ޚަބަރު

މިއީ އަހަރެމެން ދަންނަ ރާއްޖެއެއް ނޫން، ގައުމު މި ހާލަތަށް ދިޔަ ސަބަބު ބަލަން ޖެހޭ: ރައީސް ވަހީދު

މުހައްމަދު އިޝާން

މިހާރު މިފެންނަ ރާއްޖެއަކީ އެމަނިކުފާނަށް ފެނިވަޑައިގެންނެވި ރާއްޖެ ނޫން ކަމަށާއި ގައުމުގެ މިހާރު މިއޮތް ހާލަތަށް ދިޔަ ސަބަބު ބަލަންޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު އެގޮތަށް ވިދާޅުވީ، ރޭގެ ވަގުތެއްގައި އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ސިއާ) މަރާލި އަނިޔާވެރި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ހަށިގަނޑު ފެނުނުުއިރު އޮތީ ބޯ ބުރިކޮށްލައި ހަތަރެސްފައިވެސް ބުރިކޮށްލައިފައެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ.

އެކަމާ ގުޅިގެން ރައީސް ވަހީދު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މިހާރު މި ގައުމު އޮތީ ސިހުރާއި ކުފުރުގެ ހާލުގައި ކަމަށެވެ.

"މިއީ އަޅުގަނޑުމެން ދަންނަ ރާއްޖެއެއް ނޫން. ގައުމު މި ހާލަތަށް ދިޔަގޮތާ މެދު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އަޅުގަނޑު ކުޑައިރު މީހަކު މަރާލުމަކީ ކޮބައިކަން ވެސް ނޭނގޭނެ،" ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ، މިހާރު ހިނގަމުންދާ އެފަދަ ކަންކަމާ މެދު ވިސްނައި، އެފަދަ ކަންކަން ދެން ނުހިނގާނެ ގޮތަކަށް ކަންކަން ރަނގަޅުކުރަން އެންމެންވެސް މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ އެޕާޓްމަންޓުގެ ތެރެއިން ރޭ ހައްޔަރުކޮށްފައިވަނީ އަލީ ޝާހިލް، 23، އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ޝިއާއުގެ މަރާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މަރާލި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިއާއަށެވެ. ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު ދަނޑުގައި ހުންނަ މޯޗަރީގައެވެ.

ޝިއާއު މަރާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އާންމު ފަރާތެއްގެ ފަރާތުން ރޭ 11:28 ހާއިރުއެވެ.

ޝިފާއު ވިދާޅުވީ، ޝިއާއު މަރާލައިފައި އޮތީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށާއި ސީންގެ ތެރެއިން ހައްޔަރުކުރި ޝާހިލް، 23އ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެ އެޕާޓުމަންޓުތަކުގެ ތެރެއިން އެ ހަމަލާ ދިނުމަށް ބޭނުންކުރި ބައެއް އާލާތްތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއާއު މަރާލިކަމުގެ ތުހުމަތު މިވަގުތަށް ކުރެވެނީ ކުށުގެ ރެކޯޑެއް ނެތް ޝާހިލަށް އެކަނި ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.