ޚަބަރު

ޓީޗަރުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރަން މިއަހަރު ފަށާނެ: މިނިސްޓަރު

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރަން މިއަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މަތީ ތައުލީމުގެ ނިޒާމަށް އިތުރު ބަދަލުތަކެއް ހުށަހަޅައި "މަތީ ތައުލީމާބެހޭ ބިލު"ގައި ޓީޗަރުކަން ކުރުމަށް ހާއްސަ ލައިސަންސެއް ދޫކުރަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.

ދިރާސީ އާ އަހަރު ފެށުމާއި ގުޅިގެން މިނިސްޓަރު އާއިޝާ މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ތައުލީމީ ނިޒާމުގެ ފެންވަރު މަތި ކުރަން ކަމަށާއި އެކަމަށްޓަކައި އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ ކިޔަވައިދިނުމަށް ލައިސަންސެއް ދޫކުރުން ކަމަށެވެ. ލައިސަންސެއް ދޫކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށާއި، މި އަހަރުގެ ތެރޭ އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން، އުންމީދު ކުރަނީ، މުދައްރިސްކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި، އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ އާ ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ފުރެން ގާތްވެފައިވާއިރު، އެ ގާނޫނާ ގުޅިގެން ހަދަން ޖެހޭ ހުރިހާ ގަވާއިދެއް މިހާރު ހަދައި ނިމިފައިވާ ކަމަށާއި މި އަހަރު އެ ގަވާއިދުތައް ތަންފީޒުކުރަން ފަށާނެ ކަމަށެވެ. އާ ގާނޫނުން އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންގެ ރައްކާތެރި ކަމަށް ކަމަށާއި އެހެންކަމުން ދަރިވަރުންނާ ބައްދަލުވާ އެންމެން ވެސް އެ ކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މިހާރު އޮންނަ ގަވާއިދުގެ ދަށުން ކިޔަވައިދިނުމަށް ވަކި ލައިސަންސެއް ދޫކޮށްފައެެއް ނޯވެ އެވެ. ޓީޗަރުން ރަޖިސްޓްރީ ކޮށްފައި ތިބެނީ އެޑިއުކޭޝަން މިނިސްޓްރީގަ އެވެ. އެއްވެސް ޓިއުޝަން ސެންޓަރަކުންވެސް ނުވަތަ ކްލާހެއްގެ ޓީޗަރަކުވެސް އެކަން ކުރަނީ ރަޖިސްޓްރީ ކޮށްގެން ނޫނެވެ. ތައުލީމުގެ ބިލާއެކު، ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އިތުރުން އެ ނޫން ވެސް ތަނެއްގައި ކިޔަވައިދޭނަމަ ރަޖިސްޓްރީކުރުން މަޖުބޫރުވާނެ އެވެ.