ޚަބަރު

ވަގު ޑޮަލަރު ވިއްކުމުގެ ސްކޭމެއް، އޮޅުވާލައިގެން ތިން ލައްކައެއްހާ ރުފިޔާ

މުހައްމަދު ޖަމްޝަތް ވަހީދު

މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގައިިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2021 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ ދިހަ މައްސަލައެއް، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިފަދަ މުއާމަލާތްތަކުން މިހާތަނަށް 272،000 އެއްހާ ރުފިޔާ ރައްޔިތުންގެ އަތުން އޮޅުވާލައިގެން ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގުތަކުން މި އަމަލު ދެ ގޮތަކަށް ހިންގާކަން ވަނީ ފާހަގަވެއެވެ. އަދި މި އަމަލު ހިންގާ ގޮތަށް ބަލާއިރު ވައިބާ ކޮމިއުނިޓީތައް ކަމަށްވާ މަނީ އެކްސްޗޭންޖް، ކަރަންސީ އެކްސްޗޭންޖް، އެމްއީއައިއެލް އެކްސްޗޭންޖް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކުރާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ ޑޮލަރު ގަންނަން ބޭނުންވާ ފަރާތާއި ޑޮލަރު ވިއްކާ ފަރާތާ ދެމެދު ޕްރައިވެޓްކޮށް މެސެޖު ބަދަލުކޮށް ފައިސާ ގަނެ ވިއްކުމަށް ގަޑިއާއި ތަނެއް ހަމަޖައްސާ ކަމަށާއި ތަހުގީގުތަކުން އެނގޭ ގޮތުގައި މިހާތަނަށް މިފަދަ ހުރިހާ މުއާމަލާތެއްވެސް ހިންގާފައި ވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. އަދި ޑޮލަރު ވިއްކާ ކަމަށް މިފަދަ ކޮމިއުނިޓީތަކުގައި އިޝްތިހާރު ކުރާއިރު އެހެން މީހަކަށް ހެދިގެން ޝަހުސު އޮޅުވާލައިގެން އެހެން މީހުންގެ ފޮޓޯ އާއި އައިޑީ ކާޑު ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެންވެސް މީހުންނަށް އޮޅުވާލާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ވަގު ޑޮލަރު ގަނެވިއްކުމުގައި ކަންކުރާގޮތް

ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތް ހިންގާ ދެފަރާތް އެއްބަސްވާ ތަނެއްގައި ބައްދަލުކުރެވެއެވެ. ބައްދަލުވުމަށްފަހު ޑޮލަރު ގަންނަން ބޭނުންވާ މީހާ (ވިކްޓިމް)އާ ޑޮލަރު ހަވާލުކުރުމުގެ ކުރިން ދިވެހި ރުފިޔާ ޑޮލަރު ވިއްކާ މިހާ (ސަސްޕެކްޓް)އާ ހަވާލުކުރުމަށް ޝަރުތުކުރެއެވެ. އެއަށްފަހު ޑޮލަރު ގަންނަ މީހާއަށް ދޭ ޑޮލަރު ގުނަން ފެށުމުގެ ކުރިން ނުވަތަ ގުނަން ފެށުމުން، ޑޮލަރު ވިއްކަން އައި މީހާ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފިލައެވެ. މި ހާލަތުގައި ގިނަ ފަހަރަށް ޑޮލަރު ގަންނަން ބޭނުންވާ ފަރާތަށް ދީފައި ހުންނަނީ ސައްހަ ނޫން ޑޮލަރު ހިމެނޭ ގޮތަށް، ރުފިޔާ ދެއްކި އަދަދަށްވުރެ މަދުންކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން، ޑޮލަރު ވިއްކާ ކަމަށް ބުނެ ފައިސާ ބަދަލު ކުރެވޭއިރު، ޑޮލަރު ބޭނުންވާ އަދަދުގެ އެއްބައި ނުވަތަ ތިން ބައި ކުޅަ އެއްބައި ނަގުދު ފައިސާއިން ހަވާލުކުރުމަށްފަހު، ބާކީ ބައި ޓްރާންސްފާ ކޮށްލާނެކަމަށް ބުނެ ފަހުން ހަބަރެއް ނުވެ، ފިލާފައިވާ މައްސަލަތައްވެސް ތަހުގީގުތަކުން ފާހަގަވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިފަދަ މުއާމަލާތްތަކުގައި ބޭނުންކުރެވޭ ޑޮލަރަކީ ސައްހަ ޑޮލަރެވެ. މިގޮތަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްކުރެވޭ އިރު ކުށް ކުރި ފަރާތް ހޯދައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާ ކުރެވުނުކަމުގައިވީ ނަމަވެސް ގެއްލުނު ފައިސާ ހޯދުމުގައި ގިނަ ދަތިތަކާ ކުރިމަތިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މިކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިފަދަ މުއާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ ނަންބަރުތަކަކީ ވަކި މީހެއްގެ މައްޗަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކޮންމެވެސް ބިދޭސީއެއްގެ ނަންމަތީގައި ނަގާފައިވާ ނަންބަރުތަކެއްކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިފަދަ މުއާމަލާތްތައް ކުރާއިރު، މުއާމަލާތްކުރެވޭ ނަންބަރަކީ ކޮން ފަރާތެއްގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއްތޯ ޔަގީންކުރުމަށް ފުލުހުން އެދެއެވެ.

ފުލުހުން ބުނީ މިފަދަ މުއާމަލާތްތައް ދުވާލުގެ ވަގުތުގައި ހިންގުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދޭންވާނެ ކަމަށާއި ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން ޑޮލަރު ގަތުމަށް މުއާމަލާތްކުރެވޭ މީހާއަކީ ކާކުކަން ރަނގަޅަށް ދެނެގަތުމާއި މިފަދަ މުއާމަލާތްތައް ހިންގާއިރު އިތުރު މީހަކާއެކު ދިއުމަކީވެސް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.