ޚަބަރު

މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަކުރި ރުސްތުމް ބަންދުގައި ހުރި ދުވަސްތައް ކެނޑުމުން މިނިވަންވެއްޖެ

އަލީ ޔާމިން

ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި ހައްޔަރުކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ މިނިވަންވެއްޖެއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އޭނާ ވެފައިވާ އިއުތިރާފު ދެމެހެއްޓުމުން ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ މިމަހުގެ ދިހަ ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގަ އެވެ. އެހެންވެ، އަވަސް ނިޔާއިން މައްސަލަ ވަނީ ނިންމައިފަ އެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ އެ ދައުވާތަކަށް އޭނާ އިއުތިރާފުވެފައިވާތީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގައި 108 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭނާ ބަންދުގައި ހަ މަސް (185 ދުވަސް) ހޭދަކޮށްފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވެ 126 ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، އޭނާ ތަންފީޒު ކުރަން ޖެހޭނެ ޖަލު އަދަބެއް ނޯންނާނެކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް މިއަދު ވަނީ ރުސްތުމް ބަންދުގައި ހުރި މުއްދަތު އަދަބުން އުނިކުރުމުން އިތުރަށް ތަންފީޒު ކުރަންޖެހޭ ހުކުމެއް ނެތްކަމަށް ބަޔާން ކުރައްވައި އެގޮތުގެ މަތިން ހުކުމް ކުރައްވައިފައެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރުކުރީ 2019 ވަނަ އަހަރުގެ 10 ޑިސެމްބަރުގައި ގދ. ތިނަދޫންނެވެ. އޭގެ ފަހުން އޭނާ ދޫކޮށްލާފައި ހުއްޓައި އަނެއްކާވެސް ދީނަށް ފުރައްސާރަކޮށްގެން 2020 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު މާލޭން ހައްޔަރުކުރިއެވެ.