ދުނިޔެ

އަދުގެ ދުނިޔެ: ޗައިނާ ރުޅިއެރުވުމުގެ ދިގު ތާރީޚެއް ނެންސީ ޕެލޯސީއަށް ލިބިގެންވެއެވެ.

އިމާދު ލަތީފު

ނެންސީ ޕެލޯސީއަކީ ކާކުބާވައެވެ. އެއީ ޗައިނާއަށް އައު މޫނެއް ނޫނެވެ. ޗައިނާ ރުޅިއެރުވުމުގައި ނެންސީ ޕެލޯސީއަށް ވަރަށް ދިގު ތާރީޚެއް ލިބިގެންވެއެވެ. މީގެ ތިރީސް އަހަރު ކުރިން ޗައިނާގެ ވެރިރަށް ބެއިޖިންގެ ޓިއަނަމަން މައިދާނުގައިވެސް ނެންސީ ޕެލޯސީވަނީ ޗައިނާގެ ސަރުކާރާ ދެކޮޅު ހަރަކާތެއް ހިންގަވައިފައެވެ. އެ ހަރަކާތަކީ 1989 ވަނަ އަހަރު ބެއިޖިންގުގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ހަނދާން އައު ކުރުމާއި ޝަރަފުވެރި ކުރުމުގެ ގޮތުން ޓިއަނަމަން މައިދާނުގައި ވަރަށް ބޮޑު ބެނަރއެއް ނިއުޅުއްވުމެވެ. މިދިޔަ އަންގާރަ ދުވަހު ޕެލޯސީ ވަނީ ހަމައެގޮތަށް ޗައިނާއަށް ގޮންޖައްސަވަމުން ޓައިވާނަށް ވަޑައިގެން ޓައިވާނުގެ ރައީސާއި ބައްދަލު ކުރައްވައިފައެވެ. ޑިމޮކްރަސީޔާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާވެސް ބައްދަލު ކުރައްވައިފައެވެ.

ނެންސީ ޕެލޯސީއަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޕީކަރެވެ. އެމެރިކާގެ ރައީސާއި ނާއިބުރައީސަށް ގޮތެއް ވެއްޖެނަމަ ދެން ވެރިކަމުގެ ބާރުތަކާ ހަވާލުވާން ހުންނެވީވެސް މަޖިލީހުގެ ސްޕީކަރުގެ ގޮތުގައި ނެންސީ ޕެލޯސީއެވެ. އެކަމަނާއަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ ސީނިއަރ ލީޑަރެވެ. ގާނޫނު ހަދާ މަޖިލީހުގެ ސްޕީކަރަކަށް ހުންނެވި ނިއުޓް ގިންގްރިޗް ވެސް ވަނީ 1997 ވަނަ އަހަރު ޓައިވާނަށް ހަމަ މިފަދަ ދަތުރުފުޅެއް ކުރައްވައިފައެވެ. މިފަހަރު ޕެލޯސީ މިދަތުރުފުޅެއް ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ އެހެން ހަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވަރަށް މަތީ ފަންތީގެ ވަފުދަކާވެސް އެކުގައެވެ. ވަޑައިގެންނެވީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. ހިމާޔަތްދޭން އެމެރިކާގެ މަނަވަރުތައް ޓައިވާނުގެ އައްސޭރީގައި ހަރަކާތްތެރިވިއެވެ.

ޕެލޯސީގެ އުމުރުފުޅުން މިހާރު 82 އަހަރެވެ. އުމުރުފުޅު މައްޗަށް ދިޔަދިޔަހެން ޗައިނާ ރުޅިއެރުވުމުގައި ނެންސީ ޕެލޯސީގެ ހިތްވަރާއި އަޒުމް ދަނީ ތާޒާވަމުން އިތުރުވަމުންނެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މިކަމެއް ފެށިފައި އޮތީ 1991 ވަނަ އަހަރު ބެއިޖިންގުގެ ޓިއަނަމަން މައިދާނުގައެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އެހެން ދެ މެންބަރަކާއެކު އެތަނަށް ވަޑައިގެން ކުއްލިއަކަށް ނިއުޅައިލެއްވީ ބޮޑު ބެނަރއެކެވެ. އޭގައި ލިޔެފައިއޮތެވެ. މިއީ ޑިމޮކްރަސީއަށްޓަކައި ޗައިނާގައި މަރުވި މީހުންގެ ޒިކުރާ އައުކުރުމެކެވެ. ޝަރަފުވެރި ކުރުމެކެވެ. މި ބީދައިން ބެނަރ ނިއުޅައިލެއްވުމާއެކު އިސާހިތަކު ޗައިނާގެ ފުލުހުން ދުވެފައިގޮސް ޕެލޯސީޔާއި އަނެއް ދެމެންބަރުން އެތަނުން ބޭރުކޮށް ފައްސައިލީއެވެ. ގަދަކަމުންނެވެ.

ޗައިނާގެ ވެރިކަމުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމުގައިވާ ޓިބެޓުގައި 2008 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކަށްފަހު އެތަނަށް ވަޑައިގެން ޗަރުކޭސް ދެއްކެވުމަށްވެސް ޕެލޯސީ މަސައްކަތް ކުރެއްވިއެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކަކާއެކު ޕެލޯސީއަށް އެކަން ކާމިޔާބު ކުރެއްވުނީ އޭގެ ހަތް އަހަރު ފަހުން 2015 ގައެވެ. އެކަމަކު ޗައިނާއިން ވަރަށް ބޮޑަށް ފާރަވެރިވެ އޮތުމުގެ ސަބަބުން މާބޮޑު ހަރަކާތެއް ނުހިންގެވުނެވެ. އެކަމަކު ޕެލޯސީ ވަނީ ޓިބެޓުގެ ރޫހީ ލީޑަރު ކަމަށްވާ ދަލައި ލާމާޔާއި ބައްދަލު ކުރައްވައި ޓިބެޓުގެ މިނިވަންކަމަށް ތާއީދު ކުރައްވައިފައެވެ. ދަލައި ލާމާޔަކީ އަމިއްލަޔަށް އަރުވައިލެވިގެން އިންޑިޔާގައި ދިރިއުޅުއްވާ ހާމުދުރެކެވެ. ޗައިނާއިން ދެކެނީ އެއީ ބޮޑު ބާޣީއެއް ކަމުގައެވެ.

ދުނިޔޭގެ އެއްވެސް ގައުމެއްގެ އެއްވެސް ފަންތިއެއްގެ ވެރިޔަކު ދަލައި ލާމާޔާ ބައްދަލު ކުރެއްވުމަކީ ޗައިނާއިން ވަރަށް ނުރުހޭ ކަމެކެވެ. ރުޅިގަދަވާ ކަމެކެވެ. އެގޮތުން ދަލައި ލާމާޔާއި ޕެލޯސީގެ ބައްދަލު ކުރެއްވުމަށްވެސް ޗައިނާއިން ވަރަށް ހޫނު ރައްދެއް އޮތީ ދީފައެވެ. ދަލައި ލާމާޔާއި ބައްދަލު ކުރުމުން ޗައިނާ ރުޅިގަދަވާ ބީދައިން ދެން އެފަދަ ރުޅިޔެެއް އަންނަނީ ގައުމުތަކުގެ ވެރިން ޓައިވާނަށް ވަޑައިގަތުމުންނެވެ. އަދި ޓައިވާނުގެ ވެރިންނަށް ގައުމުތަކުން މަރުހަބާ ކިޔުމުންނެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި މިކަންކަމަކީ ޓައިވާނު މިނިވަންވުމަށް ހިތްވަރު ދިނުމެކެވެ. ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމެކެވެ. ޚާއްސަކޮށް އެމެރިކާގެ ވެރިޔަކު ޓައިވާނަށް ވަޑައިގަތުމަކީ ވަކިން ބޮޑަށް ޗައިނާ ރުޅި އަންނަ ކަމެކެވެ. ސީރިއަސްވެވޭ ކަމެކެވެ.

ޓައިވާނަކީ މިނިވަން މުސްތަގިއްލު ގައުމެއް ނޫނެވެ. އެއީ ޗައިނާގެ ބައެކެވެ. އެމެރިކާއިންވެސް ރަސްމީކޮށް ގަބޫލުކުރާ ގޮތަކީ އެއީއެވެ. ޓައިވާނާއި އެމެރިކާޔާ ދޭތެރޭ ޑިޕްލޮމެޓިކް ގުޅުމެއްވެސް ނޯވެއެވެ. އެ ގުޅުން އޮންނަނީ ޗައިނާއާއެކުގައެވެ. އެކަމަކު ޓައިވާން ދިފާއުކޮށްދިނުމަކީ އެމެރިކާއިން ބޮލުގައި އަޅައިގެން އުޅޭ ޒިންމާއެކެވެ. އެގޮތުން ޓައިވާނަށް ހަތިޔާރުދީ ބާރުވެރިކޮށް މިހުރިހާ ސަކަރާތެއްވެސް އަންނަނީ ޖަހަމުންނެވެ. މިކަމަކީ ޗައިނާއަށް ޖެއްސުންކުރުމާއި ގޮތްދެއްކުމަށް ކުރާ ކަމެކެވެ. އެކަހަލަ ކަމެއް ކުރާއިރު ކޭކުގައި އައިސިންގަނޑު ޖަހައިލުމަށް ޕެލޯސީއަށްވުރެ އެކަށީގެންވާ އެހެން މީހަކު ހުންނާނެ ބާވައެވެ. ނުހުންނާނެއެވެ. އެވަރުގެ ހިމާޔަތާއި ރައްކާތެރިކަން ދީފައި ޕެލޯސީ އެފޮނުވީ އެހެންވެގެންނެވެ.