ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވުމުން އެނބުރި ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރައްވާތާ 25 އަކަށް އަހަރު ވެފައިވާ ސޯލިހުގެ މައްޗަށް ދައުވާކުރުމާ ގުޅިގެން ދެ އަހަރެއްހާ ދުވަހު ސަސްޕެންޝަނުގައި ހުންނެވުމަށް ފަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ، ސްޓޭޓް މިނިސްޓަރު ސޯލިހު އަލުން ވަޒީފާއަށް ނުކުންނަވަން ފެއްޓެވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޑރ. އަހުމަދު ސޯލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށްގެންދާކަން އަންގާފައި ވަނިކޮށް އެ މައުލޫމާތު އެނގި ހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ދެ ފަރާތަކަށް ސިޓީ ފޮނުވައި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލުކުރުމަށް ހުއްދަ ދިން ކަމަށްބުނާ މައްސަލައެއްގައެވެ.

މި މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ, ދައުލަތުން ހުށަހެޅި ހެއްކަށް ބަލާއިރު އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ ސަބް ލީސް ބަދަލުކުރުމަށް ހުއްދަ ދިނުމަށް ސޯލިހު ފޮނުއްވި ކަމަށްބުނާ ސިޓީތަކުގައި ހެޑްލީސް ބަދަލުކުރުމަށް ނުވަތަ ހިއްސާ ބަދަލުކުރުމަށް، ނުވަތަ ހެޑްލީސް ރައިޓްސް ބަދަލުކުރުމުގެ ހުއްދަ ދީފައި ނުވާކަން ފާހަގަވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން އެދިފައިވަނީ ވެސް އެފަދަ ކަމަކަށް ނޫންކަން އެނގެން އޮންނަ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ޑރ. ސޯލިހުގެ މައްޗަށް ކުށް ސާބިތުނުވުމުން އޭނާގެ ސަސްޕެންޝަން ވަނީ އުވާލައިފައެވެ.