ކޮމަންވެލްތު ގޭމްސް

ކޮމަންވެލްތް ގޭމްސް: ބީޗްވޮލީ ޓީމު ތިންވަނަ މެޗުގައި ސައުތު އެފްރިކާ އަތުން ބަލިވެއްޖެ

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި ސައުތު އެފްރިކާ އަތުންވެސް ބަލިވެއްޖެއެވެ.

ގައުމީ ބީޗް ވޮލީބޯޅަ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ، ގްރޫޕް ސްޓޭޖު ފަހު މެޗުން ބަލިވުމާއެކު ވަނީ މުބާރާތުން ކަޓައިފިއެވެ. ގްރޫޕް ސްޓޭޖުން ބީޗް ވޮލީ ޕެއާ ކެޓި ނަމަވެސް، ދުނިޔޭ ރޭންކިންގެ ވަރުގަދަ ގައުމުތަކާ ވާދަކޮށް، ކުޑަކާއްޓޭއާއި އެޑަމް ވަނީ ތަފާތު ދައްކައިފައެވެ. އެކަމަށް ބްރެޒިލް ކޯޗު ވިނީޝައަސް މާޓިން ޖިއޯނީގެ ތައުރީފުވެސް އަމާޒުވެފައިވެއެވެ.

ރޭ ބާމިންހަމްގެ ސްމިތުފީލްޑް ބީޗްވޮލީބޯޅަ ކޯޓުގައި ކުޅުނު މެޗުގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ބަލިވީ 2-1 ސެޓުންނެވެ. ދެކުނު އެފްރިކާގެ ލިއޯ ވިލިއަމްސް އާއި ގްރާންޓް ގޯލްޑްޝްމިޑްގެ ޕެއާއިން ފުރަތަމަ ސެޓް، 21-16 އިން ގެންދިޔަ ނަމަވެސް، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ވަނީ ދެ ވަނަ ސެޓް 14-21 އިން ގެންގޮސް އެއްވަރުކޮށްފައެވެ. އެކަމަކު ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓުގައި، ގޯލްޑްޝްމިޑް އާއި ވިލިއަމްސްގެ ޕެއާ މޮޅުވީ 15-11 އިންނެވެ.

ރާއްޖެއިން ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން ބަލިވި އިރު، ދެން ބަލިވީ ރުވާންޑާ އަތުންނެވެ. ކޯޗު ވިނީޝިއަސްގެ ނަޒަރުގައި ރުވާންޑާ އާއި ދެކުނު އެފްރިކާ މެޗަކީ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާގެ އެންމެ ރަނގަޅު ކުޅުން ދައްކައިގެން މޮޅުވެވޭނެ މެޗުތަކެކެވެ.