އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޓެންޓް ސްޕޯޓްސް އިން ޖޭޖޭ ސްޕޯޓްސް ކްލަބު އަތުން މޮޅުވި ނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ޓެންޓް މުބާރާތުން ކަޓައި، ކުޑަހެންވޭރު ޔުނައިޓަޑަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެއްޖެއެވެ.

ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޓެންޓުން ޖޭޖޭ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ޓެންޓަށް ސެމީ ޔަގީން ކުރެވެން އޮތީ ވަރަށް ބޮޑު ތަފާތަކުން ޖޭޖޭ ބަލިކޮށްގެން ކަމަށްވީ އިރު، އުންމީދު ބޮޑުކޮށް އޮތީ ކުޑަހެންވޭރެވެ. ގުރޫޕް އެކެއްގެ ހުރިހާ މެޗެއް މިހާރު ކުޅެ ނިމިފައިވާ އިރު، ދެވަނައިގައި އޮތް ކުޑަ ހެންވޭރާއި ޓެންޓަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. ގޯލުގެ ތަފާތުން، ކުޑަހެންވޭރު ކުރީގައި އޮތީ ފައިދާ ތިން ގޯލުގެ ތަފާތުންނެވެ. މެޗުތައް ނިމުނި އިރު، ކުޑަހެންވޭރަށް ފައިދާ 16 ގޯލު އޮތް އިރު، ޓެންޓް އޮތީ ފައިދާ 13 ގޯލާ އެކުގައެވެ.

މި ގުރޫޕްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ބުރު ސްޕޯޓްސް ކްލަބެވެ.

ރޭ ކުޅުނު މެޗުގައި ޓެންޓަށް މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިދިނީ މުހައްމަދު އިޔާން ހަސަން އާއި އުސާމަތު އިބްރާހިމެވެ. ދެވަނަ ހާފުގައި އެޓީމަށް ތިންވަނަ ގޯލެއް ޖަހައިދިނީ އަނީސް އަބްދުﷲ އިބްރާހިމެވެ.

ޓެންޓަށް ސެމީގެ ޖާގަ ގެއްލުމުގެ އެއް ސަބަބަކަށްވީ ތާވަލުގެ ފުލުގައި އޮތް ކެޕިޓަލް ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރުނުވުމެވެ. އެ މެޗު ކުޅެވުނު ނަމަ، ފަހު މެޗަށް ދިއުމުގެ ކުރިން ފައިދާ ގޯލު އިތުރުކުރުމުގެ ފުރުސަތު ޓެންޓަށް ލިބުނީހެވެ. ކެޕިޓަލް ސިޓީއަށް ވަނީ އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ފިޔަވަޅު އަޅައިފައެވެ. އެއީ މިފަހަރުގެ ދެ ވަނަ ޑިވިޝަންގެ ދެ މެޗަކަށް ހާޒިރުނުވާތީ އެވެ. އެ ޓީމަށް ޖެހިފައިވަނީ 80،000 ރުފިޔާގެ ޖޫރިމަނާއެއްވެސް ދައްކާށެވެ.

މި މުބާރާތުގެ ގުރޫޕް ދެއަކުން، ކްލަބް ޓީނޭޖް ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ގްރޫޕް އެއްވަނަ އާއި ދެ ވަނަ ކަށަވަރުވާނީ، މި ގުރޫޕްގެ ފަހު މެޗުގައި މިރޭ ނިއު ރޭޑިއަންޓާއި މަހިބަދޫ ބައްދަލުކުރާ މެޗުންނެވެ. މެޗުން ޕޮއިންޓެއް ހޯދިޔަސް، ނިއު އަށް ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ.