ރާއްޖޭގެ 11 އަތޮޅެއްގައި އަވިން އުފައްދާ ހަކަތައަށް ހާއްސަ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް ބީލަމަށް ހުޅުވައިލައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި އެ މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 11 އަތޮޅެއްގެ ކަނޑައެޅިފައިވާ ރަށްތަކެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާ ކަމަށެވެ.
މި މަސައްކަތަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމަށް ބީލަން މަރުހަލާއެއް މި އަހަރުގެ ޖުލައި މަސްތެރޭގައި ކުރިއަށް ގެންގޮސްފައިވީނަމަވެސް، އެދެވޭ ނަތީޖާއެއް ލިބިފައިނުވާކަމަށާއި އެހެން ކަމުން މިއީ އެ ޕްރީކޮލިފިކޭޝަން ކެންސަލްކޮށް އަލުން ހުޅުވާލާ ބީލަމެއް ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
- އައްޑޫ ސިޓީީ
- ފުވައްމުލައް ސިޓީ
- ކުޅުދުއްފުށި ސިޓީ
- ގދ. ތިނަދޫ
- ގއ. ވިލިނގިލި
- ބ. އޭދަފުށި
- ޅ. ހިންނަވަރު
- ޅ. ނައިފަރު
- ށ. ފުނަދޫ
- ލ. ފޮނަދޫ
- ލ. ގަން
- ލ. ހިތަދޫ
- ލ. މާމެންދޫ
- ލ. ކުނަހަންދޫ
- ލ. މާބައިދޫ
- ލ. ދަބިދޫ
- ލ. މާވަށް
- ލ. އިސްދޫ
- ލ. ކަލައިދޫ
އެރައިސް ޕްރޮޖެކްޓުގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓު އިފާދު ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ މީގެ ކުރިން މިރަށްތަކުގެ ތެރޭގައި ދ. ކުޑަހުވަދޫ ހިމަނާފައިވީނަމަވެސް މި ސިސްޓަމްތައް ހަރުކުރުމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބޭނުންވާ ސަރަހައްދުތައް ކައުންސިލުން އެހެނިހެން ބޭނުންތަކަށް ކަނޑައަޅާފައިވާތީ އިތުރު ސަރަހައްދެއް މިވަގުތު ލިބެން ނެތުމުން އެރަށް ވަނީ މި ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ އެރައިސް މަޝްރޫއުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެ ކަމަށެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ 30 ޕަސެންޓަށްވުރެ މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމުކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫއިން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫއުގެ ތެރެއިން ރާވާފައިވާ ކަމަށްވެސް ބުންޏެވެ.
އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަން ކޭބަލް ހިމެނޭގޮތަށް ޖުމުލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށް ރާވާފައިވާ ކަމަށްވެސް ބުންޏެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫއުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުން ކަމަށާއި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލީޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާ އަޅައިބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު 20 ޕަސެންޓް އިތުރުކުރުން ހިމެނޭ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު