މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 10 މިނެޓުން ހިނގާފަ ދެވޭހާ ކައިރީގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށާއި ބަހުގެ ހިދުމަތް ފެށުމުގެ ކުރިން ހަދަންޖެހޭ ބަސް ސްޓޮޕްތަކުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
"ގެއިން ނުކުމެގެން ހިނގާފައި ގާތްގަނޑަކަށް 10 މިނެޓް ތެރޭގައި ބަސް ސްޓޮޕަކަށް ދެވޭ ވަރަށް، ބަސް ސްޓޮޕްތައް ސެޓުކުރެވޭތޯ އަޅުގަނޑުމެން މަސައްްކަތްކުރަމުން މިގެންދަނީ. ބަަސް ދަތުރުކުރަން ފެށީމަ މަގުމައްޗަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ އަދި މަގުމައްޗަކީ ހިތްފަސޭހަ ތަނަކަށް ބަދަލުވެގެންދާނެ" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނީބަސް ދަތުރުކުރުމަށް މިވަގުތު ކަނޑައެޅިފައިވާ ރޫޓުތަކަކީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު އަދި މެރިންޑްރައިވްގެ ވަކި ހިސާބެއް ކަމަށެވެ. އަދި ހިދުމަތް ފެށުމަށްފަހު ބަސް ދަތުރުކުރާނެ އިތުރު މަގުތައް ކަނޑައަޅާނެ ކަމަށް ވިދާޅުވިއެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް ފަހު ފުރަތަމަ 14 ދުވަހު ހިލޭ ބަސް ދަތުރުކުރެވޭނެއެވެ. ސްކޫލް ކުދިންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބަހުގެ ހިދުމަތަށް ހިލޭ ލިބޭނެއެވެ.
ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ ދަށުން މިނީބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާއިރު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ލ އަތޮޅުގައި މިނީ ބަހުގެ ހިދުމަތް އެމްޓިސީސީން ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު