ޚަބަރު

މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރިކަމުގެ އިއުތިރާފު ދެމެހެއްޓުމުން ރުސްތުމްއަށް ކުށް ސާބިތުވެއްޖެ

ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި ހައްޔަރުކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ ޝަރީއަތުގެ މަޖިލީހުގައި އެކަމަށް އިއުތިރާފުވެ، އެ އިއުތިރާފު ދަމަހައްޓާފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައިފިއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ވަނީ އިއުތިރާފު ދަމަހައްޓައިފައެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ އެ ދައުވާތަކަށް އޭނާ އިއުތިރާފުވެފައިވާތީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގައި 108 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އޭނާއަށް ކަނޑައަޅާނެ އަދަބަކާ ގުޅޭގޮތުން ވާހަކަދެއްކުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރުކުރީ 2019 ވަނަ އަހަރުގެ 10 ޑިސެމްބަރުގައި ގދ. ތިނަދޫންނެވެ. އޭގެ ފަހުން އޭނާ ދޫކޮށްލާފައި ހުއްޓައި އަނެއްކާވެސް ދީނަށް ފުރައްސާރަކޮށްގެން 2020 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު މާލޭން ހައްޔަރުކުރިއެވެ.