ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ބައިގެ ފައިނަލުގައި މިއަދު ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ބަލިވި ނަމަވެސް، އޭނާ ދެއްކި ހުނަރާއެކު މުޅި ރާޅުގަނޑުން ފެނުނީ ގައުމީ ޖޯޝެވެ. ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ އަތުން ފައިނަލް ބުރުގައި އާމިން ބަލިވި ނަމަވެސް، އޭނާގެ ހިތްވަރަކީ ގައުމުގެ ކުޅިވަރު ތާރީހުގައި ފަވާލެވޭނެ ހިތްވަރެއްކަން ޔަގީނެވެ.
މިއަދުގެ ފައިނަލް ބުރުގެ ޕާފޮމަންސްއާއެކު އާމިން ވެފައި ވަނީ ރާއްޖޭގެ ބޮޑީބޯޑިން ތާރީހުގައި ބޮޑީބޯޑިން ވޯލްޑް ޓުއާގެ ފައިނަލެއްގައި ވާދަކުރި ފުރަތަމަ އެތުލީޓަށެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގެ ފައިނަލުގައި އާމީން ދައްކާލި ހުނަރާއެކު މުޅި ސަރަހައްދުގައި ދިޔައީ އޭނާގެ ނަން ގުގުމަމުންނެވެ. ގައުމުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ގައުމީ ލޯބީގައި އާމީން ގައިގައި ބައްދާލިތަން ފެނިގެން ގޮސްފައިވެއެވެ. ކުޅިވަރުގެ ހަޔާތުން ގައުމު އަނެއްކާވެސް ފަހުރުވެރިވި ދުވަހެކެވެ.
ފައިނަލުން ގެބްރިއެލް މޮލީނާ މޮޅުވީ ވެސް މި މުބާރާތުގެ ޖޫނިއާ ބައިގެ ހުރިހާ ގޮތަކުން އެންމެ މަތީ ސްކޯ ހޯދައިގެންނެވެ. ފައިނަލުން އާމިން ބަލިވީ 0.90 ގެ ކުޑަ ތަފާތަކުންނެވެ.
ފައިނަލް ހީޓު ފަށައިގެން ލީޑުގައި އޮތީ އާމިންއެވެ. އޭނާގެ ފުރަތަމަ ދެ ރާޅުން ހޯދި ސްކޯއާ އެކު ކުރީގައި އޮއްވައި މޮލީނާ އަށް ކުރި ލިބުނީ ހީޓު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އޭނާ ހޯދި ސްކޯ އިންނެވެ. އޭގެ ފަހުން އާމިން އަނެއްކާ ވެސް އެއް ރާޅުގައި 6.60 ގެ ސްކޯ އެއް ހޯދައި ލީޑު ނެގިއެވެ.
މޮލީނާ ފައިނަލުން މޮޅުވި ހީޓު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިބުނު ރާޅުގައި 7.25ގެ ސްކޯ އެއް ހޯދައިގެން 13.00ގެ ޖުމްލަ ސްކޯ އަކާ އެކުގައެވެ. އާމިން އަށް ޖުމްލަ ލިބުނީ 12.10ގެ ސްކޯ އެކެވެ.
މި މުބާރާތުގެ ފައިނަލާ ހަމައަށް އާމިން ދިޔައީ ހުރިހާ ގޮތަކުންވެސް ހިތްވަރު ދައްކައިގެންނެވެ. ފުރަތަމަ ބުރުގައި އޭނާ ވާދަކުރި ހީޓުން ލިބުނީ ދެވަނައެވެ. އޭގެ ފަހުން ތިންވަނަ ބުރުގައި ގެބްރިއެލް މޮލީނާ އަތުން ބަލިވީ ބޮޑު ތަފާތަކުންނެވެ. ނަމަވެސް އެ ހީޓުގެ ދެވަނަ އާމިން އަށް ލިބުމުން އޭނާ އަށް ސެމީ ފައިނަލުން ޖާގަ ލިބުނެވެ.
ސެމީ ފައިނަލުގައި އާމިން ވަނީ އެންމެ ފަހު ވަގުތު ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން ޝިމާލް ޝަމީމް (ޝިމައްލެ) ބަލިކޮށްފައެވެ. އެ ހީޓުގެ އެންމެ ފަހު ތިން މިނެޓަށް ދިޔައިރު އާމިން އޮތީ ބަލިވެފައެވެ. ނަމަވެސް ފަހު ވަގުތު 0.50ގެ ތަފާތަކުން އޭނާ ވަނީ ޝިމައްލެ ބަލިކޮށްފައެވެ.
އާމީންއަކީ ހަމައެކަނި ރާޅުތަކުގެ އެތުލީޓެއްވެސް ނޫނެގެ. ކްލަބް ވެލެންސިއާއާ އެކު މި ސީޒަނުގެ ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އާމިންއަކީ ވެލެންސިއާ ޔޫތު ޓީމުގެ ކެޕްޓަނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ޓުއާ އިވެންޓެއް ކުރިއަށް ގެންގޮސް، މިއަދު ފައިނަލް ހީޓްތައް ނިންމާލާފައިވާ އިރު، މިފަހަރުގެ އިވެންޓްގައި ގައުމީ އެތިލީޓުން ވަނީ ގައުމީ ދިދައިގެ ޝަރަފު ދަމަހައްޓައިދީފައެވެ. ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ބޮޑީބޯޑިން ލެޖެންޑް، އަލީ ހުޝްރުވާން (ކުޑަ އައްޔަ) ޖާގަ ހޯދާފައިވާ އިރު، އެއީވެސް ބޮޑު ކާމިޔަބީއެކެވެ.
މިފަހަރުގެ ބޮޑީބޯޑިން މުބާރާތަކީ ދުނިޔޭގެ ބޮޑީބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށްވީ އިރު، ރާއްޖޭގައި ހޯސްޓް ކުރަމުންދާ މި މުބާރާތަކީ އޭޝިއާގައިވެސް ހޯސްޓް ކުރެވޭ ފުރަތަމަ ވޯލްޑް ޓުއާ ބޮޑީބޯޑިން އިވެންޓެވެ. އިވެންޓް ރާއްޖެއަށް އައުމަކީ ލޯކަލް ބޮޑީބޯޑަރުންނަށް ހާއްސަ ފުރުސަތަކަށްވީ އިރު، ކުޑަ އައްޔަ ނެރުނު ނަތީޖާއާއެކު އޭނާ ވެފައި ވަނީ، އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ އިވެންޓަކުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ދިވެއްސަށެވެ.
ބޮޑީބޯޑިންގެ ކުރިމަގަށް އާ ސަފުހާއެއް މިފަހަރުގެ ޓުއާ އިވެންޓުން ރާއްޖެއަށް ހުޅުވިއްޖެއެވެ. ކުރިއެރުމުގެ ގާބިލުކަން ދިވެހި އެތިލީޓުންގެ ކިބައިގައި ހުރިހަން އެތައް ހުނަރުވެރި އެތުލީޓުންނެއް ދައްކުވައިދީފިއެވެ. ފައިނަލާ ހަމައަށް ނުދިޔަ ނަމަވެސް ޖޫނިއާ އިވެންޓްތަކުގައި ދިވެހި އެތުލީޓުން ދެއްކި ތަފާތަށް ދުނިޔޭގެ ޝައުގުވެރިކަން ވަނީ ލިބިފައެވެ.