މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

ވިސިޓް މޯލްޑިވްސް ޕްރޯ: އަންހެން ޗެމްޕިއަންކަން އިޒަބެލާއަށް، ފިރިހެން ދެ ކެޓަގަރީގެ ޗެމްޕިއަނަކަށް ޑޭވިޑް

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާ ރާއްޖޭގެ މުބާރާތް، ވިިސިޓް މޯލްޑިވްސް ޕްރޯގެ އިވެންޓުތައް އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މުބާރާތުގެ ފައިނަލް އިވެންޓުތައް އިއްޔެ ކުރިއަށް ގެންގޮސްފައިވާ އިރު، ފިރިހެން ދެ އިވެންޓެއްގެ ޗެމްޕިއަންކަން ހަވާއީގެ ޑޭވިޑް ހުބާޑް ހޯދި އިރު، މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ އިޒަބެލާ ސޫސާއެވެ.

އިއްޔެ ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރާއްޖޭގެ ފަސްޓް ލޭޑީ، ފަޒުނާ އަހުމަދު ޝަރަފުވެރި ކޮށްދެއްވި އިރު، އިއްޔެ ބޭއްވި ފައިނަލް ހީޓުތައް ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަޑައިގަތެވެ.

ހަވާއީގެ ޑޭވިޑް ޗެމްޕިއަންކަން ހޯދި ދެ ފައިނަލުގައިވެސް ނުކުތީ ފްރާންސްގެ އަމައުރީ ލެވާންއާ ދެކޮޅަށެވެ. މިއީ އައިބީސީގެ ތާރީހުގައި ދެ އިވެންޓެއްގެ ފައިނަލުގައި އެއް ބައިވެރިންނެއް ވާދަކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

އިއްޔެ ފުރަތަމަ ކުރިއަށްދިޔައީ ޑްރޮޕްނީ ކެޓަގަރީގެ ފައިނަލެވެ. ފްރާންސްގެ އަމައުރީ އަތުން ޑޭވިޑް މޮޅުވީ 4.25ގެ ތަފާތަކުންނެވެ. މުބާރާތުގެ އެންމެ މަތީ ސްކޯތަކާއެކު ފައިނަލުން ޑޭވިޑް މޮޅުވީ 16.00ގެ ސްކޯ އަކުންނެވެ. މިގޮތުން އެއް ރާޅުގައި ޑޭވިޑް ހޯދި 9.00ގެ ސްކޯއަކީ މުބާރާތުގެ ރެކޯޑެކެވެ. ފައިނަލް ހީޓުގައި އަމައުރީ އަށް ލިބުނީ 11.75ގެ ސްކޯއެކެވެ.

ފިރިހެން އޯޕަން ބައިގެ ފައިނަލް ޑޭވިޑް ކާމިޔާބުކުރީ އެންމެ ފަހު ސިކުންތުކޮޅުގައެވެ. ހީޓު ފެށުނީސުރެ ކުރީގައި އޮތީ އަމައުރީއެވެ. ސާޅީސް މިނެޓަށް ކުރިއަށްދިޔަ ފައިނަލުން އަމައުރީ މޮޅުވާން ސިކުންތަކަށްވުރެ މަދު ވަގުތުކޮޅެއް އޮއްވާ އެންމެފަހުން އެޅި ރާޅުގައި ހޯދި 8.00ގެ ސްކޯއާއެކު ޑޭވިޑް ފައިނަލު ކާމިޔާބުކުރިއެވެ.

ޖުމުލަ ސްކޯގެ ގޮތުގައި ޑޭވިޑަށް 14.50ގެ ސްކޯއެއް ލިބުނުއިރު، އަމައުރީއަށް ލިބުނީ 14.40ގެ ސްކޯއެކެވެ. ޑޭވިޑް މޮޅުވީ 0.10ގެ ތަފާތުންނެވެ.

އަންހެން ބައިގެ ފައިނަލު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ އިޒަބެލާ ސޫސާއެވެ. ދުނިޔޭގެ ޗެމްޕިއަކަން މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ އިޒަބެލާ ފައިނަލް ހީޓު ކާމިޔާބުކުރީ ކެނެރީ އައިލެންޑްސްގެ އެލްގްސަންޑްރާ ރިންޑާއާ ވާދަކޮށް ތަފާތު ބޮޑުކޮށެވެ. ފައިނަލުގައި އިޒަބެލާ ވަނީ 16.00ގެ ސްކޯއެއް ހޯދައިފައެވެ. ރިންޑާއަށް ލިބުނީ 9.75ގެ ސްކޯ އެކެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ވޯލްޑް ޓުއާ އިވެންޓުގައި ދިވެހި އެތުލީޓުންވެސް ވަނީ ތަފާތު ދައްކައިފައެވެ. ޖޫނިއާ ބައިގެ ފައިނަލުގައި ރާއްޖޭގެ އާމިން މޫސާ ވާދަކުރި އިރު، އޭނާއަށް ލިބުނީ ދެވަނައެވެ. އޭގެ އިތުރުން ރާއްޖޭގެ ބޮޑީބޯޑިން ލެޖެންޑް އަލީ ހުޝްރުވާން (ކުޑަ އައްޔަ) ވަނީ ފިރިހެން ބައިގެ ކުއާޓާގައި ވާދަކޮށް ތާރީހީ ނަތީޖާއެއް ހޯދައިފައެވެ.