މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "ކޯޕަރޭޓް ސްކޮލާޝިޕް"ގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއެކު ސޮއިކޮށްފިއެވެ.
އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިިނިސްޓަރު ޑރ އިބްރާހިމް ހަސަނެވެ.
އެމްޕީއެލްގެ "ކޯޕަރޭޓް ސްކޮލާޝިޕް" އަކީ ކޮންމެ އަހަރެއްގެ އޭލެވެލް އިމްތިހާނުން ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ކޮންމެވެސް އެއް ދަރިވަރަކަށް އެމްޕީއެލްއާ ގުޅޭ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ފުރުސަތެކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކޮންމެ އަހަރަކު ދިނުމަށް ނިންމާފައިވާ މި ސްކޮލާޝިޕަށް ހަރަދުކުރާނީ އެމްޕީއެލުންނެވެ. ސްކޮލާޝިޕް އިއުލާނުކުރުމާއި ލިބޭ ދަރިވަރުން ހޮވުމާއި ސްކޮލާޝިޕް އެވޯޑުކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ މިނިސްޓްރީންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އޭލެވެލް ނިންމާ ދަރިވަރުންގެ ތެރޭގައި ނެޝަނަލް ޓޮޕް 10ގައި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ހިމެނޭ ކަމަށާއި ނަމަވެސް އެ ދަރިވަރުންނަށް ދޭ ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް އަދި ތައާރަފުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް އެމްޕީއެލުން މިއަދު ފެށި ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން އެފަދަ ދަރިވަރުންނަށްވެސް މިހާރު އެ ފުރުސަތު ހުޅުވާލެވިއްޖެ ކަމަށާއި އުއްމީދުކުރަނީ އެމްޕީއެލުން އިސްނަގައިގެން މިއަދު ފެށި ޕްރޮގްރާމާ އެއްގޮތަށް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުންވެސް މިފަދަ ސްކޮލާޝިޕް ފުރުސަތު ހުޅުވާލުން ކަމަށް ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ ޒުވާނުންނަށް ތައުލީމާއި ތަމްރީނު އަދި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް އިސްކަމެއްދޭ ކަމަށެވެ. އަދި އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ މީހުން ބިނާކުރުމަށް އެމްޕީއެލުން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިއަދު ހުޅުވާލި ސްކޮލާޝިޕްގެ އިތުރުން މި އަހަރު ތެރޭގައި އިތުރު ހަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ. މި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ޕޯޓްސް އޮޕަރޭޝަން ދާއިރާ އާއި ހެލްތް އެންޑް ސޭފްޓީ ދާއިރާ އާއި އިންޖިނިއަރިންގެ އެކި ދާއިރާތަަކުގެ ސްކޮލާޝިޕްތައް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު