ޚަބަރު

ފުލުހުންގެ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއު ތުލުސްދޫގައި ފަށައިފި

ރިފާ ހަލީލު

ފުލުހުންގެ އިންފްރާސްޓްރަކްޗާ ފެސިލިޓީސް މަޝްރޫއުގެ ދަށުން ކ. ތުލުސްދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތިން ބުރީގެ ޕޮލިސްޓޭޝަނުގެ ބިންގާ މިއަދު އަޅައިފިއެވެ.

ތުލުސްދޫ ޕޮލިސްޓޭޝަނުން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

ތުލުސްދޫގައި އިމާރާތްކުރާ އާ ޕޮލިސްޓޭޝަނުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު ފެށިގެން މިދިޔަ ޕްރޮޖެކްޓަކީ އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާއްޖޭގެ މުޅި ތާރީހުގައިވެސް ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މަސައްކަތް ފެށުމާ އެކު، އަތޮޅުތެރޭގެ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ގާތުން ފުރިހަމަކޮށްދިނުމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވިގެން ދިޔަ ކަމަށެވެ. އަދި އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ދިނުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ފެނިގެން ދިޔަ ކަމަށެވެ.

"މިކަން ކަމަށް ހައްލެއް ގެންނަންވެގެން ފުރަތަމަ 100 ދުވަހުން ފެށިގެން ބޮޑެތި ވިސްނުންތަކާއި މަސައްކަތްތައް ފެށިގެންދިޔަ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ދުވަސްތަކެއްނުވެ އަޅުގަނޑުމެންނަށް މި މުހިންމު ޕްރޮޖެކްޓުތައް ހިންގުމަށް ސޮއި ކުރެވިގެންދިޔަ. އެހެން ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މި ޕްރޮޖެކްޓުތައް މިއަދާ ހަމަޔަށް ލަސްވެގެންދިޔަ ކަމީ ހިތާމަ ކުރާ ކަމެއް. އެކަމަކު މި ޕްރޮޖެކްޓު މިއަދު މިހާ ކުލަގަދަކޮށް ފެށިގެން ދިޔުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް," އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހިދުމަތް ކަމަށެވެ. އަދި ގައުމެއްގެ ތަރައްގީ ބިނާވަނީ ރައްޔިތުންގެ މެދުގައި އޮންނަ އަމަން އަމާންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ކަމަށާއި ހަމަޖެހުމެއް ނެތް މުޖުތަމައެއް ކުރިނާރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންގެ އިންފްރާސްޓަރަކްޗާ ފެސިލިޓީސް މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ސްކީމްގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 41 މިލިއަން ޑޮލަރެވެ.

މި މަޝްރޫއުގެ ދަށުން ރަށްރަށާއި އަތޮޅު ޕޮލިސް ސްޓޭޝަން، ޑިވިޝަނަލް ހެޑްކުއާޓާ، ޕޮލިސް ޕޯސްޓް އަދި ޑިޓެންޝަން ފެސިލިޓީ ހިމެނޭ ގޮތަށް ޖުމްލަ 61 ފެސިލިޓީއެއް ގާއިމު ކުރުމަށް ވަނީ ނިންމައިފައެވެ.

މިދިޔަ ޖުލައި މަހު އެ މަޝްރޫއުގެ ޑިޒައިނާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާއެވެ.