ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިހުގެ ސިންގަލްސް އިވެންޓުގެ އަންހެން ކެޓަގަރީގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް މިއަދު ބަލިވި ނަމަވެސް، ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ކުއާޓާގެ އިވެންޓެއްގައި ވާދަކުރި ޓީޓީ އެތުލީޓުގެ ޝަރަފު ހޯދައިފިއެވެ.
މިއަދު ހެނދުނު ކޮންޏާގެ ޓުޔަޕް ފެއާ ސެންޓަރުގައި ކުރިއަށްދިޔަ އަންހެން ސިންގަލްސް ކުއާޓާ ފައިނަލް މެޗުން ކެމަރޫންގެ އެއް ވަނަ ކުޅުންތެރިޔާ، ސާރާ ގަބްރިއެލޭ އަތުން ރަފާ ބަލިވީ 3-0 ސެޓުންނެވެ.
ދުނިޔޭގެ އަންހެން ސިންގަލްސް ރޭންކިންގެ 100 ކުޅުންތެރިންގެ ތެރޭގައި މީގެ ކުރިން ހިމެނުނު ތަޖުރިބާކާރު ކުޅުންތެރިޔާ، ސާރާއަކީ މިވަގުތުވެސް ދުނިޔޭގެ ރޭންކިންގެ 137 ވަނައިގައި ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއެވެ. އޭނާ ކައިރީގައި މިއަދުގެ މެޗުގައި ރަފާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ސާރާ ސެޓުތައް ގެންދިޔައީ 21-10، 11-07 އަދި 11-09 އިންނެވެ.
ފުރަތަމަ ދެ ސެޓު ސާރާ މޮޅަށް ކުޅެ ގެންދިޔަ ނަމަވެސް، ރަފާ ވަނީ ތިންވަނަ ސެޓުގައި ހިތްވަރުކޮށް، ލީޑުވެސް ބައެއް ފަހަރަށް ނަގައިފައެވެ. ފަސް ޕޮއިންޓުގެ ލީޑެއް ވެސް ރަފާއަށް ލިބުނު އިރު، ފަހު ވަގުތު ސާރާ ވަނީ 11-09 އިން ސެޓު ގެންގޮސް މެޗުން މޮޅުވެފައެވެ.
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއަށް ދެން އޮތީ ޓީމު އިވެންޓުގެ މެޗުތަކެވެ. ޓީމު އިވެންޓް ބައިގައި އަންހެން އަދި ފިރިހެން ޓީމު ވާދަކުރާނެއެވެ.