ޚަބަރު

އެމްޑީއޭގެ ލީޑަރުގެ ނަން ރައީސްގެ ނަމަށް ބަދަލުކޮށްފި

މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރުގެ ނަން، ރައީސަށް ބަދަލުކޮށްފިއެވެ.

އެގޮތަށް ނަން ބަދަލުކުރީ މިއަދު ބޭއްވި އެ ޕާޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އިން ފާސްކޮށްގެންނެވެ. އަސާސީ ގަވާއިދަށް ގެނައި އެ ބަދަލާއެކު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބަވާނީ ނައިބު ރައީސުންނެވެ.

ރައީސްގެ ނަމަކީ ޑިމޮކްރަސީއާ ވަރަށް ގުޅޭ ނަމެއް ކަމަށް ވިދާޅުވެ، ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް އެ ބަދަލު ގެންނަން ހުށަހެޅުއްވީ އެއިރުގެ ޑެޕިއުޓީ ލީޑަރު އަދި މިހާރު އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ނައިބު ރައީސް ޑރ. އާއިޝަތު ރަފިއްޔާއެވެ.

ޕާޓީގެ އަސާސީ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި އާ ދެ ކައުންސިލެއް ވެސް ވަނީ އުފައްދައިފައެވެ. އެއީ ސޯޝަލް ޕްރޮޓެކްޝަން ކައުންސިލާއި މީޑިއާ ޕްރޮޓެކްޝަން ކައުންސިލެވެ. އަދި ވިމެން އަދި ޔޫތު ކައުންސިލްގެ ނަން ޒުވާނުންގެ ކައުންސިލާއި އަންހެނުންގެ ކައުންސިލަށް ވަނީ ބަދަލުކޮށްފައެވެ. އެއީ ދިވެހި ނަންތަކެއް ބޭނުން ކުރުމުގެ މަގުސަދުގައެވެ.

އޭގެ އިތުރުން ކައުންސިލްތަކުގައި ހިމެނޭ ފަސް މެމްބަރުންގެ އަދަދު ހަތް މެމްބަރުންނަށް އިތުރު ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އަދި ޕާޓީގެ ކައުންސިލަށް 15 މެމްބަރުން އިތުރުކޮށް، ޕާޓީގެ ރައީސް އައްޔަނުކުރާ 10 މެމްބަރުން ހިމަނަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.