ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 29

"ދެން ފާޑަކަށް ބަލަހައްޓައިގެން ނުހުރެ ބުނެބަލަ" ބަރަކްގެ އަތުގައި ހިފަ ތަޅުވައިގަންނަމުން ރޫބިޔާ އެހިއެވެ.

"މަންމަ ބޭނުންވަނީ އަހަރެމެން ބުއިތޯ ބަލަންތަ؟ ނޫނީ ދޮންބެ ބުއިތޯ ބަލަންތަ؟" ބަރަކް އެހިއެވެ.

"ތިހުރިހާ މީހުން. ދެން ބުނެބަލަ ބުއިތަ؟ މީރުތަ؟" ރޫބިޔާ އެހިއެވެ.

"އެންމެންވެސް ބުއިން. އެންމެ ރަނގަޅެއްނު. ދެން އަހަރެން ނިދަން ދިޔަސް ހެޔޮތަ؟" ބަރަކް އެހިއެވެ. ދެން ހިނގައިގަނެފިއެވެ. ރޫބިޔާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ލައިގެން ހުރި ހަރުވާޅުގެ ޖީބުން ފޯނު ނެގިގޮތަށް ސޯފާގައި އޮށޯތެވެ. ދެން ފަރީދުއަށް ގުޅިއެވެ.

"އޭނަ އެ ބުއިކަމަށް ބަރަކް ބުނީ. ޔަގީން އެއްޗެއްތަ؟" ރޫބިޔާ އެހިއެވެ.

"ޔަގީން. މުޖައްރިބު. ވަރަށް ބޮޑަށް މަރުހަބާ ރޫބީއަށް" ފޯނުގައި ހުރި ފަރީދު ބުންޏެވެ.

"ކިހާ ދުވަހަކުންތަ ނަތީޖާ ފެންނާނީ" ކެތްމަދުވެފައި ރޫބިޔާ އެހިއެވެ.

"ދެން ހުރޭ ބަލަން. އޭނަ ހިނގައިދާނެ ގެ ދޫކޮށްފަ" ފަރީދު ބުންޏެވެ.

**********

ސިޑިން ފައިބައިގެން އައި ވިލިނީ ބަދިގެއަށް ވަނެވެ. ބެގަރީ ފެންނަން ނެތެވެ. ބޮޑުކޮޓަރިއަށް ނުކުމެފައި މަތީ ކޮޓަރިތަކަށް ބަލައިލިއެވެ. ނަހީކް ގޭގައި އުޅޭކަމެއްވެސް ނޫޅޭކަމެއްވެސް ނޭނގެއެވެ. ކާމޭޒުމަތީގައި ހުރި ފުރުޓް ތަށިން ރަތް އާފަލެއް ނަގައިގެން ކަމުން ވިލިނީ ނުކުތީ ބޭރަށެވެ. ބަގީޗާ ގަސްތަކުގެ ތެރޭގައި ބެގަރީ ގަސްތަކަށް ފެންދޭން ހުއްޓެވެ. ވިލިނީ އެދިމާލަށް މިސްރާބު ޖެހިއެވެ.

"މެންދުރު ކާން ނުފައިބާތީ އަހަރެން ގުޅިން" ވިލިނީ ފެނުމާއެކު ބެގަރީ ބުންޏެވެ.

"ނިދިފަ އޮތީ" ވިލިނީ ބުންޏެވެ. ދެން ޖޯލިފަތީގައި އިށީނެވެ.

ފެންހޮޅި ބާއްވާފައި ބެގަރީ ގޮސް ވިލިނީ ކައިރީގައި އިށީނެވެ.

"އެބަ އުޅޭތަ ފުރޭތަ؟" ވިލިނީ އެހިއެވެ.

"އަދި ގެއަށް ނާދޭ. މީހަކާ އިންނަނީޔޯ ތިމަންނަ" ބެގަރީ ބުންޏެވެ.

"ކީކޭ؟" ވިލިނީ ބުންޏެވެ. ދެން ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ބެގަރީއަށް ބަލައިލިއެވެ.

"ކޮން ނަމެކޭތަ ބުނީ. ޖިދާއެކޭ ފިދާއެކޭ ކަންނޭނގެ. އެކޮޓަރީ ފާރުގަ ހުރޭ އެ އަންހެންކުއްޖާގެ ފޮޓޮއެއް ހަރުކޮށްފަ" އިތުރަށް ބެގަރީ އޮޅުންފިލުވައިދިނެވެ. އަދި އެ އަންހެންކުއްޖާގެ ސަބަބުން ނަހީކް ރުއި ވާހަކައާއި ފަހު ރޭގައި ފުރޭތަ އަރައިގެން އުޅުނީ އެ އަންހެންކުއްޖާގެ ސަބަބުން ކަމުގައި ބުންޏެވެ.

*******

"މިއީ ކޮންރަހައެއްލާ އެއްޗެއް؟ ނުކެވޭނެ މަށަކަށް މިއެއް. ނޫޑްލްސް ކައްކައިގެން ގެނޭ" ރޫބިޔާ ބުންޏެވެ. ދެން ކައިރީގައި ހުރި ޖިލްވާގެ އަތުތެރެއަށް ބަތް މޮޑެފައި ހުރި ތަށި ޖެހިއެވެ.

"އެކަމަކު މަންމަ ބުނެގެން ރިހާކުރުދިޔަ ހެދީ. ތެލުލި ފަތްވެސް މަންމައަށް މީރެއްނު. އަހަރެންނަކަށް މިއަކުން އެއްވެސް ގޯހެއް ނުފެނޭ. ލޮނު ރަހަ އާއި ކުޅިރަހަވެސް އެންމެ ހެޔޮވަރު" ޖިލްވާ ވާހަކަދެއްކިއެވެ.

"ކަލެއަށް ހެޔޮވަރުވާހާ އެއްޗެއް އަހަރެންނަށް ހެޔޮވަރުވާން ޖެހޭތަ؟ މިބުނީނު މަށަށް ނޫޑްލްސް ކައްކައިގެން ގެންނާށޭ" ރޫބިޔާ ހަޅޭއްލަވައިގަތެވެ.

"އެކަމަކު މަންމާ. މިއީ ކޮންގަޑިއެއް. އެގާރަޖަހާ ބޮޑުވެއްޖެ. ނޫޑްލްސް ގަންނަން ޖެހޭނީ. ބަރަކް ޑިޔުޓީއަށް އެދިޔައީ ރޭގަނޑު އެގާރައިގެ ފަހުން ބޭރަށް ނުނިކުންނާށޭ ބުނެފަ" ޖިލްވާ ބުންޏެވެ.

"ދެން މަ އިންނަންވީ ބަނޑަށްތަ؟ ފިހާރަ ބަންދުކޮށްފައޭ ކިޔާފަ ކޮން ބަހަނާއެއް ތިދައްކަނީ. މިތާ ތިރީގަ ހުންނަ ފިހާރަ ހުޅުވާފަ ހުރޭ ބާރަޖަހަންދެން" ރޫބިޔާ ބުންޏެވެ.

ފިރިމީހާގެ މަންމައަށް ވީތީ އިތުރަށް ބަހެއް ނުބުނެ ޖިލްވާ ހިނގައިގަތެވެ. އަތުގައި ހުރި ބަތްތަށި ކާމޭޒު މަތީގައި ބަހައްޓާފައި އެހެން ތައްޓެއް ހިފައިގެން އައިސް އޭގައި މަތިޖެހިއެވެ. ދެން ކޮޓަރިއަށް ވަދެ ވޮލެޓް ހިފައިގެން ހިނގައިގަތެވެ.

ގޭދޮރުން ޖިލްވާ ބޭރުވުމާއެކު ރޫބިޔާ ނުލަފާ ވައްތަރަކަށް ހީލިއެވެ. ދެން ދުވެފައި ގޮސް ޖިލްވާ ބެހެއްޓި ބަތްތަށިން ކާންފެށިއެވެ. އޭނާގެ މަގުސަދަކީ ޖިލްވާއަށް ޖެއްސުންކުރުމެވެ. ކާއެއްޗެހި އިސްރާފު ކުރުމެއް ނޫނެވެ. ބަތްތަށި ހުސްކޮށްފައި ތަށި ދޮވެފައި ހަރުގައި އެޅުވިއެވެ. ދެން ކުރިން އިންތަނުގައި އިށީނދެއްޖެއެވެ.

"އަވަސްކުރޭ. އަހަރެންނަކީ އެހާ ދަންވީމަ ކައިއުޅޭ މީހެއްނޫން" ފިހާރައިން އައި ޖިލްވާއަށް ރޫބިޔާ ބުންޏެވެ.

ޖިލްވާގެ ހަރަކާތްތައް ވަރަށް އަވަސްކޮށްލިއެވެ. ފިޔާ އާއި މިރުސް ކޮށާފައި ބެހެއްޓުނުކަން އެއީ ނަސީބެވެ. ފަނަރަ މިނެޓް ތެރޭގައި ޖިލްވާ ނޫޑްލްސް ކައްކާ ނިންމާލިއެވެ.

ކުރިމަތީގައި ބެހެއްޓި ނޫޑްލްސް ތަށިން އަރައިގަތް އާތްވާއެކު ދުވައިގަތް މީރުވަހުން ރޫބިޔާގެ އަނގައިން ސޮނިގުޅައެއް ނުވެއްޓުނީ ކިރިޔާއެވެ. ކިތަންމެ ކާހިއްވިޔަސް ބަނޑުގައި ޖާގައެއްނެތެވެ. އިތުރަށް ކައިފިއްޔާ ލެވޭނީ ހޮޑެވެ. އެހެންނަމަވެސް އުލުން އެތިކޮޅެއް ނަގާފައި އަނގައަށް ލިއެވެ. ހަމަ އެސިކުންތުގައި އަނގައިން އަޑެއް ލައްވާލާފައި އަނގައިގެ ތެރޭގައި ހުރި ނޫޑްލްސްތައް ދުރަށް ބުރުވާލިއެވެ. ޒިންކު ކައިރީގައި ހަޑިވެފައި ހުރި ތަށިތައް ދޮންނަން ހުރި ޖިލްވާ ބަލައިލީ ސިހިފައެވެ.

"ކިހިނެއްވީ މަންމާ؟" މަޑުމައިތިރިކަމާއެކު ޖިލްވާ އެހިއެވެ.

"ކަލެއަށް ކާއެއްޗެއް ރޯފިލުވަން ނޭނގެނީތަ؟ ކިހިނެއް އެނގޭނީވެސް. ބޮލުގައި ހުރި ކޮންމެ އިސްތައްޓަކަށް ކަންކަން ކޮށްދޭނެ ނޯކަރުން ތިބޭވިއްޔަ" ރޫބިޔާ އަޑުލަމުން ދިޔައެވެ.

"ނު... ނުބައީތަ؟" ޖިލްވާ އެހިއެވެ.

"ނުބައީހޭ... ކޮންފަދަ ނުރައްކާތެރި ރަހައެއް އޭގަ އެދެނީ" ރޫބިޔާ ބުންޏެވެ. "ގޭތެރޭ މަސައްކަތްކުރަން ނޭނގޭ މީހުންނާ އިނދެގެން ދަރިން ގެއަށް ގެނައިމަ ފިރިހެންކުއްޖާގެ އާއިލާ އުޅެންޖެހޭނީ މިކަހަލަ ހާލެއްގަ. އަހަރެން ހަނދާންނެތުނީ. ކަލޭގެ އަމާ މަރުވެގެން ދިޔައިރު ދިޔައީ އެއްކަމެއް ކުރަންވެސް ދަސްކޮށްނުދީތަ؟ މީހުންނާ އިނދެގެން އަންނައިރު އެވަރު ކަލޭ ނުވިސްނަންތަ؟ އަހަރެން ހިތަށް އަރާ ކަލޭ ހަދާ ކާއެއްޗެހި ބަރަކްއަށް ކެވޭކަމޭ"

ރޫބިޔާ ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު ޖިލްވާ ހުރީ އިސްއޮބާލައިގެންނެވެ. ކަރުނަވަޅަށް ޖަމާވަމުންދިޔަ ކަރުނަތަކަށް ބާރުބޮޑުވެގެން ދެކޯތާފަތުން ތިރިއަށް ރޮނގު ދެމިގެން ދިޔައެވެ.

"އަހަރެން މިދަނީ ނިދަން. މުޅި ތަން ސާފުކޮށްފަ ނޫނިއްޔާ ނިދައިގެން ނުވާނެ. އަދި ބުނަން. ބާރައިގެ ފަހުން އަހަރެންނަށް ކިރުތަށި ގެނެސްދޭންޖެހޭނެ" ރޫބިޔާ އަމުރުކޮށްލިއެވެ.

ރޫބިޔާ ކޮޓަރިއަށް ވަނުމާއެކު ޖިލްވާ ދެއަތުން އަނގަމަތީގައި އަތް އެޅިއެވެ. ގޮނޑީގައި އިށިންގޮތަށް މޭޒުގައި ބޯއެޅިއެވެ. ރޫބިޔާގެ ކޮންމެ ޖެއްސުމަކަށްވެސް ޖިލްވާ ކެތްކޮށްފާނެއެވެ. ދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލައި މުޅި އުމުރު ރޫބިޔާގެ އަޅަކަށްވެގެން އުޅެދާނެއެވެ. އެހެންނަމަވެސް ޖިލްވާ ދުނިޔެއަށް ގެނައުމަށް އެތައް ހަނގުރާމައެއްކޮށްފައި ދުނިޔެ ދޫކޮށް ދިޔަ މައިމީހާ ގުޅުވައިގެން ރޫބިޔާ ކިޔާލި ފަތިވަރަށް ޖިލްވާއަށް ކެތްނުވީއެވެ. ރޮވުނީ އެހެންވެއެވެ.

********

ކޮމްޕިއުޓަރު ކައިރީގައި މަސައްކަތެއްގައި އިން ބަރަކް ސިހުނީ އޭނާގެ ނަމުން އެކުވެރިޔަކު ގޮވާލުމުންނެވެ. ބަރަކް ބަލައިލިއިރު އެކުވެރިޔާ ހުރީ ސެކްޝަން ދޮރުހުޅުވާލައިގެން އެތެރެއަށް ބޯދިއްކޮށްލައިގެންނެވެ.

"ކޮބަ ކަލޭ ފޯނު؟" އެކުވެރިޔާ އެހިއެވެ.

ބަރަކް ޖީބުގައި އަތްޖައްސާލިއެވެ. ދެން ނަގާފައި ބަލައިލިއެވެ. ތިން މިސްކޯލު އިނެވެ.

"ސައިލެންޓް އޮތީމަ ނޭނގިފަ މިއޮތީ" ބަރަކް ބުންޏެވެ.

"ލޫކް ސަރ އެބަގޮވާލައްވާ. ދޭބަލަ" އެކުވެރިޔާ ބުންޏެވެ.

"ލޫކްސަރ އެބަ އުޅުއްވާތަ މިގަޑީގަ" ހައިރާންވެފައި ބަރަކް އެހިއެވެ.

"މިރޭ އައެއްނު މާރާމާރިއެއް. އެކަމުގަ އައިގޮތަށް އެއުޅެނީ" އެކުވެރިޔާ ބުންޏެވެ.

ކުރިން މަސައްކަތްކުރި ޑިޕާޓްމަންޓުން އެހެން ޑިޕާޓްމަންޓަކަށް ބަރަކް ބަދަލުކުރިކަން އެނގުނީ ދެ ހަފުތާއަށްފަހު ޖެހުނު ދަންވަރު ޑިޔުޓީއަށް އައިފަހުންނެވެ. އެހެންކަމުން ދަންވަރު ޑިޔުޓީއެއް ނޯންނާނެކަން އެނގޭތީ ބަރަކް ގެއަށް ދާން އުޅުނު ވަގުތަކީ ޑިޕާޓްމަންޓްގެ ހެޑް ބައްދަލުކުރަން ބުނި ވަގުތެވެ.

ވެރިޔާގެ ކޮޓަރީގައި ޓަކިޖަހާލާފައި މަޑުމަޑުން ބަރަކް ދޮރުހުޅުވާލިއެވެ. ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ލޫކް ބަރަކްއަށް ހިނިތުންވުމެއްދެމުން އިށީންނަން ގޮނޑި ދައްކާލިއެވެ.

"ހިތަށް އެރީ ބަރަކް އާ ބައްދަލުކޮށްލަން. ޑިޕާޓްމަންޓް ބަދަލުވީމަ ހިތްހަމައެއްނުޖެހޭ ދޯ" ލޫކް އެހިއެވެ. ލޫކަކީ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ހިތްތިރި ވެރިއެކެވެ.

"ނޫން. އަޅުގަނޑަށް ކޮންމެ ތަނެއްގަވެސް މަސައްކަތްކުރެވޭނެ" ޔަގީންކަމާއެކު ބަރަކް ބުންޏެވެ.

"ބަރާބަރު. ބަރަކްގެ މަސައްކަތްތައް ރަނގަޅުވީމަ އަހަރެން ރިކުއެސްޓްކޮށްގެން އައި ބަދަލެއް މިއީ. ފަހު ބެޗްގެ އިންވެސްޓިގޭޝަން ކޯހުން ބަރަކް އެއްވަނަ ހޯދާފަ ދޯ އޮތީ. އެހެންވީމަ އެއްފަހަރާ ދެ މަރުހަބާ ކިޔަންތާ ޖެހޭނީ. އަހަރެން ބޭނުންވަނީ އަހަރެންނާ ވަރަށް ގާތުން ބަރަކް މަސައްކަތްކުރަން. އެހެންވީމަ ރެޑީތަ؟" ލޫކް ވާހަކަދެއްކިއެވެ.

"ލައްބަ. ވަރަށް ބޮޑަށް ޝުކުރިއްޔާ ސަރ" ބަރަކް ބުންޏެވެ.

*********

ވާހަކަފޮތެއް ހިފައިގެން އެނދުގައި އޮތް ވިލިނީގެ ކަންފަތުގައި ފޯނު ރިންގުވާއަޑު ޖެހިފަ ހުންނަތާ އިރުކޮޅެއްވެއްޖެއެވެ. އެއީ ބޮޑުކޮޓަރީގައި ހުންނަ ލޭންޑްލައިން ނަންބަރަށް އަންނަ ފޯނެއްކަން ވިލިނީއަށް އެނގުނެވެ. އެންމެފަހުން ވިލިނީ ތެދުވެގެން ހިނގައިގަތެވެ. ބެގަރީވެސް ގޭގައި ނެތީއެވެ. އެހެންނޫނަމަ ބެގަރީ ފޯނަށް ޖަވާބުދިނީހެވެ. ފޯނާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ވިލިނީ ފޯނު ނެގިއެވެ.

"ހަލޯ... ބެގަރީ. ކޮބާ ނަހީކް؟ ގުޅީމަ ފޯނެއް ނުނަގާ" ވިލިނީގެ ކަންފަތުގައި ޖެހުނީ ސާފު އޮމާން އަންހެން އަޑެކެވެ. ދެބުމަ ގޮށްޖެހިގެން ދިޔައީ އެމީހަކީ ކާކުކަން ހިޔާލަށްވެސް ނުގެނެވުމުންނެވެ.

"ބެގަރީ ފޯނުގަ އެބަހުރިންތަ؟" އަންހެންމީހާގެ އަޑުން ވިލިނީ ސިހުނެވެ.

"ބެގަރީ ވީ ބޭރުގަ" މަޑުމަޑުން ވިލިނީ ބުންޏެވެ. އެހިނދު ފޯނުގަ ހުރިމީހާ ހިމޭންވިހެން ވިލިނީއަށް ހީވިއެވެ.

"ކޮން ބޭފުޅެއްތޯ ތިއީ" ވިލިނީ އެހިއެވެ.

"ތިއީ ކޮންކުއްޖެއް" އަންހެންމީހާ އެހިއެވެ.

"އަޅުގަނޑު މިއީ ވިލިނީ" އެހިސާބަށް ބުނެވުނުތަނާ ވިލިނީ އަތުން ފޯނު އަތުލާފައި ކަނޑާލައިފިއެވެ. ބަލައިލިރު ކައިރީގައި ހުރީ ބެގަރީއެވެ.

"ކިހިނެއްވީ؟ އެމީހަކު ނަމެއް ނުބުނި. ކާކު އެއީ. ބެގަރީ ހޯދަން ގުޅީ" ވިލިނީ ބުންޏެވެ.

"އެވާނީ ނަހީކްގެ މަންމަ ކަމަށް. ތި ނަންބަރަށް އެހެން މީހަކު ނުގުޅާނެ. ތިއީ މީހުންނަށް އެނގޭ ނަންބަރެއްވެސް ނޫން. ކަނބުލޮ ބެގަރީއަށް ކަމެއް ކޮށްދެންޏާ ތިއަށް ފޯނެއް އަޔަސް ނުނަގައްޗެ ގޭގަ މީހަކު ނެތަސް" ބެގަރީ ބުންޏެވެ.

********

އަނެއްކާވެސް އާ ދުވަހެކެވެ. ގޭތެރޭގައި އަޑުހިފާލާފައި ހުއްޓެވެ. ރޫބިޔާގެ ރަހުމަތްތެރިން ގެއަށް ގެނެސްގެން ހަވީރުގެ ސައެއް ދެނީއެވެ. މޭޒުމަތީގައި ހުރި ހެދިކާ ރޫބިޔާ ހެދީ ޖިލްވާ ލައްވައެވެ. އޮފީސް ބައްދަލުވުމަށް ދާންޖެހިގެން ހަވީރު ބަރަކް ގެއިން ދިޔުމާ ހަމައަށް ޖިލްވާ ކުރި ކޮންމެ މަސައްކަތެއްގެ ފަހަތުގައި ބަރަކް ހުއްޓެވެ.

"އެހާ ރީތި ކުއްޖަކަށް ތިހާ ބުރަބޮޑު ކުރާކަށް ނުވާނެ ރޫބީ. ތިވަރު ކުރާއިރުވެސް އެމަންޖެ އެއްޗެއް ނުބުނެ ހުންނާނީ ކިހާ ކިޔަމަންތެރިވީމަ" ރޫބިޔާގެ އެކުވެރިޔަކު ވާހަކަދެއްކިއެވެ. މުޅިތަނަށް ރޫބިޔާ ހެދިކާ އުކީ ހަމަ ގަސްދުގައެވެ.

"ފެންނަހާ މީހަކަށް ހެޔޮވާން އަހަރެންނަކީ އެހާ މާތް މީހެއް ނޫން. އެހެންނޫނަސް ދަހިކަމުން ކާފަގަނޑުގެ ގެއިން އަހަރެންނަށް އެންމެ ތަންފުކެއްވެސް ނުދިން" ރޫބިޔާ ބުންޏެވެ.

އެހުރިހާ ވާހަކައެއް ޖިލްވާއަށް އިވުނެވެ. ބައެއްފަހަރު ޖިލްވާ ހިތަށް އަރައެވެ. ފިރިމީހާގެ މަންމަ މީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ އެހާ ނުލަފާކަން ދައްކަންވީ ކޮންކަމެއް ހާސިލްކުރަން ހެއްޔެވެ؟

ކޮންމެގޮތެއްވިޔަސް ރޫބިޔާއަށް ޖެއްސުންކުރަން ކެރުނު ވަރެކެވެ.

"ޔާ ﷲ އަޅާއަށް ސާބިތުކަން ދެއްވާށި. އަދި ފިރިމީހާގެ މަންމައަށް ހެޔޮވިސްނުން ދެއްވާށި" ފާރާ ނިވާވެ ހުރި ޖިލްވާ ހިތާހިތުން ﷲ އަށް ދަންނަވާލިއެވެ.

********

ހެނދުނު އޮފީހަށް ވަންގޮތަށް ނަހީކް ނުކުމެއްޖެއެވެ. ސައިކަލު ނަގައިގެން ހުރިގޮތަށް ދުއްވާފައި ދިޔައީ ޝާހްބާޒްގެ އޮފީސް ހުންނަ ދިމާލަށެވެ. އޮފީހުގެ މައިދޮރު ފެންނާނެހެން ތަންކޮޅެއް ދުރުގައި ނަހީކް ސައިކަލްގެ މަޑިމަތީގައި އިށީނދެގެން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އޮފީހުގެ ދޮރަށެވެ. އިރުކޮޅަކާހެން މަގުގެ ދެފަރާތަށްވެސް ބަލައިލައެވެ. އޮފީސްތަކަށް މުވައްޒަފުން ހާޒިރުވާންޖެހޭ ގަޑިއަށް ވުރެ ވިހި މިނެޓް އަވަހަށް އާދެވިފައި އިންކަމެއް އޭނާގެ ހަނދާނުގައި ނެތެވެ. ބިންމަތީގައި ފައި ވިއްދައިގެން އިނދެވުނު ގޮތުން އެއްފައި އައްސިވެގެން ނަހީކް ތެދުވެ ހިނގާލިއެވެ.

ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އަޔާލްގެ ސައިކަލު ފަހަތުގައި އިން ރިންދާއެވެ. ހުދުކުލައިގެ އަތްދިގު ކަކުލާ ހަމައަށް އަންނަ ހެދުމުގައި ރިންދާ ވަރަށް ޗާލެވެ. ނަހީކްގެ ހިތް މޮޔަވި ކަހަލައެވެ. ކައިރިއަށް ދާން ހިތްއެދުނެވެ. އެހެންނަމަވެސް އޭނާ ކެތްކުރިއެވެ. ހިތުގައި އޮތްގޮތަށް އަމަލުތައް ބަހައްޓައިގެން ނޫނީ އުންމީދުތައް ފުރިހަމައެއް ނުވާނެއެވެ.

ގަޑިއެއްގެ އިރު ފަހެވެ. އަދިވެސް ނަހީކް އިނީ ކުރިންވެސް އިން ތަނުގައެވެ. އެތަނުންދާ ހިޔާލެއް އޭނާގެ ނެތެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ނަގާފައި ބަލައިލިއެވެ.

"ބައްދަލުވުން ކެންސަލްކޮށްލާ. މިއަދު އަހަރެން ވަރަށް ބިޒީ ދުވަހެއް" ފޯނު ނެގިގޮތަށް ނަހީކް ބުންޏެވެ.

"މުޝްތާގު ކައިރީގައި ބުނަންޖެހޭ އެއްޗެއް ބުނާނީ އަހަރެން. އެއީ ކަލޭ ބަލަންޖެހޭ ކަމެއްނޫން" ނަހީކް ބުންޏެވެ.

މެންދުރު ވެއްޖެއެވެ. އަދިވެސް ނަހީކް އިންތަނުން ދުރަށް ނުދެއެވެ. ސައިބުއިމެއް ފެން ބުއިމެއް ނެތެވެ. އެންމެފަހުން އޭނާގެ ދެލޮލުން އުންމީދީ ވިދުވަރެއް ފެނިއްޖެއެވެ. އޮފީސް ދޮރުމައްޗަށް ނުކުމެ ހުރީ ޝާހްބާޒްގެ އެއް އަތެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ނަހީކް އެދިމާލަށް ދިޔައެވެ.

"ސޯބިރު...." ނަހީކް ގޮވާލިއެވެ. ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލާފައި ސޯބިރު ނަހީކާ ދިމާލަށް އައެވެ. ނަހީކް ބައްދަލުކޮށް ވާހަކަދައްކާހިއްވާ މީހެއް ނޫނެވެ. އެހެންނަމަވެސް ވަކިކަމެއް ހާސިލުކުރުމަށް އަޒުމްކަނޑައަޅައިގެން ހުރުމުން ނުކުރަން ހިތުގައި އޮތް ކަންކަންވެސް ނަހީކް ކުރަންޖެހިއްޖެއެވެ.

"ހާދަ ދުވަހެއް ވެއްޖެއޭ ނުފެންނަތާ. ހިނގާ ކޮފީއެއް ބޯން އެތެރެއަށް ވަންނަމާ" ސޯބިރު ބުންޏެވެ.

"އެނގެއެއްނު އަހަރެން އެތެރެއަށް ނުވަންނާނެކަން" ނަހީކް ބުންޏެވެ.

"ޝާހްބާޒް ނެތް މިކޮޅަކު. ވިޔަފާރި ދަތުރެއްގަ އިންޑޮނޭޝިޔާގަ ވީ" ސޯބިރު ބުންޏެވެ. ނަހީކްގެ ދެލޯ ވިދައިގަތެވެ. މިހުރިހާއިރު އޭނާ ބޭނުންވެގެން އުޅުނު ޖަވާބު އަދި އެލިބުނީއެވެ. އޭނާ އޮފީސް ފެންނަ ހިސާބުގައި މަޑުކޮށްގެން ހުރީ ޝާހްބާޒް އެއްވެސް ކަމެއްގައި ބޭރަށް ނުކުމޭތޯއެވެ.

"އެހެންތަ. އެހެންވިއްޔާ އެތެރެއަށް ވަދެވިދާނެ. ހިނގާ" ނަހީކް ބުންޏެވެ.

"އަހަރެންނަށް ފަސްވަރަކަށް މިނެޓް ދީ. މިއަންނަނީ ދަރި ސްކޫލަށް ވައްޓާލާފަ" ސޯބިރު ބުންޏެވެ. ނަހީކް ބޯޖަހާލިއެވެ. އެއީ އޭނާ ބޭނުންވާ ގޮތްވެސް މެއެވެ.

ސޯބިރު ސައިކަލުގައި ކުރިއަށް ދުއްވާލުމާއެކު ތުނިތުނިކޮށް ފަޅަން ފަށާފައިހުރި ތުނބުޅި މަތިމަހުގައި އިނގިލިތަކުގެ ކުރިން އަތްކާތާލަމުން ނަހީކް ހީލިއެވެ. ދެން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

***********

"ބެގަރީ އަހަރެން މިދަނީ މަންމަ އަންނާތީ އެއާޕޯޓާށް ދާން އިނގޭ. ގެއަށް އާދެވޭނެ އިރެއް ނޭނގޭ. ފަހަރެއްގަ މިއަދު އެއްކޮށް މަންމައާއެކު އުޅެފަ ނިދަންވީމަވެސް އައިސްދާނަން" ބޭރަށް ނުކުންނަމުން ވިލިނީ ބުންޏެވެ. ބެގަރީ ބޯޖަހާލިއެވެ.

ވިލިނީ ނުކުތުމާއެކު ހިފަހައްޓައިގެން ހުރި ފޯނަށް ބެގަރީ ބަލައިލިއެވެ. ބެގަރީ އެ އައީ ނަހީކްގެ ފޯނު ކޯލު ނިމުނުތަނާއެވެ. ކާރުގައި ޝަހްބާޒްގެ އޮފީސް ކައިރިއަށް އަންނަން އެބުނި ސަބަބެއް ބެގަރީއަށް ނޭނގުނެވެ. ބެގަރީ ކާރު ނުދުއްވާތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް ނޫނެކޭ ބުނާކަށް ބެގަރީއަށް ނުކެރުނެވެ. އެންމެފަހުން ޓީވީ ރެކްމަތީގައި އޮތް ކާރުގެ ތަޅުދަނޑި ހިފައިގެން ބެގަރީ ނުކުތެވެ.

*****

ޝާހްބާޒްގެ ކެބިންއަށް ރިންދާ ވަނީ ސޮއިކުރަންޖެހޭ ލިޔުންތަކެއް ހިފައިގެންނެވެ. އެތެރެއަށް ވަނުމާއެކު ރިންދާއަށް ލިބުނީ ހައިރާންކަމެކެވެ. ގޮނޑީގައި އިން ނަހީކް ފެނިފައެވެ. ނަހީކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިޔަސް ރިންދާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ވިލިނީ އަތުން ހޯދި ފޮޓޯތައް ހަނދާންވެފައި ރިންދާ ދެއަތް މުށްކެވުނެވެ.

"މިތާ ކީއްކުރަނީ" ރިންދާ އެހިއެވެ. ދެން އަތުގައި ހުރި ލިޔުންތައް ޓްރޭއަށް ލާފައި މޭޒުކައިރީގައި މަޑުކޮށްލިއެވެ.

"ރިދާގެ މޫނު ދެކިލާހިތުން" ނަހީކް ބުންޏެވެ.

"އަހަރެންގެ މޫނު ބަލަން އައިސް އެނގޭތަ ތި އިނދެވުނީ ނަހީކް އެންމެ ނަފުރަތުކުރާ މީހާގެ އޮފީހުގަކަން. އަދި އޭނާގެ ގޮނޑީގަކަން" ރިންދާ ބުންޏެވެ.

"އެވާހަކައެއް ނޫން. ހިނގާބަލަ ދާން" ގޮނޑިން ތެދުވެގެން އައިސް ނަހީކް ހިފީ ރިންދާގެ އަތުގައެވެ.

"ކޮންތާކަށް. މިއީ އޮފީސް ގަޑި" ރިންދާ ބުންޏެވެ.

"އޮފީސް ގަޑި ވީމަ ނުދެވެނީ އަހަރެން ބުނީމަތަ؟" ނަހީކް ބުންޏެވެ.

"އަތުން ދޫކޮށްބަލަ. ކިހިނެއް ތިއުޅެނީ" ރިންދާ ހިތްހަމަނުޖެހުނެވެ.

"އަހަރެން މިއުޅެނީ ކައިވެނިކުރަން" ނަހީކް ބުންޏެވެ.

"އެހެންތަ. މަރުހަބާ" ރިންދާ ބުންޏެވެ.

"ރަންކިޔުއްވަން މީހުން ފޮނުވާނަން ތިގެއަށް" ރިންދާގެ ކަންފަތް ދޮށުގައި ނަހީކް ބުންޏެވެ. އެހިނދު ރިންދާގެ ދެލޯ ނިތަށް އަރައިގެން ދިޔައެވެ.

"މޮޔަވީތަ؟" ފަހަތަށް ނަހީކް ކޮށްޕާލަމުން ރިންދާ ބުންޏެވެ. "ނަހީކް މިތަނުން ނުކުމޭ. އެހެންނޫނީ އަހަރެން ގޮވާނީ ސެކިޔުރިޓީންނަށް"

ނަހީކް ބަހެއްނުކިޔައި ބަލަހައްޓައިގެން ހުންނަން ފެށުމުން ރިންދާ އެތަނުން ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް ރިންދާއަށް ދޮރާ ހަމައަށް ނުދެވެނީސް ނަހީކް ރިންދާގެ އަތުގައި ހިފިގޮތަށް ކެބިންގެ ދޮރަށް ތަތްކޮށްލިއެވެ. ދެން ކޮށްލި ކަމަކުން ރިންދާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ރިންދާގެ ތުންފަތުގައި ހާކާފައި ހުރި ރަތްކުލައިގެ ލިޕްސްޓިކް ނަހީކްގެ އަނގަމަތިން ވަރަށް ރީއްޗަށް ފާޅުވާން ހުއްޓެވެ. ރިންދާ މޫނުމަތީގައި އަތް އެޅިއެވެ. އޭނާއަށް ރޮވިއްޖެއެވެ. އޭނާގެ ހަށިގަނޑުގެ އެހިސާބަށް އެންމެ ފުރަތަމަ އާދެވެންޖެހޭނީ އަޔާލްއަށެވެ. އެކަން ނަހީކްގެ ސަބަބުން ފުރިހަމަނުވީތީ ރިންދާ އައީ ރުޅިއެވެ. އެހެނަސް އެރުޅިވެރިކަން އިހުތިޔާރުކުރީ ކަރުނައިގެ މަގެވެ.

"ސޮރީ.... ހިނގާބަލަ" ރިންދާގެ އަތުގައި ހިފާ ކެބިން އިން ނުކުންނަމުން ނަހީކް ބުންޏެވެ.

ހުރިހާ މުވައްޒަފުންގެ ކުރިމައްޗަށް އެގޮތަށް ނުކުންނަން ޖެހުމުން ރިންދާ ލަދުގަތެވެ. އެއްވެސް ގަދައެއް ނުދެއްކީ އެތަނުން އެއްވެސް މީހެއްގެ ކެމެރާއަށް އަރަން ބޭނުންނުވާތީއެވެ.

(ނުނިމޭ)