ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓުގެ އަންހެން ކެޓަގަރީގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ދަތުރުކޮށްފިއެވެ.
ރަފާ ކުއާޓާއަށް ދަތުރުކުރީ އުޒުބެކިސްތާނާއި ޖިބޫޓީވެސް ބަލިކޮށްގެންނެވެ. މިއީ ދިވެހި ޓީޓީ ތާރީހުގައި ކުޅުންތެރިޔަކު، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ރަފާ މިއަދު ފުރަތަމަ މެޗުގައި ވާދަކުރީ އުޒްބެކިސްތާންގެ ރޮޒެލީނާ ހަދީޖޭވާއާ ދެކޮޅަށެވެ. އޭނާ އަތުން ރަފާ ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. ރަފާ ސެޓުތައް ގެންދިޔައީ 11-04، 13-11 އަދި 11-03 އިންނެވެ. އެ މެޗު ކާމިޔާބުކޮށް، ގަދަ 16 ކުޅުންތެރިންގެ ބުރުގައި ރަފާ ނުކުތީ ޖިބޫޓީގެ އޮމާރް ނާސިމާއާ ދެކޮޅަށެވެ. އޭނާ އަތުންވެސް ރަފާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 11-02، 11-03 އަދި 11-02 އިންނެވެ. ކުއާޓާ ފައިނަލުގައި ރަފާ މާދަމާ ކުޅޭނީ ކެމަރޫންގެ ސާރާ ގަބްރިއެލޭއާ ދެކޮޅަށެވެ.
މިއަދު ވަނީ ޓީޓީ ކުޅުންތެރިންގެ ގިނަ މެޗުތަކެއް ސޮލިޑާރިޓީ ގޭމްސްގައި ކުރިއަށް ގޮސްފައެވެ. ފިރިހެން ޑިވިޝަންގެ ސިންގަލްސް ކެޓަގަރީގައި ޝައްފާން އިސްމާއިލް ވަނީ ގަދަ 16 ބުރުގައިވެސް ވާދަކޮށްފައެވެ. ޝައްފާން ކޮލިފައިން ރައުންޑުގައި ކުޅުނީ ޓޯގޯގެ އަޓާރޫ އަސޫއާ ދެކޮޅަށެވެ. އޭނާ އަތުން 3-0 ސެޓުން މޮޅުވެ، ޝައްފާން ވަނީ ގަދަ 32 ކުޅުންތެރިން ވާދަކުރި ބުރުގައި އަޒަރުބައިޖާންގެ އާދިލް އަހުމަދުޒާދާ އަތުން 11-09، 11-03 އަދި 11-09 އިން މޮޅުވެފައެވެ. ނަމަވެސް ގަދަ 16 ބުރުގައި އީރާންގެ ސައްޔިދު އާމިރުހުސެއިން ހޯދާއީ އަތުން ޝައްފާން ވަނީ 11-09، 11-06 އަދި 11-07 އިން ބަލިވެފައެވެ.
އަންހެން ސިންގަލްސްގައި ރާއްޖޭގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކުޅުނު މެޗުގައި އުޒްބެކިސްތާންގެ ކުޅުންތެރިއެއްގެ އަތުން 3-1 ސެޓުން ވަނީ ބަލިވެފައެވެ. ދީމާ ވަނީ 11-08 އިން ފުރަތަމަ ސެޓު ގެންގޮސްފައެވެ. ނަމަވެސް ފަހަތުން އަރައި ތިން ސެޓު ގެންގޮސް، އުޒްބެކިސްތާން ކުޅުންތެރިޔާ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-07، 11-03 އަދި 11-09 އިންނެވެ.
ފިރިހެން ޑިވިޝަން ސިންގަލްސް އިވެންޓުގައި މޫސާ މުންސިފް މިއަދު ކުޅުނު މެޗުގައި ސައުދީ އަރަބިއްޔާގެ އަބްދުލް އަޒީޒް ބޫ ޝުލައިބީ އަތުން ބަލިވީ ތިން ސެޓުންނެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް