ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާ އަޑުއެހުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކޮށްފި އެވެ.
އެ މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިންކަމުގެ ދައުވާ އުފުލައިފައެވެ.
ނާޒިމަކީ ރައީސް ޔާމީނާ ވަރަށް ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ. ނަމަވެސް ސިޔާސީ ގޮތުން އެ ދެބޭފުޅުންގެ ގުޅުން ފަހުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
އެ މައްސަލައިގެ އަޑުއެހުމަށް ނާޒިމް ހާޒިރުކުރީ މިއަދު ހެނދުނު 9:30ގަ އެވެ. މި އަޑުއެހުން މިހާރު ދަނީ ކުރިޔަށެވެ.
އާރަށް މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ ޑްރައިވަރު އަދި އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު ހުސެއިން (އޮއިއްޓޭ) އެވެ.
މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު