"އުނހު. ދާނެކަމެއްނެތް. އަމިއްލައަކަށް މައިތިރިވެދާނެ. މިވަގުތު ބެގަރީ އޭނަ އާ ކައިރިވެއްޖިއްޔާ ބެގަރީގެ ގައިގައި އެ ލަޓިބުރިން އަޅުވާލާނެ" ވިލިނީ ބުންޏެވެ.
މާގިނައިރެއް ނުވެ ލަޓިބުރި ތިރިއަށް ހޫރާލާފައި ހުރި ދިމާލުން ތިރީގައި ނަހީކް އިށީނެވެ. ދެން ކަރު ފަޅައިގެންދާ ވަރަށް ހަޅޭއްލަވަން ފެށިއެވެ. ބެގަރީ އާއި ވިލިނީ ހަމަ އަޅައިވެސް ނުލައި ހިމޭނުން ތިއްބެވެ.
********
"ޖިންނި މޮޔަވީ ކަންނޭނގެ. އެހެންނުވާނީ ގިބްލަ ހުރި ދިމާލަކަށް ދުވަހަކުވެސް ބަލާލިހެނެއް ހިއެއް ނުވޭ" މޫނުމައްޗަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ގެނުވަމުން ވިލިނީ ބުންޏެވެ.
ނަހީކްގެ އެރުޅިގަނޑު ބެގަރީއަށް ފެނުނީ އަލަކަށް ނޫނެވެ. އެހެންކަމުން ނަހީކަށް އުނދަގޫނުކޮށް އިރުކޮޅަކު ބެގަރީ ހުރެފައި ބަދިގެ އާ ދިމާލަށް ދިޔައެވެ. ދެން ފިނި ފެންތައްޓެއް ހިފައިގެން ދިޔައީ އިށީނދެގެން ފުންނޭވާތަކެއްލަމުން ދިޔަ ނަހީކާ ދިމާލަށެވެ.
"ބެގަރީ، ތި ނުކުންނަނީ ގަދަ ކަނޑަކަށް. އޭނާ އޭނީ ޖިންނި މޮޔަވެފަ" ވިލިނީ ބުންޏެވެ. ނަހީކަށް އެ އަޑު އިވުނެވެ. އެހެންނަމަވެސް އެއްވެސް ހަރަކާތެއްކޮށްނުލައި އިނެވެ.
"ފަޔަށް އެއިން ބިއްލޫރިގަނޑެއް ހެރިދާނެ" ބެގަރީ ބަލައިލުމާއެކު ވިލިނީ ބުންޏެވެ. ތެދެކެވެ. މުޅި ގޭތެރޭގައި އެހެން އެއްޗެއް ނެތެވެ.
"ގެނޭ މަގޭ އަތަށް" ވިލިނީ ބުންޏެވެ. ދެން ބެގަރީ އަތުން ތަށި ހިފައިގެން ވަރަށް ބަލައިގެން ކުރިއަށް ގޮސް ނަހީކާ އެންމެ ކައިރީގައި ހުރި މޭޒުމަތީގައި ފެންތަށި ބެހެއްޓިއެވެ.
"ޝޫޓިން ނިމުނިއްޔާ މިތަން ސާފުކުރަން އުޅޭ" ވިލިނީ ބުންޏެވެ.
ހިނގައިގަތް ވިލިނީއަށް ނަހީކް ބަލައިލީ އަލިފާން ބެލުމަކުންނެވެ. ތެދުވިގޮތަށް ފުންމައިން އައިސްޖެހުނީ ވިލިނީގެ ކުރިމައްޗަށެވެ. ވިލިނީ ދިޔައީ ސިހިގެންނެވެ. ދެން ވިލިނީ ނުވިސްނާހުއްޓައި ހިފީ ވިލިނީގެ ކަރުގައެވެ. ބިމުން އުފުލާލާފައި ގެންގޮސް ވިލިނީ ޖެއްސީ ދިމާލަށް ހުރި ތަނބުގައެވެ. އެމަންޒަރު ފެނުމާއެކު ބެގަރީގެ ބޮލަށް އެނބުރުން އަރައި ހުރި ދިމާލުން ތިރިއަށް ވެއްޓުނެވެ. ހީވީ ބިމުން ރުކެއް ކަނޑައި ވައްޓާލިހެންނެވެ.
"އަހަރެން އޭނާ ބޭނުން. އެއީ ހަމައެކަނި އަހަރެންގެ ހައްގެއް. އެންމެންނަށް ވުރެ ކުރިން އޭނާދެކެ ލޯބިވީ އަހަރެން. ކަލެއަކަށްވެސް އެކަން ނުހުއްޓޭނެ" ނަހީކްގެ އަތުތެރެއިން ގަދަހަދަމުންދިޔަ ވިލިނީ ނަހީކްގެ އަތުގައި ދަތްއެޅިއެވެ. އެއާއެކު ވިލިނީ ނަހީކްގެ އަތުތެރެއިން މިނިވަންވިއެވެ.
"ކަލޭ ތިހުރީ އެއްޗެއް ބޮއެގެންތަ؟ ކަލެއަށް ލޯބިވާންވެސް އެނގޭތަ؟ ކަލޭ އެންމެ ފުރަތަމަ ދާންވީ މޮޔަބައްޔަށް ފަރުވާހޯދަން" ނަހީކާ ދުރަށްޖެހެމުން ވިލިނީ ބުންޏެވެ.
އެއްވެސް މީހަކަށް ބެލުމެއްނެތި 'އެއީ އަހަރެންގެ ހައްގެއް' މިހެން ކިޔަމުން ސިޑިން އަރައިގެން ނަހީކް ދިޔައެވެ. ވިލިނީ ދުވެފައި ދިޔައީ ވެއްޓިފައި އޮތް ބެގަރީ އާ ދިމާލަށެވެ.
އޮފީހުން ނުކުތީ ރިންދާ އާއި ޝާހްބާޒު އެކުއެކީގައެވެ. އޮފީހާ އިންވެގެން ހަދާފައި އޮތް ޕާކިން ޒޯނުގައި އޮތް ކާރު ނެރެގެން ރިންދާ އާ ހަމައިގައި ކާރު މަޑުކޮށްލިއެވެ. ރިންދާ ކާރަށް އަރައި ހަމަޖެހިލުމާއެކު ކުރިއަށް ދުއްވާލައިފިއެވެ.
"މިއަދު ކަމެއް އޮތީތަ؟" ޝާހްބާޒް އެހިއެވެ. ޝާހްބާޒް އެސުވާލުކުރީ ރިންދާގެ ހަރަކާތްތަކުގައި އަވަސްކަމެއް ހުރިކަން ފާހަގަވެގެންނެވެ.
"ތަނަކަށް ދާންވެގެން ވަރަށް މުހިންމު" ރިންދާ ބުންޏެވެ. އެއިރުވެސް ރިންދާ އިނީ ފޯނުން އަޔާލްއަށް މެސެޖު ކުރާށެވެ.
މާގިނައިރެއް ނުވެ ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލިއެވެ.
"މަންމަ އަހައިފިއްޔާ ބުނައްޗެ ބޭބެ ތަންކޮޅެއް ލަހުންނޭ ގެއަށް އަންނާނީ" ޝާހްބާޒް ބުންޏެވެ. ދެން ރިންދާ ގެއަށް ވަނުމުން ކާރު ކުރިއަށް ދުއްވާލިއެވެ.
ރިންދާ ގޭތެރެއަށް ވަންއިރު އެއްވެސް މީހަކު ފެންނަން ނެތެވެ. ޓިވީ އިން ކުޑަކުދިންގެ ޗެނަލެއް އަޅުވާފައި ހުރުމުން ތަނުގެ ހަމަހިމޭންކަން ކަނޑާލާފައި ހުއްޓެވެ. ފުރަތަމަވެސް ރިންދާ މިސްރާބުޖެހީ ކޮޓަރި އާ ދިމާލަށެވެ. އޮފީސް ހެދުން ބަދަލުކޮށް ފެންވަރައިގެން ނުކުމެ ބޭރަށް ނުކުމެވޭ ކަހަލަ ހެދުމެއް ލިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވެގެން އަލަމާރިން ނެގި ސިޓީއުރަ ދަބަހަށް ލިއެވެ. ކޮޓަރިން ރިންދަ ނުކުތީ ނަމާދުވެސް ކޮށްގެންނެވެ.
"ކޮންއިރަކު އައީ؟" ބަދިގެއިން ނުކުތް ނަހާ އެހިއެވެ.
"މިހާރު ކޮންއިރެއް. މަންމާ ތަނަކަށް ދާން މިދަނީ. އަންނާނަން ލަސްނުވެ" ބޫޓުގެ މަޅިގަނޑު އަޅުވަމުން ރިންދާ ބުންޏެވެ.
"މަންމަ މިއައީ އަދި ހުރިހާ ކުދިން އެކުގަ ސައިބޯން ބަޖިޔާ އާއި ގުޅަ ގަނެގެން. ދެން ކީއްކުރާނީ. ބޭބެ އަންނަންދެން މަޑުކުރާނީ" ސޯފާގައި އިށީންނަމުން ނަހާ ބުންޏެވެ.
"އަދި ހަނދާންނެތިފައޭ މިހިރީ. ބޭބެ ބުނި ލަހުންނޭ އާދެވޭނީ. މަންމަ ކައިރީގައި ބުނެދޭށޭ ބުނީ. ބޭބެއާއެކު އަޅުގަނޑު އައީ" ރިންދާ ބުންޏެވެ.
ރިންދާ ނުކުމެގެން ދަންދެން ބަލަހައްޓައިގެން އިނދެފައި ނަހާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.
**********
ގަޑިން މެންދަމު ތިންގަޑި ބައިވެ ބޮޑުވެއްޖެއެވެ. ބަރަކްގެ އަތުގެ ތެރޭގައި އޮތް ޖިލްވާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަސްތައް ޖިލްވާ އެދަނީ ގުނަމުންނެވެ. ބަރަކްދެކެ ވެވިފައިވާ ލޯބި ދެގުނަވެގެން ހިނގައްޖެއެވެ. ފިރިމީހާއަށް ވަފާތެރި އޯގާތެރި އަންބަކަށް ވުމަށް ޖިލްވާ އަޒުމްކަނޑައެޅިއެވެ.
ބަރަކްގެ ހަބަރެއް ނުވުމުން ޖިލްވާ ބަލައިލިއެވެ. ކޮޓަރިތެރެއަށް ފެތުރިފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިންވެސް ބަރަކްގެ ހުޅުވިފައިވާ ދެލޯ ޖިލްވާއަށް ފެނުނެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އޮތް ބަރަކްގެ ވިސްނުން ގުޅިފައިވަނީ އެހެންކަމަކާކަން ފުރަތަމަވެސް ޖިލްވާއަށް އެނގުނެވެ.
"ކޮންކަމަކާ ތި ވިސްނަނީ" ބަރަކްގެ މޫނުގައި ފިރުމާލަމުން ޖިލްވާ އެހިއެވެ. އެހިނދު ބަރަކް ޖިލްވާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. ލޯތްބާއި އޯގާތެރިކަން އެކުލެވިގެންވި ބެލުމަކުން ޖިލްވާއަށް ބަރަކް ބަލައިލިއެވެ.
"މަންމަ އާ އެއްތަނެއްގަ ޖިލް ގެންގުޅެން ޖެހޭތީ މި ވިސްނާލީ. އަހަރެންނަށް އިތުރަށް ޖިލް އާ ދުރުގައި ނުހުރެވޭނެތީ ކައިވެނިކުރީ. ކައިވެނިކޮށް އަނބިމީހާ ގެއަށް ގެނެއްސަ މަންމަގެ ފާޑެއް ހުރެއޭ ބުނެފަ މަންމަ ދޫކޮށްލެވޭކަށް ވެސް ނެތް. ޖިލް ޖެހޭނެ ވަރަށް ކެތްތެރިވާން" ބަރަކް ވާހަކަދެއްކިއެވެ.
"އެކަމާތަ ތި ވިސްނަނީ. އަހަރެން އައިމަ ފަހަރެއްގަ މަންމައަށް ހެޔޮ ބަދަލެއްވެސް އައިސްދާނެއްނު. އަހަރެން ހުރެފާނަމޭ މަންމަގެ ގޮތުގަ މަންމަ ގަބޫލުކޮށްގެން. އަހަރެން ހުންނާނަން މަންމަ ކޮންމެ އެއްޗެކޭ ކިޔަސް. އަހަރެންގެ ނަސޭހަތެއް ބަރަކް އަޑުއަހަންޏާ މަންމައަށް އެއްޗެއް ނުބުނާތި" ޖިލްވާ ވާހަކަދެއްކިއެވެ.
***********
ހެނދުނުގެ ނާޝްތާއަށްވެސް ނަހީކް ތިރިއަށް ނުފައިބައެވެ. ބެގަރީ މައްޗަށް އެރީ ނަހީކްގެ ހަބަރެއް ނުވުމުންނެވެ. ކޮޓަރީގައި ޓަކިޖަހަން ނުކެރިފައި އިރުކޮޅަކު ދޮރުކައިރީގައި ހުއްޓެވެ. ދެ ފަހަރު ޓަކިޖަހާލާފައި ހަބަރެއް ނުވުމުން ތަޅުގައި ބެގަރީ ހިފާލިއެވެ. ދޮރު އެއްކޮށް ނުލެއްޕި ހުރިކަން އެނގުނީ އެތެރެއަށް ދޮރު ކެހިގެން ދިޔުމުންނެވެ. ބެގަރީ އެތެރެއަށް ބަލައިލިއެވެ. ކޮޓަރިތެރެއިން އެއްވެސް އަޑެއް ނީވެއެވެ. އިތުރަށް ދޮރު ފޭކޮށްލާފައި ބެގަރީ ބަލައިލިއެވެ. އެހިނދު ބެގަރީ ސިހިގެން ދިޔައެވެ. ދިމާލަށް ހުރި އެނދުގައި އުއްޑުން ނަހީކް އޮތެވެ. ދެލޯ ދެކާށިވަރު ކޮށްގެންނެވެ. ލައިގެން ހުރީ ރޭގައި ގެއަށް އައިއިރުވެސް ލައިގެން ހުރި އަންނައުނެވެ. ބެގަރީ ކުރިއަށްދާން ނުކެރި ހުރެފައި ނަހީކަށް ގޮވާލިއެވެ. އެހެނީ ބެގަރީ އާ ހަވާލުކޮށްފައިވާ ޒިންމާތައް ބެގަރީގެ ހަނދާނުގައި ހުއްޓެވެ.
"ސައިތައްޔާރުކޮށްފަ ހުންނާނީ" ބެގަރީ ބުންޏެވެ. ނަހީކް ޖަވާބެއް ނުދިނެވެ.
"ޓްރޭ އެތެރެއަށް ގެންނަންވީތޯ" އަނެއްކާވެސް ބެގަރީ އެހިއެވެ. ނަހީކް ޖަވާބެއް ނުދިނެވެ. ބެގަރީ ދާން ހިނގައިގަތްތަނާ ނަހީކްގެ އަޑު އިވުނެވެ. އެނބުރި ބެގަރީ ބަލައިލިއެވެ. އެހިނދު ބެގަރީއަށް ހީވީ މޭގަނޑު އަނގައަށް އައި ހެންނެވެ. ނަހީކް މިހުރީ މޫނުޖެހޭހާ ކައިރީގައެވެ. ބިރުގަތް ވަރުން ބެގަރީގެ ދެފައިގައި ރޫރު އަޅައިގަތެވެ.
"ކީއްވެތަ ރިދާ އެހެން ހެދީ. އަހަރެން ނުލަފާކަމުންތަ؟ ރިދާ އަހަރެންނަށް ފެނުނީ އިއްޔެއަކު މިއަދަކު ނޫނޭ" ނަހީކް ވާހަކދެއްކިއެވެ. އަޑުގައި ރިހުމެއްގެ އަސަރުހުރިކަން ބެގަރީއަށް އިހުސާސްވިއެވެ. ބެގަރީ ދެރަވެސްވިއެވެ. ނަހީކްގެ މޭގައިވެސް ހިތެއްވޭބާއޭ ހިތަށް އެރިއެވެ.
"ބަލާބަ. މިއީ ރިދާ އޭ. މިހުރިހާ ދުވަހު އަހަރެން ކުރި އިންތިޒާރުގެ އެއްވެސް އަގެއް ނެތް" ފާރުގައި ހަރުކޮށްފައި ހުރި ރިންދާގެ ކުޑައިރުގެ ތަސްވީރުގައި އަތްހާކަމުން ނަހީކް ކިޔަމުންދިޔައެވެ. ހައިރާންވެފައި ބެގަރީ ބަލަހައްޓައިގެން ހުއްޓެވެ.
"އަހަރެންގެ ލޯތްބަށް އެއްވެސް ގަދަރެއް ނުކުރި" ނަހީކް ބުންޏެވެ.
ރޮމުން ފާރު ކައިރިއަށް ނަހީކް ތިރިވުމާއެކު ބެގަރީ އެއްފިޔަވަޅު ކުރިއަށް އެޅިއެވެ. މީހެއްގެ އެހީތެރިކަމަށް ނަހީކް ހުރީ ބޭނުންވެފައިކަން ބެގަރީއަށް އެނގުނެވެ. ނަހީކަށް އެހިވާންވެސް ހުރީ ހުދު ބެގަރީ ކަން ހަނދާނުގައި ހުއްޓެވެ.
"އެކަމަކު...." ކުއްލިއަކަށް ނަހީކް އައިސް ހިފީ ބެގަރީގެ ދެއަތުގައެވެ. ބެގަރީއަށް ޝޮކެއް ނުޖެހުނީ ހަމަކިރިޔާއެވެ.
"ރިދާއަކަށް ނޭނގޭ އަހަރެންނަށް ޖަހައިގަންނަން އެނގޭކަމެއް. ކިހާދެރަ. އަހަރެން ރިދާ ޖަހައިގަންނާނަން. ބެގަރީ ފިލްމުތަކުން ދެކުނިންތަ ކާޅު އެއްޗެހި މަސްކަހަލަ އެއްޗެހި ޖަހައިގަނެގެންދާތަން. ހަމައެގޮތަށް. ރިދާއަށް އެއްވެސް ގަދައެއް ނުހެދޭނެ. އަހަރެން ރިދާ ބައިންދާނީ ބިއްލޫރި ފޮއްޓަކަށްލާފަ. ކޫރުމެއް އެޅޭކަށްވެސް ނުކެރޭނެ. އެހެން ނޫނީ ރިދާ ހިނގައިދާނެ" ނަހީކް ވާހަކަދައްކަމުން ދާއިރު ބައެއްފަހަރު ހީލައެވެ. އަނެއްބައިފަހަރު ދެލޮލުން ބޮޑު ކަރުނަގުޅައެއް ވައްޓާލައެވެ. ބެގަރީ ޖެހިލުންވިއެވެ. އަނެއްކާ ނަހީކްގެ ބުއްދި ފިލައިގެން ދިޔައީކީ ނޫންބާއެވެ.
"ފެން... އަހަރެން މިއަންނަނީ ފެންތައްޓެއް ހިފައިގެން" ބެގަރީ ބުންޏެވެ. ވަރަށް ފަސޭހައިން ބެގަރީގެ އަތުން ނަހީކް ދޫކޮށްލައިފިއެވެ.
ބަދިގެއަށް ވަދެފައި ބެގަރީ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. އަނެއްކާ ވާންމިއުޅެނީ ކޮންފަދަ ކަމެއްބާވައެވެ؟ އެއީ ކޮން ރިދާއެއް ހެއްޔެވެ؟ ރޭގައި ނަހީކް އެހެން އުޅުނީ އަންހެންކުއްޖެއްގެ ސަބަބުން ހެއްޔެވެ؟ ނަހީކް ހަމަނުޖެހޭ ވާހަކަދައްކަނީ އަނެއްކާ ސިކުނޑި ގޯސްވީ ހެއްޔެވެ؟ ވާހަކަދައްކާލަން ވިލިނީއަށް ގުޅަން އުޅެފައި އެހިޔާލު ބެގަރީ ދޫކޮށްލިއެވެ. އަވަސް އަވަހަށް ފެންތަށި ހިފައިގެން ބެގަރީ މައްޗަށް އެރިއެވެ.
"އަހަރެން މިއުޅެނީ ކައިވެނިކުރަން. މުޅި ގެ ޒީނަތްތެރި ކުރޭ. އަދި ބުނަން ހަމަ އެރޭ އަހަރެން ރިދާ ގޮވައިގެން މަންމަ ކައިރިއަށް ފުރާނަން. އަހަރެމެން އަންނަންވާއިރަށް މަންމަގެ ނިދާކޮޓަރި ތައްޔާރުކުރާތި" ނަހީކް ވާހަކަދެއްކިއެވެ.
ބެގަރީ ހައިރާންވިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ވާހަކަދެއްކި ނަހީކް ކޮބާ ހެއްޔެވެ؟ ޔަގީނުންވެސް މިހާރު ބެގަރީގެ ކުރިމަތީގައި ހުރެގެން އޮފީހަށްދާން ތައްޔާރު އެވަނީ ކުރީގެ ނަހީކެވެ.
"ބެގަރީ ދޭ ތިރިއަށް. އަހަރެން މިދަނީ ސައިބޯން" ނަހީކް ބުންޏެވެ. ބޯޖަހާލާފައި ބެގަރީ ނުކުންނަންދިޔަ ވަގުތު އަނެއްކާ ނަހީކް ގޮވާލިއެވެ.
"ތި ފެންތަށި މިތާ ބަހައްޓާފަ ދޭ" ނަހީކް ބުންޏެވެ.
***********
އޮފީހުން ރޫބިޔާ ގެއަށް އައީ އެހެންދުވަސްތަކާ ހިލާފަށް އަވަހަށެވެ. ބަނޑެއްގައި ރިހޭވަރުން އިތުރަށް ކެތްނުވެގެނެވެ. ދޮރުން ރަނގަޅަށް ނުވަދެވެނީސް ރޫބިޔާގެ މޭފުރިގެންއައެވެ. އަނގަޔައަށް އެއްޗެއް ނުލިއެއްކަމަކު ކުޅުދިޔާ ވެއްޖެއެވެ. ހީވީ ރަހަލިހެންނެވެ. ގެ ބަދަލުވިފަހުން އެހާ މީރު ކާއެއްޗެއްގެ ވަސް ރޫބިޔާއަށް ނުދުވައެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ރޫބިޔާ މިސްރާބުޖެހީ ބަދިގެ އާ ދިމާލަށެވެ.
ރޫބިޔާ ހީކުރިގޮތަށް ބަދިގޭގައި ކައްކަން އުޅުނީ ޖިލްވާއެވެ. ރޫބިޔާ ފެނުމާއެކު ޖިލްވާ ހީލިއެވެ.
"އަހަރެން މިއައީ ވަރަށް ބަނޑުހައިވެގެން" ޖިލްވާއަށް ހީވެސްނުލައި ރޫބިޔާ ބުންޏެވެ.
"ބަނޑުހައިވާނެއްނު. މަންމަ ދިޔައީ ހެނދުނު ސައިވެސްނުބޮއެ ވިއްޔާ" ޖިލްވާ ބުންޏެވެ. ފޫހިކަމާއެކު އަނގަ ހަދާލާފައި މޭޒުކައިރީގައި ރޫބިޔާ އިށީނެވެ.
"ކޮފީތަ ކަޅުސައިތަ؟" ޖިލްވާ އެހިއެވެ.
"ތިހަދާ އެއްޗެއް އަދިވެސް ނުނިމެނީތަ؟" ޖިލްވާ ކުރި ސުވާލަށް ޖަވާބުދިނުމެއް ނެތި ރޫބިޔާ އެހިއެވެ. ރަކިވިޔަސް ޖިލްވާ އެކަން މާބޮޑު ކަމަކަށް ނުހެދިއެވެ.
"މިއީ ރެއަށް ހަނާކުރި މަސްކޮޅެއް ހަދަނީ. އެހެންނޫނަސް މިގަޑި މިއީ ހަވީރު ގަޑިއެއްނު މަންމާ. އަޅުގަނޑު ވަރަށް މީރުކޮށް ކުޅި ބޯކިބައެއްވެސް އެޅިން. އަޅެ ރަހަ ބަލާލަބަލަ" މޭޒުމަތީގައި މަތިޖަހާފައި ހުރި ތަށި ރޫބިޔާ އާ ގާތްކޮށްލަމުން ޖިލްވާ ބުންޏެވެ.
"އަހަރެން ކާންވީ އެއްޗެއްވެސް މިހާރު ކަލެއަށްތަ އެނގެނީ. ގަނޑުވަރުގައި ކަލޭމެން ކައި އުޅޭ އެއްޗިއްސެއް ނޫން އަހަރެން ކައިއުޅެނީ" ޖިލްވާއަށް ރޫބިޔާ ބުންޏެވެ.
ދެރަވީވަރުން ޖިލްވާ އިސްޖަހާލިއެވެ. ރޫބިޔާ ޖިލްވާއަށް ދެލޯ އަޅާފައި ގޮސް ހުއްޓުނީ އުނދުން ކައިރީގައެވެ. ތަށި ހަރުން ތައްޓެއް ނަގައިގެން މަސްއެތި ކައިރީގައި ހުއްޓުނު ވަގުތު އެއީ ބަރަކް ބަދިގޭ ދޮރަށް އެރި ވަގުތެވެ.
ޖިލްވާ ބަރަކްއަށް ހީލިއެވެ. ބަދަލެއް އައިސްފައި ހުރިކަން ބަރަކްއަށް އެނގިދާނެތީ އަނެއްފަރާތަށް އެނބުރި މަސައްކަތާ ހަވާލުވިއެވެ.
"މަންމަ ކީއްކުރަނީ ބަދިގޭގަ" ބަރަކް އެހިއެވެ. ރޫބިޔާ ޖިލްވާއަށް ބަލައިލިއެވެ.
ބަރަކް ބަލަހައްޓައިގެން ހުރިގޮތުން ރޫބިޔާއަށް މަސް އެއްޗަށް އަތްލާކަށް ނުކެރުނެވެ. އެހެންކަމުން އަލުން މޭޒުކައިރީގައި އިށީނދެފައި ކުޅިބޯކިބާ ހުރި ތަށީގެ މަތި ނެގިއެވެ. އަރައިގަތް މީރުވަހުން ރޫބިޔާއަށް އެތިކޮޅެއް ކައިނުލައި ކެތްނުވިއެވެ. ޖިލްވާ ހިނިއައެވެ.
"އަހަރެން ބުނަންތަ ރަނގަޅު ވާހަކައެއް. ކަލޭމެން ކައިވެނީގެ އުފާނަގަން ދާކަށް އަހަރެން އެއްބަހެއްނުވަން. އާނ އެހެންޏަ. އަހަރެން އެކަނި މިގޭގަ ހުރުމަށްވުރެ މާރަނގަޅު ގޮސް ފަޅު ގޯއްޗެއްގަ އޮތުންވެސް" ރޫބިޔާ ވާހަކަދެއްކިއެވެ.
"ކާކު ބުނީ މަންމަ އެކަންޏޭ މިގޭގަ ހުންނާނީ. އަހަރެމެން ފުރާއިރު މަންމަ ކައިރީގައި އިތުރު މީހަކު ހުންނާނެ" ބަރަކް ބުންޏެވެ.
*********
ސައިކަލާ ދިމާލަށް ފަރި ހިނގުމުގައި ހިނގާފައި އައި ރިންދާއަށް ބަލަހައްޓައިގެން އަޔާލް އިނެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫ ކުލައިގެ ޖީންސުގައި އިން އަޔާލް ލޮލުގައި އަވި އައިނެއް އޮތެވެ. ރިންދާ ކައިރިވުމާއެކު ހީލާފައި ރިންދާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.
"ތިހެން އަތުގައި ހިފަހައްޓައިގެން ހުރީމަ ކިހިނެއް ސައިކަލަށް އަރާނީ" ރިންދާ ބުންޏެވެ. އަޔާލް ހީލާފައި ރިންދާގެ އަތްތިލައިން ދޫކޮށްލިއެވެ.
"ވަރަށް މުހިންމު ބައްދަލުވުމެއްތަ؟" ކުރިއަށް ސައިކަލް ދުއްވާލަމުން އަޔާލް އެހިއެވެ.
"ވަރަށް މުހިންމު. އޭނަ ދާނެތަ އެތަނަށް" ރިންދާ އެހިއެވެ.
"ދާނެހެން ހީވަނީ. އަހަރެން ގުޅިން. ނުދެވެންޏާ ގުޅާފަ ބުނީހެއްނު" އަޔާލް ބުންޏެވެ.
ދާން ބޭނުންވާ މަންޒިލަށް ގޮސް ދެކުދިން މަޑުކޮށްލިއިރު ލައިދު މޭޒު ކައިރީގައި އިނެވެ. ތިންކުދިން އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލާފައި ކޮފީއަށް އޯޑަރުދިނެވެ. ބައްދަލުވުމުގެ ހަގީގީ ވާހަކަތައް ފެށުނީ އޭގެ ފަހުންނެވެ.
"އަހަރެން އެކަންޏެއް ނޫން މިއުޅެނީ. ރާއްޖޭގެ ވަރަށް ސީނިޔާ ވަކީލުންގެ ޓީމަކާއެކު މިއުޅެނީ. ޓީމެކޭ ބުންޏަސް އަހަރެން ލައިގެން ތިން މީހުން. އެމީހުންނަށް އަހަރެން މީތި އަދި ތަފްސީލުކޮށެއް ނުދެން. އެކަމަކު ވަރަށް ތިލަކޮށް ކިޔައިދީފިން. އެމީހުންގެ ވިސްނުން ވަރަށް ޕޮޒިޓިވްކޮށް ހުރީ. ބުނީ ހުރިހާކަމެއް ހަމަޖެހުނީމަ މައްސަލަ ކޯޓަށް ވައްދާނަމޭ. އަދި އެބަޖެހޭ ފުލުހުންގެ ތެރެއިން އެމައްސަލަ ބަލާ ޓީމުގެ އެންމެ އިސްފަރާތާ ވާހަކަދައްކަން" ލައިދު ވާހަކަދެއްކިއެވެ.
"އަހަރެން ތިކަމާ ބަރަކް އާ ވާހަކަދައްކާލާނަން. އެ މައްސަލަ ބަލާ ޑިޕާޓްމަންޓްގެ ހެޑް ބަރަކްއަށް އެނގޭނެ" އަޔާލް ބުންޏެވެ.
"ދެން ރިދާ ކޮން ހަބަރައިގެންތަ އުޅުނީ؟" ލައިދު އެހިއެވެ.
"ބަލާބަ މި ފޮޓޯތައް. މީގެއިން އެއްވެސް ބޭނުމެއް ހިފޭނެތަ؟" ރިންދާ ބުންޏެވެ. ދެން ދަބަހުގައި އޮތް ސިޓީއުރަ ނަގާފައި މޭޒުމަތީގައި ފޮޓޯތައް އަތުރާލިއެވެ. ލައިދު އާއި އަޔާލް ހައިރާންކަމާއެކު ފަހަރަކު ފޮޓޮއެއް ނަގާފައި ބަލަމުން ދިޔައެވެ.
"މިއީ އެ ނުލަފާ ހައިވާނު. އެބަ އެނގެއެއްނު ނުބައެއް އުޅޭކަން. ދީ މަގޭ އަތަށް މިފޮޓޯތައް" ލައިދު ބުންޏެވެ.
"މިކަން މުޅި ދުނިޔެއަށް ފަޅާއަރާކަށް ދެން ނެތް މާގިނަދުވަހެއް. ﷲ އިރާދަކުރެއްވިއްޔާ ރަނީންއަށް އިންސާފުލިބޭނެ" ލައިދު ބުންޏެވެ.
"ރިދާއަށް ކިހިނެއް ފޮޓޯތައް ލިބުނީ" އަޔާލް އެހިއެވެ.
"ވިލީ ހޯދަދިނީ" ރިންދާ ބުންޏެވެ.
"ވިލީ ކިހިނެއް؟" އަޔާލް އެހިއެވެ.
"ވިލީ ފިރިމީހާއަކީ ތިފޮޓޯގަ ތިއިން ބޭރުމީހާގެ ރައްޓެއްސެއް" ރިންދާ ބުންޏެވެ.
"އެއީ ބޭރުމީހެއް ނޫން. ދިވެއްސެއް. ބޭރުގަ މީހަކު ކިތަންމެ ގިނަ ދުވަހަކު އުޅުނަސް ދިވެއްސެއްވިއްޔާ ވާނީ ހަމަ ދިވެއްސަކަށް. އޭނަ ހިތުން މާ ގައްޑާ ވެގެން ބޭރު މީހަކަށްވެގެން އުޅެނީ" ލައިދު ބުންޏެވެ.
*********
ނިދަންވެގެން އެނދާ ދިމާލަށް ދިޔަ ޖިލްވާގެ އަތުގައި ބަރަކް ހިފާލިއެވެ. ޖިލްވާ ބަލައިލުމާއެކު ލާނެއް ގޮތަކަށް ހީލިއެވެ. ގާތަށް ޖިލްވާ ދަމާލާފައި އުނަގަނޑުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. މަޑުމަޑުން ޖިލްވާ އާ ގާތްވަމުން ދަނިކޮށް ކޮޓަރީ ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ.
"މަންމަ ކަންނޭނގެ" ޖިލްވާ ބުންޏެވެ.
"ކަންނޭނގެއެއް ނޫން. ޔަގީން" ބަރަކް ބުންޏެވެ.
"އެބައަންނަން" ޖިލްވާ ހިނގައިގަތެވެ.
ދޮރުހުޅުވާލުމާއެކު ކުރިމަތީގައި ހުރި ޖިލްވާގެ ފައިން ފެށިގެން ބޮލާ ހަމައަށް ރޫބިޔާ ބަލައިލިއެވެ. ޖިލްވާ ލައިގެން ހުރި ކުރު ސޯޓްކޮޅާއި ޓީޝާޓްކޮޅު އެއްގޮތަކަށްވެސް ރޫބިޔާއަށް ކަމަކުނުދިޔައެވެ.
"ލަދެއް ހަޔާތެއްވެސް ނުގަތްތަ މަގޭ ކުރިމައްޗަށް...."
"މަންމަ ކިހިނެއްވީ؟" ޖިލްވާގެ ފަހަތުން ބަރަކްގެ އަޑު އިވުމާއެކު ރޫބިޔާ ހިމޭންވިއެވެ.
"އާދެބަލަ. މަންމަ މިއައީ ނިކަން ބޮޑު ވާހަކައެއް އަހަންވެގެންނޭ" ރޫބިޔާ ބުންޏެވެ. ދެން ބަރަކްގެ އަތުގައި ހިފައިގެން ދޮރު ކައިރިކޮށްލާފައި ބޭރަށް ނުކުތެވެ.
"ކިހިނެއްވީ؟ މިއީ ކޮންގަޑިއެއްދެން. ބާރަޖަހަނީ ވިއްޔާ" ބަރަކް ބުންޏެވެ. ރޫބިޔާ ބުނާ ބޮޑު ވާހަކައަކީ ކޮޓަރީ ފާރުގައި ހޯނެއް އިން ވާހަކައެވެ. ނޫނީ ބޭރު ގެއަކުން ލަވައެއްޖަހާ އަޑު އިވުމެވެ. އެހެން ނޫނީ ގޭ ކައިރިން މާބަރަށް ސައިކަލު ދުއްވާ އަޑު އިވުމެވެ.
"ކުރީ ރެއެއްގަ މަންމަ ދިން ޖޫސް ތިކުދިން ބުއިންތަ؟ އަޔާލް ބުއިތަ؟ ބަރަކްއަށް ޔަގީންތަ އަޔާލް ބުއީ މަންމަ ދިން ޖޫސްތަށި ކަން" ރޫބިޔާ އެހިއެވެ.
ވަގުތުން ބަރަކްގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ. އެހާވަރުން އަޔާލް ޖޫސްތަށި ބުއިތޯ ރޫބިޔާ އަހަން ޖެހުނު ސަބަބެއް ހޯދަން ބަރަކް ބޭނުންވިއެވެ. އެހެންކަމުން ރޫބިޔާގެ މޫނަށް ބަލައިލީ ދެބުމަ ގޮށްޖަހަމުންނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ