ޚަބަރު

ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖެހި މީހަކު 15 ދުވަހަށް ޖަލަށް ލައިފި

އަލީ ޔާމިން

ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖެހި މީހަކު 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ ހަތްވަނަ ދުވަހު އެ ހުކުމްކޮށްފައިވަނީ އަނިޔާއެއް ދިނުމާއި ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޏ. ފުވައްމުލައް، ކެލާގެ އަހުމަދު ސާހިލުގެ މައްޗަށެވެ.

ފަނަރަ ދުވަހަށް އޭނާ ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ, ކޯޓުގެ އަދަބުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރުމުން އެކަން ނުކުރުމަށް ކޯޓުގެ ސެކިއުރިޓީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުން، އެކަމަށް ބެލުމެއް ނެތި ކޯޓުގެ ހުރުމަތް ކަނޑައި ކޯޓް މާސްޓަރެއްގެ ގަޔަށް ކުޅު ޖެހުމުންނެވެ.

ކޯޓުގެ ހުރުމަތް ކަނޑައިގެން މީގެ ކުރިންވެސް ބައެއް މީހުން ޖަލަށް ލާފައި އެބަހުއްޓެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކުގައި ތިން މަހަށްވެސް ޖަލަށް ލެވިދާނެއެވެ.

ކޯޓުގެ ހުރުމަތް ކެނޑުމަކީ ވަގުތުން ނިޔާ އިއްވޭ ކުށެކެވެ.