ކޮމަންވެލްތު ގޭމްސް

ކޮމަންވެލްތު ގޭމްސް: އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސް އިވެންޓުގައި، ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ އަންހެން ރިލޭ ރެކޯޑު އާ ކޮށްފިއެވެ.

އިއްޔެ، އަލެކްސަންޑަ ސްޓޭޑިއަމްގައި ބޭއްވި ރޭހުގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ގައުމީ އަންހެން ރިލޭ ރެކޯޑު އާކުރީ ހީޓު އެކެއްގައި ވާދަކޮށް، 49.19 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެ ޓީމުގައި ހިމެނެނީ އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދެވެ.

އިއްޔެ އަންހެން ރިލޭ ޓީމުން އާކުރީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ހަދާފައިވާ ރެކޯޑެކެވެ. އެ ރެކޯޑަކީ 50.16 ސިކުންތުން ރޭސް ނިންމައިގެން ހަދާފައިވާ ރެކޯޑެކެވެ. އެ ރެކޯޑު ހެދި ޓީމުގައި މިހާރު ޓީމުގައިވެސް ހިމެނޭ ހިމްނާއާއި ރިފާގެ އިތުރުން އަލްހާ ހިމެނޭ އިރު، އޭރު ދުވި ހަތަރުވަނަ އެތުލީޓަކީ ސާރާ މައްސޫދެވެ. މިފަހަރު ރިލޭ ޓީމުގައި ސާރާ ނެތް އިރު، ޓީމުގައި ހިމެނިގެން ދުވީ ލަޔާނާއެވެ.

ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސް އިވެންޓުތައް ނިންމާލުމަށް ފަހު، މިވަގުތު ގައުމީ އެތުލީޓުން ތިބީ ތުރުކީގެ ކޮންޏާގައެވެ. އެއީ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރުމަށެވެ.