ޚަބަރު

އީމެއިލް އައިޑީ ބޭނުންކޮށްގެން ހަފުތާއެއްތެރޭ 3.5 މިލިއަން ރުފިޔާ ވަގަށް ނަގައިފި، ހޯދުނީ ތިން ލައްކަ ރުފިޔާ

މުހައްމަދު ޖަމްޝަތް ވަހީދު

އީމެއިލް އައިޑީތައް ހޯދައިގެން އާއްމުންގެ އިންޓަނެޓް ބޭންކިން ހިދުމަތަށް ވަދެ ފާއިތުވި ހަފުތާގައި 3.5 މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

އީމެއިލް އައިޑީ ހޯދައިގެން އިންޓަނެޓް ބޭންކިން އިން ވައްކަން ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު މިދިޔަ ހަފުތާގައި އެފަދަ 41 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލު 'ވަން' އަށް މިއަދު ވިދާޅުވީ އެ 41 މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލަތަކުގައި ޖުމުލަ 3.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް ލިބިފައިވަނީ 340،000 ރުފިޔާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން މިހާރަކަށް އައިސް ބޭނުންކުރަމުންދާ އެއް އުކުޅަކީ ފްލެޓް ލިބިފައިވާކަމަށް ބުނެ އެޗްޑީސީގެ ނަމުގައި މޯބައިލް ނަންބަރަކުން ގުޅައި، ހުޅުމާލެއިން ފްލެޓަށް ފޯމް ހުށަހެޅި މީހުންގެ ތެރޭގައި ޝޯޓްލިސްޓު ކުރެވުނުކަމާއި ފްލެޓް ލިބިފައިވަނީ "ޖީ" ކެޓަގަރީއަކުން ކަމަށް ބުނެއެވެ.

"އީމެއިލް އައިޑީ ލިބުމާއެކު ޑޮކިއުމެންޓްތައް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވިފައިވާކަން ކަށަވަރު ކުރުމަށްޓަކައި ފޯނަށް މެސެޖެއް އަންނާނެކަމަށް ބުނެއެވެ. ނަމަވެސް ހަގީގަތުގައި މިއަންނަ މެސެޖަކީ "ޖީ" އިން ފެށޭ ޖީމެއިލްއަށް ވަނުމަށް ބޭނުންކުރާ ޓޫފެކްޓަރ އޯތެންޓިކޭޝަން ކޯޑެވެ. ނަމަވެސް ގިނަ ފަރާތްތަކަށް މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި، ފްލެޓް ލިބިފައިވާ ކެޓަރީ އާއި ކޯޑު ފެށޭ އަކުރާ ދިމާވާތީ ގިނަ ބަޔަކަށް މިއީ ހަގީގަތެއްކަމަށް ގަބޫލުކުރެވި، ނުވަތަ ސަމާލުކަން ނުދެވި އެ ކޯޑު ފޯނުން ގުޅި ފަރާތާ ހިއްސާކުރެއެވެ. މި ކޯޑް ހިއްސާކުރުމާއެކު ޖީމެއިލްގެ އެކްސަސް އެދެވުނީއެވެ. "ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްގެ ވެރިފަރާތަކީވެސް ކުށް ކުރާ މީހާ ދަންނަ ރައްޓެއްސަކަށް ހެދިގެން އަދި ވަރަށް ކުއްލި ކަމެއް ނުވަތަ އެމަޖެންސީއެއް ދިމާވެގެން ޓްރާންސްފަރ ކުރާ ފައިސާކޮޅެއް ނަގައިދިނުމަށް އެދި އޮޅުވާލައި ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން މިހާރު އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، އެކައުންޓަށް ވަނުމަށްފަހު ފައިސާ ބޭނުންކުރާ ގޮތް ބަދަލުވާން ފަށާފައިވާކަން ފުލުހުން ފާހަގަ ކުރެއެވެ. އެގޮތުން ކުރިން އޭޓީއެމްތަކުން ފައިސާ ނެގިކަމުގައިވީނަމަވެސް، ބޭންކިން ޚިދުމަތުގައި ބޭނުންކުރާ އީވޮލެޓް ޚިދުމަތް ބޭނުންކޮށްގެން ފޯނުފަދަ ތަކެތި ގަނެފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފޯނުފަދަ ތަކެއްޗަކީ ޓްރެކް ކުރެވޭނެ އެއްޗެއްސަށްވުމުން ފަހަކަށް އައިސް ގަޑިއާއި ރަން، އެކި ވައްތަރުގެ ގަހަނާ އާއި އިލެކްޓްރޯނިކްސް ސާމާނުތައް ގަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މިފަދަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ މައްސަލަތަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުން ވެފައި އޮންނަނީވެސް އުނދަގޫ މަސައްކަތަކަށް ކަން ފުލުހުން ފާހަގަ ކުރެއެވެ.

މިފަދަ މައްސަލަތައް ހުއްޓުވުމަށް ޒާތީ މައުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މައުލޫމާތާއި އެނޫންވެސް މުހިންމު މައުލޫމާތު ހޯދަން ގުޅިކަމުގައިވީނަމަވެސް އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.