޭން އައުމުގެ ކުރިން ރިންދާ ނުކުމެއްޖެއެވެ. ހައިރާންވެފައި އެގެއާ ދިމާލަށް ރިންދާ ބަލަމުން ދިޔައެވެ.

"މިއީ ކޮން ގެއެއް؟" ރިންދާ އެހިއެވެ.

"މިއީ މުސްތަގުބަލުގަ ރިދާގެ ގެއެއް" ނަހީކް ބުންޏެވެ.

ރިންދާ ހިތްހަމަނުޖެހިފައި ނަހީކަށް ނަޒަރެއްދިނެވެ.

"ހިނގާ އެތެރެއަށް" ނަހީކް ބުންޏެވެ. ރިންދާ ނުރުހުންވެފައި ހުއްޓަސް އެކަމާ ނަހީކްގެ މާބޮޑު އަޅާލުމެއްނެތެވެ.

އެތެރެއަށް ވަދެގެންދިޔަ ރިންދާ ދެފަރާތް ހޯދަމުން ދިޔައެވެ. ހީކުރީ ގޭތެރެއިން ވިލިނީ ފެންނާނެ ކަމަށެވެ. ނަހީކްގެ އެ އުޅޭ ގޮތަކުން ވިލިނީ އާ މެދު އޮތް ގުޅުމަށް ހީނަރުކަމެއް އައިސްދާނެތީ ރިންދާ ކަންބޮޑުވިއެވެ.

"ކިހިނެއްވީ؟" ސިޑީގެ ދެތިން ހަރުފަތް ހުރަސްކޮށްފައި ނަހީކް އެނބުރި ބަލައިލި އިރު ރިންދާ ހުރީ ބޮޑުކޮޓަރީ ސޯފާތައް ކައިރީގައި މަޑުކޮށްލައިގެންނެވެ.

"އަހަރެން މިގެއަށް ގެނައީ ކީއްކުރަން" ރިންދާ އެހިއެވެ.

"ހެހެހެ... ވާހަކަދައްކާލަން" ނަހީކް ބުންޏެވެ.

"ތިހެންވިއްޔާ ދައްކަންވީނުން. ގޭގައެއްނު މިހުރީ" ރުންކުރުކަމާއެކު ރިންދާ ބުންޏެވެ.

"ކޮޓަރިއަށް ހިނގާ" ނަހީކް ބުންޏެވެ.

"ކީކޭ....؟ މޮޔަވެފަތަ ތިހުރީ. އަހަރެން ނަހީކްގެ ނިދާ ކޮޓަރިއަށް ވަންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. އެހެންނޫނަސް ކޮބާ ނަހީކްގެ އަނބިމީހާ؟" ރިންދާ އެހިއެވެ.

ނަހީކް ހަމައިން ނެއްޓި ދެނެވެ. ފައިބައިގެން އެއައިގޮތަށް އައިސް ހުއްޓުނީ ރިންދާ އާ މޫނާ މޫނުޖެހޭހާ ގާތުގައެވެ. ޖެހިލުންވެފައި ހުރި ރިންދާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.

"ބޭކާރު މީހުންގެ ވާހަކަނުދައްކާ. ދައްކަންޏާ އަދަބުދޭނަން" ނަހީކް ބުންޏެވެ.

ދެން ރިންދާގެ އަތުގައި ހިފައިގެން ސިޑިއާ ދިމާލަށް ދިޔައެވެ. ގަދަހަދަމުން ދިޔަ ރިންދާއަށް ޖެހުނީ ސިޑިމަތިން ދެމެމުންކަހަލަ ގޮތަކަށް ދާށެވެ.

ސިޑިން ފައިބަން އައި ބެގަރީއަށް އެމަންޒަރު ފެނުމާއެކު ހިންދިރުވާލިއެވެ. ރިންދާ އާ މެދު ބެގަރީ ރަހުމްހީވިއެވެ.

"މިއީ ބެގަރީ އިނގޭ...." ހީލަމުން ރިންދާއަށް ނަހީކް ބުންޏެވެ. "ބެގަރީ ކާންހަދާފަ ބަހައްޓައްޗޭ. އިރުކޮޅަކުން އަހަރެމެން ފައިބާނަން ކާން"

*********

ދޮރުގައި ޓަކިޖަހަން އަޔާލް އަތްއުފުލާލި ވަގުތު އެއީ އެތެރެއިން ދޮރުހުޅުވިގެން ދިޔަ ވަގުތެވެ. ނަހާ އާއި އަޔާލް ކުރިމަތިން ބައްދަލުވުމާއެކު އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"މަންމަ މިދަނީ ހައިބް ބަލާ ސްކޫލު ދޮށަށް. ކާންހަދާފަ ހުންނާނީ" ނަހާ ބުންޏެވެ.

"ރިދާ އައިތަ؟" އެތެރެއަށް ވަންނަމުން އަޔާލް އެހިއެވެ.

"އުނހު. ނާދޭ މަންމަވެސް ހަނދާންނެތިގެން އަދި ގުޅާނުލާ މިއުޅެނީ" ނަހާ ބުންޏެވެ.

އެތެރެއަށް ވަދެގެން ގޮސް އަޔާލް އިށީނީ ކާމޭޒު ކައިރީގައެވެ. މޭޒުމަތިން ކާހިއްވާ ކަހަލަ އެއްޗެހި ފެންނަން ހުއްޓަސް އަޔާލް ކާހިތެއް ނުވިއެވެ. ހެނދުނު އޮފީހަށް ދިޔަފަހުން ރިންދާގެ ހަބަރެއް ނުވެއެވެ. މެސެޖް ކުރިޔަސް ޖަވާބެއް ނުދެއެވެ. އޮފީހަށް ގުޅިއިރު ލިބުނު ޖަވާބުން އަޔާލް ބޯގޯސްނުވީ ހަމަ ނަސީބަކުންނެވެ. ފިރިހެނަކާއެކު ރިންދާ ބޭރަށް ދިޔައީ ކިހިނެއްވެގެން ކަމެއް އަޔާލްއަކަށް ނުވިސްނުނެވެ. ދިޔުމުގެ ކުރިން ބުނެނުލީތީ އަޔާލްގެ ހިތުގައި ޝަކުވާ ގިނަވިއެވެ. އެންމެފަހުން އަޔާލް ތެދުވެގެން ދިޔައީ ކުޑައެތިކޮޅެއް ކައިގެންނެވެ. ނަހާ ސުވާލުކުރާނެތީއެވެ.

******

ޓީވީއިން ދައްކަމުންދިޔަ ހިންދީ ޑްރާމާއަކަށް ގެއްލިފައި ސޯފާގައި ރޫބިޔާ އޮތެވެ. އޭނާގެ ފަޔާ ދިމާލުން އިށީނދެގެން ޖިލްވާ އިންއިރު ރޫބިޔާގެ ދެފައި އޮތީ ޖިލްވާގެ އުނގުގައެވެ. ރޫބިޔާގެ ފައި މޮޑެމުން ދިޔައިރު ޖިލްވާގެ ނަޒަރުވެސް ހުއްޓިފައިވަނީ ޓީވީން ދައްކަމުން ދިޔަ ޑްރާމާއަށެވެ.

"ތި ތަންކޮޅެއް ރަނގަޅަށް މޮޑެބަލަ. އާނ ހީވަނީ މަގޭ ފައި އުފުރާލަން އުޅޭހެން ވިއްޔަ" ރޫބިޔާ ހަޅޭއްލަވައިގަތެވެ.

ދޮރުހުޅުވާލާފައި ބަރަކް އެތެރެއަށް ވަނުމާއެކު ޖިލްވާ ބަލައިލިއެވެ. ހަތަރުކަޅި ހަމަވުމުން ޖިލްވާ ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ. ރޫބިޔާ ފުންމައިގެން ތެދުވެ ސޯފާގައި އިށީނެވެ.

"އަނހާ. ދަރިފުޅު އައީތަ؟ މަންމަ ފައެއްގަ ރިހޭވަރުން މިއަދު އޮފީހަށް ސަލާން ބުނެގެން މިއުޅެނީ" ރޫބިޔާ ބުންޏެވެ. އެއިރު ދޮރުމަތީގައި ބަރަކް ހުއްޓެވެ. ރޫބިޔާއަށް ފެނުނީ އެއްލި ކަޅިޔަކުންނެވެ.

"ނިމުނީތަ މަންމާ. ދެން އަހަރެން ކޮޓަރިއަށް ދަންތަ؟ ނޫނީ އަދިވެސް މޮޑެދޭންވީތަ؟" ޖިލްވާ އެހިއެވެ.

"ހެހެ... މިއީ ހާދަ ހެޔޮ ކުއްޖެކޭ" ޖިލްވާގެ ބުރަކަށީގައި ފިރުމާލާފައި ބަރަކްއަށް ރޫބިޔާ ބަލައިލި ވަގުތު ލިބުނީ ހައިރާން ކަމެކެވެ. ފަހަތުގައި ހުރި އަންހެންމީހާ ރޫބިޔާއަށް އެފެނުނީ އެތައް އަހަރަކަށް ފަހުއެވެ.

*********

"ދެން އަހަރެން ދިޔަދީ. ނަހީކް ތިކުރަނީ މާ ރަނގަޅުކަމެއް ނޫން. ނަހީކް ތިއުޅެނީ މީހަކާ އިނދެގެން. އަހަރެން މިއުޅެނީ މީހަކާ އިންނަން" ޓައިލްސްތަކުގެ މަތީގައި ރޮވިފައި އިން ރިންދާ ކިޔަމުން ދިޔައެވެ.

"ޝްޝްޝް... މާ ބާރަށް ތިހެން ނުކިޔާ.... އަހަރެން އޭނަ ވަރިކުރަން މިއުޅެނީ. ހުރިހާވެސް މައްސަލައަކީ އެ އަންހެންމީހާ" ރިންދާ ކައިރީގައި އިށީނދެގެން އިން ނަހީކް ބުންޏެވެ.

އިރުކޮޅަކާ ރިންދާގެ މޫނުގައި އިނގިލިތަކުން ނަހީކް ބީހިލާނެއެވެ. އަތުގައި ފިރުމާލާނެއެވެ. ތުންފަތުގައި އިނގިލި ޖައްސާލާނެއެވެ. ރިންދާ ބިރުން ފިއްކެނޑިފައި އިންއިރު އިނީ އެތަނުން ސަލާމަތްވާނެ މަގެއް ނުފެނިފައެވެ.

"އަހަރެން ވަރަށް ލޯބިވޭ. ކިހާ ދުވަހަކު އިންތިޒާރުކޮށްފިން.... ކައިރިއަށް އައިމަ ދެން ދުރަށްދިޔަކަ ނުދޭނަން. ރަންކިޔަން އެއްބަސްވެފަ ގެއަށް ދިޔަސް އެންމެ ރަނގަޅު" ނަހީކް ބުންޏެވެ.

ވަގުތުން ރިންދާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ދެއަތުން ނަހީކް ދުރަށް ކޮށްޕާލާފައި ދޮރާ ދިމާލަށް ދުއްވައިގަތެވެ. ފަހަތުން ނަހީކް ނާންނަކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް އެ ހަމަޖެހުން ގެއްލުނީ ދޮރާ ހަމައިން ހުއްޓެން މަޖުބޫރުވީމައެވެ. އަޖައިބެއް ކަހަލަ ތަޅެކެވެ. ހުޅުވާނެގޮތެއް ރިންދާއަށް ނޭނގުނެވެ. ފަހަތުން ނަހީކް ހިނިގަނޑެއް ޖަހާލި އަޑު އިވުމާއެކު ރިންދާ އެނބުރި ބަލައިލިއެވެ.

"ތިކަމެއް ނުވާނެ. ރިދާއަށް މިގެއިން ދެވޭނީ އަހަރެން ބޭނުންވީމަ" ނަހީކް ބުންޏެވެ. ދެން އައިގޮތަށް ހިފީ ރިންދާގެ އަތުގައެވެ. ގާތަށް ދަމާލާފައި ދެއަތުގެ ތެރޭގައި ރިންދާ ހައްޔަރުކޮށްލިއެވެ.

"ދޫކުރާށޭ.... މޮޔަމީހާ.... އަހަރެން ކިހިނެއް ކަލެ އާ އިންނާނީ. އެންމެފުރަތަމަ ކަލޭގެ ސިކުނޑިއަށް ބޭސްކުރަންވީނުން" ރިންދާ ބުންޏެވެ.

ނަހީކް ރުޅި އައީ ދެނެވެ. ރިންދާގެ މޫނުމަތީގައި އަތުންޖެހީ ރިންދާ މައިތިރިކުރުމަށެވެ. ވީތަދުންނާއި ބިރުގަތްވަރުން ވަގުތުން ރިންދާ ހިމޭންވިއެވެ. އެވަގުތުގެ ބޭނުންހިފައި ދިމާލަށް ހުރި އެނދަށް ރިންދާ ހޫރާލިއެވެ. އެނދުގައި ޖެހުނު ވަގުތު ރިންދާ ލައިގެން ހުރި ކަކުލާ ހަމައަށް އަންނަ މެރޫން ކުލައިގެ ހެދުމުގެ ފަސްބައި މޫނާ ހަމައަށް މައްޗަށް އަރައި ބަނޑުން ތަންގަނޑެއް ހާމަވެގެން ދިޔައެވެ.

*******

"މިއީ ކޮންކަމެއް؟ އަހަރެންނަށް ނުވެސް އިނގި" ރޫބިޔާ ބުންޏެވެ. އެއިރު އާތިކާ ގޮސް ރޫބިޔާގެ ގައިގައި ބައްދައިފިއެވެ.

"ދައްތަ އުފަލެއްނުވޭތަ އަހަރެން ފެނުނީމަ" އާތިކާ ބުންޏެވެ.

"އުފާވެއްޖެ. އެކަމަކު އުފާލަށްވުރެ ބޮޑަށް އަހަރެން ހައިރާންވެއްޖެ މިހިރަ އިންސާނަކު ފެނުނީމަ. ކަނބުލޮ ދުނިޔޭގަ އެބައުޅެންތަ؟"

ރޫބިޔާ އިޝާރާތްކުރީ ފަހަތުގައި ހުރި ވިލިނީ އަށެވެ. ވިލިނީ ހުރީ ރޫބިޔާ އާ ވާހަކަދައްކާހިތަކުން ނޫނެވެ. މިހުރިހާއިރު އެއްޗެއް ނުބުނެ ހުރީ އެހެންވެއެވެ.

"މާ މަޑުން ތިހުރީ އޯ. ކޮބާ ނަހީކް؟ އެސޮރު ނުލާ ތިއައީ ކީއްވެ؟" ރޫބިޔާ އެހިއެވެ. ވިލިނީ ރޫބިޔާދެކެ ރުޅިއައެވެ. ނަހީކްގެ ހަގީގަތް އެނގިހުރެ އާތިކާ ކުރިމަތީގައި އެވާހަކަ ދެއްކުމުން ހިތްހަމަނުޖެހުނެވެ.

"ނަހީކްވެސް ދެން އުޅޭނެއްނު. މަންމަ ހިނގާބަލަ ކޮޓަރިއަށް ވަރަށް ވާހަކަދައްކަން އެބަހުރި" ވިލިނީ ބުންޏެވެ. އާތިކާގެ އަތުގައި ހިފައިގެން ވިލިނީ ހިނގައިގަތުމާއެކު ފަހަތުން ރޫބިޔާ އަޅުވާލިއެވެ.

"ގެނޭ އަހަރެން ގެންދާނަން" އާތިކާގެ ފޮށީގައި ބަރަކް ހިފުމާއެކު ވިލިނީ ބުންޏެވެ.

ސިޓިންރޫމުން އެންމެން ހުސްވުމާއެކު ބަރަކް އައިސް ޖިލްވާގެ ކުރިމަތީގައި ހުއްޓުނެވެ. ޖިލްވާ ހީލުމާއެކު ބަރަކް ހިތަށް ހަމަޖެހުން ލިބުނެވެ. ޖިލްވާގެ ނޭފަތުގައި އިނގިލިން ޖަހާލާފައި ގެނެސް މެއާ ކައިރިކޮށްލިއެވެ.

"އަހަރެން ގޭގަ ނެތަސް ހުރިހާ ކަމެއް އެނގޭ" ބަރަކް ބުންޏެވެ.

"ކޮންކަމެއް. އަހަރެންނަކަށް ނޭނގޭ" މަޖަލަކަށް ހަދާފައި ޖިލްވާ ބުންޏެވެ.

"މަންމަ ވަރަށް ޖެއްސުންކުރޭ ދޯ" ބަރަކް އެހިއެވެ.

"އުނހު" ޖިލްވާ ބުންޏެވެ. ބަރަކް ހީލިއެވެ. ޖިލްވާ އެހަގީގަތް ހާމަނުކުރާނެކަން ބަރަކްއަށް އެނގެއެވެ.

"މާދަމާ ރޭ ފްލައިޓުން ފުރަނީ. ރެޑީވާތި އޭރަށް. މާދަމާއިން ފެށިގެން އަހަރެން ޗުއްޓީ" ބަރަކް ބުންޏެވެ. ޖިލްވާއަށް ލިބުނު ހިތްހަމަޖެހުމުގައި ބަރަކްގެ ގައިގައި ބާރަށް ބައްދާލިއެވެ.

"ދޮންބެ ބުނި ބައްދަލުކޮށްލަން އަންނާށޭ. އަހަރެން ދާނީ ޖިލް ގޮވައިގެން. އަހަރެމެން ކާނީ މިރޭ ބޭރުން" ބަރަކް ބުންޏެވެ.

"އަހަރެން ދިޔައިމަ މަންމަ އެކަނިވާނެއްނު" ޖިލްވާ ބުންޏެވެ.

"މަންމަ އެކަނި ފިލުވަން އެހެރީ މީހަކު ގެނެސްފައެއްނު. ޖިލް ދެން އެކަމާ ނުވިސްނާ" ބަރަކް ބުންޏެވެ.

**********

ދިމާލަށް ކުރިމަތީގައި ހުރި ގަޑި ބަލައިލާފައި ބެގަރީ ދެން ބަލައިލީ ކާން ތައްޔާރުކޮށްފައި ހުރި މޭޒަށެވެ. މެންދުރު ދޭއްޖަހަން ހުރީ ފަސްމިނެޓެވެ. ކާން އަންނާނަމޭ ބުނި މީހާގެ އެއްވެސް ހަބަރެއް ނުވެއެވެ. ނަހީކްގެ ހުއްދަނެތި މޭޒުމަތިން ތަށިތައް ނަގަންވެސް ބެގަރީއަށް ނުކެރުނެވެ. އެންމެފަހުން ސިޑިން އަރައިގެން ދިޔައެވެ. ނަހީކްގެ ކޮޓަރި ދޮރާ ހަމަވެފައި މަޑުކޮށްލިއެވެ. ޓަކިޖަހަން ނުކެރިގެން އިރުކޮޅަކު ހިމޭނުން ހުއްޓެވެ. ކޮޓަރިތެރެއިން އަޑެއްބަޑެއް ނީވެއެވެ. އެތެރޭގައި މީހަކު އުޅޭހެންވެސް ހިއެއްނުވެއެވެ. އެހެންޏާ ބައެއްފަހަރަށް މިޔުޒިކެއްގެ އަޑު އިވެއެވެ. ގަދަކަމުން އަންހެންކުއްޖަކު ގޮވައިގެން ވަދެފައި އެކުއްޖާއަށް ހެދި ގޮތެއްވެސް ނޭނގެއެވެ. އަނެއްކާ އެކުއްޖާ ދުނިޔޭގައި އެބަހުރިބާއެވެ؟ ހިތަށް އެރި އެއްޗަކުން ބެގަރީގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އަވަސް އަވަހަށް ތިރިއަށް ފައިބައިގެން ގޮސް ވަނީ ބަދިގެއަށެވެ. ކެބިނެޓް މަތީގައި އޮތް ފޯނު ނަގައިގެން ބަދިގޭ ހުރި ދޮރުން ނުކުތީ ގޯތިތެރެއަށެވެ. ދެން ވިލިނީގެ ނަންބަރު ހޯދާފައި އެ ނަންބަރަށް ގުޅިއެވެ. އެވާހަކަ ވިލިނީ ކައިރީގައި ކޮންމެހެންވެސް ބެގަރީ ހުރީ ބުނަން ބޭނުންވެފައެވެ. އެހެނީ ކިރިޔާވެސް ނަހީކާ ކުރިމަތިލާން ކެރޭނީ ވިލިނީއަށެވެ. އެހެންނަމަވެސް ގުޅައިގެން ވިލިނީ އާ ބައްދަލުވާގޮތެއް ނުވިއެވެ. ދެފަހަރަށް ގުޅިއިރުވެސް ވިލިނީ ފޯނަށް ޖަވާބެއް ނުދެއެވެ. އެންމެފަހުން ގޮތްހުސްވެފައިވާ ހާލު ބެންޗެއްމަތީގައި ބެގަރީ އިށީނެވެ. ނަހީކް ހަބަރެއް ވަންދެން މަޑުންހުރުން ގޮތެއް ނެތެވެ.

********

އިރުއޮށްސެން ކުޑަވަގުތު ކޮޅަކަށް ވެއްޖެއެވެ. ރިންދާގެ ހަބަރެއްނުވާތީ ނަހާ އިނީ ކަންބޮޑުވެފައެވެ. ނަހާ ކައިރީގައި އަޔާލް އިންއިރު ނަހާގެ ކަންބޮޑުވުންތައް ފިލުވަން ހަދާނެގޮތެއް އަޔާލްއަށް ނޭނގެއެވެ. ނަހާ ހީވަނީ ރޮއެ ގަންނަން އުޅޭހެންނެވެ. އެއްދަރި ލޯމަތީގައި މަރުވެގެން ހިނގައްޖެއެވެ. ރިންދާއަކީ ނަހާގެ ހުރިހާވެސް އުންމީދެވެ. ރިންދާއަށް ކަމެއްވެއްޖިއްޔާ ނަހާ ދުނިޔޭގައި ހުންނާނެކަމެއްވެސް ނޭނގެއެވެ. ހިތަށް އަރައި ފައިބަމުންދާ ބިރުވެރި ހިޔާލުތަކުން ނަހާގެ ހަމަޖެހުން ގެއްލިފައި އިނެވެ.

"މެސެޖްކޮށްފި. މިއަންނަނީޔޯ" އަޔާލް ބުންޏެވެ. ނަހާއަށް ހީވީ މިހުރިހާއިރު ތާށިވެފައި ހުރި ނޭވާތައް އެކީއެކައްޗަކަށް ބޭރުވެގެން ދިޔަހެންނެވެ. ﷲ އަށް ހަމްދުކޮށްލިއިރު ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"ކޮންތާކުއޯ ހުރީ" ނަހާ އެހިއެވެ.

"އެހެނެއްނުބުނޭ. ހީވަނީ އޮފީސްކަމެއްގަ ބުރަކޮށް އުޅޭހެން" އަޔާލް ބުންޏެވެ.

"ކިތަންމެ ބުރަކޮށް އުޅުނަސް ރިދާއަށް އެނގެންވާނެ ދޯ އާއިލާއެއް ވާނެކަން. އަހަރެން ނުލާހިކު ކަންބޮޑުވާނެކަން. ފާއިތުވެގެން މިދިޔަ ގަޑިއިރުތަކުގައި އަހަރެން އުޅުނު ހާލު ހެއްދެވިފަރާތް ދެނެވޮޑިގެންވާނީ" ނަހާ ބުންޏެވެ.

"ދެން މާގިނައިރެއްނުވާނެހެން ހީވަނީ" އަޔާލް ބުންޏެވެ.

"އަޔާލް ދާންވީނުން އޭނަ ގޮވައިގެން އަންނަން. ހުންނާނީ ވަރަށް ބަނޑުހައިވެސްވެފަ. މަންމަ ކާއެއްޗިއްސަށް ހޫނުކޮށްލާފަ ބަހައްޓާނަން ގޮވައިގެން އަންނަންވާއިރަށް" ނަހާ ބުންޏެވެ.

އަޔާލް ބޯޖަހާލާފައި ބޭރަށް ނުކުތެވެ. މަގުމައްޗަށް ނުކުމެވުމާއެކު ހަށީފުރާ ނޭވައެއް ދޫކޮށްލިއެވެ. މޫނުމަތިން އަދިވެސް ހަމަޖެހުމެއް ނުފެނެއެވެ. ނޭވާ ހުރީ އަވަސްވެފައެވެ. ޕާކުކޮށްފައި ހުރި ސައިކަލަށް އަރައިގެން ކުރިއަށް ދުއްވާލިއިރު ދާންވީތަނެއް ހުދު އަޔާލްއަށްވެސް ނޭނގެއެވެ. ނަހާ ކައިރީގައި ރިންދާގެ ހަބަރެއްވީކަމަށް ބުނީ ކުރިމަތީގައި އިން އެ އަންހެންމީހާ އިންގޮތް ފެނި ހިތަށް ކެތްނުވުމުންނެވެ. އަޔާލްގެ އެ ދޮގުގެ ސަބަބުން މިހާރު ނަހާ ހުންނާނީ ހަމަޖެހިފަކަން ޔަގީނެވެ. މޫނުމަތިން އެކަން ފާހަގަވެސްވިއެވެ. އަނގައިން ބަހެއްނުބުނާތާ އެތައް އިރެއްފަހުން އަނގައިން ބަހެއްބުނީ ރިންދާގެ ހަބަރެއްވި ވާހަކަ ބުނި ހިސާބުންނެވެ.

ސައިކަލް ދުއްވަމުން ގޮސް އަޔާލް މަޑުކޮށްލީ ބޮޑުތަކުރުފާނު މަގަށެވެ. އެއިރު ދުވާލުގެ އަލިކަން ކެނޑި ރޭގަނޑުގެ އަނދިރިކަން ދުނިޔެއަށް ފެތުރެން ފަށައިފިއެވެ. ހަމަ އެފަދައިން ރިންދާގެ ހަބަރެއް ނުވެ ފާއިތުވެގެންދާ ކޮންމެ ސިކުންތަކާއެކު އަޔާލްގެ ހިތަށް ކަނުއަނދިރިކަން ވެރިވަމުންދާ ކަހަލައެވެ. ސައިކަލުމަތީގައި އިށީނދެފައި އަޔާލް ފޯނު ނެގިއެވެ. ރިންދާގެ މެސެޖެއްހާ ހިސާބު އޮންނާނެ ކަމަށް އުންމީދުކުރިއެވެ. އެހެންނަމަވެސް ހިތަށް ލިބުނީ އިތުރު މާޔޫސްކަމެކެވެ. އަޔާލް ފޯނު ނަގާފައި ބަރަކްއަށް ގުޅިއެވެ. ޖިލްވާ އާ ބައްދަލުކުރަން ރިންދާ ދިޔަތޯ ޔަގީންކުރުމުގެ ގޮތުންނެވެ.

ބަރަކްއަށް ގުޅައިގެންވެސް ޖަވާބެއްނައެވެ. އެންމެފަހުން ގޮތްހުސްވެފައިވާ ހާލު އަޔާލް ސައިކަލުން ފައިބައިގެން މަގުގައި ދެކޮޅަށް ހިނގަން ފެށިއެވެ.

"ރިދާ....؟" އަޔާލް ހިތުން އެ އަޑު އައި ކަހަލައެވެ.

"ކޮންތާކު ތިއުޅެނީ؟ ހާލު ރަނގަޅު ބާ" އަޔާލް ހިތާހިތުން ސުވާލުކުރިއެވެ.

***********

ދެފައި ކުރުކޮށް މެއާ ގާތަށް ގެނެސްގެން އިން ރިންދާ ފަހަތަށް ޖެހޭ ވަރަކަށް ނަހީކް ކައިރިވަމުން ދިޔައެވެ. ރިންދާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ނަހީކް ރިންދާގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ.

"ކީއްވެ ދުރަށްތިދަނީ" ނަހީކް އެހިއެވެ. ރިންދާގެ ކަކޫ މަތީގައި ނަހީކް އަތް ބޭއްވުމާއެކު ދުރަށް ފޮޅުވާލައެވެ.

"ރުޅިތަ؟ ތަދުވިތަ؟ އެއީ އަހަރެން ގަސްދަކުނޫން. ދެން އެކަހަލަ ކަމެއް ނުކުރާނަން. ހުވާކޮށްފަ މިބުނީ" ނަހީކް ބުންޏެވެ.

ފަހަތަށް ޖެހެމުންދިޔަ ރިންދާ މަތަވީ އެނދުގެ ހެޑްބޯޑުގައި ޖެހިފައެވެ. ނަހީކް ކައިރިވިޔަ ނުދިނުމަށް ބާލީސް ނަގާ ދެމެދަށް ހުރަހަކަށް ހެދިއެވެ. ރިންދާ އަތުން ބާލީސް ނަހީކް އަތުލިއެވެ.

"އަތްނުލާތި އަހަރެން ގައިގަ" ރިންދާގެ މޫނުގައި ނަހީކްގެ އަތްޖެހުމާއެކު ރިންދާ ބުންޏެވެ.

"ކީއްވެ؟ އަހަރެން ނޫނީ ދެން ކާކު އަތްލާނީ.... އަހަރެން ހާދަ ލޯބިވެޔޭ ރިދާދެކެ. ކީއްވެތަ އަހަރެންދެކެ ތިހާ ރުޅިއަންނަނީ" ނަހީކް ބުންޏެވެ. ރިންދާ އެނދުން ފޭބިއެވެ. ތިރިއަށް ވެއްޓިފައި އޮތް ދަބަސް ނަގައިގެން ހިނގައިގަތްތަނާ ނަހީކް ރިންދާ ހިފެހެއްޓިއެވެ.

"ގަދަކަން ނުދައްކަބަލަ. އެހާ އަވަހަށް ހަނދާންނެތުނީތަ؟ އަހަރެން އަތުން އެފަދަ ބޮޑު ގޯހެއް އެ ހެދުނީވެސް ރިދާ ތިހެން ގަދަދެއްކީމަ" ނަހީކް ބުންޏެވެ.

ނަހީކަށް ރިންދާ ބަލައިލީވެސް ކަރުނަވީ ލޮލަކުންނެވެ. އެހެންނަމަވެސް ކަރުނައިގެ ތެރެއިންވެސް ރިންދާގެ ހިތުގައި ނަހީކަށް އުފެދިފައިވި ނަފްރަތާއި ރުޅީގެ އަނގުރު އަލިފާން ނަހީކަށް ސިއްރެއްނުވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟