Close
ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 26

އޭގެ ދިވަރަކަށް މިނެޓް ފަހެވެ. ގޭތެރެ ހަމަޔަކަށް އެޅުމާއެކު މިހުރިހާއިރު ހިމޭނުން ހުރި އަޔާލް ފަހަތަށް އެނބުރި ބަލައިލިއެވެ. އަޔާލްއަށް ޝަކުވާގެ ނަޒަރަކުން ބަލަހައްޓައިގެން ހުރި ރިންދާގެ ދެލޮލުގައި ވީ ކަރުނައެވެ. އެމަންޒަރު ބަލަން އަޔާލްއަށް ކެތްނުވިއެވެ. ރިންދާ އާ ގާތަށް އަޔާލް ފިޔަވަޅެއް އެޅިއެވެ. އެހިނދު ރިންދާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ދެން އަޔާލްގެ އަތުގައި ނުޖެހި ގެއިން ނުކުންނަން ދުއްވައިގަތެވެ.

******

ގޭތެރެއަށް ވަދެގެން ދިޔަ ރިންދާ އެދިޔަ ބާރުމިނުގައި ގޮސް ވަނީ ކޮޓަރިއަށެވެ. މުހިންމު ވާހަކައެއް ދައްކަން ސޯފާގައި ތިބި ޝާހްބާޒާއި ނަހާ ހައިރާންކަމާއެކު އެކަކު އަނެކަކަށް ބަލައިލިއެވެ. ވަދެގެން ދިޔަ ރިންދާއަށް އެދެމީހުން ނުފެންނަ ކަހަލައެވެ.

"ކޮންމެސް ކަމެއްވެއްޖެ. ނާ ދޭބަލަ ޚަބަރު ބަލައިލަން" ޝާހްބާޒް ބުންޏެވެ. ނަހާ ތެދުވެގެން ރިންދާގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.

އެނދުގައި ދިމާ ސީދަލަށް އިށީނދެގެން އިން ރިންދާ ބަލައިލީ ދޮރު ހުޅުވާފައި ވަން ނަހާއަށެވެ. ނަހާ އައިގޮތަށް އައިސް ރިންދާގެ ގާތުގައި އިށީނެވެ. ދެން ފަރުވާތެރިވެ ރިންދާގެ ދެލޮލަށް ބަލައިލިއެވެ. ރިންދާގެ ދެލޯ ކައިރިން ކަރުނައިގެ އަސަރު ނަހާއަށް ފެނުނެވެ.

"ކިހިނެއްވީ މަންމާ؟" ރިންދާ އެހިއެވެ.

"މަންމައެއްނު ތިހެން އަހަންވީ؟" ނަހާ ބުންޏެވެ. "ރިދާއަށް ކިހިނެއްވެފަ؟"

ރިންދާ އިސްޖަހާލިއެވެ. އެހިނދު ރިންދާގެ ދަތްދޮޅީދޮށަށް އަތްލައްވާލާފައި އުފުލާލިއެވެ.

"ދެކުދިން ޒުވާބުކުރީތަ؟ މައްސަލައެއް ޖެހުނީތަ؟" ނަހާ އެހިއެވެ. ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.

އެންމެފަހުން ނަހާއަށް ރިންދާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އެ މަންޒަރު ފެނުނީމަ މާބޮޑަށް ބިރުގަތީދޯ" ނަހާ ބުންޏެވެ.

"ބިރުގަންނާނެއްނު. އެމީހާ މަރުނުވީ ކިރިޔާ. އަޅުގަނޑު ޔާލްދެކެ ވަރަށް ހިތްހަމަނުޖެހިއްޖެ. ރުޅިއަޔަސް އެމީހަކަށް ކެތްވާވަރަކަށް ދޯ ރުޅި އަންނަން ޖެހޭނީ. އެގޮތަށް ރުޅިއަންނަންވިއްޔާ މާދަމާ ކިތަންމެ ބޮޑު ހިތާމައަކާވެސް ކުރިމަތިލާން ޖެހިދާނެ. ވިސްނަންވާނެއްނު" ރިންދާ ވާހަކަދެއްކިއެވެ.

"އެއީ ކޮންމެ މީހަކަށް ވިޔަސް އެމީހާ ކަންތައްއެކުރީ ރަނގަޅަކަށް ނޫން. މަންމައަށް އެބަފެނޭ ރިދާގެ ކޯތާފަތުން އެމީހާ ހިފި ނިޝާން. ރަތްވެފަ އެހެރީ. ތިބުނީނު އަޔާލް ރުޅި އައީ ރިދާގެ ގަޔަށް އެމީހާ އަތްއިސްކުރީމައޭ. އެވަރުވީމަ މަންމަ ނަމަހީވެސް ރުޅިއަންނާނެ" ނަހާ ވާހަކަދެއްކިއެވެ. ދެން ރިންދާގެ ކޯތާފަތުގެ ރަތްވެފައި ހުރި ތަނުގައި އަތުން ފިރުމާލިއެވެ.

"ރިދާ ރުޅިއިސްނުކޮށްބަލަ. ވާހަކަދައްކައިގެން ތިކަން ދެކުދިން ހައްލުކޮށްލާ" ރިންދާ ހިމޭނުން އިންނަން ފެށުމުން ނަހާ ބުންޏެވެ.

******

ދެފައި ކުރުކޮށްގެން ސޯފާގައި އިން ރޫބިޔާގެ ނަޒަރު ހުއްޓިފައިވަނީ ކުޑަދޮރު ކައިރީގައި ހުރި ބަރަކް އަށެވެ. އަތުގައި ހުރި ފިނިފެންތަށި ފަހަރަކު އެތިފޮދެއް ބޮމުން ގޮސް ފެންތަށި އެއްކޮށް ހުސްކޮށްލާފައި ދެފައި ތިރިއަށް އެލުވާލިއެވެ.

"އަދިވެސް ބަރަކް ގޯސްކުރާނީ މަންމަ ތަ؟ ކާކު ނަސީބެއްކަމެއް ނޭނގެ މިއަދު އަހަރެން ސަލާމަތްވީ" ރޫބިޔާ ބުންޏެވެ.

"ދެން ތިވާހަކަ ނުދައްކަފާނަންތަ؟ އަހަރެން ބޮލުގަ ރިއްސަން ފަށައިފި" ބަރަކް އައިސް ސޯފާގައި އިށީނދެފައި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

"އަހަރެން ނުދެކެން ބަރަކް ކަހަލަ ދަރިއެއް. ބަލަ ބަރަކްގެ ކުރިމަތީގައި އެ ފިރިހެނާ އަހަރެންނަށް ހަދާލާފަ އިންގޮތް ނުދެކެންތަ؟ އެތަނުން އަހަރެން ގޮވައިގެން އައިއިރު އެއިން މީހަކަށް ޗުއްޕުވެސް ނުބުނޭ. ގައިމުން އަހަރެން މިއީ ބަރަކްގެ މައިމީހާ ވިއްޔާ" ރޫބިޔާ ވާހަކަދެއްކިއެވެ. އޭނާގެ މަގުސަދަކީ ބަރަކް އާއި އަޔާލް ދެމެދުގައި ރުޅިވެރިކަން އުފެއްދުމެވެ.

"މަންމައަށް ކަމެއްވެއްޖެތަ؟ ނުވެއެއްނު. ތީނީ ގަދަވެ ސަލާމަތުންނެއްނު. އެހެންނޫނަސް މަންމަ ކީއްކުރަން އެގެއަށް ދިޔައީ. ހެޔޮނުވާނެ މަންމާ. ދޮންބެގެ ދިރިއުޅުމުގެ ތެރެއަށް ނުވަދެބަލަ. މަންމައަށް އުނދަގޫކޮށް މަންމަ ރުޅިއަރުވާކަށް ދޮންބެވެސް ނާދެއެއްނު" ބަރަކް ވާހަކަދެއްކިއެވެ.

"ވަރަށް ތާހިރެއްނު. ކަލޭ އަދިވެސް އެމީހުންގެ ކޮޅަށް ދޯ ޖެހެންވީ" ރޫބިޔާ ބުންޏެވެ.

"އަހަރެންނަށް ޔަގީން މަންމަ އެތަނުގައި ހައްޕު ކިޔައިގެން ބުދެއްހެން ގާވެފައި ހުރިނަމަ އެވަރުގެ ކަމެއް ނުހިނގީސްކަން. ދޮންބެގެ ރުޅިގަނޑު އަހަރެންނަށްވެސް ފެނިފަ ހުރީ. ދޮންބެ އެހާ ރުޅިގަދަވީވެސް ހަމަ މަންމަގެ ސަބަބުން. އެރުޅިގަނޑު ދޮންބެ އަންނަނީވެސް ހަމައެކަނި މަންމަ އާ ޖެހުމުން...." ބަރަކް ވާހަކަދެއްކިއެވެ.

"އަހަރެން އެއްވެސް ކަމެއްކުރިތޯ ނިކަން އަހާބަލަ....."

"ދެންހެޔޮ މަންމާ... " އެންމެފަހުން ބަރަކް ތެދުވެގެން ހިނގައިގަތެވެ.

******

ނިދަން އުޅެ އުޅެ ރިންދާއަށް ނިދޭގޮތެއް ނުވިއެވެ. ސިކުންތަކު ދެފަހަރު ފޯނު ޗެކްކޮށްލައެވެ. އަޔާލްގެ އެއްވެސް ހަބަރެއް ނުވެއެވެ. ރޭގަނޑުގެ ކެއުމަށްވެސް އަޔާލް ނާދެއެވެ. ގުޅަން އުޅެފައިވެސް އަޔާލް އަމިއްލައަށް ފެނިގެން ގުޅަންދެން ރިންދާ މަޑުކޮށްގެން ހުރީއެވެ. އެހެންނަމަވެސް ނިދާ ވަގުތާ ހަމައަށް އައިއިރު ރިންދާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އެވަގުތު އަޔާލް އެކަނިކޮށްލާފައި އާދެވުމުން އަމިއްލަ ނަފްސުދެކެ ހިތްހަމަނުޖެހުނެވެ. ފޯނު ނަގާފައި އެންމެފަހުން އަޔާލްގެ ނަންބަރަށް ގުޅިއެވެ. ރިންދާގެ މޫނުން ހައިރާންކަމެއް ފެނިގެން ދިޔައީ އަޔާލްގެ ފޯނު ނިވާލާފައި އޮތުމުންނެވެ. އެތައް ފަހަރަކު ރިންދާ ގުޅިއެވެ. ލިބެނީ ހަމަ އެއްޖަވާބެކެވެ.

އެނދުން ތެދުވެ ހެޑްބޯޑުގައި ރިންދާ ލެނގިލިއެވެ. ލޯމަތިން ނިއުޅެމުންދާ ކަންކަމާ ރިންދާ ވިސްނުން ހިންގާލިއެވެ. އެންމެ ފުރަތަމަ އަޔާލްގެ ކަންތަކެވެ. ރޫބިޔާ އަޔާލްއަށް އެހާ ނަފްރަތު ކުރަނީ ހަމަ އެގޭގެ ބޭނުމުގައި ހެއްޔެވެ؟ ދޮންމަންމައިން ދޮންދަރިންދެކެ ރުޅިއަރާ ވާހަކަ އާއި ނަފްރަތު ކުރާ ވާހަކަ ރިންދާއަށް ހުރީ ވާހަތަކުންނާއި ފިލްމުތަކުން ފެނި އިވިފައެވެ. ހަގީގަތަށް ފެންނަ މިއީ ފުރަތަމަ ފަހަރެވެ. އެހާ ރުޅި އަންނަ މީހަކު ވިއްޔާ އަތުންފައިން ކޮންމެފަދަ ގޯހެއްވެސް ހަދާފާނެއެވެ. ދުނިޔޭގެ އެދުން ހިތުގައި ގަދަވެގަނެއްޖެނަމަ އެމީހަކު ހަމަމަގަށް އެޅުވުމަކީ އުނދަގޫ ކަމެކެވެ. އެރުޅީގައި މާދަމާ އަޔާލް މަރާލާކަށްވެސް ރޫބިޔާ ފަހެއް ނުޖެހޭނެއެވެ. އަޔާލްގެ މަރުގެ ފިކުރު ކުރެވެން ފެށުމާއެކު ރިންދާ ފުންމައިގެން ތެދުވިއެވެ. ދެފަރާތަށް ބޯހޫރާލާފައި އެވިސްނުންތަކުން ނުކުންނަން މަސައްކަތް ކުރިއެވެ.

އަރިމަތީ ކަބަޑުމަތީގައި ހުރި ފެންތަށި ނެގި ވަގުތު ލޮލުގައި އަޅައިގަތީ ވިލިނީ ގެނައި ފޮޓޯތަކެވެ. އަނެއްކާ އަނެއް ބޮލުގެ ރިހުމެވެ. ނަހީކްގެ ނަން ހިތަށް އެރުމާއެކު ރިންދާގެ އެތެރެހަށީގެ ލޭ ކެކިގަތެވެ. އިންސާނެއްގެ ސިފައިގައި ހުއްޓަސް ނުލަފާ ޖަނަވާރެކެވެ. ހާދަ ދޮގެއްވެސް ހަދައެވެ. އެކަމަކު ނަހީކް ދޮގު ހަދަން ޖެހުނު ސަބަބަކީ ކޮބާ ހެއްޔެވެ؟ ރަންނިގެ މަރުގެ ހަގީގަތް ނަހީކަށް އެނގޭ ކަމަށް ވަންޏާ އެސިއްރު ނަހީކްގެ ފަރާތުން ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟ ނަހީކާ ގުޅުން ބަދަހި ކުރަން އެބަ ޖެހެއެވެ.

"ނުބައި ނުލަފާ ޖަނަވާރެއްގެ ދަށުވެ އަހަރެންގެ ރަންނިވެސް ދިޔައީ. މިއީ މުޅިންވެސް ޖަނަވާރުން ކަހަލަ މީހުން ދިރިއުޅޭ ތަނެއް. އަޅެ ހިތުގައި ރަހުމެއްވެސް ނެތީތަ؟ ޔާލްގެ ދޮންމަންމަވެސް އެހެރީ ނުލަފާކަން. އަނެއްކާ އެމީހާ ޔާލް މަރާލަން.... ނޫން..." އެވިސްނުންތައް ދެވަނަ ފަހަރަށް އަނބުރާ ރިންދާގެ ސިކުނޑިތެރޭގައި ވަށާލުމާއެކު ރިންދާ ތެޅިގަތެވެ.

އެނދުމަތީގައި އޮތް ފޯނު ނެގިގޮތަށް އަނެއްކާވެސް އަޔާލްގެ ނަންބަރަށް ގުޅަން ފެށިއެވެ. ހަބަރެއްނުވުމުން ރިންދާ ކަންބޮޑުވިއެވެ. އެންމެ ހިނދުކޮޅަކުވެސް އެހެން އިންނަން ރިންދާ ބޭނުމެއް ނުވިއެވެ. ހެދުން ބަދަލުކޮށްގެން ކޮޓަރިން ނުކުތް ގޮތަށް ގޮސް ޓަކިޖެހީ ނަހާގެ ކޮޓަރީ ދޮރުގައެވެ.

ތަނަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ނަހާއަށް ރިންދާ ފެނުމާއެކު ހައިރާންވިއެވެ. ދެން ކޮޓަރި ދޮރުލައްޕާލާފައި ބޭރަށް ނުކުމެ މަޑުކޮށްލީ ކޮޓަރި ދޮރުކައިރީގައެވެ.

"މަންމާ، މިރޭ ޔާލްއަށް މިގޭގަ ނިދޭނެތަ؟ އެބައަންނަން ޔާލް ގޮވައިގެން" ރިންދާ ބުންޏެވެ. ނަހާ ހައިރާންވިއެވެ. ރިންދާގެ އަތުތެރޭގައި އޮތް ފޯނުން ނަހާ ގަޑި ބަލައިލިއެވެ.

"މިއީ ކޮންގަޑިއެއް ދަރިފުޅާ. ބަލާބަ ގަޑިން ވީއިރެއް" ނަހާ ބުންޏެވެ.

"އިނގޭ މަންމާ. ޕްލީޒް ހަމަ ވަރަށް އަވަހަށް އަންނާނަން. މިރޭ ޔާލް އޮންނާނީ ނުވެސްކައިކަން ޔަގީން. ވަރަށް ދެރަވެގެން އެ އުޅެނީ" ރިންދާ ބުންޏެވެ.

"އެކަމަކު... ގޭގަ ކާއެއްޗެއްވެސް ރޯފިލުވާފަ ނުހުންނާނެ" ނަހާ ބުންޏެވެ.

"މަންމަ ހާސްނުވޭ. އަޅުގަނޑު އޭނައަށް ނޫޑްލްސް ކައްކައިދޭނަން. ޕްލީޒް މަންމާ. އަޅުގަނޑު ލަސްކޮށްފިއްޔާ އެމީހާ ޔާލް މަރާލަފާނެ" ރިންދާ ބުންޏެވެ.

ރިންދާ އެބުނި ޖުމްލައާއެކު ނަހާގެ ދެލޮލުން ނިދިވެސް ފިލައިގެން ދިޔައެވެ. ރިންދާގެ ވާހަކަތަކާ ގުޅިފައިވަނީ ކޮންކަމެއްކަން އެނގުމުން ހުދު ނަހާގެ ހިތުގައިވެސް ބިރުވެރިކަމުގެ ރާޅުބާންޏެއް ހިނގާލިއެވެ. އިތުރަށް ރިންދާއަށް ނޫނެކޭ ބުނާކަށް ނަހާ ބޭނުމެއް ނުވިއެވެ.

"އަވަހަށް އަންނާތި. މަންމަ މަޑުކުރާނަން ރިދާ އަންނަންދެން" ނަހާ ބުންޏެވެ.

"އުނހު. މަންމަ ނިދަން ދިޔަސް ރަނގަޅުވާނެ" ރިންދާ ބުންޏެވެ.

"ނޫނެކޭ. ދޭ އަވަހަށް. މަންމަ މިތާ އިންނާނަން" ނަހާ ބުންޏެވެ.

ރިންދާ އިތުރަށް އެއްޗެއް ނުބުނެއެވެ. ހަރުގަނޑުން ފައިވާން ނަގައިގެން ނަހާއަށް ބަލައިލާފައި ގެއިން ނުކުތެވެ.

*****

ވަގުތުގެ ގޮތުން ރިންދާއަށް ޓެކްސީއެއް ލިބުނީ ތަންކޮޅެއް ދުރަށް ހިނގި ފަހުންނެވެ. ގޭ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު ރިންދާ ފައިބައިފިއެވެ. ޑްރައިވަރާ ވާހަކަތަކެއް ދައްކާފައި ގޭ ދޮރާއްޓާ ދިމާލަށް އައި ވަގުތު ދޮރާށި ހުޅުވާލާފައި ބޭރު މީހެއް ނުކުތެވެ. އެވަގުތު ގޭތެރެއިން ނުކުންނާނީ މަސައްކަތްކުރާ މީހުންގެ ތެރެއިން މީހެއްކަން އެނގުމުން ރިންދާ ހިނިތުންވެލިއެވެ. އެފަދަ ވަގުތެއްގައި ރިންދާ ފެނުމުން އެމީހާގެ މޫނުމަތީގައި ހައިރާންކަމެއް ވިއެވެ. މަގުމަތި ހިމޭންވެ މީހުން މަދުވެފައި ވަނިކޮށް އެގޮތަށް އެކަނި ހުންނަންވުމުން ރިންދާގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ހިނގާލިއެވެ. ނަމަވެސް އެކަން މޫނުމަތިން ނުދައްކައި ދޮރާށިން އެތެރެއަށް ދެމިގަތެވެ.

ފެންތައްޓެއް ހިފައިގެން ބަދިގޭ މޭޒުކައިރީގައި އިން އަޔާލްއަށް ބަދިގޭ ދޮރުމަތިން މީހަކު ހުރަސްކުރިހެން ހީވުމުން އެދިމާލަށް ބަލައިލިއެވެ. ޔަގީންނުވެފައި އިރުކޮޅަކު އަޔާލް އިނެވެ. ކަޅު ކުލައިގެ ޖެކެޓެއް ގޮތަށް ތިރިއަށް އެލިފައިވާ ބައެއް ފެނުނުހެން ހީވުމުން އެއީ އަންހެނެއްކަން އަޔާލްއަށް ޔަގީންވިއެވެ. ބަދިގޭ ދޮރުން ބޭރަށް އަޔާލް ބޯދިއްކޮށްލިއެވެ. އަޔާލްގެ ކޮޓަރި ދޮރުމަތީގައި ދޮރުގައި ތަޅަން އެހުރީ ރިންދާ ނޫން ދެވަނަ މީހެއް ނޫނެވެ. ގަޑިން އެއްގަޑި ބައިވެއްޖެއެވެ.

"ރިދާ..." ރިންދާ ބަލައިލިއެވެ. ފަހަތުގައި ހުރި އަޔާލް ފެނުމުން ރިންދާއަށް ރޮއެރޮއެ ހުރެފައިވެސް ހެވުނެވެ. އިތުރު ސުވާލެއް އަޔާލްއަށް ނުކުރެވެނީސް އަޔާލްގެ ގައިގައި ރިންދާ ބައްދައިފިއެވެ.

"ޝާހާދަތް ކިޔާބަލަ" އަޔާލް ބުންޏެވެ. ދުރުވެލާފައި ރިންދާ އަޔާލްއަށް ބަލައިލިއެވެ.

"މިގަޑީގަ ރިދާ ކަމެއް އަހަރެންނަށް ޔަގީނެއްނޫން" އަޔާލް ބުންޏެވެ.

"ބޭރުގަ އޮންނާނެ ޓެކްސީއެއް. ހިނގާ ގެއަށް ދާން" އަޔާލްގެ އަތުގައި ހިފާ ދަމައިގަންނަމުން ރިންދާ ބުންޏެވެ.

"ކީކޭ... ނޫން... މިއީ ކޮންގަޑިއެއް؟" އަޔާލް ބުންޏެވެ.

"އެއްވެސް އެއްޗެއް އަޑުއަހާކަށް ބޭނުމެއްނޫން. ހިނގާ. ޔާލްއަށް އެނގެއެއްނު ޔާލް ތިހުރީ ކުށްވެރިވެފަކަން. އެހެންވީމަ އަހަރެން ބުނާގޮތް ހަދާ" އަމުރުވެރި ރާގަކަށް ރިންދާ ބުންޏެވެ. ދެން އަޔާލްގެ އަތުގައި ހިފައިގެން ނުކުންނަން ހިނގައިގަތެވެ.

********

އަޔާލް ގޮވައިގެން ރިންދާ ގެއަށް އައިއިރު ނަހާ ހުރީ އެކަކަށް ވާވަރަށް ނޫޑްލްސް ކައްކައިފައެވެ. ނިދަން ވަނުމުގެ ކުރިން އަޔާލްގެ ކޮޓަރި ތައްޔާރުކޮށްފައި ހުރި ވާހަކަ ނަހާ ބުންޏެވެ.

"ރަނގަޅަށް ކާތި" ރިންދާ ބުންޏެވެ.

އަޔާލް ކައި ނިމެންދެކަށް މޭޒު ކައިރީގައި ރިންދާ އިނެވެ. ތަށިތައް ނަގާފައި އަޔާލްގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވައްދާފައި ރޭގަނޑުގެ ފަހުގެ ސަލާން އަޔާލް އާ ކޮށްލިއެވެ. ކޮޓަރިއަށް ދާން ހިނގައިގަތް ރިންދާގެ އަތުގައި އަޔާލް ހިފެހެއްޓިއެވެ.

"ސޮރީ..." އަޔާލް ބުންޏެވެ.

"ވަރަށް ލަސްވެއްޖެ. އަހަރެން މިގަޑީގަ ޔާލް އާ ވާހަކައެއް ނުދެއްކޭނެ. މިއީ ދަންވަރު. އަސްލު އަހަރެން މިހުރީ ޔާލްދެކެ ވަރަށް ހިތްހަމަނުޖެހިފަ. އެންމެ ކަމެއްގެ ސަބަބަކުން ނޫން. ބައިވަރު ސަބަބު އެބަހުރި" ރިންދާ ބުންޏެވެ.

ދެން ރިންދާގެ އަތުތެރެއިން އަޔާލްގެ އަތް ނައްޓުވާލާފައި ކޮޓަރިން ނުކުތެވެ. އަޔާލް ބަހެއްނުކިޔައި ހުރެފައި ވަކި ހިސާބަކަށް ރިންދާ ދިޔަފަހުން ގޮވާލިއެވެ.

"އަހަރެން ވަރަށް ލޯބިވޭ ރިދާދެކެ" އަޔާލް ބުންޏެވެ.

ރިންދާ ފަސްއެނބުރި ބަލައިނުލައެވެ. އެދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ.

***********

މިސްކިތުން އައިސް އަޔާލް ގެއަށް ވަންއިރު ދޮރުމަތިން ރިންދާގެ މައިންބަފައިންނާ ދިމާވިއެވެ. އެދެމީހުންނަށް ހީލާފައި އަޔާލް ކުރިއަށް ހިނގައިގަތެވެ. ރިންދާ ހަމަޔަކަށް އަޅުވަން ރަނގަޅު ވަގުތެކޭ ހިތާ އެތެރެއަށް ވަންނަން އުޅެނިކޮށް ޝާހްބާޒް ގޮވާލުމުން މަޑުކޮށްލިއެވެ.

"ކިހިނެއް ހުރިހާ ކަމެއް؟" ޝާހްބާޒް އެހިއެވެ.

"ރަނގަޅު" އަޔާލް ބުންޏެވެ.

"ރިދާ އެބައުޅޭ ބަދިގޭ. ބޭބެމެން މިދަނީ ކަސްރަތުކޮށް ހިނގާލަން ކަމަށް" ޝާހްބާޒް ބުންޏެވެ.

އަޔާލް ބަދިގެ އާ ދިމާލަށް ދިޔައީ އަޑެއްވެސް ލައްވާނުލައެވެ. ފުށްގަނޑު މޮޑެން ރިންދާ އުނދުން ކައިރީގައި ހުއްޓެވެ. ސިއްރުން ފިޔަވަޅު އަޅަމުން ގޮސް އަޔާލް ހުއްޓުނީ ޒިންކު ކައިރީގައެވެ. ރޯ މަހުގެ ރިހަ ކައްކަން ވެގެން އައިސް އަލަމާރިން ނަގާފައި ހުރި މަސްއެތި ހުރީ ފިނި ފިލުވާފައެވެ.

"ކޯޗަކަށް ކޮށަންވީ؟ ރިހައަށްތަ ނޫނީ ކުޅިމަހަށްތަ؟" އަޔާލް އެހިއެވެ. ސިހިފައި ރިންދާ ބަލައިލިއެވެ. އެއިރު ޓްރޭ އިން މަސްގަނޑު ނަގާފައި މަސްކަނޑަން ހާއްސަކޮށްފައި އޮތް މަޅުގަނޑު މަތީގައި ބާއްވައިފިއެވެ.

"ތިބަހައްޓާ. އަހަރެން ކޮފީއެއް މިގެންދަނީ" ރިންދާ ބުންޏެވެ. އަޔާލް އެ އަޑެއް ނޭހިއެވެ.

"ޔާލް... ތިކަން ފަހުންވެސް ކުރެވޭނެއްނު" ރިންދާ ބުންޏެވެ.

"އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން" އަޔާލް ބުންޏެވެ.

ރިންދާ އެނބުރި އަޔާލްއަށް ބަލައލިއެވެ. ހިނގައިދިޔަ ކަންތަކުގެ ސަބަބުން އަޔާލް ދެރަވެއްޖެކަން ރިންދާއަށް އެނގުނެވެ. އެހެންކަމުން ފުށްއެތި ބަހައްޓާފައި އަޔާލް އާ ގާތަށް ޖެހިލިއެވެ. ފަހަތުން އަޔާލްގެ ގައިގައި ރިންދާ ބައްދާލުމާއެކު އަޔާލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

"ސޮރީ....." ރިންދާ ބުންޏެވެ.

ދެއަތް ދޮވެގެން ރިންދާ ގޮވައިގެން އަޔާލް މޭޒުކައިރީގައި އިށީނެވެ.

"ރިދާ ކީއްވެ ސޮރީ ތިބުނަނީ. އަހަރެން ކުށްވެރިއަކީ" އަޔާލް ބުންޏެވެ.

"ނޫން. ދެމީހުންވެސް ކުށްވެރި. ޔާލްގެ ކުށަކީ އެހާ ރުޅިއިސްކުރީމަ. އަހަރެންގެ ކުށަކީ އެވަގުތު ޔާލްގެ އިހުސާސްތައް ނޭނގި ޔާލް ދޫކޮށްލާފަ ދިޔައީމަ" ރިންދާ ބުންޏެވެ.

"ހުރިހާކަމެއްގެ މަތިން ހަނދާން ނައްތާލާ. އެއީ އެހާ ކަމެއް ނޫން" އަޔާލް ބުންޏެވެ.

"އަހަރެންނަކަށް ފަސޭހައެއް ނޫން. އެމަންޒަރު ހިތަށް ސިފަވީމަ އަދިވެސް އަހަރެން ބިރުގަނޭ. ޔާލް އަހަރެން ދެންތަ ވަރަށް ރަނގަޅު ނަސޭހަތެއް. ރުޅިއަކީ ނަރަކައިން ނަގާ އެއްޗެއް. ރުޅި އަންނަނީ ގިނިކަންޏާ. އެނބުރި ދާއިރު އެދަނީ މީހާގެ އަގު އެންމެންގެ ތެރޭގައި ވައްޓާލާފައި. އެހެންވީމާ ރުޅިއަޔަސް އެކަން ކޮންޓްރޯލްކުރަން މަސައްކަތްކުރަން އެބަޖެހޭ. ރުޅިއަންނަ ކޮންމެފަހަރަކު ތިހާވަރު ވަންޏާ މާދަމާ ކޮބާ ޔާލްގެ ހާލަކީ؟ އިނދެގެން އުޅެނިކޮށް އެކަހަލަ ރުޅިއެއް ޔާލް އަތުވެއްޖިއްޔާ ޔާލް އަތުން އަހަރެންނަށް އަނިޔާއެއްވެސް ލިބިދާނެއްނު. އެހެންވެ މިބުނަނީ ރުޅި ފިނިވާއިރު އޮންނާނީ އަތުންފައިން އެތައް ގޯސްތަކެއް ހެދިފައޭ" ރިންދާ ވާހަކަދެއްކިއެވެ. އެހުރިހާ ވާހަކަތަކެއް ރިންދާ ދެއްކިއިރު އަޔާލް އިނީ އިސްޖަހައިގެން އެވާހަކަތައް އަޑުއަހާށެވެ.

"ދެން އެހެންނުވާނެ. އެކަމަކު ރިދާ އަހަރެންދެކެ ރުޅިއައިސްފަ ނުހުންނައްޗެ" އަޔާލް ބުންޏެވެ. ރިންދާ ބަހެއް ނުބުނެ އަޔާލްއަށް ބަލަހައްޓައިގެން އިނެވެ.

"އަދި އެއްކަންތައް. ކިތަންމެ ރުޅި އަޔަސް ކާއެއްޗިއްސަށް އެރުޅި ނުބާލާތި. ޔާލް ރުޅިއައިމަ އެތެރޭގަ އޮތް ގޮހޮރު ކީއްވެ ބަނޑުހައިހޫނުކަން އިހުސާށްކުރަންވީ" ރިންދާ ބުންޏެވެ. "ދެން އަހަރެންނަށް ވާނުވާ ނޭނގޭހެން ފޯނު ނިވާލައިގެންވެސް ނޫޅޭތި"

************

ރޫބިޔާ ދައްކާލީ ފަރީދު އިންތިޒާރުގައި ހުންނަތާ އިރުކޮޅެއް ފަހުންނެވެ. ދެމީހުން ބައްދަލުކުރީ ހުޅުމާލޭ ރޫބިޔާ އުޅޭ ގޭ ކައިރިންނެވެ. ވަގުތަކީ ހެނދުނުގެ ވަގުތެވެ. ރޫބިޔާ ހޭލައިގެން ގެއިން ނުކުތްއިރު ބަރަކް އަދި ނުހޭލައެވެ. ބަރަކް ކައިރީގައި ނުބުނެ ގެއިން ނުކުންނަން ރޫބިޔާއަށް އޮތީ މަނާކޮށްފައެވެ.

"ތިއޯ..." މުށުތެރޭގައި އޮތް އެއްޗެއް ރޫބިޔާ ދައްކާލުމާއެކު ފަރީދު ބުންޏެވެ.

"ނޭނގުނުތަ؟ މިއީ ފަރީދު ހެދި އެއްޗެއްނު" ރޫބިޔާ ބުންޏެވެ.

"ކިހިނެއް ތިހެދީ... އަހަރެން ދިނީމެއްނު ވަގުތެއް. މިހާރު ތިއޮތީ ބޭނުން ކެނޑިފަ" ފަރީދު ބުންޏެވެ.

"މިހުރިހާ ކަމެއްވެސްވީ އެ އަޔާލަކާ ހެދި..." ދަތްކުނޑި ވިކާލާފައި ރޫބިޔާ ބުންޏެވެ. ދެން ކުރީދުވަހު ހިނގި ހާދިސާ ފަރީދަށް ކިޔައިދިނެވެ.

"ބުނަންތަ މޮޔަޔާ. ތިކަހަލަ ކަންކަން ކާމިޔާބެއް ނުވާނެ ކަނޑި ހިފައިގެން ގޮސްގެނެއް. ލޯތްބާއެކު އުޅުނީމަ އޭނަވެސް ހިތްހެޔޮވާނީ" ފަރީދު ބުންޏެވެ.

"ކޮންމެހެނެއްވެސް އަހަރެން މިކަން ކާމިޔާބުކުރަން ބޭނުން. މިރޭ ބަރަކްގެ ކައިވެނި އެބައޮތް. އެތަނަށް ހީވޭ އޭއްޗަކު އަންނާނެހެން. އެހާއިރަށް އެއްޗެއް ލިޔެދީބަލަ... އަހަރެން މިރޭ ކާމިޔާބުކުރާނަން" ޔަގީންކަމާއެކު ރޫބިޔާ ބުންޏެވެ.

"ވަރަށް ވަގުތު ކުޑަތަންވެއްޖެ. އެއީކީ ހަމަ އިށީންނަގޮތަށް ކުރެވޭ ކަންކަމެއް ނޫން. އެއީ ވަރަށް ވަގުތު" ފަރީދު ބުންޏެވެ.

"މިރޭ ނުވިއްޔާ ދެން ހިއެއްނުވޭ ވާނެހެނެއް... ދެން ބުނެބަލަ އާއެނކޭ... " ރޫބިޔާ ބުންޏެވެ.

"އޯކޭ... އެކަމަކު ބަދަލުގަ އަހަރެންނަށް ކޯޗެއް ދޭނީ" ފަރީދު ބުންޏެވެ.

"އަހަރެން ހިލޭސާބަހަކަށް ނޫނޭ ފަރީދު ލައްވާ ކަންކަން މިކުރަނީ. އަހަރެންގެ މުޅި ހަށިގަނޑު ދިނީމަވެސް ނުފުދެނީތަ؟" ރޫބިޔާ ބުންޏެވެ. ވާހަކަދެއްކުނީ ނުބައި ރާގަކަށްކަން ރޫބިޔާ އެނގުނީ ފަރީދުގެ ދެލޮލަށް ވެރިވި ކުލަވަރު ފެނިފައެވެ.

"އޯކޭ... އެކަން ކާމިޔާބުވިއްޔާ އެގެއިން އެއްބައި ކަލެއަށް. އަނެއްބައި އަހަންނަށް"

(ނުނިމޭ)