އެފްއޭއެމްގެ ދެވަނަ ޑިވިޝަނުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު ގޯލު ޖަހައި ބިސްބުރު ސްޕޯޓްސް ކްލަބު ބަލިކޮށް، ކުޑަހެންވޭރު ޔުނައިޓެޑުން ސެމީ ފައިނަލްގެ އުންމީދު ދަމަހައްޓައިފިއެވެ.

ގައުމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ ޑިވިޝަންގެ މެޗުގައި ބިސްބުރު ސްޕޯޓްސް ކްލަބް ކައިރީ ކުޑަހެންވޭރު މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އިއްޔެގެ މެޗާއެކު ކުޑަހެންވޭރާއި ބިސްބުރު ސްޕޯޓްސް ކްލަބަށްވެސް ދެވަނަ ޑިވިޝަނުގެ ގްރޫޕް އެކެއްގައި ކުޅެންޖެހޭ މެޗުތައް ނިމިފައިވާ އިރު، ކުޑަހެންވޭރު ދެވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި ބުރު ސްޕޯޓްސް ކްލަބު ސެމީ ޔަގީން ކޮށްފައިވާއިރު، ދެން ސެމީގެ ފުރުސަތު އޮތީ ޓެންޓް ސްޕޯޓްސް ކްލަބަށެވެ.

ޓެންޓް ސްޕޯޓްސް ކްލަބަށް ޖޭޖޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗު އަދި ބާކީ އޮތް އިރު، އެ ޓީމަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފައެވެ. ފަހު މެޗުން ޓެންޓް މޮޅުވި ނަމަވެސް، ފައިދާ ހަ ގޯލު ހަމަކުރަންޖެހެއެވެ. އެއީ ގޯލު ތަފާތަށް ބަލައި އިރު، ކުޑަހެންވޭރު ޓެންޓަށްވުރެ ކުރީގައި ފައިދާ ހަ ގޯލާއެކު އޮތުމުންނެވެ. ގްރޫޕުގެ ހަތަރުވަނައިގައި ޖޭޖޭ އޮތް އިރު، އެ ޓީމަށް ސެމީގެ ފުރުސަތެއް ނެތެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައިނުވާ އިރު، ދެވަނަ ހާފުގައި ފުރަތަމަ ލީޑު ނެގީ ބިސްބުރުންނެވެ. މެޗުގެ 72 ވަނަ މިނެޓުގައި އެ ގޯލު ޖެހީ މުހައްމަދު އިހްސާން ސައީދެވެ.

މެޗުގައި ކުޑަހެންވޭރުން އެއްވަރުކުރީ 81 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އަހުމަދު މުހައްމަދު އަބްދުއްރައްޒާގު ޖެހި ގޯލުންނެވެ. ފަހަތުން އަރައި ކުޑަހެންވޭރު ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި، ބިސްބުރުގެ އިހުސާން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ދެވަނަ ޑިވިޝަންގެ ގްރޫޕް އެކެއްގައި ރޭ ޖޭޖޭއިން ވަނީ 2-0ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކްލަބު ބަލިކޮށްފައެވެ. މެޗުގައި ޖޭޖޭ އިން ޖެހި ޑެ ގޯލުވެސް ޖަހައިދިނީ އަހުމަދު އާހިލް އާމިރެވެ.