އޫރު މަސް ހުރި އުފެއްދުމެއް ވިއްކަން ހުރިކަން އެނގުމުން އެ ނުވިއްކަން ހެލްތް މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން ވިއްކުން މަނާކުރީ މާކަމް ކަންޓްރީ ގްރޭވީ މިކްސްއެވެ. އެކަން އާންމުންގެ ސަމާލުކަމަށް އައީ މާލޭގެ ރީޓެއިލް ފިހާރައަކުން މީހަކު ގަތް މާކަމް ކަންޓްރީ ގްރޭވީ މިކްސް ޕެކެޓެއްގެ އިންގްރީޑިއަންޓްސް ތެރޭގައި އޫރުމަސް ހުރިކަން އެނގުމުން އެމީހާ އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.

ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެ ޕެކެޓުގެ އިންގްރީޑިއަންޓުތަކުގެ ތެރޭގައި އޫރު މަހުން ތައްޔާރުކޮށްފައިވާ "ގްރައުންޑް ޕޯކް" އަދި "ޑްރައި ޕޯކް ސްޓޮކް" ހިމެނެއެވެ.

އެ ފޮޓޯއާ ގުޅިގެން މިރޭ ހެލެތް މިނިސްޓްރީން މީޑިއާތަކަށް ބުނީ، އެ އުފެއްދުމަށް ނުވިއްކުމަށް މިހާރު ރީޓެއިލާއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މީގެ ކުރިން ވެސް ވަނީ ފިހާރަތަކުގައި ވިއްކަން ހުންނަ ބައެއް އުފެއްދުންތަކުން ހަށިގަނޑަށް ގެއްލުންވާ މާއްދާ އާއި ދީނުގައި ބޭނުން ކުރުމަށް ހަރާމްކޮށްފައިވާ ތަކެތި ހިމެނޭ އުފެއްދުން ފެނިގެން އެ ތަކެތި ވިއްކުން މަނާކޮށްފައެވެ.