ޚަބަރު

ހަތް މަސް ތެރޭގައި އެޗްއާރްސީއެމުން 361 މައްސަލަ ނިންމައިފި

މުހައްމަދު އިޝާން

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން 361 މައްސަލައެއް ނިންމައިފިއެވެ.

އެޗްއާރްސީއެމްއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ޖުލައި މަހުގެ ނިޔަލަށް އެޗްއާރްސީއެމްގެ ގާނޫނުގެ ދަށުން 340 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މުއްދަތުގެ ނިޔަލަށް 525 މައްސަލައެއް ބަލަމުން އަންނައިރު، އޭގެ ތެރެއިން 314 މައްސަލައެއް ނިންމާފައިވާ ކަމަށެވެ.

ޖުލައިގެ މަހުގެ ނިޔަލަށް އެޗްއާރްސީއެމްއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އެންޓީ ޓޯޗާ މައްސަލަތަކެވެ. އެފަދަ 51 މައްސަލައެއް އެޗްއާރްސީއެމްއަށް ވަނީ ހުށަހަޅައިފައެވެ. އަދި އެންޓި ޓޯޗާގެ 35 މައްސަލައެއް މިހާރު ވަނީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

ކޯޓު މަރުހަލާގައި ދެ މައްސަލައެއް އޮތްއިރު، 41 މައްސަލައެއް ނިންމާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެޗްއާރްސީއެމުން ދަނީ ޖުމްލަ 577 މައްސަލައެއް ބަލަމުންނެވެ.