ރާއްޖޭ ސްކޫލުތަކުގައި ކިޔަވައިދޭ ފޮތެއްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރިކަމަށް ދައުރުވާ ފޮޓޯއަކީ 2014 ވަނަ އަހަރު ޗާޕުކުރި ފޮތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ގްރޭޑް އަށެއްގެ ދަރިވަރުންނަށް އިނގިރޭސި މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރާ އެފޮތުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުން އެ ފޮތަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.
"ނަމަވެސް ސްޓޮކްގައި ކުރީގެ ޗާޕުގެ ވަރަށް ގިނަ އަދަދެއްގެ ކޮޕީ ހުރުމުން އެ ފޮތްތައް ވެސް ސްކޫލްތަކަށް ދަރިވަރުންނަށް ދޭން ފޮނުވާފައިވޭ. އަދި މިފޮތްތައް ދޭއިރު މައްސަލަ ހުރިބައި އުނިކުރުމަށް ސްކޫލުތަކައް ވަނީ އިރުޝާދު ދެވިފައި،" އެޑިއުކޭޝަނުން ބުންޏެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ކުރިން ޗާޕްކޮށްފައިވާ ފޮތެއްގެ ފޮޓޯއެއް ކަމަށެވެ. އަދި އިސްލާމްދީނާ ހިލާފަށް ހުރި ވާހަކަތައް އުނިކުރުމަށްފަހު އަލަށް ޗާޕްކޮށްފައިވާ ފޮތްތަކަށް ގެނެސްފައިވާ ބަދަލުގެ ފޮޓޯއެއް މީޑިއާތަކާ މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ.
އިނގިރޭސި ޕޮތުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރި ވާހަކަ އެޑިއުކޭޝަންގެ ސަމާލުކަމަށް ގެނެސްފައިވަނީ ދީނީ އިލްމުވެރިޔާ އަލީ ރަމީޒުއެވެ.