ޚަބަރު

އިންޖީނުގެތަކުގެ ދުންހޮޅިތަކުގެ ސަބަބުން ރައްޔިތުންނަށް މިހާރު އުނދަގުލެއް ނުވާނެ: ޝަރީފު

މުހައްމަދު އިޝާން

މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުތަކުގެ ދުންހޮޅިތަކުން އަރާ ދުމުގެ ސަބަބުން ރައްޔިތުންނަށް މިހާރު އުނދަގޫ ނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ސްޓެލްކޯއިން ރިންގްރޯޑު ޕެޓްރޯލް ޝެޑު ކައިރީގައި ހުރި އިންޖީނުގެތައް ހެދިއިރު އެ ހިސާބުގައި މީހުން ދިރިނޫޅޭ ކަމަށެވެ. ނަމަވެސް އޭގެ 15-20 އަހަރު ފަހުން މިހާރު ތޮއްޖެހި އެ އިންޖީނުގެތަކުގެ ކައިރީގައި މީހުން ވެސް ދިރިއުޅެމުން އަންނަ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އުނދަގޫވާނެކަން ގަބޫލުކުރައްވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، މިހާރު އެ އިންޖީނުގެތައް ބޭނުން ނުކުރާނެ ކަމަށާއި އެތަން އެންމެފަހުން ވެސް ބޭނުންކުރީ މާލެއިން މިފަހުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތީ އެ މައްސަލަ ހައްލުކުރުމަށް ދުވާލަކަށް އެއްގަޑިއިރިއަށް ތިން ދުވަސް ވަންދެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުންގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ އާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ އެ އިންޖީނުގެތަކުގެ އަޑުގަދަވުމުންނާއި ދުން އަރާތީ އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާތީ އެކަން ހައްލުކުރާނެ ގޮތުގެ ލަފާ ސްޓެލްކޯއަށް މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ދީފައެވެ. ކޮމިޓީން ލަފާދީފައިވަނީ އެތަނުގައި ހުރި އިންޖީނުތަކުގެ ވައިބްރޭޝަން ކޮންޓްރޯލްކޮށް ދުންހޮޅިތައް އުސްކުރުމަށެވެ.

ޝަރީފު ވިދާޅުވީ، އެ އިންޖީނުގެތަކުގެ އަޑުމަޑުކޮށް ދުން ހޮޅި އުސްކުރެވެން އެބަހުރި ކަމަށެވެ. ނަމަވެސް އެކަން ނުކުރައްވަން ނިންމާފައިވާ ކަމަށެވެ. އެއީ މިހާރު ދުން ހޮޅިތަކުގެ ފައުންޑޭޝަންގައި އެ ދުންހޮޅިތައް އިތުރަށް އުސްކުރުމުގެ ކެޕޭސިޓީ ނެތުމުންކަމަށް ޝަރީފު ވިދާޅުވިއެވެ. ފައުންޑޭޝަން އިތުރަށް ވަރުގަދަކޮށް ދުންހޮޅިތައް އުސްކުރުމުގެ ބަދަލުގައި އެތަނުގައި ހުރި ތިން އިންޖީނުގެ އާއި ދުންހޮޅި މިހާރު ހުޅުމާލެއަށް ބަދަލުކޮށްފައިވާ ޝަރީފު ވިދާޅުވިއެވެ.

އެތަނުގައި ބާކީ ހުންނާނީ އެންމެ އިންޖީނުގެއެއް ކަމަށާއި އެ އިންޖީނުގެ ދުން ހޮޅި 10 ބުރީގެ އިމާރަތަކަށްވުރެ އުސްވާނެ ކަމަށާއި އެހެންކަމުން އެ ދުންހޮޅިން އަރާ ދުމުގެ އަސަރު އެ ހިސާބުގައި އުޅޭ މީހުންނަށް ނުކުރާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދުން ހޮޅިން ދުން ނުކުންނައިރު ހީވާނީ އާވި އަރަނީހެން ކަމަށެވެ.

"އެހެންވީމާ މިހާރު އެ ދުން ހޮޅިތަކަކުންނެއް ސްޓެލްކޯގެ ބާކީ އަޅުގަނޑު މި ދެންނެވީ ޕްލާންޓުތަކުގެ އިންޖީނުތަކުގެ ފިޔަވާ ދެންހުރި ދުންހޮޅިތަކުގެ ނުނުކުންނާނެ ދުމެއް. ރައްޔިތުންނަކަށް އުނދަގުލެއް ނުވާނެ. ސަބަބަކީ އަޅުގަނޑުމެންގެ ދުން ހޮޅިތައް ހުންނާނީ 10 ބުރި ގެތަކަށްވުރެ މައްޗަށް. ޔަގީނުންވެސް ދުމެއް ތިރިއަކަށް ނުފައިބާނެ، ދުން ދާނީ އަބަދުވެސް މައްޗަށް. އެހެންވީމާ އެކަން ހައްލުވެފަ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.