ކުޅިވަރު

ކަރީމް ބެންޒިމާ: ދެކޮޅުވެރިންނަށް ގޮންޖަހަމުން އަލުން ގައުމީ ޓީމަށް!

އިމާދު ލަތީފު

ސްޕޭނުގެ ރެއާލް މެޑްރިޑުގެ އުމުރުން މިހާރު 34 އަހަރުވީ ފަރަންސޭސި ފޯވާޑް ކަރީމް ބެންޒިމާ ގައުމީ ސްކޮޑުގައި އެންމެ ފުރަތަމަ ހިމެނުނީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައި 2006 ވަނަ އަހަރުއެވެ. އެހެންނަމަވެސް ގައުމީ ޖާޒީގައި އެންމެ ފުރަތަމަ މެޗެއް ކުޅުނީ އުމުރުން 20 އަހަރުގައި 2007 ވަނަ އަހަރު އޮސްޓްރިޔާއާ ދެކޮޅަށެވެ. ބެންޒިމާގެ ފުރަތަމަ ޔޫރޯއަކީ 2008 ވަނަ އަހަރުގެ ޔޫރޯއެވެ. އެކަމަކު ޖެހިގެން އައި 2010 ގެ ވޯލްޑްކަޕުގެ ސްކޮޑުން އޭނާ ބާކީކުރިއެވެ. އޭގެ ފަހުން އައި 2012 ގެ ޔޫރޯގައި ބެންޒިމާ ކުޅުނެވެ. އޭނާގެ ފުރަތަމަ ވޯލްޑްކަޕަކީ ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕެވެ. ދެން އައީ ފްރާންސްގެ ގައުމީ ޓީމަށް ނުނަގައި އޭނާ ބާކީ ކުރުމުގެ ދިގު ހަ އަހަރެވެ. އޭނާހުރީ 2015 ވަނަ އަހަރުން 2021 ވަނަ އަހަރަށް ގައުމީ ޓީމާ ދުރުގައެވެ.

ގައުމީ ޓީމުން ބެންޒިމާ ބާކީކުރި މައްސަލަޔަކީ ފަހަކަށް އައިސް ފްރާންސްގެ ގައުމީ ޓީމާ ގުޅުންހުރި އެންމެ ސީރިއަސް މައްސަލައެވެ. އޭނާ ކިތަންމެހާވެސް މޮޅެވެ. އެވަރުގެ ފޯވާޑަކު ނުވެސްނެތެވެ. އެކަމަކު ގައުމީ ޓީމަށް ނެގުމެއް ނެތެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑޭޝޯން 2016 ވަނަ އަހަރު ބުނިކަމަށްވެއެވެ. ގައުމީ ޖާޒީގައި ދެން ބެންޒީމާ ފެނުމަށްވުރެ ގާތީ ދުވަހަކުވެސް ނުފެނުމެވެ. ފްރާންސްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ނޮއެލް ލިގްރަޓް ވިދާޅުވެފައިވެއެވެ. ބެންޒިމާއަށް ގައުމީ ޓީމުގެ ދޮރު އަބަދުގެ އަބަދަށް ބަންދުވީއެވެ. ދެން ގައުމީ ޖާޒީގައި އޭނާއެއް ނުފެންނާނެއެވެ. އެސޯސިއޭޝަނުގެ ރައީސަށް ޓުވިޓަރ މެދުވެރިކޮށް ބެންޒީމާ ޖަވާބުދިނެވެ. ކަލެއަކީ ރެސިސްޓެކެވެ. ފްރާންސަށް ނުކުޅެވެންޏާ އަހަރެންނަށް ކުޅެވޭނެ އެހެން ގައުމުތައްވެސް ހުންނާނެއެވެ. ކުޅޭނަމެވެ. ދައްކާނަމެވެ.

ބެންޒިމާ ބުނިފަދައިން އެންމެފަހުން ކުޅިފަސް ލިބުނީ އޭނާއަށެވެ. ފްރާންސްގެ ގައުމީ ޓީމަށް 2021 ވަނަ އަހަރުން ފެށިގެން އޭނާ އަލުން ކުޅެން ފަށައިފިއެވެ. ގައުމީ ޓީމަށް އެނބުރި އަތުވެއްޖެއެވެ. ހުސްވި އަހަރުގެ ޔޫރޯގައިވެސް އަދި ޔުއޭފާ ނޭޝަންސް ލީގުގައިވެސް ބެންޒިމާ ވަނީ ކުޅެފައެވެ. އަދި ވޯލްޑްކަޕް ކޮލިފައިންގައިވެސް ވަނީ ކުޅެފައެވެ. މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައިވެސް އޭނާ ކުޅޭނެއެވެ. ގައުމީ ޓީމުން އަބަދުގެ އަބަދަށް ބެންޒީމާ ސަސްޕެންޑް ކުރުމަށް ގަދައެޅި މީހުންނަށް ބޮޅެކެވެ. ބެންޒިމާއަށް ކާމިޔާބެވެ. އޭނާ އަބަދުވެސް ބުނަމުން އައީ އަރަތްބަކަށްވާތީ ނަސްލީ ތަފާތުކުރުމުގެ ވިސްނުމެއްގެ ތެރެއިން އޭނާއަށް ޓާގެޓް ކުރަނީ ކަމުގައެވެ. ތެދަކަށް ވެދާނެއެވެ. ބެންޒިމާގެ މައްޗަށް ކުށެއް ސާބިތުވެފައެއް ނުވެއެވެ. ފޯމް ދަށެއްވެސް ނުވެއެވެ.

ބެންޒިމާ އުފަންވީ ފްރާންސްގެ ލިޔޯންގައެވެ. މަންމަޔާއި ބައްޕަޔަކީވެސް އަލްޖީރިޔާގެ ހިޖުރަވެރިންނެވެ. ފްރާންސްގެ ސީނިއަރ ޓީމަށް ނެގުމުގެ ކުރިން ބެންޒިމާއަށް އަލްޖީރިޔާއިން ފުރުސަތުދޭން މަސައްކަތްކޮށްފައިވެއެވެ. އަލްޖީރިޔާ ތަމްސީލުކޮށްދޭން އެދި އަލްޖީރިޔާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ހާމިދު ހައްދާދީ ވަނީ 2006 ވަނަ އަހަރު ބެންޒިމާއާ ބައްދަލުކޮށް ވާހަކަވެސް ދައްކައިފައެވެ. ހަމައެގޮތަށް އަލްޖީރިޔާގެ އޭރުގެ ކޯޗު ޖީން މިޝޭލް ކަވާލީވެސް އޭނާއާ މަޝްވަރާކުރިއެވެ. އަލްޖީރިޔާއަށް ކުޅުމާމެދު ބެންޒިމާ ބުނީ މިހެންނެވެ. އެއީ އަހަރެންގެ މަންމަޔާއި ބައްޕަގެ ގައުމެވެ. ކުލުނާއި ލޯބި އެބައޮތެވެ. ހިތުގައި އޮތީ އަލްޖީރިޔާއެވެ. އެކަމަކު ފުޓްބޯޅަ ދަސްކުރީ ފްރާންސްގައެވެ. އުފަންވީ ފްރާންސްގައެވެ. އެހެންވީމާ ފުޓްބޯޅަ ކުޅޭނީ ފްރާންސްގެ ގައުމީ ޓީމަށެވެ.

ބެންޒިމާ ހިމެނެނީ ފްރާންސްގައި މަޝްހޫރުވެފައި އޮންނަ ޖީލު 87 ގައެވެ. މި ޖީލުގެ އެހެނިހެން ސްޓާރުންނަކީ ސާމިރު ނަސްރީޔާއި ބިންއަރުފާޔާއި ޖެރެމީ މެނެޒްއެވެ. ބެންޒީމާ ވަނީ ފްރާންސްގެ ގައުމީ ޓީމުގެ ހުރިހާ އުމުރުފުރަޔަކަށް ކުޅެފައެވެ. ގައުމީ ޓީމާއެކު ބެންޒިމާއަށް މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2021 ގައި ޔުއޭފާ ނޭޝަންސް ލީގެވެ. އޭގެކުރިން 2004 ގައި ޔުއޭފާ ޔޫރަޕިއަން އަންޑަރ 17 ޗެމްޕިއަންޝިޕެވެ. ސީނިއަރ ގައުމީ ޓީމަށް މިހާތަނަށް 90 މެޗު ކުޅެފައިވާއިރު އޭނާ ހިމެނެނީ ގައުމީ ޓީމުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ހަވަނަ ކުޅުންތެރިޔާ ކަމުގައެވެ. ގައުމީ ޓީމުން ބޭރުނުކޮށް ބެހެއްޓިނަމަ ގޯލްޖެހުމުގެ ހުރިހާ ރިކޯޑެއް ބެންޒިމާއަށް އޮންނާނީ ލިބިފައި ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ.

ގައުމީ ޓީމުގެ ވާހަކަ މިވަރަށް މިލިޔުނީ ގައުމީ ޓީމުގައި ކުރާން ޖެހުނު ތަޖުރިބާތަކަށް ބަލައިލުމުގެ ގޮތުންނެވެ. ބެންޒިމާގެ ގިނަގުނަ ކާމިޔާބީތައް ގުޅިފައި އޮތީ ކުލަބް ފުޓްބޯޅަޔާއެވެ. ސްޕޭނުގެ ރެއާލް މެޑްރިޑުގައި އޭނާ ނުހޯދާކަށް ކާމިޔާބީއެއް ނެތެވެ. ކުލަބުގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ގިނަ ގޯލްޖެހި ދެވަނަ ކުޅުންތެރިޔާއެވެ. ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް އޭނާ ހޯދައިދިނީ ގިނިކަންޏާ ކަހަލަ ގޮތަކަށެވެ. އެތައް އެތައް ރިކޯޑެއް މުގުރައިލުމަށް ފަހުގައެވެ. އޭނާ 2009 ވަނަ އަހަރު ފަރަންސޭސި ޓްރާންސްފަރ ރިކޯޑު މުގުރާލައިފައި ރެެއާލަށް ބަދަލުވިފަހުން މިހާތަނަށް ޖުމްލަ 23 ތަށި ހޯދާފައިވެއެވެ. އޭގެ ކުރިން ބެންޒިމާ ކުޅެފައިވަނީ އޭނާގެ އުފަން ސިޓީއަށް ނިސްބަތްވާ ލިޔޯނަށެވެ. އެ ކުލަބާއެކު ތިން ފަހަރު ފަރަންސޭސި ލީގު ކާމިޔާބުކޮށްފައިވެއެވެ.