މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް 2014 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްގަފޫރު ފަސް މިލިއަން ޑޮލަރަށްވާ ފައިސާ ނެންގެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އެގޮތަށް ވިދާޅުވީ ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުންނެވެ.

ކޯޓުގައި ހެކިބަސް ދެއްވަމުން ނާޒިމް ވިދާޅުވީ، އެމްޕީއެލުން ފަސް މިލިއަން ޑޮލަރު ނެގީ އެމްޕީއެލްގެ ބޯޑު މެންބަރުން ލޮބީކުރައްވައިގެން ކަމަށާއި އެ ފައިސާ ދިނީ އެމްއެމްޕީއާރުސީން ދިން ޑޭޓެޑް ދެ ޗެކުގެ މުގާބިލުގައި ކަމަށެވެ.

"އެމްއެމްޕީއާރުސީން ދިނީ ޑޭޓެޑް ދެ ޗެކު. ފަހުން ދޭގޮތަށް. އޭގެ މުގާބިލުގައި އެމްޕީއެލުން ދިނީ 2.5 މިލިއަން ޑޮލަރުގެ ދެ ޗެކު. އޭގެ ތެރެއިން އެއް ޗެކު ގޮސް ޖަމާވީ ހާމިދު އިސްމާއިލް ކިޔާ މީހެއްގެ އެކައުންޓަށް. އަނެއް ޗެކު ޖަމާވީ މޯޓިލިއަން ކިޔާ ކުންފުންޏެއްގެ އެކައުންޓަށް. ހާމިދު އިސްމާއިލްގެ އެކައުންޓަށް ޖަމާވި ފައިސާ ގޮސް ޖަމާވީ މި ދެންނެވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ދިން ވިޔަފާރިވެރިޔާގެ އެކައުންޓަށް،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަދީބު އެމްޕީއެލުން ފަސް މިލިއަން ޑޮލަރު ނެގުމުން 18 އޭޕްރީލް 2014 ވަނަ ދުވަހުގެ ހެނދުނު ރައީސް އޮފީހަށް ގޮސް އެ ވާހަކަ ރައީސް ޔާމީނަށް ދެންނެވި ކަމަށާއި ނަމަވެސް ވިޔަފާރިވެރިންގެ އަތުން އަދީބު ފައިސާ ނަގަނީ އެ މަނިކުފާނު ދަންނަވައިގެން ކަމާއި އެ ފައިސާ ލިބިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

"ނަމަވެސް ޔާމީން ފަހުން ވިދާޅުވި އެމްޕީއެލުން ނެގި 5 މިލިއަން ޑޮލަރު ތިމަންނައަކަށް ނުލިބެއޭ،" ނާޒިމް ވިދާޅުވިއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދިނުމަށް އޭނާ އިސް ދައުރެއް އަދާކުރައްވާފައިވާނެ ކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކި މީހުންގެ އަތުން ދަރަންޏަށް ރައީސް ޔާމީން ފައިސާ ނެންގެވި ކަމަށެވެ. އަދި އެ ފައިސާ ޔާމީނަށް ގެނެސްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އަދީބު ކަމަށާއި އެ ފައިސާ ލިބެނީ ރައީސް ޔާމީނަށް ކަމަށެވެ.