ޚަބަރު

ހަރަދުތައް ހަމަޖައްސަން އިތުރު 3.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 3.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާނުކޮށްފި އެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސެމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ޓީބިލް ވިއްކުމަށް ހަފުތާއަކު އެއްފަހަރު ހުޅުވައިލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އަންނަ އާދީއްތަ ދުވަހު ހަތަރު ޓީބިލެއް ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީބިލްތަކުގެ ޖުމުލަ އަގަކީ 3.51 ބިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު އަދަދަކަށް ކުރު މުއްދަތުގެ ޓީބިލް ވިއްކަން އިއުލާނުކުރި ފުރަތަމަ ފަހަރެވެ. މިނިސްޓްރީން އާއްމުކޮށް ވިއްކަނީ ހަފުތާ އަކަށް އެވްރެޖްކޮށް 1.5 ބިލިއަން ރުފިޔާގެ ޓީބިލެވެ.

އާދީއްތަ ދުވަހު ވިއްކަން ނިންމާފައިވާ ޓީބިލްތަކުގެ ތަފުސީލު:

1.08 ބިލިއަން ރުފިޔާގެ ޓީބިލް: %3.50 އިންޓަރެސްޓުގައި 28 ދުވަސް ތެރޭ އަނބުރާ ދައްކަންޖެހޭ

އެއް ބިލިއަން ރުފިޔާގެ ޓީބިލް: %3.87 އިންޓަރެސްޓްގައި 98 ދުވަހުން ތެރޭ އަނބުރާ ދައްކަންޖެހޭ

545 މިލިއަން ރުފިޔާގެ ޓީބިލް: %4.23 އިންޓަރެސްޓްގައި 182 ދުވަސް ތެރޭ އަނބުރާ ދައްކަންޖެހޭ

1.8 ބިލިއަން ރުފިޔާގެ ޓީބިލް: %4.60 އިންޓަރެސްޓްގައި 364 ދުވަސް ތެރޭ އަނބުރާ ދައްކަންޖެހޭ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ސަރުކާރުން ވިއްކާ އަދި ފައިސާ ދައްކާފައި ނުވާ ޓީބިލްތަކުގެ ޖުމުލަ 62.7 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

އެގޮތުން އެތެރޭގެ މާކެޓަށް ވިއްކާފައިވާ ޓީބިލްތަކުގެ އަދަދަކީ 53.4 ބިލިއަން ރުފިޔާއެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކޫކުގެ ގޮތުގައި 9.24 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ.

ވިއްކާފައިވާ ޓީބިލްތަކުގެ ތެރެއިން އެއްމަސްތެރޭ ދައްކަން ޖެހޭ 2.37 ބިލިއަން ރުފިޔާއާއި ތިން މަސްތެރޭ ދައްކަންޖެހޭ 3.02 ބިލިއަން ރުފިޔާއާއި ހަ މަސް ތެރޭ ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ އަދި އެއްއަހަރު ތެރޭ ދައްކަންޖެހޭ 25 ބިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ ހަފުތާގައިވެސް ފިނޭންސް މިނިސްޓްރީން 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ. އޭގެ ތެރޭގައި އެއްމަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ 454 މިލިއަން ރުފިޔާއާއި ތިން މަހުން އަނބުރާ ދައްކަން ޖެހޭ 297 މިލިއަން ރުފިޔާއާއި ހަ މަހުން ދައްކަން ޖެހޭ 153 މިލިއަން ރުފިޔާ އަދި އެއް އަހަރުން ދައްކަން ޖެހޭ 344 މިލިއަން ރުފިޔާ ހިމެނެއެވެ.