އައްޑޫ ސިޓީ ހިތަދޫ ހުޅަނގުފަރާތު ފުއްޓަރުން ސީލެއް ފެނިއްޖެއެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ހިތަދޫ ކަނބިހާ ބީޗު ސަރަހައްދުގެ މޫދުން ވެސް ސީލެއް ފެނުނެވެ.

އައްޑޫ ސިޓީ މޭޔަރު، އަލީ ނިޒާރު މިއަދު "ވަން"އަށް ވިދާޅުވީ މިއަދު ފެނުނު ސީލް އަކީ ކުރިން ފެނުނު ސީލް ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ މިއަދު ފެނުނު ސީލް ކުރިން ފެނުނު ސީލަށްވުރެ ސައިޒުން ބޮޑު ކަމަށް ބެލެވޭތީ އާއި ކުރިން ސީލު ފެނުނު ސަރަހައްދާއި މިއަދު ސީލް ފެނުނު ސަރަހައްދާ ދެެމެދު ދުރުމިނުގެ ފަރަގުވެސް ބޮޑުކަމުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ސީދާ އެ ކަމެއް ބުނާކަށް ނޭނގެ. ކުރިން ފެނުނީ ހިތަދޫގެ އިރުމަތީ ފަޅިން. މިފަހަރު ހުޅަނގު ފަޅިން ފެނުނީ. ވަރަށް ބޮޑު ޑިސްޓެންސެއް އެއީ. އަދި މިއަދު ފެނުނު ސީލް ސައިޒުންވެސް ބޮޑު،" މޭޔަރު ވިދާޅުވިއެވެ.

ހިތަދޫން މިއަދު ފެނުނު ސީލް ބެލުމަށް އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވަމުންދާއިރު އޭގެ ވީޑިއޯތަކެއްވެސް މިހާރު ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކުރިން ފެނުނު ސީލްއާ ހިލާފަށް މިއަދު ފެނުނު ސީލް އޮތީ ފުއްޓަރު ތޮށިމައްޗަށް އަރައެވެ. އަދި މީހަކު އޭގެ ކައިރިއަށް ގޮސް އެއަށް ކާންދޭން މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯ އިން ފެނެއެވެ.